އިންޑިއާގެ ވެރިރަށް ދިއްލީގައި ކުރިއަށް ދާ ޝެންގްހައި ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ގެ ޑިފެންސް މިނިސްޓަރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޗައިނާގެ ޑިފެންސް މިނިސްޓަރު ލީ ޝަންގްފޫ އިންޑިއާ އަށް ވަޑައިގެންފިއެވެ.

މިއީ 2020 ގައި ދެގައުމު ވަކިވާ ބޯޑަރުގައި ހިނގި ކުރިމަތިލުމަށް ފަހު، ދެގައުމުގެ އެފެންވަރުގެ ވެރިން އެއްތައްްވާ ފުރަތަމަ ފަހަރެވެ. 2020 ގެ އެ ކުރިމަތިލުމުގައި އިންޑިއާ ސިފައިންގެ 20 މީހަކާއި ޗައިނާ ސިފައިންގެ 4 މީހަކު މަރުވިއެވެ.

އަބަދުވެސް ހަތުރުވެރިކަން އޮންނަ މި ދެގައުމުގައި 2020 ގެ އެ ކުރިމަތިލުމަށް ފަހު މަޝްރަހް ވަނީ އިތުރަށް ނުތަނަވަސްވެގެން ގޮސްފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މިދިޔަ އަހަރުގެ ޑިސެންމަރުގައި އިތުރު ކުރިމަތިލުމެއް އަރުނަޗަލްޕްރަދޭޝްގައި ހިގާފައި ވެއެވެ.

ދެގައުމުގެ ދެމެދުގައި ސިޔާސީ ގޮތުން ހުރި މައްސަލަތަކަށް ވުރެ ބޮޑަށް ގޯހީ ދެގައުމު ވަކި ކިރާ އިމުން އެއްބަޔަކަށް އަނެއްބަޔަކށް ލިބޭ ބައި މަދުވާތީ ކޯޅޭ ކޯޅުމެވެ. ދެގައުމުގެ އިމަށް ވަދެގެން ގޮސް އޮންނަ ހިމާލަޔަން ސަރަހައްދުން 3440 ކިލޯމީޓަރުގެ ސަރަހައްދަކީ އިންޑިއާ އާއި ޗައިނާ ހިއްސާ ކުރާ ބޯޑަރެވެ. ދެން އޮންނަ ބައި އޮންނަނީ ޕާކިސްތާނާއި އިންޑިއާ އާއި ޕާކިސްތާނާއި ޗައިނާ އާ ދެމެދުގައެވެ.

އިންޑިއާ އާއި ޗައިނާގެ މި އަރާރުން އިމާ ގުޅިފައި ވާ އިރު ބޮޑެތި ކޯރުތަކާއި ބޮޑެތި ފެންގަނޑުތަކާއި ސްނޯގެ ފަރުބަދަތައް ފަދަ ނުއުފުލޭ ކިތަންމެ އެއްޗެއްސެއް ހުރީ ދެގައުމު ވަކިކުރާ އިމުގެ މެދުން ދެފަރާތަށް ބެހިފައެވެ.

އިނގިރޭސީން މިސަރަހައްދު އިސްތިއުމާރު ކޮށްގެން ތިބުމަށް ފަހު ފައިބައިގެން ދިޔައީ 'ކަލެއަށް މިތަން، އޭނައަށް އެތަން' ކިޔާ އެއްޗެހި ބަހާ އުސޫލުން ގަައުމުތަކުގެ އިން ކުރަހާފައެވެ. އެ ކުރެހުމުގެ މައްޗަށް ގައުމުތަކުގެ އިސްތިގުލާލް ހިނގާ ސަރަހައްދުތައް ކަނޑައަޅަމުން ދިޔައިރު، އެ ކުރެހި އިން ގޮސް އޮތީ ފަރުބަދަތަކާއި ކޯރިތަކުގެ މެދުންނެވެ. އެ ފަޅާ ބައި ކުރެވެން ނެތް އިރު ގައުމުތަކުން މިއަދާ ހަމައަށްވެސް ހަނގުރާމަ ކުރަނީ އެ ތަންތަން އެއްކޮށް އަތުލުމަށެވެ.

މީގެ އިތުރުން ސިޔާސީ ގޮތުން ބާރުވެރިވުމަށާއި އަސްކަރީ ގޮތުން ޗައިނާއާ ވާދަ ކުރުމަށް އިންޑިއާ މަސައްކަތް ކުރާތާ އެއްތައް ދުވަހެއް ވެފައި ވާ އިރު، އާބާދީގެ ގޮތުން އިންޑިއާ މިހާރު ވަނީ ޗައިނާގެ މައްޗަށް ކުރި ހޯދާފައެވެ.

ދިއްލީގައި ކުރިއަށް ދާ އެސްސީއޯ ސަމިޓްގައި ލީ ބައިވެރިވެވަޑައިގެން ވާހަކަ ދައްކެވުމުގެ އިތުރުން ސައިމިޓުގައި ބައިވެރިވާ ގައުމުތަކުގެ އިސް ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ވެސް ހަމަޖެހިފައި ވެއެވެ.

އަދި އިންޑިއާގެ ޑިފެންސް މިނިސްޓަރު ރަޖްނަތް ސިންގް އާ ވެސް ބައްދަލުކުރައްވާނެ ކަމަށް ބައެއް ހަބަރުތައް ބުނެއެވެ.

ޗައިނާ، ރަޝިއާ، މެދުތެރޭ އޭޝިއާގެ 4 ގައުމެއް ގުޅިގެން 2001 ގައި އުފަންކުރި އެސްސީއޯ އަކީ ހުޅަނގުގެ ނުފޫޒުގެ މުގާބިލުގައި ގުޅިގެން މައްސަކަތް ކުރުމަށް އުފެއްދި ޖަމާއަތެކެވެ. އެ ޖަމާއަތުގައި މިދައުރުގެ ޗެއާ އަކީ (ރިޔާސަތު) އިންޑިއާއެވެ.

އިންޑިއާގެ ހަތުރު ޕާކިސްތާނަކީވެސް މި ޖަމާއަތުގެ މެންބަރެކެވެ. ނަމަވެސް މި ބައްދަލުވުމަށް ޕާކިސްތާނުގެ ޑިފެންސް މިނިސްޓަރު ވަޑައެއް ނުގަންނަވައެވެ. ހަބަރުތައް ބުނާ ގޮތުން އޭނާ މިބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ވާޗުއަލް ކޮށެވެ. ނަަމަވެސް އަންނަ ހަފްތާގައި ދިއްލީގައި ބާއްވާ އެސްސިއޯ ގައުމުތަކުގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އެގައުމުގެ ހާރިޖީ ވަޒީރު ބިލާވަލް ބުއްޓޫ ދިއްލީއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މިއީ އަހަރުތަކަކަށް ފަހު ޕާކިސްތާނުގެ އެހާ އިސް އޮފިޝަލަކު އިންޑިއާއަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.