"މަންމާ... ޒޫނާއަކީ ގޯސް މީހެއް ނޫން... އޭނާ އަބަދުވެސް އައީ އަހަރެންގެ ދިފާއުގައި ވާހަކަ ދައްކާ އަހަރެންގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް އެހީވަމުން... މިއަދު މި ހިސާބުގަައި އަހަރެން މިހުރީ ވެސް ޒޫނާއާ ހެދި.. މަންމަ ރުޅި އަންނަންޏާ އަންނަންވީ އަހަރެން ދެކެ.. ޒޫނާގެ އެއްވެސް ކުށެއް ނެތް... އިނގޭ މި ވާހަކަ ބުނަން ލަސްވެސް ވެއްޖެ. އެކަމަކު ދެން އެ ސިއްރު ހިފަހައްޓައިގެން ނުހުރެވޭނެތީ މި ކިޔައި ދިނީ.... މަންމާ އަހަރެންނަށް މައާފު ކުރޭ..."

ނުރާ އިން ތަނުން ތެދުވި އިރު ވެސް ޒުލޭހާ އިނީ ހިމޭނުންނެވެ. ހަގީގަތް ސާފުވީ ދުވަހު ޒުލޭހާ އިނީ ބަސް ހުއްޓިފައެވެ. ބުނާނެ އެއްޗެއް އޭނާއަކަށް ނޭނގުނެވެ. ޒުލޭހާ އަނގައިން ނުބުނާނެ ކަން އެނގުމުން ގެއަށް ދާން ހިނގައިގަންނަން އުޅެނިކޮށް ނޫރާގެ ފޯން ރިންގް ވުމުން ހުއްޓި ފޯނަށް ބަލާލިއެވެ.

ކަންފަތުގައި ފޯނު ޖެހުމާއެކު ހާސްވެފައި ހުރެ މުނާޒް ވާހަކަ ދެއްކި އަޑު އޭނާއަށް އިވުނެވެ. "ނޫރާ... ކޮންތާކު ތިހުރީ... ނުވެސް ބުނެ ބޭރަށް ދިޔައީ.. އަނެއްކާ...."

މުނާޒްގެ ވާހަކަ މެދު ކެނޑުނީ ނުރާ ވާހަކަ ދައްކަން ފެށުމުންނެވެ. "މީނީ މަންމަ ކައިރިއަށް އައިސް... ކޮބާ މައި ހޭލީތަ؟.."

ހާސްކަމާއި ހިތްދަތިކަން ފޮރުވަމުން ނޫރާ ބަލާލީ އޭނާގެ ދަރިފުޅު ހޭލައިފިތޯއެވެ. މައި ހޭލާ އުޅޭ ވާހަކަ ބުނުމުން ގެއަށް މިދަނީ ކަމަށް ބުނެ ފޯނު ކަނޑާލަމުން އަނެއްކާވެސް މަންމަގެ މޫނަށް ނޫރާ ބަލާލިއެވެ. އަދި އޭނާ ގެއަށް ދަނީ ކަމަށް ބުނުމުން ޒުލޭހާ މަޑުމަޑުން ބޯ ޖަހާލީ އިން ތަނުން ތެދުވާ ވަރުގެ ހިތްވަރެއް ނެތީމައެވެ.

މާޒީގައި ވީ ކަންތަކުގެ ސަބަބުން ޒޫނާ އާ މެދު ކަންތައް ކުރެވުނު ގޮތް ހިތަށް އެރުމުން ޒުލޭހާގެ ހިތް ވަނީ ކުދިކުދި ވެފައެވެ. މީގެ ކުރިން ވެސް ޒޫނާ އާ ދިމާއަށް އޭނާ އެއްޗިހި ކީ ދުވަސްތަކުގައި ވެސް އެތައް ފަހަރަކު ނޫރާ އެ ވާހަކަތައް ކިޔައިދޭން މަސައްކަތް ކުރި ކަން ވެސް ޒުލޭހާގެ ހަނދާނަށް އައެވެ. ނަމަވެސް އޭރުއް ސުރެ ޒޫނާ ގޯސްކޮށްފައި، އޭނާއާ ދޭތެރޭ ކަންތައް ކުރީ މައިވަންތަ ކަމުގެ ކުލުނު ހުރި މީހަކު ދަރިއަކާ މެދު ކަންތައް ކުރާނެ ގޮތަކަށް ނޫން ކަމަށް ޒުލޭހާ ގަބޫލު ކުރިއެވެ.

*** *** *** *** *** ***

ރުޅި އައިސްގެން ޒޫނާ ގެއިން ބޭރުކޮށްލާފައި ހުރި އިރު ޒޫނާ ގޮސް އުޅޭނީ ކޮންތާކު ކިހިނެއްތޯ ވެސް ބަލާކަށް ޒުލޭހާ ބޭނުމެއް ނުވިއެވެ. އެ ދުވަހަށް ފަހު ތިން ދުވަސް ވޭތުވެ ދިޔަ އިރު ވެސް އެގޭތެރޭގައި ޒޫނާގެ ނަންވެސް ގަތުން ވަނީ މަނާކޮށްފައެވެ. މަންމަގެ ރުޅިވެރިކަން ފެނި ނޫރާއަށް ވެސް އެއްޗެއް ބުނާކަށް ނުކުރުނެވެ.

ނަމަވެސް އެ ދެމީހުންގެ އުފަން ދުވަހު ދައްތައާ ވަކިން އުޅެން ނޫރާއަށް އުނދަގޫވިއެވެ. ދުވަސްތައް ފާއިތުވަމުން ދިޔަ އިރު، ކެއުން ބުއިމާ ނޫރާ ދުރުވެއްޖެއެވެ. ކިޔެވުމަށް ވެސް ސަމާލުކަން ދެވޭ ގޮތެއް އޭނާއަކަށް ނުވިއެވެ. ހިތްދަތިވެ، ދައްތައާ މެދު ހަމްދަރީވެ އޭނާ ވިސްނާ ފިކުރުކުރަމުން ދިޔަ އިރު އެ ހަށިގަނޑު އަނަރޫފަވެ ވަރު ދެރަ ވަމުން ދިޔަ ކަން އެކަކަށް ވެސް ނަގައެއް ނުގަނެވުނެވެ.

އެއް ދުވަހަކު ހެނދުނު ހޭލައިގެން ކޮޓަރިން ބޭރަށް ނިކުތް ނޫރާ ބޮލުގައި ރިއްސާ ވަރުން އުޅުނީ ދެލޯ ވެސް ރަނގަޅަށް ހުޅުވާލެވޭ ވަރު ނުވެގެންނެވެ. ޕެނެޑޯލް ގުޅައެއް ހޯދަން ނިކުމެ ބަދިގެއާއި ސިޓިން ރޫމްގައި ހުރި ރެކުތަކާއި ކަބަޑުތައް ހާވަމުން ދިޔައީ މަންމައަށް ގޮވާ އުނދަގޫ ކުރަން ބޭނުން ނުވާތީއެވެ.

އޭރު ޒުލޭހާ ކޮޓަރީތެރޭ އިނީ ހަތިމް ހިފައިގެން ކިޔަވާށެވެ. ރުޅިވެރިކަމާއި ހިތާމަކުރުމުން ދުރުހެލި ވުމަށް އޭނާ އޭރު އަޅުކަމަށް ސަމާލުކަން ދީ ގިނަ ވަގުތު ހޭދަ ކުރަމުން ދިޔައީ ކޮޓަރީގައެވެ. އެހެން އިންދާ އެއްޗެއް ވެއްޓުނު އަޑު އިވުމުން ޒުލޭހާ ހަތިމް ލައްޕާލަމުން އެ އަޑަށް ސަމާލުކަން ދިނެވެ.

އަޑެއް ބަޑެއް ނީވުމުން އަޑު ހަރުކޮށް ނޫރާގެ ނަމުން ގޮވާލީ އެގޭގައި އެ ދެމައިން ނޫން އިތުރު މީހަކު ނޫޅޭނެކަން އިނގޭތީއެވެ. ހަބަރެއް ނުވުމުން ޒުލޭހާ ކޮޓަރިން ނިކުތެވެ. އޭރު ސިޓިންރޫމްގެ ތަޅުންގަނޑުމަތީ ވެއްޓިފައި އޮތް ނޫރާގެ ހަށިގަނޑު ފެނުމުން ޒުލޭހާ އޭނާގެ ދަރިފުޅަށް ވީ ގޮތެއް ބަލަން އެ ދިމާއަށް ދުއްވައިގަތެވެ.

ނޫރާ އޮތީ ހަބަރު ހުސްވެފައެވެ. އެ މަންޖެ ގައިގައި ޒުލޭހާ އަތް ޖައްސާލި އިރު، ހުމާ ފިހެނީއެވެ. ނޫރާއަށް ގޮވާ ގޮވާ ވެސް އޭނާގެ ލޮލެއް ނުހުޅުވިއެވެ. އެހެންކަމުން ޒުލޭހާ ފޯން ނަަގާ ހުޅުމާލެ ހޮސްޕިޓަލަށް ގުޅާލީ އަވަސް ފަރުވާ ހޯދުމަށް އެގެއަށް އެމްބިއުލަންސް ގެނެސްދިނުމަށް އެދިއެވެ. އެމްބިއުލަންސް އެގެއާ ހަމައަށް އަންނަން ނެގީ ދިހަ ވަރަކަށް މިނެޓެވެ. އެ ވަގުތުކޮޅުގެ ތެރޭގައި ނޫރާ ހޭ އަރުވަން މޫނުގައި ފެން ހާކައި އެމަންޖެ މޫނުގައި ތަޅައި ގައިގާ ހިފާ ތަޅުވާ ގޮވަމުން ދިޔަ ޒުލޭހާއަށް ގޮތް ހުސްވިއެވެ.

ހޮސްޕިޓަލުގައި ނޫރާ އެޑްމިޓްކޮށްފައި އޮތް އިރު އޭނާގެ ހަށިގަނޑުން ވަރަށް ބޮޑަށް ފެން މަދުވެފައިވާ ކަމަށް ޑޮކްޓަރުން ބުންޏެވެ. ނޫރާ އަށް ވަމުންދިޔަ އުނދަގޫތައް ހިއްސާކުރުމުން އެއީ މާ ބޮޑަށް ސްޓްރެސް ވާތީ ވީ ކަމެއް ކަމަށް ބެލެވޭ ކަމަށާއި ޕެނިކް އެޓޭކެއް ޖެހުނީ ކަމަށް ވެސް ޑޮކްޓަރުން ބުންޏެވެ. ގެއަށް ދޫކޮށްލަން އޮތް ދުވަހު ނޫރާގެ ކަންކަން ވަރަށް ގާތުން ބަލައި މޮނިޓާ ކުރުމަށާއި އޭނާ ދެރަވާ ފަދަ ކަމެއް ނުކުރުމަށް ޑޮކްޓަރުން ނަސޭހަތް ދިނެވެ. އަދި ސައިކޭޓްރިސްޓަަކަށް ދައްކައިގެން އިތުރު ފަރުވާ ހޯދުމަށް ވެސް ޑޮކްޓަރުން ބުނެފައި ވެއެވެ.

ހޮސްޕިޓަލުން ގެއަށް އައި އިރު، އެގޭ ކުރިމަތީގައި ޒޫނާ ސައިކަލުގައި މަޑުކޮށްގެން އިންތަން ފެނުމުން ނޫރާ ހައިރާންވިއެވެ. މަންމަ ރުޅި އަންނާނޭ ހިތަށް އެރުމުން އޭނާގެ ނޭވާ ކުރުވެ، މިހާ ދާހިއްލަން ފަށައިފިއެވެ. ނޫރާއަށް ވަމުންދިޔަ ގޮތްތައް ފެނުމުން ޒުލޭހާ ކަންބޮޑުވިއެވެ. އަދި ކާރުން ފޭބުމަށްފަހު ނޫރާ ގާތު ހަމައަށް ނޭވާލުމަށް ފުން ކޮށް ނޭވާލާން މަސައްކަތް ކުރަން ޒުލޭހާ އެދުނެވެ. އެ ވަގުތު އެމީހުން ކުރިމައްޗަށް އައިސް ޒޫނާ ހުއްޓިލަމުން ނޫރާ އަށް ގޮވާލިއެވެ.

ޒުލޭހާ އެއްޗެކޭ ބުނާކަށް ނުހަދާ ޒޫނާ އާއެކު ނޫރާ އެތާ ބަހައްޓާފައި ގޭތެރެއަށް ވަނެވެ. އެ މަންޒަރު ބަލަން ހުރި ނޫރާގެ ދެލޯ ކަރުނުން ފުރުނެވެ. މަންމަގެ ހަރަކާތަށް ބެލުމެއް ނެތި ނޫރާ ގޮވައިގެން ގޭތެރެއަށް ވަންނަން ޒޫނާ އަވަސްވެގަތެވެ. ނޫރާގެ އަތުގައި ހިފައިގެން އެތެރެއަށް ވަތް އިރު ވެސް ނޫރާ އިނީ މަންމަ ކިޔާފާނެ އެއްޗަކާ މެދު ކަންބޮޑުވެފައެވެ.

ގެއަށް ނޫރާއާ އެކީ ޒުނާ ވަނެވެ. މަންމަ އެކަމާ ދެކޮޅަށް އެ ދުވަހު ބަހެއް ވެސް ނުބުންޏެވެ. ނޫރާ ކޮޓަރިއަށް ވެއްދުމަށްފަހު ޒޫނާ އެތަނުން ދާން ހިނގައިގަތް ވަގުތު އޭނާ ހުއްޓުވީ ޒުލޭހާއެވެ. "ކޮންތާކަށް ތިދަނީ؟ ގެއަށް އައިސް ވަދެވިއްޖެއެއްނު... ދެން މަޑުކުރޭ... އޭގެ މާނައަކީ މަ ޒޫނާއަށް މައާފްކޮށްފީމެކޭ ނޫން.. މިގޭގަ ހުންނަން ހުއްދަ މިދިނީ ނޫރާ ބަލިވީމަ... ޑޮކްޓަރުން ބުނީ.. ނޫރާ ދެރަ ނުކުރާށޯ.."

ދުވަސްތައް ފާއިތުވަމުން އައިސް ނޫރާ މަޑުމަޑުން ހަމައަކަށް އެޅިއްޖެއެވެ. އެ ފަހަރު އިމްތީހަނުގައި ނޫރާއަށް ބައިވެރި ނުވެވުމުން އަންނަ އަހަރު އެ ސެމެސްޓާ ރިޕީޓް ކުރާ ގޮތަށް ކޯސް ފުރިހަމަ ކުރުމުގެ ފުރުސަތު ވަނީ ދީފައެވެ. އެހެންކަމުން ގޭގައި ހުރެ ނޫރާ ދިޔައީ ކިޔެވުމަށް ސަމާލުކަން ދީގެން ސެމެސްޓާ ފެށެން ވާއިރަށް ތައްޔާރުވަމުންނެވެ.

އެއްދުވަހަކު ރައްޓެހިންތަކަކާއެކު ގެއިން ބޭރުގައި ވަގުތު ހޭދަކުރުމަށްފަހު ގެއަށް އައިސް ވަން ޒުލޭހާގެ މޫޑު ހުރީ ރަނގަޅަކަށް ނޫނެވެ. އޭނާ ގެއަށް އައި އިރު ޒޫނާ އިނީ ކާމޭޒު ދޮށުގައެވެ. ބަތާއޮ ގަރުދިޔައާ މޮޑެގެން ކާން އިން ޒޫނާ އޭނާގެ މަންމަ އައިސް މޭޒު ކައިރިއަށް ހުއްޓުމުން މަންމަގެ މޫނަށް ބަލާލިއެވެ.

ޒުލޭހާ ހުރީ ރުޅިއައިސް ފުފިފައި އިން ކުކުޅެއް ހެންނެވެ. މޫނުމަތިން އޮއް ދާ ހިއްލާފައިވާ އިރު، ރަތްވެ ބޮޑުވެފައިވާ ދެލޮލާއި ދަތްކުނޑިވިކަމުން ދިޔައިރު މަންމަގެ ރުޅި ހުރި ހިސާބު ދެނެގަންނަން ޒޫނާއަށް އެނގުނެވެ. އެހެންވެ މަންމަގެ މޫނު ފެނުމާއެކު އޭނާ މަޑުމަޑުން އިސްޖަހާލިއެވެ.

އިސްޖަހައިގެން އިން ޒޫނާއަށް އިހްސާސްވީ އޭނާގެ އިސްތަށިގަނޑުގައި ހިފާ ޒުލޭހާ ދަމައިގެން ކަމެވެ. ވީ ތަދުން އިސްތަށިގަނޑުގައި ހިފަމުން ބޮލަށް ވާން ނުކޮށް ދޫދެމުން މަންމަ ދަމައިގެން ފަރާތަށް ބޯ އަރިކޮށްގެން އޮވެ ޒޫނާ ރޮއެގަތެވެ. މަންމާ ތަދުވެއޭ ބުނުމުން ވެސް ޒުލޭހާ ދޫ ދޭކަށް ބޭނުމެއް ނުވިއެވެ.

ޒޫނާގެ އިސްތަށިގަނޑުގައި ހިފައިގެން އޭނާ ގޭތެރެއަށް ވަންނަން ހިނގައިގަތެވެ. ދަމަމުން އެ މަންޖެ ގެންގޮސް ގުޅަވަރަކަށް ބިންމައްޗަށް ހޫރާލިއެވެ. ޒޫނާ ރޮމުން ދިޔަ ނަމަވެސް އޭނާގެ މަންމައާ ދިމާއަށް ބަލައިވެސް ނުލައި އިނީއެވެ. އެއްޗެއް ބުނާކަށް ވެސް އޭނާ މަސައްކަތެއް ނުކުރެއެވެ.

އެއްފަރާތެއްގައި ހުރި ފިހިގަނޑު ޒުލޭހާއަށް ފެނުމާއެކު އެ ފިހިގަނޑު ހިފައިގެން އައިސް ޒޫނާއާ ދިމާއަށް މަޅާލުމުން ކަކޫ ޖަހައިގެން ބިންމަތީގައި އިން ޒޫނާ އޭނާގެ ހަށިގަނޑު މެއާލާ ގުދުކޮށްލިއެވެ. ޒުލޭހާ އަޅުވާލި އެތިފަހަރު އެރީ ސީދާ ޒޫނާގެ ބުރަކައްޓަށެވެ. ވީތަދުން ވޭނީ އާހުގެ އަޑަކާއެކު ޒޫނާ ރޮއެގަތެވެ.

- ނުނިމޭ -