މިދިޔަ އަހަރުގެ މޭ މަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ޝަރީއަތް އޮގަސްޓް މަހު ނިންމަން ތާވަލު ކޮށްފިއެވެ.

އަންނަ އޮގަސްޓު މަހުގެ 31 ވަނަ ދުވަހު އެ މައްސަލައިގެ ހުކުމް އިއްވަން ނިންމާފައި ވަނީ ގިނަ ދުވަސްތަކަކަށް މައްސަލަ ހުއްޓިފައި އޮތުމަށްފަހު މިއަދުއެވެ. ގިނަ ދުވަސްތަކަކަށް މެދުކެނޑިފައި އޮތުމަށް ފަހު އެ މައްސަލައިގެ އިފްތިތާހީ ބަޔާން އިއްވައި ޝަރީއަތް މިއަދު ވަނީ ފަށާފައެވެ.

އެ މައްސަލަ ބައްލަވާ ގާޒީ ސޮފްވަތު ވިދާޅުވި ގޮތުގައި ކޯޓުގެ ބާރު ނުފޯރާ ކަމެއް މެދުވެރިނުވާނަމަ މިއަދު އެކުލަވާލި ތާވަލާ އެއްގޮތަށް މައްސަލަ ކުރިއަށް ގެންގޮސް އޮގަސްްޓްމަހުގެ ފަހު ދުވަހު މައްސަލައިގެ ހުކުމް އިއްވޭނެއެވެ. ނަމަވެސް ހެކިބަސް ނެގުމަށް ހެކިވެރިން ހާޒިރުކުރަން ދަތިވާނަމަ ނުވަތަ ހުލާސާ ބަޔާން އިއްވަން މިހާރު ކަނޑައަޅާފައިވާ ދުވަސް ފަހުގެ ތާރީހަކަށް ބަދަލުކޮށްފިނަމަ އެ މައްސަލައިގެ ހުކުމް އިއްވާ ދުވަސް މިހާރު ކަނޑައަޅާފައިވާ ދުވަހަށްވުރެ ލަސްވާނެއެެވެ.

މިދިޔަ އަހަރުގެ މެއި މަހު ނަޝީދު ދިރިއުޅުއްވި ގ. ކެނެރީގެ ކައިރީގައި ޕާކްކޮށްފައި ހުރި ސައިކަލެއްގައި ނަޝީދަށް އަމާޒުކޮށް އެއްޗެއް ގޮއްވާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ ގއ. ކޮނޑޭ ފޮޅޭމާ، ތަހުމީން އަހުމަދާއި ނ. މަނަދޫ ނޫރީގޭ އަލީ ހައިޝަމާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި މ. ކުދެހިގޭ އިސްހާގުގެ އިތުރުން އއ. މާޅޮހު، އަސަރީގޭ މުހައްމަދު ނާޒިމް އަދި ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީގެ މައްޗަށެވެ.

މީގެ ކުރިން ކްރިމިނަލް ކޯޓުން ވަނީ ބޮން ގޮއްވާލި އަދުހަމް އަހުމަދު ރަޝީދު ހިޔާ، ވ. ތިނަދޫ 23 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފައެވެ. އޭނާ ވަނީ ކުށަށް އިއުތިރާފުވެ، އަދަބަށް ލުއި ލިބޭ ގޮތަށް ދައުލަތާއެކު އެއްބަސްވުމެއް ހަދައިފައެވެ.