އިންޑިއާގެ ކުރީގެ އެމްޕީ، އަދި ގޭންގް ސްޓާރު އާތިގް އަހުމަދާއި އޭނާގެ ބޭބެ އަޝްރަފް އަހުމަދު ބިޑި އަޅުވައިގެން ހޮސްޕިޓަލަށް ގެންދަނިކޮށް ބޮލުގައި ބަޑި (ފިސްތޯލަ) ޖައްސާ މަރާލި މައްސަލައިގައި 5 ފުލުހަކު ސަސްޕެންޑް ކޮށްފިއެވެ.

އުއަތަރް ޕްރަދޭޝްގެ ޕްރަޔާގަރާޖުގެ ޝާހްގާންޖް ޕޮލިސް ސްޓޭޝަންގެ އިންޗާޖް އަޝްވަނީ ކުމާރު ސިންގް އާއި ސަބް އިންސްޕެކްޓަރަކާއި 3 ކޮންސްޓަބަލް ސަސްޕެންޑް ކުރީ، ފުލުހުންގެ ގިނަ ބަޔަކު އެމީހުން ވަށާލައިގެން ތިބެ ހޮސްޕިޓަލަށް ގެންދަނިކޮށް ދޭތެރެއަކުން އައި 3 މީހަކު އެމީހުންގެ ގަޔަށް ބަޑިޖަހާ މަރާލި މައްސަލައިގައި ފުލުހުންގެ އިހުމާލު އޮތް ކަމަށް ބަލާފައެވެ.

ނޫސްވެރިން ކަމަށް ހެދިގެން ފާސްވެސް އަޅައިގެން ތިބި 3 މީހަކު ސައިކަލުތަކެއްގައި އައިސް އެމީހުންގެ ބޮލުގައި ބަޑި ޖައްސާ މަރާލި އިރު، އެ މަންޒަރުތައް ޓީވީތަކުން ދިޔައީ ލައިވްކޮށް ދައްކަމުންނެވެ. އޭރު އާތިގް އާއި އަޝްރަފް ދިޔައީ މީޑިއާ އަށް އިންޓަވިއުވެސް ދެމުންނެވެ.

އާންމުކޮށްފައިވާ ވީޑިއޯ ފްޓޭޖްތަކުން ފެންނަ ގޮތުން، ފުލުހުން ވަށައިގެން ތިއްބާ، ބަޑިޖެހި މީހުން އެ 2 މީހުންނާ ކައިރިވެ، އާތިގްގެ ބޮލުގައި ފިސްތޯލަ ޖައްސާ ގޮއްވާލައެވެ. އެއާއެކު އޭނާ ވެއްޓުމުން އަޝްރަފް ގަޔަށް ވެސް ބަޖި ޖަހައެވެ. 2 މީހުންގެ ގަޔަށް ޖުމްލަ 14 ވަޒަން ޖަހާފައި ވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެ ހަމަލާ ދިނުމުގައި ޖުމްލަ 3 މީހަކު ޝާމިލް ވި ކަމަށާއި އެންމެންވެސް މިހާރު ހައްޔަރު ކޮށްފައި ވާ އިރު، އެމީހުން ބަޑިޖަހަމުން ގިވަމުން ދިޔައީ، "ޖައި ޝްރީ ރާމް" ނުވަތަ އެމީހުންގެ ރާމް ކަނލާނގެ މަތިވެރިއެވެ.

މި ހާދިސާއާ ގުޅިގެން އެކަން ހިނގި އުއްތަރް ޕްރަދޭޝްގެ ޕްރަޔާގްރާޖްގައި ގާނޫނެއް ނުހިނގާ ކަމަށް ބުނެ އެ ސްޓޭޓްގެ ޗީފް މިނިސްޓަރަށް ގިނަ ބަޔަކު ދަނީ ފާޑުކިޔުން އަމާޒު ކުރަމުންނެވެ. މި ކަމާ ގުޅިގެން އެ ސްޓޭޓްގެ ފުލުހުން ބުނީ، ހަތިޔާރު ހިފައިގެން ތިބި 3 މީހުން އައީ ސައިކަލުތަކެއްގައި ކަމަށާއި އެމީހުން ތިބީ ނޫސްވެރިން ކަމަށް ހެދިގެން ކަމަށެވެ. އަދި އާތިގާއި އަޝްރަފްގެ އިންޓަވިއުއެއް ނަގަނީ ކަމަށް ހެދި ގާތްވެފައި ބަޑިޖެހީކަމަށާއި ދެމީހުންގެ ބޮލަށްވެސް ވަޒަން އަރާފައި ވާކަމަށް ބުނެފައި ވެއެވެ.

މިހާދިސާ މިހެން ހިނގާފައި ވާ އިރު، އާތިގް ވަނީ އިންޑިއާގެ ވެރިކަން ކުރާ ޕާޓީ، ބީޖޭޕީގެ ފުލުހުންގެ ފަރާތުން އޭނާގެ ފުރާނައަށް ނުރައްކާ އޮތް ކަމަށް ބުނެ މީގެ އެއްމަސް ކުރިން ސްޕްރީމް ކޯޓަށް ޕެޓިޝަނެއްވެސް ހުށަހަޅާފައެވެ. ނަމަވެސް އެކަން ނުބަލައި އޮއްވާ މިހާދިސާ ހިނގި އިރު، މިދިޔަ ހަފްތާގައި ފުލުހުން ވަނީ، އާތިގްގެ ދަރި އުމުރުން 19 އަހަރުގެ އަސަދް އަހުމަދާއި އިތުރު ބައިވެރިން ބަޑިޖަހާ މަރާލާފައެވެ. އެކަމުގައި ފުލުހުން ބުނީ، ދެފަރާތުން ހަމަލާ ބަދަލު ކުރަނިކޮށް އެމީހުން މަރުވީ ކަމަށެވެ.

މަރުވި އާތިގް އަހުމަދު (60އ) އަކީ 2014 ވަނަ އަހަރު އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުކަން ކުރި މީހެއް ނަމަވެސް އޭނާ އަކީ ކިޑްނޭޕް ކުރުމާއި އެނޫންވެސް ގޭންގް ކުއްތަކާ ގުޅިގެން ވޯންޓަޑް ލިސްޓުގައި އޮތް މީހެކެވެ. އަދި އެ މުއްދަތުން ފެށިގެން އޭނާގެ މައްޗަށް 100 އަށް ވުރެ ގިނަ ދައުވާ އުފުލާފައި ވެއެވެ.

ރިޕޯޓްތައް ބުނާގޮތުން، ތަފާތު އެކިއެކި ދައުވާތައް އުފުލާފައި ތިބި 180 އަށް ވުރެ ގިނަ މީހުން ވޭތުގެ ތިޔަ ދެތިން އަހަރެއްގެ ތެރޭގައި އުއްތަރް ޕްރަދޭޝްގައި ފުލުހުން ބަޑިޖަހާ މަރާލާފައި ވެއެވެ. އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ފަރާތްތަކުން ބުނާ ގޮތުގައި މިއީ ގާނޫނި އިމުގެ ބޭރުން ފުލުހުން ހިންގާ ޖަރީމާއެކެވެ.

200 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އިންޑިއާގެ އެންމެ ބައިބޯ ޝަހަރުގައި މިފަދަ މަރުތައް ހިނގާތީ 2019 ވަނަ އަހަރު އދ އިން ވެސް ވަނީ ސަމާލުކަމަށް ގެނެސްފައެވެ.