އިޖުތިމާއީ ހިދުމަތުގައި މަގުބޫލު މީހަކު ބައިވެރިވާތީ ސަރުކާރުން އިންތިޒާމު ކުރި އިވެންޓެއްގައި އެތައް އިރަކު އަވީގައި ތިބެން ޖެހުމުގެ ސަބަބުން 11 މީހަކު މަރުވެ އެތައް ބަޔަކަށް ފަރުވާ ދޭން ޖެހިއްޖެއެވެ.

އިނާމު ދިނުމަށް ބޭއްވި އެ ހަފްލާ ނުވަތަ އިވެންޓުގައި ގިނަ އަދަދެއްގެ އާންމުން ވަނީ ބައިވެރި ކޮށްފައެވެ. ފޮޓޯތަކުން ފެންނަ ގޮތުން އެ އެންމެންވެސް ތިބެން ޖެހުނީ ހާމައަށް އޮތް ބޮޑު މައިދާނެގައި ރަތްދައްކާ އަވީގައެވެ.

ހަބަރުތައް ބުނާގޮތުން އެގޮތަށް 4-5 ގަޑި އިރު ތިބެން ޖެހުމުން އެ ހޫނުގައި ބައެއް މީހުން އަނބުރާގަނެ ހޭނެތި ހޮސްޕިޓަލަށް ގެންދަން ވެސް ޖެހިފައި ވެއެވެ. އަދި މަރުވި މީހުންވެސް މަރުވީ ހޫނުގައި ހަށިގަނޑުގެން ފެން މަދުވެ ހީޓްސްޓްރޯކް ޖެހިގެން ކަމަށް ބުނެއެވެ.

ރާއްޖެއެކޭ އެއްގޮތަށް އިންޑިއާއަށް ވެސް އެންމެ ހޫނުގަދަ މަހަކީ އޭޕްރީލް ކަމަށް ވާއިރު، އެ ހަރަކާތް ބޭއްވި ސިޓީގައި އެ ދުވަހުގެ ހޫނުމިން ހުރީ 38 ޑިގްރީގައެވެ. އެ ހޫނުގައި އެންމެ އަވި ބާރު ގަޑީގައި ހަފްލާ ބާއްވާފައިވާ އިރު އެއީ އެތައްހާސް ބަޔަކު އެއްވެފައި ތިބިތަން ފޮޓޯތަކުން ފެނެއެވެ.