އަނެއްކާވެސް އިންޑިއާއިން އުފައްދާ ކުޑަކުދިންނަށް ދޭ ބޭހެއް ކަމަށް ވާ ގުއަފެނެސިން ނަމަކަށް ކިޔާ ސިރަޕްގެ މައްސަލައެއް ހުރި ކަމަށް ޑަބްލިއުއެޗްއޯއިން އެލާޓް ނެރެފައިވާތީ ބޭސް ސިޓީއަށް އެ ބޭސް އެތެރެ ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.

އެމްއެފްޑީއޭ އިން ބުނީ، އެ ބޭހުގައި ސިއްހީ ނުރައްކަލެއް ހުށަހެޅިދާނެ މާއްދާއެއް ކަމަށްވާ، ޑައިތެލީން ގްލައިކޯލް އާއި އެތެލީން ކްލައިކޯލް ހުރީ ހުންނަން ވާ ވަރަށް ވުރެ މައްޗަށް ކަމަށް ޑަބްލިއުއެޗްއޯ އިން ކަމަށް ބުނެ ޑަބްލިއުއެޗްއޯއިން ވަނީ އެލާޓެއް ނެރެފައި ކަމަށްވެ. މި ބޭހަކީ ރާއްޖޭއަށް އެތެރެކޮށް ވިއްކުމުގެ ހޫދުަ ދޫކޮށްފައިވާ ބޭސްތަކުގެ ލިސްޓުގައި ހިމެނިފައިވާ ބޭހެއް ނޫނެވެ.

އެހެންކަމުން ރާއްޖެއިން ބޭރުން ބޭސް ސިޓީއަށް ބޭސް ނަގާ ފަރާތްތައް ބޭސް އެތެރެ ކުރުމުގެ ފުރުސަތު އޮތް ކަމަށް ވާތީ ބޭސް އެތެރެ ކުރާ ފަރާތްތަކުން މި ކަމަށް ސަމާލުވުމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.

އެލާޓް ނެރެފައިވާ ބޭހަކީ އިންޑިއާގެ ޕަންޖާބުގެ، ކިއުޕީ ޕާމަކެމް ކުންފުނިން އުފައްދާ ބޭހެވެ. މި ބޭހުގެ މައްސަލަ ފާހަގަ ކުރެވިފައި ވަނީ މާޝަލް އައިލެންޑްސް އިންނެވެ.

ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސް ސިޓީއަށް ބޭސް އެތެރެކުރާ އިރު ހާއްސަ ސަމާލުކަމެއް ދިނުމަށް ގޮވާލާފައިވާ އިރު، ޕޯޓްތަކުގައި އެ އޮތޯރިޓީގެ ފަރާތުން ބަލައިފާސް ކުރަމުން ގެންދާނެ ކަމަށް ވެސް އެމްއެފްޑީއޭ އިން ބުނެއެވެ. މީގެ އިތުރުން އިތުރު މައުލޫމާތު ސާފު ކުރަން ބޭނުންވާ ފަރާތްތަކުން އެ އޮތޯރިޓީގެ ހޮޓްލައިން ނަންބަރު 7200321 އަށް ގުޅައި މައުލޫމާތު ހިއްސާ ކުރުމަށް އެމްއެފްޑީއޭއިން ވަނީ އެދިފައެވެ.

ޑައިތެލީން ގްލައިކޯލް އާއި އެތެލީން ކްލައިކޯލް ބޭހުގައި ހުންނަން ވާ ވަރަށް ވުރެ މައްޗަށް ގޮސްފައިވާ އިރު، އެ މާއްދާ ސަބަބުން ފުރާނައަށް ނުރައްކާ ވުން ފަދަ ހާލަތްތަކާއި ކިޑްނީ ފެއިލްވުން ފަދަ ހާލަތްތަކާ ދިމާވާ ކަމަށް ސިއްހީ މާހިރުން ބުނެއެވެ.

މިބޭހާ ގުޅިގެން ޑަބްލިއުއެޗްއޯ އިން ނެރުނު އެލާޓްގައި ވަނީ، އެ ބޭސް އަދި އެފަދަ ބޭސްތައް ކުޑަކުދިންނަށް ނުދިނުމުގެ އިތުރުން ބޭސް އުފައްދާ ފަރާތްތަކުން ބޭހަށް ބޭނުން ކުރާ ރޯ މެޓީރިއަލް (ބޭސް އުފެއްދުމަށް ބޭނުން ކުރާ ތަކެތި) ރަނގަޅަށް ޗެކް ކޮށް މިންގަނޑުތަކަށް ހުރިތޯ ގަވައިދުން ބެލުމަށް އަންގާފައެވެ. ހާއްސަ ކޮށް ޕްރޮޕަލީން ގްލައިކޯލް އާއި ސޯބިޓޮލްގެ އިތުރުން ގްލިސެރިން ނުވަތަ ގްލިސެރޯލް ފަދަ ސިރަޕްތައް ބޭނުން ކުރުމުގެ ކުރިން ރަނގަޅަށް ބަލާ ޗެކްކުރުމަށް ވެސް ވަނީ އިރުޝާދު ދީފައެވެ.

މިއީ އިންޑިއާގައި އުފައްދާ ކޯފް ސިރަޕް އާއިލާގެ ބޭސްތަކުން ޑައިތެލީން ގްލައިކޯލް އާއި އެތެލީން ކްލައިކޯލް ހުންނަ މިންވަރު މަތިވެގެން ފާހަގަ ވި 3 ވަނަ ފަހަރެވެ. ފާއިތުވި 7 މަސް ތެރޭގައި 3 ގައުމަކުން މި މައްސަލަ ފާހަގަ ވި އިރު ގެމްބިއާއިން ވަނީ 70 ކުދިން މަރުވެސް ވެފައެވެ. އަދި އުޒުބަކިސްތާނުން 18 ކުދިން މަރުވިއެވެ.