އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައި ވާ ޗައިނާގެ އާ ޑިފެންސް މިނިސްޓަރު ލީ ޝަންގްފޫ މޮސްކޯއަށް ވަޑައިގެން ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން އާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ އަސްކަރީ ދާއިރާއިން ދެގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރައްވާނެ ކަމަށް ވިދާޅުވެ ހުޅަނގަށް މެސެޖެއް ދެއްވާފައެވެ.

ލީ އާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އެޅީ އޭނާ ޗައިނާގެ މިލިޓަރީ ޑިވެލޮމްމަންޓްގެ ވެރިއަކަށް ހުންނެވި އިރު ރަޝިއާ ސަރުކާރުން ކޮންޓްރޯލް ކުރާ ރޮސޮބޮރޮންއެކްސްޕޯޓް ކިޔާ ކުންފުންޏަކުން އަސްކަރީ އާލާތްތައް ބައްލަވައިގަން މައްސަލައިގައި 2018 ވަނަ އަހަރުއެވެ. އޭނާ ވަނީ ރަޝިއާގެ ޒަމާނީ ބައެއް އުފެއްދުން ކަމަށް ވާ އެސްޔޫ-35 މަރުކާގެ ހަނގުރާމަ މަތީ ބޯޓާއި އެސް-400 މަރުކާގެ ބިމުން ވަޔަށް މިސައިލް ފޮނުވާ ސިސްޓަމް ޗައިނާއަށް ގަނެފައެވެ.

ލީ ރަޝިއާއަށް ވަޑައިގެންނެވި އިރު މިދިޔަ މަހު ވަނީ ޗައިނާގެ ރައީސް ޝީ ޖިންގްޕިން ވެސް ރަޝިއާ އަށް ވަޑައިގެންފައެވެ.

މި ދެވެރިންގެ ބައްދަލުވުމުގައި ޔޫކްރައިން ހަނގުރާމައިގެ ވާހަކަ ދައްކަވާފައި ނުވާ އިރު ވާހަކަތައް މުޅިންވެސް އަމާޒު ކުރައްވާފައި ވަނީ އަސްކަރީ ދާއިރާއިން ދެގައުމުގެ ގުޅުންތައް އިތުރަށް ވަރުގަދަކޮށް އެދާއިރާގެ މައުލޫމާތު ބަދަލުކުރުން އިތުރަށް ހަރުދަނާ ކުރުމާ ބެހޭގޮތުންނެވެ.

ޔޫކްރައިންގައި ރަޝިއާއިން ކުރަމުން ދާ ހަނގުރާމަ ނިމުމަކަށް ގެނެސް ސުލްހަ ގާއިމު ކުރުމަށް ޗައިނާއިން އިސްނަގައިގެން ވަނީ 12 ނުކުތާގެ ޕްލޭނެއް ހުށަހަޅާފައެވެ. މި ޕްލޭނަށް ރަޝިއާއިން ތާއީދު ކޮށްފައި ވާ އިރު ހުޅަނގުގެ ބައެއް ގައުމުތަކާއި ޔޫކްރައިން އިންވެސް ވަނީ ފެހި ސިގްނަލެއް ދީފައެވެ. އެގޮތުން ޔޫކްރައިންގެ ރައީސް ވަލްޑިމިއާ ޒެލޮންސްކީ ވަނީ އެ ޕްލޭނާ ގުޅޭ ގޮތުން ޗައިނާގެ ރައީސް ޝީ އާ ބައްދަލުކުރައްވާ މަޝްވަރާ ކުރައްވަން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.

ޔޫކްރައިން ހަނގުރާމަ ދިގުމައި މިޙާ ހިސާބަށް އައިސްފައި ވާ އިރު، އެންމެ ފަހުން ތިލަވަގެން ދިޔަ ވާހަކަތަކަކީ، ހުޅަނގުގެ ބައެއް ގައުމުތަކުގެ ސްޕެޝަލް ފޯސަސްގެ މެންބަރުން ޔޫކްރައިންގައި ހަރަކާތްތެރިވާ ކަމުގެ ވާހަކަތަކެވެ. އެމެރިކާގެ ސިއްރު ލިޔެކިޔުންތަކެއް މީޑިއާ އަށް ތިލަވެފައި ވާ އިރު އޭގައި ބުނާގޮތުން، އިނގިރޭސީންނާއި އެމެރިކާ އަދި ނެދަލޭންޑާއި ޖަރުމަނުގެ ސިފައިން ޔޫކްރައިންގައި އެބަތިއްބެއެވެ.