"ފިކްސްއެއް ނުކުރެވޭނެ... އެއްކަމެއް ވެސް ރަނގަޅެއް ނުކުރެވޭނެ... މަގޭ މުޅި ލައިފް ވެއްޔާ މޮޑެވުނީ.. މަގޭ މުޅި ދިރިއުޅުން ހަލާކު ވެއްޖެ. ދެން ކުރެވޭނެ ކަމެއް ނެތް... އެކަކަށް ވެސް އެހީއެއް ނުވެވޭނެ..."

ގިސްލަ ގިސްލާ ރޮމުން ނުރާގެ ހިތުގެ ރިހުން ހާމަ ކުރަމުން ދިޔަ އިރު އެ ވާހަކަތައް އަޑުއަހަން ހުރި ޒޫނާގެ ލޮލުން ވެސް ކަރުނަ ފާއްދާލިއެވެ. ނޫރާ ދައްކަމުން ދިޔަ ވާހަކަތައް ހުއްޓުވާކަށް ޒޫނާ މަސައްކަތެއް ނުކުރިއެވެ. އެ ހިތުގައި ފޮރުވާފައިވާ ސިއްރުތައް ހާމަކުރަން ދޫކޮށްލައިގެން އަޑުއަހަން ކަންފަތް ދީގެން އޭނާ ހުރީއެވެ.

ނޫރާގެ ހަޔާތް ހަލާކެއްގެ ތެރެއަށް ވެއްޓިގެން ދިޔަ ގޮތް ހިއްސާ ކޮށް ނިމުނު އިރު ޒޫނާގެ ހިތް ފަޅައިގެންދާ ކައިރިވެއްޖެއެވެ. އެކަމަށް ހައްލެއް ހޯދައިދޭން އޭނާގެ ކޮއްކޮއަށް އެހީވާން ކުރެވޭނެ ކަމަކާ މެދު އޭނާ ވިސްނާލަން ހިމޭނުން ހުއްޓެވެ. ޖަވާބެއް ނުދެވެނީސް އޭނާ ހޯދަން ދެން ނޫޅޭށޭ ބުނެ ނޫރާ ފޯނު ކަނޑާލައިފިއެވެ.

*** *** *** *** *** ***

ފޯނު ކަނޑަލުމަށް ފަހު ނޫރާ ގޭތެރެއަށް ނަޒަރު ހިންގާލިއެވެ. ފުން ވިސްނުމެއް އޭނާ އިނީ މަންމަ ދެއްކި ވާހަކަތަކަށް ދޭނެ ޖަވާބެއް ނުވިސްނުނީމައެވެ. ޒޫނާގެ ހަޔާތް ބަނަވެގެން ދިޔައީ އޭނާއާ ހެދި ކަމަށް ނޫރާއަށް ގަބޫލު ކުރެވެއެވެ. އެހެންކަމުން އެ އަނދަވަޅުން އޭނާގެ ދައްތަ ނެރެން ފަންސާސް ހާސް ރުފިޔާގެ ޗެކެއް ދިނުމަކީ މާ ބޮޑު ކަމެއް ކަމަކަށް އޭނާއެއް ނުދެކެވެ.

މާޒީގައި ކަންތައްވީ ގޮތުން އަދިވެސް މަންމަ ރުޅި އަންނަނީ ޒޫނާ ދެކެކަމުން ޒޫނާ އަކީ ވިޔާނުދާ މީހެއްގެ ގޮތުގައި ދެކިގެން މަންމަ އަބަދު ޒޫނާ ކުށްވެރިކޮށްފައި ވާހަކަ ދައްކާތީ އެކަމަކާ ނޫރާ ރުޅިއާދެއެވެ. ރެޅި އާދެވެނީ މަންމަ ދެކެއެއް ނޫނެވެ. އޭނާގެ އަމިއްލަ ނަފްސު ދެކެއެވެ.

ހިޔާލަކަށް ގެއްލިފައި އިން ނޫރާ ސިއްސައިގެން ދިޔައީ ކޮޓަރިން ނިކުތް މުނާޒް އައިސް އޭނާގެ ގާތުގައި އިށީނުމުންނެވެ. ހިތުގައި އަނދަމުން ދިޔަ ރިހުމުގެ ކުލަވަރު ފޮރުވަން ނޫރާ ދަމާލީ ހުދު ސާލެއް ފަދަ މަޑުމޮޅި ހިނިތުންވުމެކެވެ.

"ކޮބާ މައި. ނިދީތަ؟..." ދަރިފުޅު ކޮބައިތޯ އަހާލަމުން ނޫރާ އަނެއްކާ ވެސް އޭނާގެ ފޯނު ހުޅުވާލަމުން އޭގެ ސްކްރީނަށް ނަޒަރު ހުސްކޮށްލިއެވެ.

"ހޫމް... ބޮޑު ވާހަކަ ފަށައިގެން އުޅުނީ. މަށަށް ވާހަކަ ކިޔައިދިނީ މައި... ވަރަށް މޮޅު ވާހަކައެއް އޭނާ ކިޔައިދިނީ... ހިނިވެސް އައި. އެކަމަކު އަޑުއަހަން މަ އޮތީ ނިދާ ކަމަށް ހަދައިގެން... އިރުކޮޅަކުން ބްލޭންކެޓް މަގޭ ގައިމަތީ އަޅާފަ ބައްދާލައިގެން އޮވެ ނިދައިފި...." މައި ނިންދަވަން އޭނާ ޖެއްސި އުކުޅު ލޯބިވާ އަންހެނުންނާ ހިއްސާ ކުރިއެވެ. ނަމަވެސް އެ ވާހަކައަށް ނޫރާގެ ސަމާލުކަމެއް ނެތް ކަން މުނާޒަށް ފާހަގަ ވިއެވެ.

ނޫރާގެ ދަތްދޮޅީގައި ހިފާ އެ ދޮން މޫނު މުނާޒާ ދިމާލަށް އަނބުރާލިއެވެ. މޫނާޒާ ދިމާއަށް ނޫރާ ބަލާލި ވަގުތު އެ ކަޅިރަވަ ރީތި ދެލޮލަށް ފުން ނަޒަރަކުން މުނާޒް ބަލާލިއެވެ. ހަތަރުކަޅި ހަމަކޮށްލި ވަގުތު އޭނާގެ އަނބިމީހާގެ ހިތުގެ ރިހުން މުނާޒަށް އިހްސާސް ވެގެން ދިޔައެވެ. ހިތާމަތައް ފޮރުވަން ކިތަންމެ މަސައްކަތެއް ކުރިއަސް މުނާޒަށް އެކަން ސިއްރެއް ނުވިއެވެ.

މަންމަ އާ ގުޅައިގެން ދައްކަމުން ދިޔަ ވާހަކަ ކޮންމެވެސް ވަރަކަށް މުނާޒަށް އަޑު އިވުމުން އެ ދެމެދުގައި ދެކެވުނީ ޒޫނާ އާ ގުޅުން ހުރި ވާހަކައެއް ކަން އެނގުނެވެ. އެހެންކަމުން ޒޫނާއަށް ދިން ޗެކާ ގުޅިގެން ޒޫނާ ބުނީ ކީކޭތޯ ސާފު ކުރަން މުނާޒް ސުވާލު ކޮށްލިއެވެ.

"ނޭނގެ.. ޒޫނާ ވަރަށް ފާޑަކަށް ހުރީ... އުފަން ދުވަހު ވިޝް ކުރީމަ ވެސް ބުނީ އޭނާ ބާތްޑޭ ސެލެބްރޭޓެއް ނުކުރަމޯ... އަހަރެން ކިހިނެއްތަ މި ހުރިހާ ކަމެއް ރަނގަޅު ކުރާނީ... މަންމަ އޭނާ ދެކެ އެހާ ރުޅި އަންނަ އިރު، ހުރިހާ ކަމެއް އޯކޭ ކުރަންށޭ އެ ޗެކްވެސް ދިނީ.. ފަހަރެއްގައި ޒޫނާ މަސައްކަތެއް ފެށީމަ ވެސް މަންމަ އޭނާ އާ ދޭތެރޭ ދެކޭ ގޮތް ބަދަލު ވެދާނެއްނު... އެކަން މަންމަ އަށް އެނގިގެން މިރޭ އެ ގުޅީ.. ވަރަށް އެއްޗިސް ކިޔައިފި.. ބުނި ކީއްކުރަން ދިންހާ ފައިސާއެއް ހޯ... ޒޫނާ އެ ފައިސާއިން ވެސް ގޯސް ކަމެކޯ ކުރާނީ... ބޭކާރު ކަމެކޯ..."

ހިތުގައި ޖެހިފައި ހުރިވަރުން ނޫރާއަށް އިތުރަކަށް ވާހަކައެއް ނުދެއްކުނެވެ. އަރުެތެރެ ބެދި އަޑުވެސް ތާށިވެ ނޭވާވެސް ލާން އޭނާއަށް އުނދަގޫ ވިއެވެ. އަނބިމީހާ އާ އެކު ކޮންމެ ހާލަތެއްގައި އޭނާ ހުންނާނެ ކަމަށް ވައުދުވެފައި އިތުމުން ނޫރާގެ ހިތާމައިގައި އޭނާއަށް ހިތްވަރުދޭން މުނާޒް ބޭނުންވިއެވެ. ނޫރާގެ ކޮނޑުގައި ހިފާ ގައިޔާ ކައިރިއަށް ނޫރާގެ ހަށީގަނޑު ޖައްސާލުމުން މުނާޒްގެ ކޮނޑުގައި ނޫރާ ބޯ އަޅާލީ އެ ހިތަށް ހަމަޖެހުމެއް ލިބޭތޯއެވެ. ނޫރާގެ ލޮލުން ފޭބި ކަރުނަތައް މުނާޒް ލައިގެން ހުރި ގަމީހަށް ފޭދިގެން ދިޔައެވެ.

ނޫރާގެ އުފަން ދުވަހަކީ އުފާވެރި ދުވަހަކަށް ހަދަން އަބަދުވެސް މުނާޒު ބޭނުންވެއެވެ. ނަމަވެސް ކޮންމެ އަހަރަކު ވެސް މުނާޒް ޕްލޭންކޮށްގެން ކުރާ ހުރިހާ ކަމެއް ވެއްޔާ މޮޑެވެނީއެވެ. ނޫރާގެ ދައްތަ ޒޫނާގެ ކަންކަން ހުންނަ ގޮތުން ނޫރާ ހިތުގައި ޖެހިގެން އުޅޭތީ މުނާޒްގެ ހިތުގައި ވެސް ޒޫނާ އާ ދޭތެރޭ ނަފްރަތް އުފެދެން ފަށައިފިއެވެ. ނަމަވެސް ހަގީގަތުގައި މާޒީގައި ކަން ހިނގާފައިވާ ގޮތް އަދި މުނާޒަށް އެނގިފައި ނުވާތީ ވަކި ކޮޅަކަށް ޖެހޭކަށް އޭނާ ބޭނުމެއް ނުވިއެވެ. ޒޫނާ ވެސް އެހެން ހުންނާނީ ކޮންމެވެސް ސަބަބަކާ ހެދި ކަމަށް މުނާޒަށް ގަބޫލު ކުރެވުނެވެ.

މިރޭ ބޭރަށް ދާން މުނާޒް ރާވައިގެން ހުރި ނަމަވެސް ނޫރާ ވަނީ ބޭރަށް ދާން އޭނާ ބޭނުން ނުވާ ކަަމަށް ބުނެފައެވެ. އެކުގައި ދެމަފިރިން ހިތްގައިމު ވަގުތު ކޮޅެއް ހޭދަކޮށްލުމުން ވެސް ނޫރާގެ މޫޑް އޯކޭ ވެދާނެ ކަމަށް މުނާޒަށް ހީވިއެވެ. އެގޮތުން ނެޓްފްލިކްސް އިން އެންމެ ފަހުން ނިކުތް ރީތި ފިލްމެއް ބަލަން މުނާޒް އެދުނެވެ.

މުނާޒުގެ އެދުމަށް ފުރަަގަސްދޭކަށް ނޫރާއަަކަށް ނުކެރުނެވެ. އޭނާގެ ފިރިމީހާ ހިތްހަމަޖައްސައި ދިނުމަށް ފިލްމް ބަލަން ހިތާ ދެކޮޅަށް ނޫރާ އެއްބަސްވުމުން މުނާޒް ރިމޯޓް ނަގައި ޓީވި ހުޅުވާލިއެވެ. ނޫރާ ވެސް ސޯފާއަށް ދެފައި އަރުވާލަމުން ޓީވީ ބަލަން ހަމަޖެހިލީ މުނާޒުގެ ހަރަކާތްތަކަށް ބަލަން އިނދެއެވެ.

ފިލްމް ފަށައިގެން ތަންކޮޅަކަށް ދިޔަ އިރު ނޫރާގެ ހިތަށް އުނދަގޫ ވާން ފަށައިފިއެވެ. އެކުގައި ލޯބިން އުޅޭ ދެބެއިންގެ މަންޒަރު ދައްކަމުން ދިޔަ އިރު، އޭނާގެ ހަނދާނަށް އަންނަމުން ދިޔައީ އެއްމާބަނދު ދައްތަ ޒޫނާ އާއި އޭނާގެ ކުޑައިރުގެ ހަނދާންތަކެވެ. އެއީ އެ ދެ މީހުން އޮޅުވާލައިގެން މީހުންނަށް ޕްރޭންކް ޖެއްސި ދުވަސްތަކެވެ.

އޭރު އެދެބޭން ވަރަށް ރަނގަޅަށް އެނގި ފަރިތަ ބަޔަކަށް މެނުވީ ދެމީހުން ވަކިކުރާކަށް ނޭނގެއެވެ. ބައެއް ފަހަރު ނޫރާއަށް ހެދިގެން ޒޫނާ ވާހަކަ ދެއްކުމުން ނޫރާ ކަމަށް ބައެއް މީހުން ހީކޮށް ވާހަކަ ދައްކައެވެ. އެ ފަދަ ބައެއް ދުވަސް ދުވަހު އޭނާގެ މަންމައަށް ވެސް ދެމީހުން އޮޅިފައި އެބަ ހުއްޓެވެ.

ދުވަސްތައް ފާއިތުވަމުން އައިސް ދެމީހުންނަށް ބަދަލުތައް އަންނަން ފެށީ މަދުރަސީ ހަޔާތް ނިންމާލި ހިސާބުންނެވެ. އެހިސާބުން ދެމީހުން އެއް ވައްތަރު ހެދުން ލާކަށް ބޭނުމެއް ނުވިއެވެ. ޒޫނާއަކީ ޒަމާނީ ވައްޓަފާޅިއަށް ހެދުން އަޅަން ލޯބިކުރާ މީހެއް ކަމުން އޭނާ ލައި އުޅެނީ ކުރު ހެދުމާއި ޖިންސާއި ކުރު ޓޮޕް ކޮޅާއި ޓީޝާޓެވެ. އެއާ ހިލާފަށް ނޫރާ ހެދުން އަޅަމުން އައީ އެއަށް ވުރެއް ނިވާކަން ބޮޑުކޮށެވެ. ގަޔަށް ދޫ ފޫކޮޅު ނިވާވާ ވަރުގެ ޓޮޕާއި ޖިންސް ނޫރާ ލައި އުޅުން ނަމަވެސް އެ ދެބޭން ވެސް ބުރުގާ އަޅާކަށް އޭރު ބޭނުމެއް ނުވިއެވެ. ނަމަވެސް ކައިވެންޏާ ހަމައަށް ދިޔަ ފަހުން ނޫރާ ބުރުގާ އެޅިއެވެ.

ހިޔާލަކަށް ގެއްލިފައި އިން ނޫރާއަށް ބަލާލަމުން، ބަލަމުން ދިޔަ ފިލްމް މުނާޒް ޕޯސް ކޮށްލިއެވެ. އެއާއެކު ނޫރާ ސުވާލެއް ވެސް ނުކޮށް އޭނާގެ ފޯނުގެ ސްކްރީން ހުޅުވާލިއެވެ. ކާ އެއްޗަކަށް އޯޑަރު ކުރަން ކަމަށް ބުނެ މުނާޒް ވެސް ފޯން ހިފައިގެން އެއް ފަރާތަކަށް ޖެހިލުމުން ނޫރާ ފޭސްބުކް ހުޅުވާލީ އޭނާގެ ހިތަށް ހަމަޖެހުމެއް ލިބޭނެ ކަމުގެ އުންމީދުގައެވެ.

ފޭސްބުކްގެ ވޯލުން ފެންނަމުން ދިޔަ ޕޯސްޓްތައް ކިޔަމުން ދިޔަ ނޫރާގެ ދެލޯ ބޮޑުވެގެން ދިޔައީ މީހަކު ގެއްލިގެން ޖަހާފައިވާ ޕޯސްޓެއް ފެނުމުންނެވެ. ހައިރާންވެފައި އެ ޕޯސްޓް ބަލަން އިނުމަށްފަހު އިތުރަށް އޭނާ ފޭސްބުކް ހާވަން ފެށިއެވެ. އެއްވެސް ނޫހަކުން އެ ކުއްޖާގެ ވާހަކަ ގެނެސްދީފައި އޮތް ތޯ އެވެ. އިތުރު މައުލޫމާތު ސާފު ކުރާށެވެ.

ނޫހެއްގެ ފަލަ ސުރުހީގައި މާލެއިން އަންހެން ކުއްޖަކު ގެއްލިގެން ޖަހާފައިވާ ހަބަރެއް ފެނުމުން އެ ހަބަރު އޭނާ ހުޅުވާލިއެވެ. އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވާ ކަމަށާއި އެ ކުއްޖާ ހޯދުމަށް އާންމުންގެ އެހީތެރިކަމަށް ވެސް ވަނީ އެދިފައެވެ. އޭރު އެ ކުއްޖާ ގެއްލިގެން އުޅޭތާ ދެ ދުވަސް ވެއްޖެ ކަމަށް ހަބަރުގައި އޮތެވެ.

އެވަގުތު ނޫރާގެ ހަނދާނަށް އައީ ގެއިން ފިލައިގެން ދާން އޭނާ ބޭނުންވި ދުވަހެވެ. މުޅި ދުނިޔެއަށް ފިލައިގެން އުޅެން ބޭނުންވެ، މުޅި ހަޔާތުގައި ވެސް މަރުވާން އޭނާ ހިތަށް އެރި ދުވަސް ކަޅު ވިލާގަނޑެއް ހެން އައިސް އޭނާ ވަށާލައިފިއެވެ.

- ނުނިމޭ -