ފުވުއްމުލައް ސިޓީ ގޮނޑުދޮށް ހިމާޔަތްކުރުމަށް ފަރެސްމާތޮޑާ ސަރަހައްދުން ވެލި ނަގަމުން ދަނީ އެންވަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ހުއްދަ ނެތި ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.

ފުވައްމުލައް ސިޓީއަށް ގެންދިއުމަށް ފަރެސްމާތޮޑާ ސަރަހައްދުން ވެލިނަގަމުން ދާތީ ކަންބޮޑުވުންފާޅުކޮށް އެ ރަށު ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ރަށުގައި ކުރިއަށް ދާ މަޝްރޫއުތަކަށްވެސް ވެލި ލިބުމުގެ ދަތިތައް ކުރިމަތިވެ، އެ މަޝްރޫތައް އެންމެ އެކަށީގެންވާ ގޮތަށް ކުރިއަށް ނުދާކަމަށެވެ.

މި ގޮތުން ކައުންސިލްގެ ބަޔާނުގައިވަނީ ފަރެސްމާތޮޑާގައި ހަދަން އުޅޭ ފުޓުބޯޅަ ދަނޑަކަށް ބޭނުންވާ ވެލި ވެސް އެރަށާ ގުޅިފައިވާ ސަރަހައްދުން ނުލިބިގެން ނުފެށިފައި ވާކަމަށެވެ. އަދި އެރަށުގެ ދެކުނު ފަރާތް ހިއްކުމަށް ބޭނުންވާ ވެލި ވެސް ނަގަން ހަމަޖެހިފައި ވަނީ އެތެރެވަރީގެ ދެ ތިލައަކުން ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

ރަށުގެ މަޝްރޫއުތަކަށް ބޭނުންވާ ވެލިވެސް ނުނެގޭ އިރު ފަރަސްމާތޮޑާގެ ގުޅިފައިވާ ސަރަހައްދުން ފުވައްމުލައް ސިޓީއަށް ބޭނުންވާ 45،000 ކޮޑިމީޓަރު ވެލި ގެންދިއުމަކީ ވަރަށް ޒިންމާދާރުކަން ކުޑަކަމެއްގެ ގޮތުގައި ކައުންސިލުންވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ފަރެސްމާތޮޑާ ކައުންސިލުންވަނީ އީވީއޭގެ ހުއްދަނެތި ކުރިއަށްދާ މި މަސައްކަތް ވަގުތުން ވަގުތައް ހުއްޓުވައި ދިނުމަށް ކަމާ ބެހޭ އިދާރާތަކަަށް ގޮވާލާފައެވެ.