ޕާކިސްތާނާއި އިންޑިއާގެ ޕަންޖާބު ގުލޭ ބޯޑަރުގައި ވަކި ދައުލަތެއް ގާއިމުކުރަން ގޮވާލައި މަސައްކަތް ކުރާތީ އިންޑިއާ ސަރުކާރުން ހައްޔަރު ކުރަން މަސައްކަތް ކުރި ސިކު ލީޑަރު ފިލައިގެން އުޅެނިކޮށް އަތުލައިގެންފިއެވެ.

އިންޑިއާ ސަރުކާރާ ވަކިވެ ވަކި ދައުލަތެއް ގައިމުކުރުމަށް ސިކުން ފެށި ކެމްޕެއިނެއްގައި އެމީހުން ތަމްސީލު ކުރާ އިސް ލީޑަރު ހައްޔަރު ކުރަން އިންޑިއާ ސަރުކާރުން މަސައްކަތް ފެށީ، 1980 އާއި 1990 ގެ އަހަރުތަކުގައި އުފެދުނު ހަމަނުޖެހުން ފަދަ ހަމަނުޖެހުމެއް އުފެދުނަ ނުދިނުމަށެވެ. ނަމަވެސް ސިކު ލީޑަރު އަމްރިތް ޕާލް ސިންގް ދިޔައީ އެ މަގަށް މަސައްކަތް ކުރަމުންނެވެ. އެއާއެކު އޭނާ ހައްޔަރު ކުރަން އުޅުމުން ފިލައިގެން އެއްގަމު މަގުން އެއް ސިޓީން އަނެއް ސިޓީން ވަނީ ދަތުރު ކޮށްފައެވެ. އެއް ފަހަރު ސައިކަލުގައި އަނެއް ފަހަރު ގެރިބަކަރި އުފުލާ އުޅަނދު ފަހަރުގައި އަނެއްބައި ފަހަރު ފައިމަގުން، ސިފަ ބަދަލު ކުރަމުން ވަނީ ގޮސްފައެވެ.

1980 އާއި 1990 ގެ ތެރޭގައި ޕަންޖާބުގައި ހިނގި ކުރިމަތިލުމަކީ ކާލިސްތާން ކިޔާ ވަކި ސަރަހައްދެއް ނުވަތަ ދައުލަތެއް ގާއިމު ކުރުމަށް ސިކުންގެ ތެރެއިން ބަޔަކު ފެށި މަސައްކަތް ހުއްޓުވުމަށް އިންޑިއާ ސަރުކާރުން އެތަނަށް އެރުމުން ހިނގި ކުރިމަތިލުމެކެވެ. އެ ކުރިމަތިލުމުގައި ގިނަ އަދަދެއްގެ ބަޔަކު މަރުވެފައި ވާ އިރު އެ ކުރިމަތިލުމުގެ ބަދަލު ހިފުމުގެ ގޮތުން އޭގެ މަސްތަކެއްގެ ފަހުން ސިކުން ވަނީ އޭރުގެ ބޮޑުވަޒީރު އިންދިރާ ގާނދީ އަވަހާރަކޮށްލާފައެވެ. އެ ހަމަލާ ދިނީ އެކަމަނާގެ ސިކު ބޮޑީގާޑުންނެވެ.

ސިކުންނަކީ އާންމުކޮށް ފަގުޑި އަޅާފައި ތިބޭ ބައެއް ނަމަވެސް އޭނާ ފިލުމަށްޓަކައި ފަގުޑި ނަގާ، ސިފަ ވަކި ނުވާނޭހެން ހަދަމުން ގެންދިޔައެވެ.

އެ އަހަރުތަކުގައި ހިނގި އެ ކުރިމަތިލުންތަކަށް ފަހު އިންދިރާ ގާނދީ އަހަވަރަކޮށްލި ހާދިސާއާ ގުޅިގެން ފުލުހުން ހިންގި އެޕަރޭޝަނެއްގައި ތުހުމަތު ކުރެވޭ އިތުރު އެތައް ބަޔަކު ވަނީ މަރާލާފައެވެ. އޭގެ ތެރޭގައި ކުޑަކުދިންވެސް ހިމެނެއެވެ.

މަހެއްހާ ދުވަހު އެހެން ފިލައިގެން އުޅެނިކޮށް އެންމެ ފަހުން އަތުލީ މޮގާ ޑިސްޓްރިކްޓްގެ ރޯދޭ ވިލެޖުންނެވެ.

މި އަމްރިތްޕާލް ސިންގް ވަނީ، މީހުން ކިޑްނޭޕް ކުރުމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކުރި އޭނާގެ މަދަދުވެރިއަކު ސަލާމަތް ކުރުމަށް ކަނޑިއާއި ވަޅި ހިފައިގެން ގުރޫޕް ހަދާފައި ގޮސް ފުލުހުންގެ މަރުކަޒަކަށްވެސް މީގެ ކުރިން ހަމަލާ ދީފައެވެ.

އޭނާގެ ކޫށުގެ ރެކޯޑްތައްވެސް އޮތް އިރު ފުލުހުން އޭނާ ހައްޔަރު ކުރުމަށްޓަކައި 30 މިލިއަން މީހުން ދިރިއުޅޭ ޕަންޖާބުން މުވަސަލާތީ ހިދުމަތްތައްވެސް ކަނޑަލިއެވެ. އަދި އޭނާއަށް ބައިތު ހިފައިގެން އުޅުނު 100 އަށް ވުރެ ގިނަ މީހުން ހައްޔަރު ކޮށް މާ ދުރު ސަރަހައްދުތަކުގައި ހުންނަ ޖަލުތަކަށް ވަނީ ގެންގޮސްފައެވެ. މީގެ އިތުރުން 4 މީހުންނަށް ވުރެ ގިނައިން އެއްނުވުމަށް އަންގާ މުޅި ޕަންޖާބުގައި އޮތީ އެލާޓް ނެރެފައެވެ.

އޭނާ އާއި ބައިވެރިންގެ މައްޗަށް މީހުން މެރުމުގެ ތުހުމަތާއި ގާނޫނާ ހިލާފުވުމާއި މަސްލަހަތު ނަގާލުމުގެ ތުހުމަތު ފުލުހުން ކުރެއެވެ.

ފުލުހުން އޭނާ ހައްޔަރު ކޮށްފައި ވާ އިރު އޭނާ ދެން ގެންދާނީ ދިބްރުގާރު ގައި ހުންނަ ޖަލަކަށް ކަމަށާއި އެތާނގައި އޭނާގެ ބައެއް ބައިވެރިންވެސް ހައްޔަރުކޮށްފައި ތިބި ކަމަށް ހަބަރުތައް ބުނެއެވެ.