މިއަހަރުގެ މޯލްޑިވެސް މީޑިއާ ކައުންސިލް އިންތިހާބުގައި ވޯޓު ލުމަށް ރަޖިސްޓްރީ ކުރި ފަރާތްތަކުގެ ވަގުތީ ލިސްޓް އާންމުކޮށް، އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

ޝަކުވާ ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން ހޯމް މިނިސްޓްރީގެ އީމެއިލް އަށް މެއިލް ކޮށް ޝަކުވާ ހުށަހެޅޭނެ ކަމަށާއި އޭޕްރީލް 18 ވަނަ ދުވަހު 00:00 ގެ ނިޔަލަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ވަގުތީ ލިސްޓް މިހާރު އާންމު ކޮށްފައިވާއިރު އެކި މީޑިއާ ތަކުން ޖުމްލަ 90 ފަރާތަކުން ވަނީ ރަޖިސްޓްރީ ކޮށްފައެވެ. މީޑިއާ ކައުންސިލްގެ މެންބަރު ކަމަށް ކުރިމަތިލާފައިވަނީ "ހަބަރު" އޮންލައިންގެ ފަރާތުން އަލީ އަދަމް އާއި "ލުއި" މީޑިއާގެ ފަރާތުން އަހްމަދު މުޖްތަބާއެވެ.

އަދި އާންމުންގެ މެންބަރަކަށްވުމަށް ހަތަރު މީހުން ކުރިމަތިލާފައި ވާއިރު އެ ފަރާތް ތަކަކީ އާއިޝަތު ނާޒް، ޖައިލަމް ތައުފީގް، އަލީ އިސްމާއީ އަދި އަބްދުﷲ ޝާކިރު މުހައްމަދު އެވެ.

އެމްއެމްސީގެ އިންތިހާބު ބާއްވަނީ އެ ކައުންސިލަށް އެއް މެމްބަރަކު ހޮވުމަށާއި އާންމުންގެ ދެ މެމްބަރަކު ހޮވުމަށް ކަމަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒް އިން މީގެ ކުރިން ވަނީ ބުނެފައެވެ. އިންތިހާބުގައި ވޯޓު ލުން އޮންނާނީ މިމަހުގެ 29 ވަނަ ދުވަހުއެވެ.