ސްކޭމް ކޯލްތަކާއި ކުންފުނިތަކުގެ ނަމުގައި މެސެޖް ކޮށްގެން އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލައިގައި ބޭނުންކުރާ ނަންބަރުތައް ދެނެ ނުގަނެވެނީ ޓެލެކޮމިއުނިކޭޝަން ސާވިސް ޕްރޮވައިޑަރުން ފުލުހުންނަށް ހިއްސާކުރުމަށް އެއްބަސްވެފައި އޮންނަ މައުލޫމާތު ފުރިހަމަ ނުކުރާތީ ކަމަށް މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީ (އެސްއޯއީ ކޮމިޓީ) އިން ބުނެފިއެވެ.
އެ ކޮމިޓީން މިހެން ބުނެފައި ވަނީ، ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓްތަކުގެ ވެރިފަރާތް ތަކަށް ނޭނގި އެ އެކައުންޓްތަކުން ފައިސާ ކެނޑެމުންދާ މައްސަލައާއި އެކައުންޓް ބްރީޗްވިކަން ނޭނގި އެހެން އެކައުންޓްތަކަށް ފައިސާ ޓްރާންސްވާ މައްސަލައާއި ބޭންކް އެކައުންޓްތައް ފްރީޒް ކުރަމުންދާ މައްސަލައާއި ސްކޭމްތަކުގެ ސަބަބުން އެކައުންޓްތަކުގެ ވެރިފަރާތްތަކަށް މާލީ ގޮތުން ބޮޑެތި ގެއްލުންތައް ލިބެމުންދާ މައްސަލަ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީ (އެސްއޯއީ ކޮމިޓީ) އިން ބެލުމަށްފަހު އެ ކޮމިޓީން ފާސްކޮށް މަޖިލީހަށް ފޮނުވި ރިޕޯޓުގައެވެ.
އެ ރިޕޯޓް މަޖިލީހުން ފާސްކޮށްފައިވާ އިރު، ސްކޭމްގެ ކުށްތައް މައިގަނޑު ގޮތެއްގައި ފެންނަނީ ކ. މާފުށީ ޖަލުގައި ތިބޭ ގައިދީންގެ ފަރާތުން ކަމަށާއި އެ ކުށް ކުރުމަށް ބޭނުންކުރާ ތަފާތު އުކުޅުތައް އުފައްދައި، އެ އުކުޅު ބޭނުން ކުރަމުން ދަނީ ޖަލުގައި ތިބޭ ގައިދީން ކަމަށް ބުނެފައި ވެއެވެ. ޖަލުގައި ޓަވަރު ހަރުކުރުމަށް ތައްޔާރުކުރި ޖޮއިންޓް ޕްރޮޓަކޯލް އެއްބަސްވުމުގައި ސްވިޗް ޑޭޓާ ފޯމެޓުގައި 14 މައުލޫމާތެއް ހިއްސާ ކުރުމަށް އެއްބަސްވެފައިވީ ނަމަވެސް ޓެލެކޮމިއުކޭޝަން ސާވިސް ޕްރޮވައިޑަރުން، ފުލުހުންގެ ހިދުމަތާ ހިއްސާ ކުރަމުންދާ މައުލޫމާތު ފުރިހަމަ ނުވާ ކަމަށެވެ.
އެގޮތުން ހިއްސާ ކުރަމުންދާ ޓަވާމަރު ޑޭޓާ އެއް ފޯމެޓަކަށް ނެތުމުން އެނަލައިޒްކޮށް ގައިދީން ބޭނުން ކުރަމުންދާ ނަމްބަރުތައް ދެނެގަތުމަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ. އަދި ވެފައިވާ އެއްބަސްވުމާ އެއްގޮތަށް މައުލޫމާތު ފޯރުކޮށް ދިނުމަށާއި ދުވަހުން ދުވަހަށް ހިއްްސާކުރާ ޓަވަރު ޑޭޓާ އެއް ފޯމެޓަކަށް ހިއްސާކުރުމަށް ޓެލެކޮމިއުނިކޭޝަން ސާވިސް ޕްރޮވައިޑަރުންނަށް އެންގުމަށް އެ ރިޕޯޓުގައި ވެއެވެ.
ފްރޯޑް އަދި ސްކޭމަށް ހުށަހެޅޭ އާއްމު ރައްޔިތުންނަށް އެހީތެރިކަން ފޯރުވައިދިނުމަށް ފްރޯޑް ޔުނިޓަކާއި ގައުމީ ފްރޯޑް އަދި ސްކޭމް ހޮޓްލައިނެއް ގާއިމުކުރުމުގެ އިތުރުން މަލްޓި އެޖެންސީ ޓާސްކްފޯހެއް އެކުލަވައިލުމަށް ވަނީ އަންގާފައެވެ. އެގޮތުން މަޖިލީހުން އެ ރިޕޯޓް ފާސްކުރާތާ 15 ދުވަހުގެ ތެރޭގައި އިދާރާތައް ގުޅިގެން މަސައްކަތް ކުރެވޭނެ ނިޒާމެއް ކަނޑައަޅައި މައްސަލަތަކަށް އަވަހަށް ފިޔަވަޅު އަޅައި ހައްލުކުރެވޭނެ ނިޒާމެއް ގާއިމު ކުރުމަށް އެމްއެމްއޭއަށް އެންގުމަށް ވެސް އެ ރިޕޯޓުގައި ހިމަނާފައި ވެއެވެ.
މީގެ އިތުރުން ރާއްޖޭގައި ބޭނުން ކުރާ ހުރިހާ ފޯނު ނަމްބަރުތަކަކީ ރަޖިސްޓްރީ ކޮށްފައިވާ ނަމްބަރުތަކެއް ކަން ކަށަވަރުކޮށް ކުރުމަށާއި ނަންބަރުތަކުގެ ވެރިފަރާތް ފަސޭހައިން ދެނެގަނެވޭނެ ނިޒާމެއް ގާއިމު ކުރުމަށް ކޮމިއުނޮކޭޝަން އޮތޯރިޓީއަށް އެންގުމަށް ވެސް ވަނީ އަންގާފައެވެ. މަޖިލީހުން އެ ރިޕޯޓް ފާސްކުރާތާ 15 ދުވަހުގެ ތެރޭގައި މޯބައިލް ސިމްކާޑުގެ އެކްސެސް ވަކި އަދަދަކަށް ލިމިޓްކޮށް، ސިމްކާޑުތައް ރެގިއުލޭޓް ކުރުމަށް ކޮމިއުކޭޝަން އޮތޯރިޓީން އެލުލަވާލަމުން ގެންދާ ގަވާއިދު ނިންމައި ގެޒެޓު ކުރަން އެންގުމަށް ވެސް ވަނީ ހިމަނާފައެވެ.