އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަވަހާރަ ކޮށްލާނެ ކަމަށް ބުނެ މީހަކު އިންޒާރު ދިނުމާ ގުޅިގެން މައްސަލަ ބަލަން ފަށައިފިއެވެ.
މިމަހުގެ 24 އިން 25 އަށް މޯދީ ކެރެލާއަށް ކުރައްވާ ދަތުރުފުޅުގައި ޖާނުންފިދާވެ މޯދީ އަވަހާރަ ކޮށްލާނެ ކަމަށް ބުނެ އިންޒާރު ދިން މީހާ މިހާރު ދެނެގަނެވިފައި ވާ ކަމަށާއި އެއާއެކު މައްސަލަ ބަލަމުން ދާކަމަށް ބުނެއެވެ.
ހަބަރުތައް ބުނާގޮތުން އިންޒާރު ދިން މީހާ އެކަން ކޮށްފައި ވަނީ ސިޓީއެއް ލިޔެ އެސިޓީ ކެރެލާގެ ބީޖޭޕީ އޮފީހުގެ ވެރިއަކަށް ހުރި ކޭ ސުރެންދްރަން އަށް އެޑްރޮށް ފޮނުވައެވެ. މަލަޔާލަން ބަހުން ލިޔެފައި އެ ސިޓީ ލިޔެފައިވަނީ ކޮއްޗީ އަށް ނިސްބަތްވާ މީހެއް ކަމަށްވެސް އޮފިޝަލުން ބުނެއެވެ.
މި ސިޓީގެ ވާހަކަ މީޑިއާތަކަށް އާންމު ވީ، ސިޓީ އާ ގުޅިގެން އިންޑިއާގެ އޭޑީޖީޕީ (އިންޓެލިޖަންސް) ޔުނިޓުން ތައްޔާރު ކުރި ރިޕޯޓެއް މީޑިއާ އަށް ލީކްވުމުންނެވެ. 49 ސޮފްހާގެ އިންޓެލިޖަންސް ރިޕޯޓުގައި އެ ސިޓީ ކަމާބެހޭ އޮފިޝަލުންނަށް ލިބުނީ މީގެ ހަފްތާއެއް ކުރިން ކަމަށާއި، އެމީހާ ދެނެގަނެ ތަހުގީގު ކުރަމުން ދާ ކަމަށް ބުނެފައި ވެއެވެ.
އެ ރިޕޯޓް ލީކްވި އިރު އޭގައި ސިޓީ ލިބުނު އިރު ޑިއުޓީގައި ތިބި އޮފިޝަލުންގެ ނަންތަކަށް ދާންދެން އޮތުމުންނާއި، މޯދީގެ އެ ދަތުރުފުޅާ ގުޅޭ ތަފްސީލުތައްވެސް ހުރުމުން އެއީ ނުރައްކާތެރި މައްސަލައެއް ކަމަށް ބުނެ ފުލުހުންނަށް ސިޓީ ހަވާލު ކުރި ބީޖޭޕީގެ އޮފިޝަލް ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ.
މި މައްސަލަ ފެންމަތި ވުމާއެކު ސިޓީ ލިޔުނު މީހާ ވަނީ އޭނާގެ ކުށެއް ނެތް ކަމަށާއި، އެ މައްސަލަގައި ފުލުހުން އޭނާ އާ ސުވާލު ކޮށް އަތުލިޔުން ކްރޮސްޗެކް (ލިޔުއްވާ ބެލުން) ކޮށްފައި ވާ ކަމަށް ބުނެފައެވެ. އެއާއެކު ސިޓީ ލިޔުނު ކަމަށް ނަން ޖަހާފައި އޮތް އެން ޖޭ ޖޮނީގެ އާއިލާއިން ބުނީ، އެކަން ކުރިކަމަށް ޝައްކު ކުރެވެނީ އެ އަށުގެ އެހެން މީހެއް ކަމަށާއި އެމީހާ އަކީ، ފައްޅިއެއްގެ މައްސަލައިގައި އެ އާއިލާއާ ހަސަދަވެރިކަން އޮންނަ މީހެއް ކަމަށެވެ.
އިންޓެލިޖެންސް ރިޕޯޓުގައި އިތުރަށް ފާހަގަ ކޮށްފައި ވާ ގޮތުން އެ މައްސަލައާ ގުޅިގެން ޓްރިވެންޑަރަމް އާއި ކޮއްޗީ ސަރަހައްދުގައި 2000 އަށް ވުރެ ގިނަ ފުލުހުން މިހާރު ދަނީ ހަރަކާތްތެރިވަމުން ކަމަށް ވެސް ބުނެފައި ވެއެވެ.
މި މައްސަލައިގެ ތަފްސީލުތައް މިހާ ބޮޑަށް ހާމަވެފައި ވީ ނަމަވެސް މޯދީގެ ދަތުފުޅަށް ބަދަލެއް ގެނައި ކަމެއް އިދާރާތަކުން ބުނެފައެއް ނުވެއެވެ.