ބޮޑު ގޭންގަކަށް ނިސްބަތްވާ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ކުރީގެ މެންބަރު، އާތިގް އަހުމަދާއި އޭނާގެ ބޭބެ ފުލުހުންގެ ބެލުމުގެ ދަށުން މެޑިކަލް އަށް ގެންދަނިކޮށް ލައިވް ޓީވީގައި އެމީހުންގެ ގަޔަށް ބަޑިޖަހާ މަރާލައިފިއެވެ.

ނޫސްވެރިންނަށް ވެގެން ތިބި ބަޔަކު، އެމީހުން ގެންދިޔަ މަގުމަތީގައި އެމީހުންގެ ގާތަށް ޖެހި، ބަޑިޖެހީ ބޮލުގައި ޖައްސައެވެ. އޭރު ފުލުހުންގެ ގިނަ ބަޔަކު އެދެމީހުންގެ ވަށައިގެން ތިބި އިތު، އެ ދެމީހުން އޭރު ގެންދިޔައީ ބިޑިއަޑުވަޅުވައި ދެމީހުން އަތުލަފިކޮށްގެންނެވެ.

އާތިގް އާއި އޭނާގެ ބޭބެ އޭރު ދިޔައީ ނޫސްވެރިންނަށް އިންޓަވިއުދެމުންނެވެ. ލައިވްކޮށް ޓީވީތަކުން އެ މަންޒަރު ދައްކަންމުން ދިޔައިރު، ފިސްތޯލަ ހިފައިގެން ތިބި މީހުން ފުލުހުންގެ ތެރެއަށް ކުއްލިއަކަށް ވަންނަތައް ފެނެއެވެ. އެއާއެކު އެކަކު، އާތިގްގެ ބޮލުގައި ފިސްތޯލަ ޖައްސާ ބަޑި (ފިސްތޯލަ) ޖަހައެވެ. އެއާއެކު އާތިގް ބިންމައްޗަށް ވެއްޓޭތަނުން، ދެވަނަ މީހަކުވެސް ފިސްތޯލަ ހިފައިގެން ނުކުމެ އޭނާގެ ބޭބެގެ ގަޔަށް ބަޖި ޖަހައެވެ. ޖުމްލަ 14 ވަޒަން ޖެހިކަމަށް އިންޑިއާގެ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

އާތިގް އާއި އަޝްރަފް ފުލުހުންގެ ބެލުމުގެ ދަށުން ހޮސްޕިޓަލަށް ގެންދަނީ

އެ ހަމަލާ ދިނުމުގައި ޖުމްލަ 3 މީހަކު ޝާމިލް ވި ކަމަށާއި އެންމެންވެސް މިހާރު ހައްޔަރު ކޮށްފައި ވާ އިރު، އެމީހުން ބަޑިޖަހަމުން ގިވަމުން ދިޔައީ، "ޖައި ޝްރީ ރާމް" ނުވަތަ އެމީހުންގެ ރާމް ކަނލާނގެ މަތިވެރިއެވެ.

މި ހާދިސާއާ ގުޅިގެން އެކަން ހިނގި އުއްތަރް ޕްރަދޭޝްގެ ޕްރަޔާގްރާޖްގައި ގާނޫނެއް ނުހިނގާ ކަމަށް ބުނެ އެ ސްޓޭޓްގެ ޗީފް މިނިސްޓަރަށް ގިނަ ބަޔަކު ދަނީ ފާޑުކިޔުން އަމާޒު ކުރަމުންނެވެ. މި ކަމާ ގުޅިގެން އެ ސްޓޭޓްގެ ފުލުހުން ބުނީ، ހަތިޔާރު ހިފައިގެން ތިބި 3 މީހުން އައީ ސައިކަލުތަކެއްގައި ކަމަށާއި އެމީހުން ތިބީ ނޫސްވެރިން ކަމަށް ހެދިގެން ކަމަށެވެ. އަދި އާތިގާއި އަޝްރަފްގެ އިންޓަވިއުއެއް ނަގަނީ ކަމަށް ހެދި ގާތްވެފައި ބަޑިޖެހީކަމަށާއި ދެމީހުންގެ ބޮލަށްވެސް ވަޒަން އަރާފައި ވާކަމަށް ބުނެފައި ވެއެވެ.

މިހާދިސާ މިހެން ހިނގާފައި ވާ އިރު، އާތިގް ވަނީ އިންޑިއާގެ ވެރިކަން ކުރާ ޕާޓީ، ބީޖޭޕީގެ ފުލުހުންގެ ފަރާތުން އޭނާގެ ފުރާނައަށް ނުރައްކާ އޮތް ކަމަށް ބުނެ މީގެ އެއްމަސް ކުރިން ސްޕްރީމް ކޯޓަށް ޕެޓިޝަނެއްވެސް ހުށަހަޅާފައެވެ. ނަމަވެސް އެކަން ނުބަލައި އޮއްވާ މިހާދިސާ ހިނގި އިރު، މިދިޔަ ހަފްތާގައި ފުލުހުން ވަނީ، އާތިގްގެ ދަރި އުމުރުން 19 އަހަރުގެ އަސަދް އަހުމަދާއި އިތުރު ބައިވެރިން ބަޑިޖަހާ މަރާލާފައެވެ. އެކަމުގައި ފުލުހުން ބުނީ، ދެފަރާތުން ހަމަލާ ބަދަލު ކުރަނިކޮށް އެމީހުން މަރުވީ ކަމަށެވެ.

މަރުވި އާތިގް އަހުމަދު (60އ) އަކީ 2014 ވަނަ އަހަރު އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުކަން ކުރި މީހެއް ނަމަވެސް އޭނާ އަކީ ކިޑްނޭޕް ކުރުމާއި އެނޫންވެސް ގޭންގް ކުއްތަކާ ގުޅިގެން ވޯންޓަޑް ލިސްޓުގައި އޮތް މީހެކެވެ. އަދި އެ މުއްދަތުން ފެށިގެން އޭނާގެ މައްޗަށް 100 އަށް ވުރެ ގިނަ ދައުވާ އުފުލާފައި ވެއެވެ.

ރިޕޯޓްތައް ބުނާގޮތުން، ތަފާތު އެކިއެކި ދައުވާތައް އުފުލާފައި ތިބި 180 އަށް ވުރެ ގިނަ މީހުން ވޭތުގެ ތިޔަ ދެތިން އަހަރެއްގެ ތެރޭގައި އުއްތަރް ޕްރަދޭޝްގައި ފުލުހުން ބަޑިޖަހާ މަރާލާފައި ވެއެވެ. އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ފަރާތްތަކުން ބުނާ ގޮތުގައި މިއީ ގާނޫނި އިމުގެ ބޭރުން ފުލުހުން ހިންގާ ޖަރީމާއެކެވެ.

200 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އިންޑިއާގެ އެންމެ ބައިބޯ ޝަހަރުގައި މިފަދަ މަރުތައް ހިނގާތީ 2019 ވަނަ އަހަރު އދ އިން ވެސް ވަނީ ސަމާލުކަމަށް ގެނެސްފައެވެ.

ތަފާތު ޕާޓީތައް ތަމްސީލް ކުރާ ސިޔާސީ އެތައް ބަޔަކާ ދެކޮޅަށް އެ ޝަހަރުގައި ދައުވާތައް އުފުލާފައި ވެއެވެ. އިންޑިޕެންޑެންތް އެސޯސިއޭޝަން ފޯ ޑިމޮކްރެޓިކް ރިފޯމްސް ގްރޫޕުން ބުނާ ގޮތުގައި، އުއްތަރް ޕްރަދޭޝްގެ ސަރުކާރުގެ މިނިސްޓަރުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންނަކީ ކުށްވެރިންކަމަށް ތުހުމަތު ކުރެއެވެ. އެގޮތުން އެ ސްޓޭޓްގެ ޗީފް މިނިސްޓަރު ޔޯގީ އަދިޔަނާތުގެ މައްޗަށްވެސް އެފަދަ ތުހުމަތު އޮތީ ކުރެވިފައެވެ. ނަމަވެސް އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވެރިކަމަށް ވަޑައިގެން 2017 ގައި އޭނާގެ ކޭސް ވަނީ އަނބުރާ ގެންދަވާފައެވެ.