ރޯގާޖެހުމުން މޭގައި އަރިދަފުސް ހިފުން ފަދަ ޗެސްޓް ކޮންޖެޝަން މެދުވެރިވާ ހާލަތްތަކުގައި ބޭނުން ކުރަން ދޭ ގުއަފެނެސިން ކިޔާ ބޭހެއްގައި މިންގަނޑަށް ވުރެ މައްޗަށް 2 މާއްދާއެއް ހުރިކަން ފާހަގަވެ އެލާޓް ކޮށްފިއެވެ.

ޑަބްލިއުއެޗްއޯއިން ބުނީ، އެ ބޭހުގައި ޑައިތެލީން ގްލައިކޯލް އާއި އެތެލީން ކްލައިކޯލް ހުރީ ހުންނަން ވާ ވަރަށް ވުރެ މައްޗަށް ކަމަށެވެ. އެކަމުގެ ސަބަބުން ފުރާނައަށް ނުރައްކާ ވުން ފަދަ ހާލަތްތަކާއި ކިޑްނީ ފެއިލްވުން ފަދަ ހާލަތްތަކާ ދިމާވާ ކަމަށެވެ.

މިއީ އިންޑިއާގައި އުފައްދާ ކޯފް ސިރަޕް އާއިލާގެ ބޭސްތަކުން ޑައިތެލީން ގްލައިކޯލް އާއި އެތެލީން ކްލައިކޯލް ހުންނަ މިންވަރު މަތިވެގެން ފާހަގަ ވި 3 ވަނަ ފަހަރެވެ. ފާއިތުވި 7 މަސް ތެރޭގައި 3 ގައުމަކުން މި މައްސަލަ ފާހަގަ ވި އިރު ގެމްބިއާއިން ވަނީ 70 ކުދިން މަރުވެސް ވެފައެވެ. އަދި އުޒުބަކިސްތާނުން 18 ކުދިން މަރުވިއެވެ.

ޑަބްލިއުއެޗްއޯގެ އެލާޓްގައި ވަނީ، އެ ބޭސް އަދި އެފަދަ ބޭސްތައް ކުޑަކުދިންނަށް ނުދިނުމުގެ އިތުރުން ބޭސް އުފައްދާ ފަރާތްތަކުން ބޭހަށް ބޭނުން ކުރާ ރޯ މެޓީރިއަލް (ބޭސް އުފެއްދުމަށް ބޭނުން ކުރާ ތަކެތި) ރަނގަޅަށް ޗެކް ކޮށް މިންގަނޑުތަކަށް ހުރިތޯ ގަވައިދުން ބެލުމަށް އަންގާފައެވެ. ހާއްސަ ކޮށް ޕްރޮޕަލީން ގްލައިކޯލް އާއި ސޯބިޓޮލްގެ އިތުރުން ގްލިސެރިން ނުވަތަ ގްލިސެރޯލް ފަދަ ސިރަޕްތައް ބޭނުން ކުރުމުގެ ކުރިން ރަނގަޅަށް ބަލާ ޗެކްކުރުމަށް ވެސް ވަނީ އިރުޝާދު ދީފައެވެ.

ހަބަރުތައް ބުނާގޮތުން ކުރީ ދެގައުމުގައި ދިމާވި މައްސަލަ ފަދައިން މިފަހަރުވެސް ދިމާވެފައި ވާ މިމައްސަލަގައި ސިރަޕް އުފައްދަން ބޭނުން ކޮށްފައި ވަނީ ތަޣައްޔަރުވެފައިވާ ޑައިތެލީން ގްލައިކޯލް އާއި އެތެލީން ކްލައިކޯލްއެވެ. އެ ދެ މާއްދާއަކީ މިންގަނޑަށް ވުރެ މަތިވެއްޖެ ނަމަ އިންސާނުން ވިހަ ވާ ދެ މާއްދާކަމަށް ވާއިރު، ބޭސް ބުއިމުގެ ސަބަބުން ބަނޑުގައި ރިއްސާ، ބޭރަށް ހިންގާ، ހޮޑުލެވި، ބޮލުގައި ރިއްސާ، ސިކުނޑީގެ ހާލަތަށް ބަދަލު އައުން ފަދަ ކިތަންމެ އަލާމާތްތަކެއް ފެނެއެވެ. މީގެ އިތުރުން ކުޑަކަމުދާން އުނދަގޫވެ ކިޑްނީ ހަލާކުކޮށްލާ ކަމަށާއި އެއާއެކު ފުރާނައަށް ނުރައްކާވާ ކަމަށް ދިރާސާތަކުން ދައްކައެވެ.

އޮސްޓްރޭލިއާގެ މާޝަލް އައިލޭންޑްސް އާއި މައިކްރޮނީސިއާގައި ވިއްކާ އެ ބޭސް އުފައްދާފައި ވަނީ އިންޑިއާގެ ޕަންޖާބުގައި ހުންނަ ކިއުޕީ ފާމަކެމް ލިމިޓެޑުންނެވެ. އަދި މި ބޭސް މާކެޓް ކުރަނީ ހަރިޔާނާގައި ހުންނަ ޓްރިލިއަން ފާމާ އިންނެވެ.

މި މައްސަލައިގައި ޑަބްލިއުއެޗްއޯއިން ބުނީ، އެ ބޭހުގެ ރައްކާތެރިކަމާ ބެހޭ ގޮތުން މިއަދާ ހަމައަށް އެ ދެކުންފުނިން ޖަވާބުދާރީވެފައި ނުވާ ކަމަށެވެ. މީގެ ކުރީގެ 2 ކޭސްގައި މައިސަރުކާރުގެ ސިއްހީ މާހިރުންނާއި ބޭހާ ބެހޭ އިދާރާތަކުން ވަނީ ބޭސް އުފެއްދި ކާރުހާނާތަކަށް ވަދެ އެ ބޭސް އުފެއްދުން ވަގުތީ ގޮތުން ހުއްޓުވާފައެވެ. ނަމަވެސް މިފަހަރު އެފަދަ ފިޔަވަޅެއް އިދާރާތަކުން އަދި އަޅާފައި ނުވާތީ ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކެއްސާ ބޭހުގެ އިތުރުން އިންޑިއާގެ ކުންފުންޏަކުން ހެދި އައި ޑްރޮޕްސް (ލޮލަށް އަޅާ ބޭހެއް) ގެ ސަބަބުން އެމެރިކާގައި ލޮލު ރޯގާއެއް ފެތުރިގެން ދިޔަ ހާދިސާއެއްވެސް މި ފަހުން ހިނގާފައި ވެއެވެ. އެ ހާދިސާ އާ ގުޅިގެން 18 ކުންފުންޏެއްގެ ލައިސަންސް އެމެރިކާއިން ކެންސަލްވެސް ކުރިއެވެ.

އިންޑިއާގެ ބޭސްތަކާ ގުޅިގެން މިފަދަ މައްސަލަތަކެއް ފެންމަތިވަމުން މިއަންނަ ދަނޑިވަޅަކީ، "ދުނިޔޭގެ ފާމަސީ" ގެ ގޮތުގައި އިންޑިއާ މާކެޓް ކުރުމަށް އެގަމުން މަސައްކަތް ކުރަމުން އަންނަ ދަނޑިވަޅެކެވެ.

އިންޑީއާގެ އިތުރުން އިންޑޮނީޝިއާގައި ވެސް ކެއްސާ ބޭސްތަކެއް ބޮއެގެން އެލާޖިގް ވެ އަދި ސިއްހީ މައްސަލަތަކެއް ދިމާވެ ގިނަ އަދަދެއްގެ ކުޑަކުދިންތަކެއް މަރުވި މައްސަލައެއް މިދިޔަ އަހަރު ހިނގާފައި ވެއެވެ. އެހާދިސާގައި އެ ބޭސް އުފެއްދީ އިންޑިއާގެ ކުންފުންޏަކުން ނޫނެވެ.