ފަސް ފަހަރަށް ގާނޫނު ހަދާ މަޖިލީހުގެ ގޮނޑިއެއް ކަށަވަރު ކޮށް މަގާމުގައި ހުރި ގޭންގް ސްޓާރެއް ކަމަށް ވާ މުހުތާރު އަންސާރީ އަށް ޖިނާއީ ކުށެއް ސާބިތުގެ 10 އަހަރަށް ޖަލަށް ލައިފިއެވެ.
އިންޑިއާގެ މައޫގައި 2005 ގައި ހިންގި އާންމު ހަމަނުޖެހުމެއްގައި 7 މީހަކު މަރުވި މައްސަލައަކާ ގުޅިގެން ޖަލުގައި ހުރި އަންސާރީގެ ޝަރީއަތް މިހާރު ނިމިފައި ވާ އިރު އޭނާގެ މައްޗަށް ވަނީ 10 އަހަރުގެ ހުކުމެއް އިއްވާފައެވެ. އުއްރަތް ޕަރްދޭޝްގެ ޣާޒީޕޫރު ކޯޓަކުން ކުރި ހުކުމުގައި ބުނެފައި ވަނީ، އޭނާގެ މައްޗަށް ކުށް ސާބިތުވެފައި ވަނީ އުއްތަރް ޕްރަދޭޝްގެ ގޭންސްޓާސް އަދި އެންޓި ސޯޝަލް އެކްޓިވިޓީސް ގާނޫނުގެ ދަށުން ކަމަށެވެ.
ހަބަރުތައް ބުނާ ގޮތުން މި އަންސާރީގެ މައްޗަށް ތުހުމަތު ކުރެވޭ 61 ދައުވާއެއް އުފުލާފައި ވެއެވެ. މީނާ 10 އަހަރަށް ޖަލަށް ލާން ހުކުމް ކުރުމުގެ އިތުރުން 5 ލައްކަ ރުޕީސް އިން ޖޫރިމަނާވެސް ވަނީ ކޮށްފައެވެ.
މިއީ މީނާ އެކި ކުށްތަކުގައި ކުށްވެރި ވި 4 ވަނަ ފަހަރެވެ. މީގެ ކުރިން ޖަލުގައި ހަމަނުޖެހުން ހިންގި މައްސަލަ އަކާއި އަދި އިތުރު މައްސަލައެއްގައި 5 އަހަރުގެ ހުކުމެއްވެސް އައިސްފައި ވެއެވެ.
މީނާ 5 ފަހަރަށް ގާނޫނު ހަދާ މަޖިލީހަށް ހޮވުނު އިރު ދެފަހަރު ހޮވިފައި ވަނީ އޭނާ ތަމްސީލު ކުރި ޕާޓީއާއި އިތުރު އެހެން ޕާޓީއަކާ ހެދި ކޯލިޝަނެއްގައެވެ. އަނެއް 3 ފަހަރު ހޮވުނީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައެވެ.
ދާދި ފަހުން އިންޑިއާގައި ވަނީ، ކުރިން އެމްޕީކަން ކުރި ގޭންގްސްޓާރަކާއި އޭނާގެ ބޭބެ ބޮލަށް ލައިވް ޓީވީގައި ބަޑިޖަހާ މަރާވެސްލާފައެވެ. އަދި އޭނާގެ ދަރިއަކާއި އަރިސް ބައެއް މީހުންވެސް އެކި ދުވަސްމަތިން ވަނީ ބަޑިޖަހާ މަރާލާފައެވެ.