އާންމުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ލިބިގެންދިޔަ ފިލްމު "ވަނާޖުބޭސާ"ގެ އިތުރު ޝޯ އެއް އަޅުވަން ނިންމައިފިއެވެ.

މިދިޔަ މަހުގެ 25 ވަނަ ދުވަހު އޮލިމްޕަސް ސިނަމާގައި ސްކްރީންކުރި މި ފިލްމުގެ ފަސް ޝޯ އެއް ކާމިޔާބުކަމާއެކު ދައްކާ ނިންމާލީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. ފިލްމު ބަލަން ދިޔަ އެންމެންވެސް މި ފިލްމަކީ ހެއްވާ މަޖާ ފިލްމެއްކަމަށް ބުންޏެވެ. އާންމުންގެ ބޮޑު ތަރުހީބެއް ލިބުނު މި ފިލްމު ބަލަން އަދިވެސް އެތައް ބަޔަކު ތިބުމާއެކު އެ ފިލްމުގެ އިތުރު ޝޯއެއް ހުކުރުދުވަހު އަޅުވާނެއެވެ.

ޕާޓިކަލްސް ސްޓޫޑިއޯ އާއި ވާންޗޯ އެންޓަޓެއިންމަންޓާ ގުޅިގެން އުފައްދައިފައިވާ 1 ގަޑިއިރާއި 45 މިނެޓުގެ މި ފިލްމުގެ ފަހު ޝޯގެ ޓިކެޓް މިއަދު 14:00 އިން 17:00 އަށް އޮލިމްޕަހުން ލިބެން ހުންނާނެއެވެ. މި ފިލްމު ހުކުރު ދުވަހުގެ ހަވީރު 16:00 ގައި އަޅުވާއިރު މިއީ ސިނަމާގައި މި ފިލްމު ބެލުމަށް ލިބޭނެ ފަހު ފުރުސަތެެވެ.

ވިޝާލް ޒަކީގެ ޑައިރެކްޝަނުގެ ދަށުން އުފައްދާފައިވާ މި ފިލްމުގެ ތަރިންނަކީ ނާޒިރު ޝިހަމް، ހުސައިން ޝާދު، މުހައްމަދު ސައީދު، އައިޝަތު ރިމްޝާ، އަހްމަދު ޝަކީބު، އައިޝަތު ޝިރާނީ، ޖަލްވާން މުހައްމަދު އަދި ހަދީޖާ އަލީއެވެ.

ބެލުންތެރިންގެ އިތުރުން ދިވެހި ފިލްމީ ތަރިންވެސް މި ފިލްމަށް ތައުރީފްކޮށްފައިވާއިރު އެންމެން ވެސް ބުނަނީ "ވަނާޖުބޭސާ" އަކީ ނުބަލާ ދޫކޮށްނުލެވޭ ވަރުގެ ފިލްމެެއް ކަމަށެވެ.