ގއ. ކޫއްޑު، ކ. ކަނޑުއޮތްގިރި އަދި މ. މުލަކު ހިމެނޭހެން ތިން ރަށެއްގައި ކޯލްޑް ސްޓޯރޭޖް އަޅާނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާން ކޮށްފިއެވެ.

ފިނޭންސް އިން ކުރި އިއުލާނުގައި ބުނެފައިވަނީ، ތިން ރަށުގައިވެސް ކޯލްޑް ސްޓޯރޭޖް އެންޑް އެސޯސިއޭޓެޑް އެންސިލަރީ ފެސިލިޓީސް ޑިވެލޮޕް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށާއި އެހެން ކަމުން މިމަސައްކަތަށް ބިޑު ހުށަހެޅުމުގެ ފުރުސަތު، އެކަމަށް ޝަރުތުހަމަވާ ފަރާތްތަކަށް ހުޅުވާލާފައިވާ ކަމަށެވެ.

ސައުދީ ސަރުކާރުގެ އެހީގައި ހިންގުމަށް ރާވާފައިވާ މި މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތިން ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން:

  • ލޮޓް 1: ގއ. ކޫއްޑޫގައި އިތުރު 4000 ޓަނުގެ ކޯލްޓް ސްޓޯރޭޖް ކެޕޭސިޓީއާއި ޕަވަރް އިމްޕްރޫވްމަޓްގެ މަސައްކަތް
  • ލޮޓް 2: ކ. ކަނޑުއޮތްގިރީގައި 200 ޓަނުގެ ކޯލްޓް ސްޓޯރޭޖް ކެޕޭސިޓީއާއި ބްލާސްޓް ފްރީޒިންގް ފެސިލިޓީގެ މަސައްކަތް
  • ލޮޓް 3: މ. މުލަކުގައި 500 ޓަނުގެ ކޯލްޓް ސްޓޯރޭޖް ޑިވެލޮޕް ކުރުމުގެ މަސައްކަތް

ބީލަމުގައި ބައިވެރިވުމަށް 1,500 ރުފިޔާ ނުވަތަ 100 ޑޮލަރުގެ ނަން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭއިރު ފައިސާ ބަލައިގަންނާނީ ބިޑް ހުޅުވާ ދުވަހުން ފެށިގެން އަންނަ މަހު 8 ވަނަ ދުވަހުގެ ނިޔަލަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އިން 14:00 އަށެވެ. އަދި އޮންލައިން ކޮށް ޕޭމަންޓް ދައްކަން ބޭނުން ނަމަ ފިނޭންސްގެ އޮންލައިން ޕޭމަންޓް ޕޯޓަލް (ބަނޑޭރި ޕޭ) މެދުވެރިކޮށްވެސް ފައިސާ ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ.

ބިޑް ސެކިއުރިޓީ ދެއްކުމަށް ހަމަޖެހިފައިވަނީ ކޮންމެ ލޮޓެއް ވަކިންނެނެވެ. އަދި ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ.

  • ލޮޓް 1: 35,000.00 ޑޮލަރު
  • ލޮޓް 2: 16,000.00 ޑޮލަރު
  • ލޮޓް 3: 12,000.00 ޑޮލަރު

މީގެ އިތުރުންވެސް އިއުލާނުގައި ބުނެފައިވަނީ، މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދާނީ، ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ 'ގައިޑްލައިން ފޯ ޕްރޮކިއުމަންޓް އޮފް ގުޑްސް އެންޑް ކޮންޓްރެކްޓިން ފޯ ދަ އެގްސެކިއުޝަން އޮފް ވޯކްސް' އާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އަދި މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބިޑިންގް ޑޮކިއުމަންޓްގައި ބަޔާންކުރެވިފައިވާނެ ކަމަށްވެސް އިއުލާންގައި ވެއެވެ.