ކޮންމެ ހަފްލާއެއް ވެސް ފަޅުފިލުވަދޭ އެއް ބައިވެރިއަކީ ކޭކެކެވެ. އެންމެ ކުދި ހަފްލާތަކުން ފެށިގެން ބޮޑެތި ހަފްލާތަކުގައިވެސް ކޭކެއް ނެތިއްޔާ އެ ހަފްލާއެއް ފުރިހަމަނުވާނެ އެވެ. އެއާއެކު މި ކުޑަ މުޖްތަމައުއަށް ބަލައިލިޔަސް ކޭކު އަޅާ މީހުން ދަނީ ދުވަހަކަށް ވުރެ ދުވަހެއް އިތުރުވަމުންނެވެ. ރާއްޖޭގައި ވެސް މި ރޮނގުގައި ފާހަގަ ކޮށްލެވޭ މީހުން ތިބި ކަމީ އަހަރުމެން ދިވެހިން އެކަމަކަށް ފަހުރު ވެރިވާނޭ ކަމެކެވެ.
އެގޮތުން މިފަހަރުގެ ލިޔުން މި ހާއްސަ ކޮށްލަނީ ގދ. ގައްދޫ އަށް އުފަން ހުނަރުން ފުރިގެންވާ ނަޖާއަތު މުއީންގެ މަސައްކަތަށެވެ. ކޭކު އެޅުމުގެ މަސައްކަތް ފެށުނު ގޮތުގެ ވާހަކަ "ދަ ޕްރެސް" އާ ހިއްސާ ކުރަމުން ނަޖާ ބުނީ، ފުރަތަމަ ކޭކު އެޅީ 2016 ވަނަ ކޮއްކޮގެ އުފަންދުވަހު ކަމަށާއި އޭރު ކޭކު އެޅުމުގެ އެއްވެސް ތަޖުރިބާއެއް ނުހުންނަ ކަަމަށެވެ. އެއީ އެޅި ފުރަތަމަ ކޭކު ނަމަވެސް އުންމީދު ކުރި ގޮތާ ހިލާފަށް އެ ކޭކާ މެދު އެންމެންގެ ފަރާތުންވެސް ލިބުނީ ތައުރީފުގެ ބަސްތައް ކަން ފާހަގަކޮށް ނަޖާ ބުނީ، އޭރުވެސް ވިޔަފާރި އެއްގެ ގޮތުގައި މިކަން ފެށޭނެ ކަމަށް އުންމީދު ނުކުރާ ކަމަށެވެ.
އެއަށްފަހު މަދު މަދުން އާއިލާ މީހުންގެ އިތުރުން ރައްޓެހިންނަށް ކޭކު އަޅާދޭ ކަަމަށާއި އޭރު އެކަން ކުރަމުން ދިޔައީ އެއްވެސް އަގަކާ ނުލާ ކަމަށް ނަޖާ ބުންޏެވެ. އާއިލާ މީހުންނާއި ގާތް ރައްޓެހިންގެ ހިޔާލާއި ލަފާގެ މަތިން ފޭސްބުކް ޕޭޖެއް ހުޅުވުމަށްފަހު ވަޒީފާ އަދާ ކުރަމުން ލިބޭ ހުސް ވަގުތު ތަކުގައި ކޭކު އެޅުމުގެ މަސައްކަތް ކުރުމަށްފަހު 2018 ވަނަ އަހަރު މި މަސައްކަތަށް ރަސްމީކޮށް ނިކުތީ ނަޖާ އަށް ލިބޭ ހުރިހާ ވަގުތެއް އެކަމަށް ހޭދަ ކުރުމަށެވެ. އެއާއެކު ވިޔަފާރި ވެސް ރަނގަޅު ވަމުންދިޔަ ކަމަށާއި އަދި ކަސްޓަމަރުންގެ ފަރާތުން ލިބެމުން ދިޔައީ ވެސް ވަރަށް ޕޮޒިޓިވް ކޮމެންޓް ތަކެއްކަން ނަޖާ ފާހަގަ ކުރިއެވެ.
މި ދާއިރާއިން އެއްވެސް ކޯހެއް ނަހަދާ ކަމަށާއި މި ފަންނު ދަސްކުރީ އަމިއްލައަށް ޔޫޓިއުބްގެ އެހީގައި ކަމަށް ނަޖާ ބުންޏެވެ. އަދި މިހާރުވެސް އެއްޗެއް ނޭނގިއްޖެ ނަމަ އެންމެ އަވަހަށް ނަޖާ ސާޗް ކޮށްލަނީ ޔޫޓިއުބްގައެވެ. އަމިއްލަ ބުރަ މަސައްކަތުން ދަސްކުރި މި މަސައްކަތަކީ ގޭގައި ތިބެގެން އާމްދަނީ ހޯދުމަށް ކުރަން ރަނގަޅު މަސައްކަތެއްގެ ގޮތުގައި ނަޖާ ދެކެއެވެ. މި ދާއިރާ އަކީ ވާދަވެރިން ވެސް ގިނަ ދާއިރާއެއްކަން ފާހަގަ ކުރަމުން ނަޖާ ބުނީ އެންމެ އިސްކަމެއް ދެނީ ކޭކުގެ ރަހައަށާއި ކަސްޓަމަރު ބޭނުންވާ ގޮތަކަށް އެ ކޭކުގެ ބައްޓަން ބެހެއްޓުމަށެވެ.
މިހާރު މަންމައެއްގެ ރޯލުވެސް އަދާ ކުރަމުންދާ ނަޖާ ބުނީ، މީގެ ކުރިން ކުކީސް އަދި ޑެޒާޓް ޓޭބަލް ހެދި ނަމަވެސް އެ މަސައްކަތް މިހާރު ނުކުރަނީ އެހާ ވަގުތު ނުލިބޭތީ ކަމަށެވެ. "ޑެޒާޓް ޓޭބަލް އަށް ވެސް ވަރަށް ވަގުތު ބޭނުންވޭ، ބޭބީ ގޮވައިގެން އުޅެމުން އެވަރަށް ޓައިމް ނުލިބޭތީ އެކަންކަން މިދުވަސްވަރު ނުކުރަނީ" ވެޑިންގް ކޭކު، ބާތްޑޭ ކޭކުގެ އިތުރުންވެސް ހުރިހާ ހަފްލާ ތަކަކަށް ނަޖާ ކޭކު އަޅާދެއެވެ. މުޅި ދުނިޔެއަށް ވެސް ދާދި ފަހުން ކުރިމަތިވި ކޮވިޑް-19ގެ ބަލިމަޑު ކަމުގެ ދުވަސްވަރުގެ ތަޖުރިބާ ހިއްސާ ކުރަމުން ނަޖާ ބުނީ، އުންމީދު ކުރި ގޮތާ ހިލާފަށް އެ ދުވަސްވަރު ވެސް ފުދޭ ވަރަކަށް އޯޑަރު ލިބުން ކަމަށެވެ. ޑެލިވަރީ ކުރުމަށް މާ ބޮޑު އުނދަގޫ ތަކެއް ކުރިމަތި ނުވާތީ އެދުވަސްވަރު ހުރިހާ އޯޑަރެއް ވެސް ނަގަމުންދިޔައީ ޑެލިވާ ކުރާ ގޮތަށެވެ.
ހުޅުމާލޭގައި ދިރިއުޅެމުން އަންނަ ނަޖާއަށް، މިދާއިރާގައި އެންމެ އުނދަގޫވާ ކަމެއްގެ ގޮތުގައި ފާހަގަ ކުރީ، ހުޅުމާލޭގައި ކޭކު އެޅުމަށް ބޭނުންވާ ތަކެތި ލިބެން ހުންނަ ތަން ތަން މަދު ވުމެވެ. ކިތަންމެ ކުޑަ އެއްޗެއް ހުޅުމާލެއިން ނުލިބުނު ނަމަވެސް މާލެ ދާންޖެހޭ ކަމަށާއި އެއީ ވަރަށް ދަތިވާ ކަމެއްގެ ގޮތުގައި ފާހަގަ ކުރިއެވެ. މި ދާއިރާއިން އިތުރު ހަރުފަތް ތަކެއް ގިރާ ކުރުމުގެ ހުވަފެން ދެކެމުން އަންނަ ނަޖާ އެންމެ ބޭނުންވަނީ ކޭކް ފިހާރައެއް ހުޅުވާ، އެ ފިހާރައިން ކޭކުގެ އިތުރުން ކޭކު އެޅުމަށް ބޭނުންވާ ތަކެތި ވިއްކޭނެ މަގު ފަހިވެގެންދާނެ ދުވަހެކަށެވެ. އަދި ގަދައަޅާ މަސައްކަތް ކޮށްފިނަމަ އެ ހުވަފެންވެސް ހަގީގަތަކަށް ހެދޭނެ ކަމަށް ނަޖާ ގަބޫލު ކުރެއެވެ.
ވިޔަފާރި މިހާ ފުޅާކޮށް ރަނގަޅަށް މި ކުރެވެނީ އާއިލާގެ ފުރިހަމަ އެއްބާރުލުން ލިބިގެން ކަމަށް ނަޖާ ބުންޏެވެ. އެގޮތުން އާއިލާ އާއި ފިރިމީހާ އާއި ދޮންބެގެ އިތުރުން ޅިޔަނުގެ ނަން ފާހަގަކޮށް އެ މީހުންނަށް ހާއްސަ ޝުކުރެއް ނަޖާ އަދާ ކުރިއެވެ. ބޭނުމެއް ޖެހިގެން ގުޅާލާ ކޮންމެ ފަހަރަކުވެސް ނަޖާގެ ކޮންމެ އެދުމަކަށް އިޖާބަ ދިނުމަށް އަބަދުވެސް އެ ތިން މީހުން ތިބޭކަމަށް ނަޖާ ބުންޏެވެ. އަދި ފިރިމީހާގެ ފަރާތުން ފެށުނީއްސުރެ ވެސް އެހީތެރިކަމާއި އެއްބާރުލުން ލިބޭ ކަމަށާއި އަދި އެކަމަށް އަބަދުވެސް ޝުކުރުވެރިވާ ކަމަށް ނަޖާ ބުންޏެވެ.
ފަހު ބަހެއްގެ ގޮތުން ދާއިރާއަށް ވަންނަން ބޭނުންވާ ކުދިންނަށް ނަޖާ ދިން ނަސޭހަތަކީ ހުރިހާ ކަމެއްވެސް ފަށައިގަންނައިރު ކުރަން އުނދަގޫ ވާނެ ކަމަށާއި ނަމަވެސް ކުރާ ހިތުން ގަދައަޅާ އެ މަސައްކަތެއް ކޮށްފި ނަމަ ކާމިޔާބު ލިބޭނެ ކަމަށެވެ. ދަސްކުރާއިރު ގޯސްތަކެއް ހެދުނަސް އެކަން ކަން ރަނގަޅު ކުރަމުން އަމިއްލަ ނަފްސަށް ކުރާ އިތުބާރު ގެއްލުވާ ނުލާ މަސައްކަތް ކޮށްފި ނަމަ ކާމިޔާބު ވާނެ ކަމެއް ކަމަށް ނަޖާ ދެކެއެވެ.