އިއްޔެ ބޭއްވި ރައްޔިތުން މަޖިލީހުގެ ބައި އިލެކްޝަނުގައި ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީން ކާމިޔާބު ކުރީ ހުރިހާ ނުފޫޒަކާ ބެހި އެތައް މިލިއަން ރުފިޔާ ބަހައިގެން ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު، އާދަމް ޝަރީފް އުމަރު ތުހުމަތު ކުރައްވައިފިއެވެ.

ސަރުކާރަށް ފާޑުވިދާޅުވެ ޝަރީފް ވިދާޅުވެފައި ވަނީ، ރާއްޖޭގެ އެންމެނަށް އެމްޑީޕީން ނުފޫޒު ނުފޯރުވޭނެ ކަމަށާއި، ހުރިހާ ރައްޔިތުންނަކީ ފައިސާ އަށް ވިކޭނެ ބައެއް ނޫން ކަމަށެވެ. އަދި ރައީސް ޔާމީން މިނިވަންކޮށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނެ ޕާޓީއަކީ ވެސް ޕީޕީއެމް ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.

ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ކަން ވެސް ފުރުއްވަމުން އަންނަ ޝަރީފް ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ، "ދާއިރާގެ ވޯޓް ލީ 2755 މީހުންގެ ތެރެއިން ސަރުކާރުގެ ހުރިހާ ނުފޫޒަކާ ބެހި ހުރިހާ ލާރިއާއެކު ލިބުނީ 1346 ވޯޓު. ބާކީ 1409 ސަރުކާރަށް ބުނީ ނޫނެކޭ އަދި 3 ރަށުން 50 ޕަސެންޓް ވެސް ނުލިބޭ" ކަމަށެވެ. އަދި މި ސާމްޕަލް އަށް ބަލާނަމަ އެމްޑީޕީ ބޮޑު ތަނުން ބަލިވެ ޕީޕީއެމް އަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ޕީޕީއެމްގެ މެންބަރުން ވަނީ އިންތިހާބު ކުރިއަށް ގެންދިޔަ ގޮތާ މެދު ކަންބޮޑުވުން ފާޅު ކޮށްފައެވެ. އެގޮތުން ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުން ބައި-އިލެކްޝަންގެ ވަގުތަށް ބަދަލު ގެނެސްފައި ވަނީ ޕީޕީއެމާ އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި ކަމަށާއި އެ ޕާޓީން އެކަން ބަލައިނުގަންނާނެ ކަމަށެވެ.

"މިއީ ސީދާ ވޯޓުން ސަރުކާރު ބަލިވާނެ ކަން އެނގޭތީ ޖަރީމާ ހިންގަން ކުރި ކަމެއް،" ޝިޔާމް ވިދާޅުވިއެވެ.

އިންތިހާބުތަކުގައި ވޯޓުލާ ވަގުތު އިލެކްޝަންސް ކޮމިޝަނުން ބޭނުންވާއިރަށް ކުރެވޭ ކަމަށް ވިދާޅުވެ، އެމްއެންޕީގެ ނައިބު ރައީސް އަދި ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ވިދާޅުވި ގޮތުގައި، އޭގެ ބަދަލުގައި، އިންތިހާބުތަކުގެ ވަގުތު އިތުރުކުރެވޭނެ ފަދަ ހާލަތްތައް ލިޔުމުން ފެންނަން އޮތުން މުހިންމެވެ. އިންތިހާބުތަކުގެ ވަގުތު ކަނޑައެޅުމުގައި އެއްވެސް ހަމައެއް ނެތް ކަމަށް ވިދާޅުވެ، އުޝާމް ވަނީ އިލެކްޝަންސް ކޮމިޝަނަށް ފާޑުވިދާޅުވެފައެވެ.

14 އަހަރުގެ ދިގު ތާރީހަކަށް ފަހު ގުރައިދޫ ދާއިރާގެ ގޮނޑި ޕީޕީއެމް އަށް ގެއްލުނީ 120 ވޯޓުގެ ތަފާތުންނެވެ. އެގޮތުން ވަގުތީ ނަތީޖާ އަށް ބަލާއިރު، އެމްޑީޕީން ވާދަ ކުރި އިބްރާހިމް ޝާޒް އިންތިހާބު ކާމިޔާބު ކުރީ ޖުމްލަ 1346 ވޯޓާ އެކު އެވެ. ޕީޕީއެމްގެ ކެންޑިޑޭޓް ހުސެން ރިޒާ އަށް 1226 ވޯޓު ލިބިފަިއިވާއިރު އެމް އެންޕީގެ އާރިފަށް ލިބުނީ 122 ވޯޓެވެ.