މާލޭ ސަރަަހައްދުގައި ދިރިއުޅޭ ބުޅާތައް ބަލަހައްޓަން ވަގުތީ ފެސިލިޓީއެއް ހެދުމަށް 1.9 މިލިއަން ރުފިޔާގެ ބަޖެޓެއް ސިޓީ ކައުންސިލުން މިއަދު ކަނޑައަޅައިފިއެވެ.
މިއަދު ކުރިއަށް ގެންދިޔަ މާލޭ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 98 ވަނަ ޖަލްސާގައި ނިންމާފައިވަނީ މާލެ ތެރޭގައި އުޅޭ 1،000 ބުޅާ ބެލެހެއްޓޭ ވަރުގެ ފެސިލިޓީއެއް ހަތަރު މަސް ތެރޭ ހަދާ ނިންމުމަށެވެ. ފެސިލިޓީގެ އިތުރުން ނިއުޓާ ކުރުމަށް ބޭނުންވާ ތަކެތި ގަތުމުގެ އިތުރުން ފެސިލިޓީގެ ގޮތުގައި ބޭނުންކުރާ ތަން ހެދުން ނުވަތަ އަޕްގްރޭޑް ކުރުން މި ބަޖެޓް ގައި ހިމެނޭ ކަމަށް ސިޓީ ކައުންސިލްގެ މޭޔަރު، ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.
އަދި މި ފެސިލިޓީ އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި އޮތް މަސްވެރިންގެ ޕާކުގައި ހުރި އިމާރާތުގައި ކަމަށާއި އެ ތަނުގައި ފަރުވާ ދިނުމުގެ އިތުރުން ފަރުވާއަށް ފަހު ބަލަހައްޓަންވެސް ޖާގަ އެބަ އޮތް ކަމަށް މިއަދުގެ ޖަލްސާގައި މުއިއްޒު ވިދާޅުވި އެވެ.
ނިއުޓާކުރާ ކޮންމެ ބުޅަލެއް މައިކްރޯޗިޕް ކުރުމާއި ކޮންމެ ބުޅަލެއްގެ ކަރުގައި ކޮލާއެއް ނުވަތަ ކައުންސިލަށް ހާއްސަ ލޯގޯއެއް އަޅުވާ ގޮތަށް ކައުންސިލުން ނިންމާފައި ވާއިރު ނިއުޓާކުރާ ކޮންމެ ބުޅަލެއް ރަޖިސްޓްރީ ވެސް ކުރުމަށް ވެސް ވަނީ ނިންމާފައެވެ. ނިއުޓާ ކުރުމަށް 1500 ރުފިޔާގެ އަގެއް ކަނޑައަޅާފައިވާއިރު އެ އަގު ނަގަނީ ބުޅާ ނިއުޓާ ކުރުމަށް ފަހު ކުރަން ޖެހޭ ހަރަދުތަކަށް ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
މީގެ އިތުރުންވެސް އެކްސްރޭ ނެގުމާއި ބްލަޑް ޓެސްޓް ކުރުން ފަދަ ކަންކަން ވެސް ކުރިއަށް ދާނެ ކަމަށާއި މަގުމަތީ އުޅޭ ބުޅަލުގެ އިތުރުން ޕެޓްގެ ގޮތުން ގެންގުޅޭ ބުޅަލަށް ވެސް އެތަނުން ހިދުމަތް ލިބޭނެ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. މީގެ އިތުރުންވެސް ފެސިލިޓީގައި މަސައްކަތް ކުރުމަށް ފަރުވާދޭ ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން، ސިޓީ ކައުންސިލްގެ ދެ މުވައްޒަފުންނާއި އިއުލާން ކޮށްގެން ހަތަރު މުވައްޒަފުން ނެގުމަށް ވަނީ ކައުންސިލްގެ މިއަދުގެ ބައްދަލުވުމުގައި ނިންމާފައެވެ.
ބުޅާ ފެސިލިޓީ އެއް ހެދުމަށް ނިންމާފައިވަނީ މާލޭގެ މަގުމަތީގައި އާދަޔާ ހިލާފަށް ބުޅާ އިތުރުވެ ތަފާތު ބަލިތައް ފެތުރެމުންދިއުމުގެ އިތުރުން އާންމުންގެ ވެސް ޝަކުވާ އިތުރުވަމުންދާތީ ކަމަށް މާލޭ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.