ގަތަރުގެ ސަބްމެރިން މަޝްރޫއަށް ފާރަލައި އިޒްރޭލަށް ޖާސޫސް ކޮށްދިން ކަމުގެ ތުހުމަތުގައި އިންޑިއާގެ 8 މީހަކު ގަތަރުގައި އެތައް މަހެއް ވަންދެން ޖަލަށްލާފައިވާ އިރު، މަރުގެ އަދަބާ ކުރިމަތިލާން ޖެހިދާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މި 8 މީހުންނަކީ އިންޑިއާގެ ނޭވީގެ ކުރީގެ އޮފިސަރުން ކަމަށާއި އެ މީހުން ހައްޔަރު ކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ފަހުކޮޅު ކަމަށް އިންޑިއާ، ޕާކިސްތާން، އިޒްރޭލް އަދި އަރަބި މީޑިއާތަކުން ރިޕޯޓްކޮށްފައި ވެއެވެ.

އިންޑިއާގެ ނޫސް "ދަ ޕްރިންޓް" އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެ 8 މީހުންނަށް ވަކީލުންގެ އެހީ ލިބި، އެ މީހުން މިނިވަން ވޭތޯ މަސައްކަތް ކުރި ނަމަވެސް، އެމީހުން އިޒްރޭލަށް ޖާސޫސީ މައުލޫމާތު ފޯރުކޮށްދީފައި ވާކަމަށް ހެކިތަކުން އެނގޭ ކަމަށް ދޯހާ އިން ވަނީ ބުނެފައެވެ.

އިންޑިއާ މީހުންގެ ފުރަތަމަ ޝަރީއަތް މާޗް މަހުގެ ފަހުކޮޅު ކުރިއަށް ގެންދިޔައިރު، މި މަހު އިތުރު ސެޝަނެއް ބާއްވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިދިޔަ އަހަރު އިންޑިއާގެ 8 މީހުން ހައްޔަރުކުރި ސަބަބާ ބެހޭ އެއްވެސް ތަފްސީލެއް އާންމުކޮށްފައި ނުވާއިރު، އިންޑިއާގެ މީޑިއާތަކުން ވަނީ މިމައްސަލައިިގައި ޕާކިސްތާނުން އޮޅުވާލައިގެން ހަބަރު ފަރުތާ ކަމަށް ތުހުމަތު ކޮށްފައެވެ.

އިންޑިއާގެ ބައެއް މީޑިއާތަކުން ވަނީ މި މައްސަލައާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓުތަކާ ހަވާލާދީ އެ މީހުން ހައްޔަރު ކުރުމުގައި ޕާކިސްތާނުގެ ދައުރެއް އޮތް ކަމުގެ އިޝާރާތެއް ވެސް ކޮށްފައެވެ. އެގޮތުން ޕާކިސްތާނުގެ ނޫހެއް ކަމަށްވާ "ދަ ނިއުސް އިންޓަނޭޝަނަލް" އިން މިދިޔަ ހަފުތާގައި ކުރި ރިޕޯޓެއްގައި އެ ޖާސޫސުން ނިސްބަތްވާ ކުންފުނި ބަންދުކުރަން އުޅޭ ކަމަށް ބުނެފައި ވެއެވެ.

އިންޑިއާގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެ މީހުންނަކީ ދަހްރާ ގްލޯބަލް ޓެކްނޮލޮޖީސް އެންޑް ކޮންސަލްޓިން ސާވިސަސްގެ އިސް މުވައްޒަފުން ތަކެކެވެ.

ޔޫ 212 ސަބްމެރިން

2020 ވަނަ އަހަރު ގަތަރުން ވަނީ ސަބްމެރިން ހޯދުމަށް އިޓަލީގެ ޝިޕްބިލްޑިން ކުންފުންޏެއް ކަމަށްވާ ފިންކެންޓީރީ އެސްޕީއޭއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުން ވެފައި ވަނީ ކަނޑުގެ އަސްކަރީ މަރުކަޒެއް އެޅުމާއި އެ ގައުމުގެ އަސްކަރީ ފްލީޓް ބެލެހެއްޓުމުގެ ބޮޑު މަޝްރޫއުގެ ދަށުންނެވެ. ނަމަވެސް އެ އެމްއޯޔޫ އަށް އަމަލުކޮށްފައި ނުވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ގަތަރުން ހޯދަން އުޅޭ ސަބްމެރިން ތަކަކީ ޖަރުމަނުގެ ކުންފުންޏަކާ ގުޅިގެން އިޓަލީގައި އުފައްދާފައިވާ އުއްމީދީ ސަބްމެރިންތަކެއް ކަމަށްވާ ޔޫ212 ނިއާ ފިއުޗާ ސަބްމެރިންގެ ބާވަތެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ބޮޑު ޕްރޮޖެކްޓެއްގެ ދަށުން ސަބްމެރިން ގަތުމަށް ގަތަރުން އިޓަލީގެ ޝިޕްބިލްޑިން ފާމަކާ އެކު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައި

އިޒްރޭލުން މިކަމާ ބެހޭ ގޮތުން ރަސްމީކޮށް އެއްޗެއް ބުނެފައި ނުވި ނަމަވެސް މެދުއިރުމަތީގެ އެކި ކަންކޮޅުތަކުގައި އަސްކަރީ ޓެކްނޮލޮޖީތައް ތަރައްގީ ކުރުން ހުއްޓުވުމުގައި އިޒްރޭލުގެ ހިއްސާ އެބައޮތެވެ.

ސަބްމެރިންގެ ރޭހަށް އިންޑިއާ އާއި ޕާކިސްތާނުން ވެސް ޝައުގުވެރި ވަނީ އެއްބަޔަކަށް ވުރެ އަނެއް ބަޔަކަށް މަތީ ބާރުލިބުން ހުއްޓުވަން މަސައްކަތް ކުރުމަށެވެ.

ޕާކިސްތާނުގެ ކަނޑުގެ އަސްކަރިއްޔާއިން މިހާރުވެސް އިޓަލީން އުފައްދާފައިވާ މިޑްޖެޓް ސަބްމެރިންތައް އޮޕަރޭޓް ކުރަމުން، ގަތަރާ ގާތް ގުޅުމެއް ބާއްވަމުން އަންނައިރު، އިންޑިއާއިން ކަންބޮޑުވަނީ އާ ސަބްމެރިން ތަކުގައި ހިމެނޭ ސްޓެލްތް ޓެކްނޮލޮޖީތައް ހޯދުމަށް ޕާކިސްތާނުން މަސައްކަތް ކުރާތީއެވެ.