"އަހަރެންނަށް އެކަހަލަ ކަމެއް ވެއްޖިއްޔާ ނޫރާ ވެސް ހަދާނީ މިހެންނެއްނު... ދެން ހިނގާ މައްޗަށް... މަންމަ ކައިރިއަކު އަދި ނުބުނަން ނޫރާ އަންނަ ވާހަކައެއް ވެސް..."
ނޫރާގެ އަތުގައި ހިފައިގެން ޒޫނާ ލިފްޓާ ދިމާއަށް ހިނގައިގަތެވެ. ގަބު ވެފައި ހުރި ބުދެއް ހެން ޒޫނާގެ ފަހަތުން ނޫރާ ދިޔައިރު، ދެން ކަންތައް ވާނެ ގޮތަކާ މެދު ނޫރާ ދިޔައީ ވިސްނަމުންނެވެ.
ޒޫނާ އަކީ ކޮންކަހަލަ މާތް އިންސާނެއް ހެއްޔެވެ. އެވަރުގެ ގުރުބާނީއެއް ވާނީ ކާކު ހެއްޔެވެ. ހިތާ ހިތުން އަމިއްލަ ނަފްސާ ނޫރާ ކުރަމުން ދިޔަ ސުވާލުތަކާ އެކު އަމިއްލަ ނަފްސަށް މަލާމާތް ކުރެވުނެވެ.
ގޭގެ ދޮރު ހުޅުވާލުމާ އެކު ޒުލޭހާއަށް ދޮރާ ދިމާއަށް ބަލާލީ ގެއަށް އައީ ކާކުތޯ ޔަގީން ކުރާށެވެ. ދޮރުމަތީ ތިބި ނޫރާ އާއި ޒޫނާ ފެނުމުން ޒުލޭހާ ދުވެފައި ގޮސް ނޫރާގެ ގައިގައި އޮޅުލައިގެތެވެ. ނުފެންނަތާ އެތައް ދުވަހެއް ވެފައި ނޫރާ ފެނުމުން އުޅުނު ހެން ޒުލޭހާގެ ހަރަކާތްތައް ހުރުމުން ޒޫނާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވި އިރު ލޮލުން އުފާވެިރކަމުގެ ކަރުނާ ނީރާލިއެވެ. ނޫރާ ގޭތެރެއަށް ވެއްދުމަށްފަހު އޭނާގެ މޫނުގައި ދެއަތުން ފިރުމަމުން ޒުލޭހާ ރޮމުން ވާހަކަ ދެއްކިއެވެ.
"ދަރިފުޅާ ރަނގަޅުތަ؟... އަނެއްކާ ގޯސް ކަމެއް ނުކުރަން ދޯ..."
ފިރުމަމުން ދިޔަ ދެއަތުން ނޫރާގެ ކޮނޑުގައި ހިފަހައްޓާލަމުން ދަރިފުޅުގެ މޫނަށް ފުން ނަޒަރަކުން ޒުލޭހާ ބަލާލިއެވެ. އެއަށް ފަހު ޒުލޭހާގެ ދެ އަތް ނޫރާގެ ދެއަތާ ހަަމައަށް ދަތުރު ކުރިއެވެ. އަދި ނޫރާގެ އަތް ތިލައިގައި ހިފަމުން ނޫރާގެ މުޅި ހަށިގަނޑަށް ބަލަމުން ދިޔައީ އޭނާގެ ދަރިފުޅަށް ކަމެއް ވެފައި ހުރިތޯ ބަލާ ފަދައަކުންނެވެ.
ކުއްލިއަކަށް ޒުލޭހާ ހުއްޓުން އެރީ ނޫރާގެ އަތުގެ މުލައްދަނޑީގައި ހުރި ޒަހަމްތައް ފެނުމުންނެވެ. ކަޓަރު ތިލައަކުން އަޅާ ޒަހަމް ކޮށްލާފައި ހުރި ނިޝާންތަކުން އައިސް ފައި ހުރި ލޭތައް ހިކިފައި ހުރިތަން ފެނުމުން އެއީ އާރޯ ޒަހަމްތަކެއް ކަން ޒުލޭހާއަށް ޔަގީނެވެ. މިއީ ޒޫނާއާ ހެދި ވީ ކަމެއް ކަމަށް ގަބޫލު ކުރަމުން ނޫރާގެ އަތަށް ބަލަހައްޓައިގެން ހުރި ޒުލޭހާގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. ފުސްމޫނާ އެކު ޒުލޭހާ ބަލާލީ ގޭތެރެއަށް ވަދެވަދެ ހުރި ޒޫނާ އާ ދިމާއަށެވެ. އަންނަމުން ދިޔަ ރުޅިއާއެކު ޒުލޭހާ ކުރިއަށް ޖެހިލީ ދެއަތް ފުޅާކޮށްލަމުންނެވެ. ޒޫނާގެ މޭގައި އަޅައި ކޮއްޕާލަމުން ޒުލޭހާ އަޑުގެ ނެތްތަނަށް ހަޅޭއް ލަވައިގެތީ ވަލި ޖަނަވާރެއް ހެންނެވެ.
"ޖާހިލު ނުލަފާ ޝައިތޯނާ... ކަލޭ މިހާރު މިގެއިން ނިކުމޭ... އެންމެ ފިޔަވަޅެއް ވެސް އެތެރެއަށް އަޅައިގެން ނުވާނެ... ތީ މަގޭ ބަނޑުން ވިހާފަ ހުރި ދަރިއެއް ވެސް ނޫން. މަގޭ ގާތުން ބުއި ކިރުވެސް ކަލެއަށް ހަރާން ވާނެ.... ނިކުންނާށޭ މި ބުނީ.... މިގެއިން ނިކުމެެގެން ދާށޭ..."
ޒުލޭހާގެ އަމަލުތައް ހުރީ ޒޫނާ އުންމީދު ކުރި ގޮތަކަށް ނޫނެވެ. އޭނާ ގެއިން ނެރެން މަންމަ މަސައްކަތް ކުރަމުން ދިޔަ ޒުލޭހާ ހުއްޓުވަން ނުރާ މަސައްކަތް ކުރިއެވެ. އާދޭސް ކުރަމުން ވާހަކަ ދައްކާ ރޮމުން ދިޔަ އިރު، ވެސް ނޫރާ ދައްކަމުން ދިޔަ އެއްވެސް ވާހަކައަކަށް ޒުލޭހާއަށް އަޑު ނީވޭ ކަހަލައެވެ. ޒުލޭހާ ކިޔަމުން ދިޔަ އެއްޗެހީގެ ދިފާއަށް ޒޫނާ ބަހެއްވެސް ނުބުނެއެވެ. ކުށްވެރިއެއް ފަދައިން އިސްޖަހައިގެން އޭނާ ފަހަތަށް ފިޔަވަޅު އަޅަމުން ދިޔައެވެ.
އެ ވަގުތު ނޫރާ އޭނާގެ ދައްތަގެ މޫނަށް ބަލާލިއެވެ. ޒުނާ ވެސް ނޫރާއަށް ބަލާލި ވަގުތު ހަތަރު ކަޅި ބައްދަލުވެގެން ދިޔައެވެ. އެއާއެކު ނޫރާ އަނގަ ހުޅުވާލީ އެއްޗެއް ބުނަން ކަން ޒޫނާ އަށް އެނގުނެވެ. ނަމަވެސް ނޫނެނެކޭ ބުނާ ފަދައަކުން ޒޫނާ ދެއަތަށް ބޯ ހޫރުވާލީ ނޫރާ ހުއްޓުވާށެވެ. އެއާއެކު ނޫރާގެ ދުލުގައި ތަޅެއް ލެވުނު ކަހަލައެވެ. އެ ވާހަކަތައް ސިއްރެއްގެ ގޮތުގައި ހިތުގެ ކަނަކަށް ލާ އޭނާ ފޮރުވީ މަންމަގެ ރުޅިގަނޑު ފެނި ބިރުން ކަމެއް ޒޫނާ ބުނި ގޮތަށް ކަން ކުރަން ކަމެއް ނޭނގެއެވެ.
ޒޫނާ ގެއިން ބޭރު ކުރުމަށް ފަހު ޒުލޭހާ ބަން ލާފައި ދޮރު ލައްޕާލީ، މަރުވިޔަސް އޭނާގެ މޫނު ވެސް ދެކެން އައިސްގެން ނުވާނެ ކަމަށް ބުނަމުންނެވެ.
*** *** *** *** *** ***
ނޫރާގެ މޫނަށް ކަޅި ޖަހާނުލައި ބަަލަން މުނާޒް އިނީ ބުނާނެ އެއްޗެއް އޭނާއަށް ނޭނގުނީމައެވެ. ނޫރާގެ އަތުގައި ހިފަހައްޓައިގެން އިން މުނާޒަށް އެ ވަގުތު ބަލާލެވުނީ ނޫރާގެ އަތުގެ މުލައްދަނޑިއަށެވެ. ގެއިން ފިލައިގެން ދާން ބޭނުންވެގެން ނޫރާ ދިޔަ ދުވަހު މަރުވާން ހިތަށް އަރައި އަމިއްލަ އަތުގައި ކަޓަރު އެޅި ތަނުގައި ހުރި ލަކުނު މަތީގައި މުނާޒުގެ އިނގިލިތަކުން ފިރުމާލިއެވެ.
ނަފްސާނީ ގޮތުން ބޮޑެތި އަނިޔާތަކެއް ނޫރާ ތަހައްމަލު ކުރި ކަމާއި އެ ކަމުގެ ނަފްސާނީ ބިރުވެރިކަމުން އަރައިނުގަނެވިފައި ހުރި ކަން މުނާޒަށް އެނގުނެވެ. ނަމަވެސް ކަން ވެ ނިމިގެން ދިޔަ ގޮތުން އެއްވެސް ކުށެއް ނެތް ޒޫނާ އުފުލަމުންދާ ވޭނާއި ކެކުޅުން ވެސް އެ ވަހާކަތައް އަޑުއެހި މުނާޒަށް އިހްސާސް ކުރެވުނެވެ.
"އެހެންވެތަ ޒޫނާ ދެކެ މަންމަ އެހާ ރުޅިއެއް އެ އަންނަނީ..." އެންމެ ފުރަތަމަ ވެސް މުނާޒްގެ ދުލުން ބޭރުވި ބަހަކީ އެއީއެވެ.
މިހާރު ޒޫނާ ތަހައްމަލު ކުރަމުން ދާ ހިތްދަތިކަން މުނާޒާށް ނަގައިގަނެވުމުން އެކަމުގައި ޒޫނާއަށް އެހީވާން ބޭނުންވިއެވެ. ނަމަވެސް އޭނާގެ ކުރިމަތީ ރޯން އިން ނޫރާ ފެނުމުން މި ވަގުތު މުހިއްމީ އޭނާގެ އަނބިމީހާއަށް އަޅާލުމާއި އޯގާތެރިކަން ދޭން ކަމަށް މުނާޒް ނިންމިއެވެ.
"އަހަރެން މީ ވަރަށް ގޯސް މީހެއް ދޯ.... ޒޫނާ ބުނެގެން އަހަރެން އެ ވާހަކަތައް މަންމައަށް ކިޔައި ނުދިނީ... އެކަމެއް ވީ އަހަރެމެން ގެ އުފަން ދުވަސް އަންނަން 3 ދުވަހަށް ވެފައި އޮއްވާ... އެފަހަރު އުފަން ދުވަހު ޒޫނާ ހުރީ ގެއިން ނެރެލާފަ.... އެހެންވެ އަހަރެން އުފަން ދުވަސް ފާހަގަ ކުރަން ބޭނުން ނުވަނީ... ދެން ފަހުން އަހަރެން ވަރަށް އާދޭސްކޮށްގެން މަންމަ ޒޫނާ ގެއަށް ވެއްދީ... އެ ފަހުން ޒޫނާ ވަރަށް ބޭރަށް ނުދާނެ.. އަބަދު ގޭގަ ހުންނާނީ... ކޮންމެ އަހަރެއްގެ އުފަން ދުވަހަކީ މި ހަނދާންތައް އާވާ ދުވަސްތައް... އަހަރެން އަބަދުވެސް އަހަރެންގެ އަމިއްލަ ނަފްސު ކުށްވެރި ކުރަން... ޒޫނާ އެހެން ހުންނާތީ ވެސް... އެހެންވެ ޗެކެއް ދިނީ ވެސް އޭނާ ލައްވާ ކަމެއް ފަށުވަން...."
ޒޫނާގެ ހަޔާތަށް އަލިކަމެއް ގެންނަން ބޭނުންވެފައި ހުރި ނޫރާ އުފަންދުވަހުގެ ހަދިޔާއެއްގެ ގޮތުގައި ޗެކެއް ދިން ސަބަބު ހާމަ ކުރިއެވެ. އަދި އެ ފައިސާއިން ނޫރާ ކަމެއް ފަށައި، ދިރިއުޅުމުގައި ކުރިއަށް ދާން މަސައްކަތް ކޮށްފިއްޔާ މަންމަގެ ރުހުން ހޯދުމަކީ އުނދަގޫ ކަމަކަށް ނުވާނެ ކަމަށް ނޫރާ ބުންޏެވެ. އެއީ ނޫރާއަށް ވިސްނޭ އެންމެ ރަނގަޅު ގޮތެވެ. ނަމަވެސް މުނާޒްގެ ވިސްނުން އެއާ މުޅިން ތަފާތެވެ. އެ ހިޔާލު ދޭން ބޭނުމަސް އެ ވާހަކަތައް އަޑުއަހަަން ނޫރާ ހުރީ ތައްޔާރަށް ތޯ ބަލަން މުނާޒް ބޭނުންވިއެވެ.
"އަހަރެން ހިޔާލެއް ދިނަސް އެންމެ ރަނގަޅުތަ؟..."
އާއެނކޭ ބުނާ ފަދައަކުން ނޫރާ ބޯ ޖަހާލުމުން މުނާޒުގެ ހިޔާލު ހާމަކުރިއެވެ.
"އަސްލު ފައިސާ ދީގެން ތިކަން ހައްލު ވާނެ ކަމަކަށް އަހަރެން ނުދެކެން... ހިތުގައި ލީ ޒަހަމްތަކެއްގައި ބޭސް އަޅަން ޖެހޭނީ އެ ޒަހަމް ވީ ގޮތް އެނގި އެ ދުވަހު ހެދުނު މިސްޓޭކް ރަނގަޅު ކޮށްގެން... މި ބުނީ... މަންމަ އަށް ހަގީގަތް ނޭނގޭހާ ހިނދަކު ޒޫނާ ކޮންމެ ކަމެއް ކުރިއަސް މަންމައަކަށް ޒޫނާ ރަނގަޅެއް ނުވާނޭ..."
މުނާޒް ދައްކަމުން ދިޔަ ވާހަކަތައް ކަނުލާ އަޑުއަހަން އިން ނޫރާ ބޯޖަހާލިއެވެ. މުނާޒް އެ ބުނީ ތެދު ވާހަކައެކެވެ. ފައިސާއަކީ ހުރިހާ ކަމެއްގެ ހައްލެއް ނޫން ކަމަށް ނޫރާ ގަބޫލު ކުރިއެވެ.
- ނުނިމޭ -