ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ފުރަތަމަ ދައުރު ނިންމާ މިއަދު ޗުއްޓީއަށް ހިނގައްޖެއެވެ.

އެއާއެކު ފުރަތަމަ ދައުރުގެ ތަފާސް ހިސާބުތައް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު އާންމުކޮށްފައިވާއިރު ކުރީގެ ދައުރާ އެކު ޖުމްލަ 31 ބިލު މަޖިލީހަށް ހުށަހަޅާފައިވީ ނަމަވެސް ނިންމާފައިވަނީ އެންމެ 2 ބިލްގެ މަސައްކަތެވެ. އަދި ކުރީގެ ދައުރާއެކު 30 ގަރާރެއް ހުށަޅާފައިވީ ނަމަވެސް ނިންމާފައިވަނީ 7 ގަރާރުގެ މަސައްކަތެވެ.

މީގެ އިތުރުންވެސް، ސަރުކާރުގެ ފަރާތުން 13 މައްސަލަ މަޖިލީހުގެ އިދާރާއަށް ހުށަހަޅާފައިވާއިރު 10 މައްސަލަ ވަނީ ނިންމާފައެވެ. އަދި ބާކީ ދެ މައްސަލަ ކޮމިޓީ މަރުހަލާގައި އޮތްއިރު އަނެއް މައްސަލަ ވަނީ މަޖިލީހުގެ ތަޅުމަށް ހުށަހަޅާފައެވެ. ކުއްލި މައްސަލައިގެ ގޮތުގައި 10 މައްސަލަ ހުށަހަޅާފައިވާއިރު އެ ހުރިހާ މައްސަލަތަކެއްވެސް ވަނީ ނިންމާފައެވެ. އަދި ކުރީގެ ދައުރާއެކު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޖުމްލަ 6 މައްސަލަ ހުށަހެޅި ނަމަވެސް ނިންމާފައިވަނީ އެއް މައްސަލައެވެ.

އެހެނިހެން މައްސަލަތަކާއި ގުޅޭ ރިޕޯޓުގެ ގޮތުގައި ޖުމްލަ 8 މައްސަލަ ހުށަހަޅާފައިވާއިރު ނިންމާފައިވަނީ ތިން މައްސަލައެވެ. މީގެ އިތުރުންވެސް ފާއިތުވި ދައުރާއެކު 92 ފަރާތެއް ހާޒިރުކޮށް ސުވާލު ކުރުމަށް ހުށަހަޅާފައިވާއިރު ހާޒިރުކޮށް ސުވާލު ކޮށްފައިވަނީ ޖުމްލަ 41 ފަރާތަކާއެވެ. ބާކީ 51 ފަރާތުގެ މައްސަލަ އަދި އޮތީ މަޖިލީހުގެ ތަޅުމުގަ އެވެ.

ޖުމްލަ ގޮތެއްގައި 193 މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާއިރު، މަޖިލީހުގެ ތަޅުމުގެ އިތުރުން ކޮމިޓީގައި 118 މައްސަލަ އެބައޮތެވެ. އެހެންކަމުން މިދައުރުގައި ރައްޔިތުންގެ މަޖިލީހުން ނިންމާފައިވަނީ ޖުމްލަ 75 މައްސަލައެވެ. އެއީ ޕަސެންޓުން ބަލާނަމަ މަސައްކަތުގެ 38.9 ޕަސެންޓެވެ.

ނަމަވެސް މިވަގުތަށް ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމެއްގެ ގޮތުގައި އޮތް ކޮތަޅުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް އެ މައްސަލައަށް ހައްލެއް ހޯދައިނުދީ މަޖިލިސް މިވަނީ ޗުއްޓީއަށް ގޮސްފައެވެ.

ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު ހުށަހަޅުއްވާފައި ވަނީ 50 ނުވަތަ އެ އަށް ވުރެ ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑިން ވެސް ފީ ނަގަން ނުޖެހޭ ގޮތަށެވެ. ނަމަވެސް އެ މައްސަލައިގެ ބަހުސް ދެން ކުރެވޭނީ މަޖިލިސް ޗުއްޓީން އެނބުރި އައުމުންނެވެ. އެއީ ދެ ހަފްތާ ފަހުންނެވެ.