ދޮރު ލައްޕާލުމާއެކު އެ ކޮޓަރި ތެރެއަށް ވެރިވި ހަމަހިމޭން ކަމެވެ. ބިށްދޮށަށް އެނބުރިގެން އޮތް ޒޫނާ މަޑުމަޑުން އުއްޑުން އެނބުރިލިއެވެ. ލޯ ހުޅުވާލައި ސީލިންގާ ދިމާއަށް ބަލަހައްޓައިގެން އޭނާ އޮތީ ބުދެއް ހެންނެވެ. އޭރު ޒޫނާގެ ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް އޭނާގެ ކަންފަތާ ދިމާއަށް ދަތުރު ކުރިއެވެ.
އޭނާގެ މަންމަ ފިރުމަމުން ދެއްކި ވާހަކަތައް އަޑުއަހަން ނިދާ ކަމަށް ހަދައިގެން އޭނާ އޮތީ ނޭވާ ހިފަހައްޓާލައިގެން ހިތް ފަޅައިގެން ދިޔަޔަސް ހަށިގަނޑަށް ގުޑުމެއް ވެސް ނުގެނެހެވެ. ސީލިންގާ ދިމާއަށް ބަލަން އޮތް ނޫރާ އޭނާގެ ކައިރީގައި އޮތް ބާލިސް ނަގައި މޫނުގައި އަޅާލިއެވެ. ދެ އަތުން އެ ބާލީހުގައި ބައްދާލަމުން މޫނާލާ ބާރަށް ފިއްތާލި އިރު، އޭނާއަށް އަޑު ފަޅާފައި ރޮއެ ގަނެވުނެވެ.
*** *** *** *** *** ***
އެޕާޓްމަންޓްގެ ދޮރު ހުޅުވާލައި ނޫރާ އެތެރެއަށް ވަން އިރު، ޓީވީން ކުޑަކުދިންގެ ޕްރޮގްރާމެއް އަޅުވައިގެން ބަލަން އިން މައި ދޮރާ ދިމާއަށް ބަލާލީ މަންމަ ގެއަށް އަންނާނެ ވަގުތެއްގެ އިންތިޒާރުގައި އިނުމުންނެވެ. ގެއަށް އައި އިރު ބޭކަރީއަކުން އެ މަންޖެއަށް ކާނެ އެއްޗެއް ހިފައިގެން އައި ނޫރާ އަވަސްވެގަތީ މައިއަށް ސައި ތައްޔާރު ކުރާށެވެ. މައި އައިސް ބަދިގޭ ކައުންޓަރު ކައިރީ ހުރި ސްޓޫލް ގޮނޑީގައި އިށީންނަން މަސައްކަތް ކުރިއެވެ. އެ ވަގުތު ކޮޓަރީން ނިކުތް މުނާޒް އައިސް އެ މަންޖެ އުރާލަމުން އެ ސްޓޫލް ގޮނޑީގައި ބޭންދިއެވެ.
މައިއަށް ސައި ތައްޔާރުކުރުމަށް ފަހު ނޫރާ އާއި މުނާޒް ކޮފީ ތައްޓެއް ހިފައިގެން ހިނގައިގަތީ ސިޓިން ރޫމްގައި ހުރި ސޯފާއާ ދިމާއަށެވެ. އޭރު މައި އިނީ އޭނާގެ ތަށީގައި އޮތް ސޭންޑްވިޗް ކާށެވެ.
ސޯފާގައި ހަމަޖެހިލަމުން މުނާޒް ނޫރާގެ މޫނަށް ފުން ނަޒަރަކުން ބަލާލިއެވެ. ވިސްނުމެއްގައި އިން ނޫރާ ފުން ނޭވާއެއް ދޫކޮށްލަމުން މުނާޒުގެ މޫނަށް ބަލާލީ މިއަދު ހެނދުނު ވީ ކަންތައް ހިއްސާކުރާށެވެ.
މަންމައަށް ހުރިހާ ވާހަކައެއް އޭނާ ކިޔައިދީފިއެވެ. އެ ދުވަހު އަޖޫ އާ އޭނާ ވަކިވުމުން އޭނާ ބެހެއްޓި ހަތިޔާރަކީ އެއްވެސް މީހަކު ނޫރާއާ އެކު ނޫޅެވޭނެ ވަރުކޮށްލައި، ނޫރާ ފަލީހަތެއް ކޮށްލުމަށް ބެހެއްޓި ހަތިޔާރެކެވެ. އަޖޫއާ އެކު އުޅުނު އިރު އެ ދެމީހުންގެ ލޯބީގެ ބައްދަލުވުންތަކުގައި އެކި ގޮތްގޮތަށް ނަގާފައިވާ ފޮޓޯތަކަކީ ނޫރާއަށް ބިރުދައްކަން އޭނާ ބޭނުން ކުރި ހަތިޔާރެވެ. އެ ފޮޓޯތައް ސޯޝަލް މީޑިއާއަށް ލީކް ކޮށްލި ދުވަހު ކަންތައް ވީ ގޮތް މަންމައަށް ކިޔައިދީ ނިމުންތަނުން މުނާޒް ގުޅުމުން ދެން ގެއަށް އައީ ކަަމަށް ނޫރާ ބުންޏެވެ.
ކޮފީތަށިން އެތިފޮދެއް ބޯލުމަށް ފަހު މުނާޒް އަހާލިއެވެ. "މަންމަ އެއްޗެކޭ ނުބުނޭތަ؟.."
ބޯ ޖަހާލަމުން ނުރާ އާއެކޭ ބުނި އިރު އަދިވެސް ނޫރާގެ މޫނުމަތިން ހާސްކަމުގެ ކުލަތައް ފާޅުވަމުން ދިޔައީ ކީއްވެބާއޭ މުނާޒް ހިތަށް އެރިއެވެ. އަނެއްކާ މަންމަ އޭނާ ދެކެ ރުޅި އައިސްދާނޭ ހިތާ ކަންބޮޑުވަނީ ކަމަށް ހީކޮށް މުނާޒް ކުރިއަށް ޖެހި އަނބިމީހާގެ އަތުގައި ފިރުމާލިއެވެ.
"ނޫނޭ.... މަންމަ އަސްލު ރުޅި އަންނަން ޖެހޭނީ އަހަރެން ދެކެ... މަންމަ ރުޅި އައިސްދާނެތީއެއް ނޫން... ޒޫނާއާ ދޭތެރޭ ވިސްނާލެވުނީ...." ނޫރާ އިސް ޖަހާލައިގެން އިރުކޮޅަކު އިނުމަށްފަހު އަނެއްކާވެސް މުނާޒާ ދިމާއަށް ބަލާލިއެވެ.
"އަސްލު...ޒޫނާއާ ދޭތެރޭ މި ވިސްނެނީ... ހިތަށް އަރާ ގުޅާލަން ވީއޭ ވެސް..." ނޫރާގެ ހިޔާލު ދަތުރު ކުރީ މީގެ ކުޑަ އިރުކޮޅެއް ކުރިއަށެވެ.
*** *** *** *** *** ***
މުނާޒް ގުޅުމުން އަވަހަށް ގެއަށް ދާން ބޭނުންވެފައި ހުރުމުން ނޫރާ މަންމަ ގާތު ބުނުމަށް ފަހު ބެލްކަނިން ނިކުންނަން ހިނގައިގަތެވެ. ބެލްކަނިން ނިކުތް އިރު ވެސް ޒުލޭހާ ބަހެއް ނުބުނެ އެ އިން ތަނުގައި އިށީނދެގެން އިނީއެވެ. މަންމައަށް އެ ހާދިސާ ކިޔައިދީ ނިމުމުން ވެފައި އިން ގޮތުން މި ވަގުތު މަންމަ ބޭނުންވެފައި އޭނީ ވިސްނާލަން ކަން ނޫރާއަށް އެނގުނެވެ. އެހެންކަމުން މި ވަގުތު އެންމެ ރަނގަޅު ވާނީ ވެސް ގެއަށް ދިއުމެވެ. ނޫރާ ހިތަށް އެރިއެވެ.
ބެލްކަނިން ނިކުތް ނޫރާއަށް ސިހުމެއް ލިބުނީ ސިޓިންގްރޫމް ތެރޭ ހުރި ޒޫނާ ފެނުމުންނެވެ. ހުއްޓުން އަރާފައި ޒޫނާގެ މޫނަށް ބަލަހައްޓައިގެން ނޫރާއަށް ހުރެވުނީ އެ މޫނުގެ ކުލަވަރު ފެނުމުންނެވެ. އޭނާ މަންމަ ކައިރީ ދެއްކި ވާހަކަތައް ޒޫނާއަށް އަޑު އިވިއްޖެ ކަން ނޫރާއަށް ޔަގީންވީ އެ ދެލޮލުން އޮހެމުން ދިޔަ ކަރުނަތަކުންނެވެ. ކުރިއަށް ޖެހިލަމުން ޒޫނާގެ އަތުގައި ނޫރާ ހިފާލިއެވެ. އެއާއެކު ނޫނެކޭ ބުނެ ޒޫނާ އަތް ފޮޅުވާލިއެވެ.
"ކީއްކުރަން އެ ވާހަކަތައް ކިޔައިދިނީ.. ކީއްވެ؟..." ޒޫނާ ވާހަކަ ދެއްކީ ވައި އަޑުންނެވެ.
ހަގީގަތް ހާމަ ނުކުރަން އަބަދުވެސް ޒޫނާ ވަނީ އެދިފައެވެ. އެ ސިއްރު ވަޅުލުމަށާއި އެ ދުވަހުގެ ހާދިސާގެ ހަގީގަތް ހާމަ ނުކުރަން ޒޫނާ އެދުމުން ނުރާ ވަނީ ވައުދުވެފައެވެ. ނަމަވެސް ކުށެއް ނެތް މީހަކަށް ލިބެމުން ދިޔަ އަނިޔާތައް ހުއްޓުވަން މިއަދު ހަގީގަތް ހާމަކުރަން ނޫރާ ނިންމީ އެ ސިއްރު ހިފަހައްޓައިގެން ހުރެ ލިބެމުން ދިޔަ ނުތަނަވަސްކަމުން ދުރަށް ދާށެވެ. ސިއްރު ހާމަކުރުމުން ޒޫނާ ރުޅިއަޔަސް ވަރިހަމަ ކަމަށް ނިންމައިގެންނެވެ.
"ސޮރީ... އަހަރެން ކަން މި ކުރީ އަހަންނަށް ފެންނަ އެންމެ ރަނގަޅަކަށް... މަންމައަށް ކޮންމެވެސް ދުވަހަކުން ހަގީގަތް އެނގިގެން ނޫނީ ހުރިހާ ކަމެއް އޯކޭއެއް ނުވާނެ... އަބަދު ދޮގު ހަދައިގެން މަށަކަށް ނޫޅެވޭނެ..." ނޫރާ އޭނާގެ ނިންމުން ހާމަކުރަމުން އެތަނުން ދާން ހިނގައިގަތެވެ. އެއާއެކު ޒޫނާ ކޮޓަރިއަށް ވަނެވެ.
*** *** *** *** *** ***
މޫނުމަތިން ބާލިސް ނަގާ ހަމައަށް ނޭވާލާން ޒޫނާ މަސައްކަތް ކުރިއެވެ. އެވަގުތު އޭނާގެ ހަނދާންތައް މީގެ ހަތް އަހަރު ކުރިއަށް ދަތުރު ކުރިއެވެ.
ނިވާކަމެއް ނެތް ނޫރާގެ ހަށިގަނޑުގެ ފޮޓޯތަކެއް ފޭސްބުކްގައި ދައުރުވަމުން ދިޔަ އިރު، އެކަމާ ހަދާނެ ގޮތަކާ ދޭތެރޭ ޒޫނާ ވިސްނާލިއެވެ. އެ ފޮޓޯތަކަށް ބަލަން ހުރި ޒޫނާ ބޭނުންވީ އަޖޫ ނޮޅާލާށެވެ. މިއީ ނޫރާގެ ހަޔާތް ބަރުބާދުކޮށްލަން އަޖޫ ކުރި ކަމެއް ކަން އޭނާއަށް ޔަގީންވިއެވެ.
އަޖޫއަށް ގުޅާފަ ބަވާލަންވީއޭ، ނޫނީ ފޭސްބުކްގައި އަޖޫގެ އަގު ވައްޓާލަން ވާހަކަތަކެއް ލިޔެ ފޮޓޯ އާންމު ކުރަންވީއޭ ވެސް ޒޫނާގެ ހިތަށް އެރިއެވެ. އެކަމަކުން މި ފޮޓޯ ދައުރު ވުމެއް ނުހުއްޓުވޭނެ ކަން އޭނާއަށް އެނގުނެވެ. ނޫރާގެ ހަޔާތަށް އައި އަނދިރިކަމެއް ވެސް ފިލުވައެއް ނުލެވޭނެ ކަން އޭނާއަށް އެނގުނެވެެ. އެހެންކަމުން ހަދާނެ އިތުރު ގޮތަކާ މެދު ވިސްނަން ހުރުމަށް ފަހު އޭނާގެ އެކުވެރިއަކަށް ގުޅާލިއެވެ.
އަބަދު ޒޫނާއާ އެކި ކޮފީއަށް އަރާ އޭނާގެ އެކުވެރި އާޒިމަށް ގުޅާލީ އެއީ އެކަމުގައި އޭނާއަށް އެހީތެރިވާނެ އަދި އޭނާ އެންމެ އިތުބާރު ކުރާ އެކަކަށް ވީމައެވެ. އާޒިމް ފޯނު ނެގުމުން ނޫރާއަށް ދިމާވެގެން އުޅޭ ކަންތައް އޭނާ ހިއްސާ ކުރިއެވެ. އާޒިމް ބޭނުންވީ އަޖޫގައި ތަޅާލަން ބަޔަކު ފޮނުވާށެވެ. ނޫރާއަށް ދިން ލަގާގެ ބަދަލު ހިފާށެވެ. ނަމަވެސް ޒޫނާގެ ނިންމުން އާޒިމްގެ ނިންމުމާ މުޅިން ތަފާތެވެ. އޭނާ ބޭނުންވީ އެ ސިއްރު މުޅި އުމުރަށް ހިފަހައްޓާ ދިނުމަށެވެ. އަދި ނޫރާއަށް އަމާޒުވާނެ ހުރިހާ ބަދުނާމެއް އޭނާގެ ބޮލުގައި އެޅޭނެ ގޮތަކަށް ކަންކަން ބަދަލުކޮށްލާށެވެ.
އާޒިމަށް ހަދާނެ ގޮތެއް ނުވިސްނުނެވެ. ކުރެވޭނެ ކަމެއް އެބަ އޮތްހޭ އަހާ ފަދައަކުން އާޒިމް ސުވާލުކޮށްލުމުން ޒޫނާގެ ހިޔާލު ހުށަހެޅިއެވެ.
"މަށަށް ކޮށްދޭންވީ ކަމަކީ ދައުރުވަމުންދާ ފޮޓޯ މަގޭ ފޭސްބުކް އައީޑީ ޖަހާފައި ޓެގްކޮށްލަންވީ... އޭރުން އެންމެން ވެސް ގަބޫލު ކުރާނެ އެއީ އަހަންނޭ... ފޭސްބުކްގައި ނޫރާގެ ފޮޓޯއެއް ނުހުންނާނެ.. އެކަމަކު އަހަރެންގެ ފޮޓޯ އުޅޭނެ... ކާކުކަން އެނގިގެން ޓެގްކޮށްލީމަ ވައިރަލް ވާއިރު އެންމެން ވެސް ގަބޫލުކުރާނީ އެއީ އަހަރެންނޭ..."
ޒޫނާގެ ނިންމުން ހާމަކުރުމުން އެ ފޮޓޯތަކަށް އާޒިމް ބަލާލިއެވެ. ވިސްނާލަން އިނުމަށްފަހު އާޒިމްގެ ހިތުގައި އުފެދުނު ސުވާލު އޭނާ ހިއްސާ ކުރިއެވެ. "މޫނަށް ބަލާފަ އެއީ ޒޫނާއޭ ގަބޫލު ކުރެވިދާނެ. އެކަމަކު އެ ފޮޓޯއަށް މަންމަ ރަނގަޅަށް ބަލައިފިއްޔާ އެއީ ނޫރާކަން ޔަގީން ވާނެ... ބަލާބަލަ ނޫރާގެ ކޮނޑުގައި އިންނަ ކަޅުތިލަވެސް ވަރަށް ރީއްޗަށް ފެންނަން އެބައިނޭ..."
ޒޫމް ކޮށްލަމުން ނޫރާގެ ފޮޓޯތަކަށް ޒޫނާ ބަލާލިއެވެ. ތެދެކެވެ. އެ ދެމީހުން ކިތަންވެ ވައްތަރަސް އެ ކަޅުތިލަ ފެނިފައިވާ މީހަކަށް އެއީ ޒޫނާ ނޫން ކަން ކަށަވަރު ވާނެއެވެ. ނަމަވެސް މި ވަގުތު އޭނާއަށް އެ ނޫން ގޮތެއް ނެތެވެ. ފޮޓޯ ލީކް ކޮށްލުމުން ނޫރާއަށް ވެފައި ހުރި ގޮތުން އޭނާގެ ކޮއްކޮގެ އަތުން ފައިން ގޯހެއް ހަދާކަށް ޒޫނާ ބޭނުމެއް ނުވިއެވެ. އެންމެ ފަހުން ޒޫނާ އެދުނު ގޮތަށް އާޒިމް ކަން ކުރީ އެ ވާހަކަތައް ސިއްރުކޮށްދޭނެ ކަމަށް ވައުދުވަމުންނެވެ. އެ ފޮޓޯ ޒޫނާއަށް އޭނާ ޓެގް ކުރިތާ މާގިނަ އިރެއް ނުވެ އެ ފޮޓޯ ޒުލޭހާއަށް ފެނިއްޖެއެވެ.
މިއަދު މަންމަ ދެއްކި ވާހަކަތަކަށް ވިސްނަން އޮތް ޒޫނާގެ ހިތަށް އެރިއެވެ.
މަންމާއެވެ. އަހަރެން މަންމަ ދެކެ ރުޅިއެއް ނާދެއެވެ. މަންމަ ރުޅިއައިސްގެން އެއްޗިސް ކިޔަމުން ދިޔައީ ރުޅިއައިސްގެން ކަން އެނގެއެވެ. އެއީ މަންމަގެ ލޮލުގައި އަހަރެން އެޅި އަނދުނެކެެވެ. ނޫރާއަށް ދުނިޔޭގެ ނަފްރަތާއި މަލާމާތާ ކުރިމަތިލާނެ ހިތްވަރު ނެތް ކަން އެނގުނީމައި އޭނާގެ ދިރިއުޅުން ހަލާކެއްގެ ތެރެއަށް ދިޔަ ނުދޭން އަހަރެން ނިކުތީ އެކަމުގައި ކުރިމަތިލާން ޖެހޭނެ ހުރިހާ ހުރަހަކާ ކުރިމަތިލާން ނިންމައިގެން ހުރެއެވެ. އެއީ މަންމަގެ ނަފްރަތު ކަމުގައި ވިޔަސް ވަރިހަމަވެގެންނެވެ.
މަންމަ އެހާ ރުޅި އަންނަން ޖެހުނީ ވެސް މަންމަ އަހަންނަށް އެހާ ބޮޑު އިތުބާރެއް ކުރާތީތާއެވެ. އެ ރުޅީގައި އަހަރެމެން ދެބޭން ފަރަގުކޮށް އަހަންނާ ދިމާލަށް މަންމަ ކިޔަމުން ދިޔަ އެއްޗިއްސަކީ ނޫރާއާ ދިމާއަށް މަންމަ ލައްވާ ކިޔުއްވަން އަހަރެން ބޭނުންވި އެއްޗިއްސެއް ނޫނެވެ. އެހެންކަމުން އަހަރެންގެ ހިތުގައި މަންމަ ކަން ކުރި ގޮތާ މެދު އެއްވެސް ޝަކުވާއެއް ނެތެވެ.
މަންމައަށް އަހަރެންގެ ހިތް ސާފެވެ. ފަރަގުކޮށްގެން މަންމަ އަހަރެންނަށް ދެރައެއް ދެވުނު ކަމަށް ހީކުރުމަކީ ގޯހެކެވެ. އަހަރެން އެ ދުވަހު އެ ހުރިހާ ކަމެއް ކުރީ ނަފްރަތާއި މަލާމާތާ ކުރިމަތިލާން ޖެހޭނެ ކަން އެނގި ހުރެއެވެ.
ނޫރާއަށްޓަކައި ޒޫނާ ވީ ގުރުބާނީ އަކީ މަދުން ނޫނީ ނުފެންނާނެ ގުރުބާނީއެކެވެ. އަމިއްލަ ބޮލުގައި އެތައް ބަދުނާމެއް އަޅުވައިގެން ކޮއްކޮގެ ހަޔާތަށް އުފާވެރިކަން ގެނެސްދިނުމަށް ޒޫނާ ގުރުބާންވީ މި ދުނިޔޭގައި އޭނާއަށް ލިބޭ އަނިޔާތަކަށް ބެލުމެއް ނެތިއެވެ. މި ދުނިޔެއަކީ ވަގުތީ މަންޒިލެއް ކަމަށް ގަބޫލުކޮށްގެން ހުރެ ދުނިޔޭގެ އުފާވެރިކަމަށް ވުރެ އާހިރަތް އިސްކޮށްގެނެވެ. ފަރަގު ކުރުމުން ލިބުނު ހިތްދަތިކަމަށް ވުރެ އޭނާ އިސްކުރީ ކޮއްކޮގެ އުފާވެރިކަމެވެ.
- ނިމުނީ -
ސަޅި ވާހަކައެއް. ޝާޒްލީގެ އިތުރުވާހަކަތައް ލިޔާލަން ލިބޭނެ ކަމަށް އުންމީދު ކުރަން