އުދާސްކަމުގެ ތެރޭގައި ހުރެ، މޫޑު ރަނގަޅުކޮށްލާނެ ގޮތެއް ހޯދާނަމަ، ކުރެވިދާނެ ތަފާތު އާދައިގެ، ހަރުދަނާ ކަންތައްތަކެއް އެބަ ހުއްޓެވެ.

ހާވަޑް މެޑިކަލް ސްކޫލްގެ އިންސްޓްރަކްޓަރެއް ކަމަށްވާ ކްލިނިކަލް ސައިކޮލޮޖިސްޓް ނަތާލީ ސީ ޑަޓިލޯ، ބުނި ގޮތުގައި މެންޓަލް ހެލްތު ރަނގަޅުކުރުމަށް ކުރެވިދާނެ ހަރުދަނާ ކަންތައްތަކެއް އެބަހުއްޓެވެ. އަދި އެ ކަންކަމަކީ މިނިވަން، އަދި ވަރަށް ހަރުދަނާ ކަންތައްތަކެއްކަން ސާބިތު ކުރެވިފައި އެބަހުރިކަމަށް އޭނާ ބުންޏެވެ.

އެހެން މީހަކަށް ކަމެއް ކޮށްދިނުން

ތިމާގެ ވަށައިގެންވާ މީހުންނަށް އޯގާތެރިވާށެވެ. ޖޯޖް މޭސަން ޔުނިވާސިޓީގެ ސެންޓާ ފޯ ދަ އެޑްވާންސްމަންޓް އޮފް ވެލްބީންގެ ސީނިއާ ސްކޮލާ ޖޭމްސް މެޑަކްސް ވިދާޅުވި ގޮތުގައި އޯގާތެރިކަމުގެ އަމަލުތަކަކީ ގުދުރަތީ އެންޓިޑިޕްރެސަންޓް އެކެވެ.

ތިމާގެ އަމިއްލަ ދުޅަހެޔޮކަން އިތުރުކުރުމަށް އޮތް އެންމެ ރަނގަޅު އެއް ގޮތަކީ އެހެން މީހަކަށް ހެޔޮ އިހުސާސް ކުރެވޭ ގޮތަށް ކަމެއް ކުރުން ކަން ވަރަށް ގިނަ ދިރާސާތަކުން ދައްކައެވެ.

ދަތުރު ކުރާ ބަސް، ކާރު ގައި އެހެން މީހަކު އިށީންނާނެ ޖާގައެއް ނެތް ނަމަ، ތިމާގެ ސީޓު އޭނާއަށް ދެވިދާނެއެވެ. ވިޔަފާރިކުރަން ގޮސް، އެހެން މީހެއްގެ ކާބޯތަކެއްޗަށްވެސް ލާރި ދެއްކިދާނެއެވެ. ދެން ކާރުތަކަކީ އެއްފަހަރާ ގިނަ ބަޔަކަށް އެރޭ އުލަނދަކަށް ނުވަ އިރު އެކަނި ދާ ދަތުރެއްގައި އިތުރު މީހަކު އެރުވިދާނެއެވެ.

މުޅި ދުވަސް އެއްކޮށްވެސް މިކަހަލަ އެތައް ކަމެއް ކުރެވިދާނެއެވެ. ހަމަ ގައިމުވެސް ހިތަށް ލުއިފަސޭހަވެ، ހިތްހަމަޖެހުން ލިބޭނެއެވެ.

ބޭރަށް ގޮސްލުން

ޕާކެއްގެ ތެރޭގައި ނުވަތަ ގޮނޑުދޮށުގައި ވިޔަސް 15 ވަރަކަށް މިނެޓަށް ހިނގާލާށެވެ. "މިއީ ސިކުނޑިއަށް ބްރޭކެއް ދިނުން" ކަމުގައި ޔުނިވާސިޓީ އޮފް ވިކްޓޯރިއާގެ ނިއުރޯސައިންސްގެ ދާއިރާއިން ޑޮކްޓޯރަލް ދަރިވަރެއް ކަމަށްވާ ކެތަރިން ބޮއެރޭ ބުންޏެވެ.

ބޮއެރޭ އާއި އޭނާގެ އެކުވެރިން ދާދި ފަހުން ޝާއިއުކުރި ދިރާސާއަކުން ދެއްކި ގޮތުގައި ގުދުރަތުގެ ފެހިކަމުގެ ތެރޭގައި 15 ވަރަކަށް މިނެޓު ހިނގާލުމަކީ ކޮގްނިޝަން އާއި މޫޑަށް ވެސް ވަރަށް ބޮޑު ރަނގަޅު އަސަރެއް ކޮށްފާނެ ކަމެކެވެ.

އެހެން މީހުންނާ ގުޅުން ބަދަހިކުރުން

ރަނގަޅު ވަގުތުތަކުގަޔާއި ނުބައި ކަންކަމުގައި ވެސް އެންމެން ވެސް ބޭނުންވަނީ ބަރޯސާވެ، ދިރިއުޅުމުގައި ދިމާވާ ކަންތައްތައް ހިއްސާކުރާނެ މީހެކެވެ. އަދި މިފަދަ އިޖުތިމާއީ އެހީތެރިކަމުގެ ސަބަބުން ޑިޕްރެޝަނުން ސަލާމަތް ވެވޭނެ ކަމަށް ދިރާސާތަކުން ދައްކައެވެ.

އެމެރިކަން ސައިކޮލޮޖިކަލް އެސޯސިއޭޝަންގެ ރައީސް، ޕީއެޗްޑީ ތެމާ ބްރަޔަންޓް ބުނި ގޮތުގައި މާޔޫސްވެ، ކަންބޮޑުވެ، ނުވަތަ ލަދުވެތިވާ ހިނދު، މީހުންނާ މުއާމަލާތް ކުރުން ހުއްޓައިލައިފި ނަމަ، އެކަމުގެ ސަބަބުން ގިނަ ފަހަރަށް އަހަރެމެން ވަރަށް ބޮޑު އަނދަވަޅަކަށް ވެއްޓިފައިވާކަމުގެ އިހުސާސް ކުރެވޭނެއެވެ. އެހެންނަމަވެސް، އެހެން މީހުންނާ ގުޅުން ބަދަހިކުރާނަމަ، ކަންކަމާ ކުރިމަތިލުމުގައި އެކަހެރިވާކަށް ނުޖެހެއެވެ.

ކަސްރަތުކުރުން

ކަސްރަތުން ލިބޭ ހެޔޮ ފައިދާތަކާ ބެހޭ ގޮތުން ހަރުދަނާ ދިރާސާތައް މިހާރުވެސް ދަނީ އިތުރުވަމުންނެވެ. މެޑަކްސް ބުނި ގޮތުގައި ކަސްރަތަކީ ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށްދޭ އެންމެ ރަނގަޅު އެއް ކަމެވެ. ބައެއް ހާލަތްތަކުގައި ޑިޕްރެޝަނާއި އެންޒައިޓީއަށް ފަރުވާ ކުރުމަށް ބޭނުންކުރާ ބޭސްތަކަށް ވުރެވެސް ކަސްރަތު ރަނގަޅުކަމަށް ދިރާސާތަކުން ދައްކާކަމަށް އޭނާ ބުންޏެވެ.

ކަސްރަތުކުރުމުން ބައިވަރު ހޯމޯންތައް ހަށިގަނޑުން ދޫކޮށްލައެވެ. އޭގެ ތެރޭގައި އެންޑޯފިންސް، ޑޮޕަމައިން، އަދި އަޅުގަނޑުމެންގެ ގުދުރަތީ ޕެއިންކިލާސް، އެންޑޯޖެންސް އޮޕިއޮއިޑްސް ހިމެނެއެވެ.

މި ހޯމޯންތަކަކީ އަހަރެމެންގެ ސްޓްރެސް ހޯމޯންގެ އަސަރުތައް ކުޑަކުރުމަށް ވެސް އެހީތެރިވެދޭ އެއްޗެކެވެ.

ޖޮގިން ނުވަތަ ބްރިސްކް ވޯކިން ފަދަ އެރޯބިކް ކަސްރަތަކީ ފައިދާހުރި ކަސްރަތުކަމަށް ދިރާސާތަކުން ދައްކާއިރު، ހިތުގެ ވިންދު މަތިކޮށް، މަސައްކަތް ކުރާ ކަމުގެ އިހުސާސް ކުރެވޭ ކުރު ހަރުދަނާ ކަސްރަތުތަކުންވެސް ފައިދާ ކުރެއެވެ.

ޝުކުރު އަދާކުރުން

ދިރާސާތަކުން ދައްކާ ގޮތުގައި ތިމާގެ ނިއުމަތްތައް ގުނުމާއި ޝުކުރުވެރި ވުމަކީ މޫޑު ރަނގަޅުކޮށް ދޭ ކަމެކެވެ.

ހަފުތާއަކު ތިން ފަހަރު ފަސް މިނެޓް ހޭދަކޮށް، ދިރިއުޅުމުގައި ޝުކުރުވެރިވާ 3 ކަމެއް ލިޔުމަށް މަސައްކަތް ކުރާށެވެ. ދަތި އުނދަގޫ ކަންކަން ދިމާވުމުން ދިރިއުޅުން މަތިން ފޫހިވާ ހާލަތްތަކުގައި، އެ ލިސްޓް ބަލާލުމަށް ފަހު، އަމިއްލަ މީހައަށް ވިސްނަދޭންވީ މިއަދު ދެރަ ގޮތަކަށް ކަމެއް ދިމާވި ނަމަވެސް، ދިރިއުޅުމުގައި ޝުކުރުވެރިވާނެ ކަންތައްތަކެއް އެބަހުރިކަމަށެވެ.

ސަމާލުކަން ދީގެން ނޭވާލުމަށް ހާއްސަ ވަގުތުކޮޅެއް ހޭދަކޮށްލާ

ދުވާލެއްގެ މައްޗަށް ފަސް މިނެޓުގެ ވަގުތުކޮޅެއްގެ ތެރޭގައި ހޭލުންތެރިކަމާއެކު ނޭވާލާން މަސައްކަތް ކުރުމުން މޫޑަށް ވަރަށް ބޮޑަށް އަސަރު ކުރާކަމަށް ބޮއެރޭ ބުންޏެވެ. އެއީ ތިބާގެ ސިކުނޑިއަށް އަރާމުދީ، ހުރިހާ ސްޓިމިއުލަސްއަކުން ބްރޭކް ދޭ އެއްޗެކެވެ.

ސެލް ރިޕޯޓްސް މެޑިސިންގައި ޝާއިއުކޮށްފައިވާ ދިރާސާއެއްގައި ސައިންސްވެރިން ބުނެފައިވަނީ ދުވާލަކު ފަސް މިނެޓު ސަމާލުކަން ދީގެން ނޭވާލުމަކީ މޫޑް ރަނގަޅުކޮށް އެންޒައިޓީ ކުޑަކޮށްދޭ ކަމެއް ކަމަށެވެ.

ވަކިން ހާއްސަކޮށް ސައިކްލިކް ސިލިންގް ނަމަކަށް ކިޔާ ބްރެތުވޯކަކީ ސްޓްރެސް އަވަހަށް ކުޑަކޮށްދީ ހަށިގަނޑަށް އިހްސާސް ކުރެވޭ ގޮތް ރަނގަޅުކޮށްދޭ އުކުޅެކެވެ. އެކަން ކުރުމަށް ނޭފަތުން ވީހާވެސް ގިނައިން ނޭވާލުމަށްފަހު، ފުއްޕާމޭ މުޅިން ފުރުމަށް ތަންކޮޅެއް އިތުރަށް ނޭވާލާށެވެ. އެއަށްފަހު މަޑުމަޑުން އަނގައިން ނޭވާ ދޫކޮށްލާށެވެ.

ސަމާލުކަން ދިނުން

މެރީލޭންޑްގެ ތެރަޕިސްޓެއް ކަމަށްވާ އަދި ކޮންކަވާ ނެގެޓިވް ތިންކިން ފޯ ޓީނޭންސްގެ ލިޔުންތެރިޔާ މެރީ އަލްވޯޑް ބުނި ގޮތުގައި މައިންޑްފުލްނެސް އާއި ވަކި ކަމަކަށް ސަމާލުކަންދީ ފޯކަސް ކުރުމަކީ ހަގީގަތުގައި މޫޑަށް ވަރަށް މުހިންމު ކަމެކެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި މައިޑްފުލްނެސް މެޑިޓޭޝަންގެ ސަބަބުން ސިއްހީ އެހެން ފައިދާތަކުގެ އިތުރުން އެންޒައިޓީ ކުޑަކޮށްދެއެވެ.

އެންމެ އާދައިގެ ގޮތަކީ ހަމައެކަނި ނޭވާ އޮބްޒާވް ކުރުން ކަމަށް ބޮއެރޭ ބުންޏެވެ. ނޭވާއަށް ސަމާލުކަން ދޭށެވެ. އެކަން ކޮންޓްރޯލް ކުރަން ނުވަތަ އެއްވެސް ގޮތަކަށް ބަދަލު ކުރަން މަސައްކަތް ކުރާކަށް ނުޖެހެއެވެ. އެހެން ކަމަކަށް ސަމާލުކަން ދިނުމުގެ ބަދަލުގައި ނޭވާލަމުންދާ ގޮތާއި ހަގީގަތުގައި ހަށިގަނޑަށް އިހުސާސްވާ ގޮތަށް ސަމާލުވާށެވެ. މެޑިކޭޝަން އަށް ހާއްސަ އެތައް އެޕްލިކޭޝަންތަކެއް ހަދާފައި ވާއިރު، އެ އެޕްތަކަކީ އެހީއަކަށް ވާނެ ކަމަށް މެޑަކްސް ބުންޏެވެ.

ޕޮޑްކާސްޓެއް އަޑުއަހާލާ

ފާއިތުވި އަހަރުތަކުގައި ޕޮޑްކާސްޓްތައް ވަރަށް ބޮޑަށް އާންމުވެގެން ދިޔަ އިރު، އޭގެ ތެރޭގައި ނަފްސާނީ ދުޅަހެޔޮކަން ރަނގަޅުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރު ކޮށްފައިވާ ޕޮޑްކާސްޓްތައް ވެސް ގިނަކަން ފާހަގަ ކުރެވެއެވެ. ހޯމްކަމިން ޕޮޑްކާސްޓްގެ ކްރިއޭޓަރު އަދި ހޯސްޓް ޑރ ބްރަޔަންޓް ބުނީ މިއީ އަމިއްލަ ނަފްސު އަލުން އިއާދަކުރުމަށް ވަރަށް ރަނގަޅު ގޮތެއް ކަމަށެވެ. ޕޮޑްކާސްޓްތަކަކީ މައުލޫމާތާއި ހިތްވަރު ލިބޭ ވަސީލަތް ތަކަކަށް ވެސް ވެދާނެއެވެ.

ބްރަޔަންޓް ދެކޭ ގޮތުގައި ޕޮޑްކާސްޓްތަކަކީ ރަނގަޅު ވިސްނުމުގެ ތެރެއަށް ވަނުމަށް ރަނގަޅު މަގެއް ކަމަށާއި އަމިއްލަ ނަފްސަށް ތަރުބިއްޔަތު ލިބޭނެ މަގެކެވެ.

އިލެކްޓްރޯނިކް ވަސީލަތްތަކާ ދުރުވުން

ސޯޝަލް މީޑިއާއިން ބްރޭކެއް ނެގުމަކީ ނަފްސާނީ ދުޅަހެޔޮކަމަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމެކެވެ.

މިދިޔަ އަހަރު ޝާއިއު ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ސޯޝަލް މީޑިއާއާ ދުރުވުމުން މިހާގެ މޫޑު ރަނގަޅުވެއެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ސޯޝަލް މީޑިއާގައި ހިނގާ އެއް ކަމަކީ، އަމިއްލަ މީހާގެ ދިރިއުޅުން އެހެން މީހުންގެ ދިރިއުޅުމާ އަޅާކިޔުމެވެ. މިގޮތަށް އަމިއްލަ މީހާއާ އަޅާކިޔާނަމަ، ތިމާއަކީ ކިތަންމެ ކާމިޔާބު މީހެއް ނަމަވެސް ބޭކާރު ކަންތައްތަކާ މާޔޫސްވެގެން ދެއެވެ. އެހެންކަމުން، އެފަދަ ހިޔާލުތަކާ ދުރަށްސް ދިއުމަށް ސޯޝަލް މީޑިއާއާ ދުރަށް ދިއުމުން ނަފްސާނީ ދުޅަހެޔޮކަމަށް ހެޔޮ ބަދަލު އަންނަކަމަށް ދިރާސާތަކުން ދައްކައެވެ.