ދައުލަތުގެ ތިން ބާރުގެ ވެރިން [ރައީސުލްޖުމްހޫރިއްޔާ އާއި އުއްތަމަ ފަނޑިޔާރާއި އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް] އަކަށް ހޮވިވަޑަގަންނަވާ ބޭފުޅުން ވާންވާނީ ސިޔާސީ ހަލަބޮލިކަމުން އެއްފަރާތްވެގެން ތިއްބަވާ، ރައްޔިތުންނަށް ހިދުމަތް ކޮށްދެެއްވުން އިސްކުރަން ޖެހޭ ބައެއް ކަަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މިއަދު ގުރައިދޫ ދާއިރާގެ ބައިއިލެކްޝަނަށް އެމްޑީޕީގެ ފަރާތުން ވާދަކުރާ އިބްރާހިމް ޝާޒްގެ ކެމްޕެއިން ދަތުރުގައި ކ. ގުޅީގައި އޮތް ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމަށް ފަހު މަސައްކަތް ކުރީ އޭރު ހެދި މެނިފެސްޓޯގައި ކުރަން ނިންމި ކަންކަން ކުރައްވަން ކަމަށާއި، ސިޔާސީ ހަލަބޮލިކަމުގެ ތެރެއަށް ވަދެވަޑައިނުގަންނަވާ މަސައްކަތް ކުރެއްވީ ވީ ވައުދުފުޅުތައް ފުއްދެވުމަށް ކަމަށެވެ. އެއީ ހަމައެކަނި ސަރުކާރެއް ހިންގަވަން ހުންނަވާ އެންމެ އިސް ވެރިޔާ ކުރަންވަން ޖެހިވަޑައިގަންނަވާ ކަމެއް ނޫން ކަަމަށާއި ތިން ބާރުގެ ވެރިން ވެސް އެކަން ކުރައްވަން ވާނީ އެގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ.

"އެއީ އުއްތަމަފަނޑިޔާރު ކަމުގައި ވިޔަސް ރައްޔިތުން މަޖިލީހުގެ ރައީސް ކަމަށް ވިޔަސް އަދި ސަރުކާރު ހިންގަން ހުރި ރައީސުލްޖުމްހޫރިއްޔާ ކަމުގައި ވިޔަސް ރައްޔިތުން އިންތިހާބު ކުރުމަށް ފަހު އެންމެ އިސް މަގާމަކަށް އައުމަށް ފަހުގައި އަޅުގަނޑުމެން ކުރިމަތީގައި އެ ނޫން ކަމެއް އޮވެގެން ނުވާނެ. އަޅުގަނޑު ހިތުން މި ވޭތުވެ ދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި މުޅި ރާއްޖެއަށް މިގެނެވުނު ތަރައްގީއަށް ގެނެވުނު ބަދަލު ގެނެވުނީ އެ ވިސްނުމުގައި އަޅުގަނޑާއި އަޅުގަނޑާ އެކުގައި ތިއްބެވި މި ބޭފުޅުން ކުރެއްވި މަސައްކަތުން"
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ސިޔާސީ ހަލަބޮލިކަމުން ދުރުވެ އެމީހެއްގެ ކުރިމަތީގައި އޮންނަން ވާނީ ރައްޔިތުންނަށް ހިދުމަތް ކޮށް ދިނުން ކަމަށް ރައީސް ވިދާޅުވިއެވެ. އެއީ އުއްތަމަފަނޑިޔާރު ކަމުގައި ވިޔަސް ރައްޔިތުން މަޖިލީހުގެ ރައީސް ކަމަށް ވިޔަސް އަދި ސަރުކާރު ހިންގަން ހުންނެވި ރައީސުލްޖުމްހޫރިއްޔާ ކަމުގައި ވިޔަސް މަސައްކަތް ކުރައްވަން ވާނީ އެގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ވޭތުވެ ދިޔަ އަހަރު ތަކުގައި ރާއްޖެއަށް އެމަނިކުފާނަށް ތަރައްގީ ގެނެވުނީ އެމަނިކުފާނާއެކު ތިއްބެވި ބޭފުޅުން ކުރެއްވި މަސައްކަތުން ކަން ވެސް ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސް ވަނީ ކުރިން އެ ދާއިރާގެ މެންބަރުކަން ކުރެއްވި އިބްރާހިމް ރިޒާގެ ހަނދާން އާ ކޮށް ވާހަކަފުޅު ދައްކަވާފައެވެ. މީގެ ކުރިން މި ދާއިރާގައި ރައްޔިތުންގެ މަޖިލިސް ތަމްސީލް ކުރައްވަމުން ގެންދެވި ބޭފުޅަކީ ގާތްގަނޑަކަށް 10 ވަރަަކަށް އަހަރު އެމަނިކުފާނާ އެކުގައި މަސައްކަތް ކުރެއްވި ވަރަށް ގާތް ރައްޓެއްސެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އިބްރާހިމް ރިޒާއަކީ އެމަނިކުފާނާ ތަފާތު ހިޔާލެއްގައި މަޖިލީހުގައި މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށާއި ހިޔާލު ތަފާތުވުންތައް އެ ގޮތުގައި ބާއްވަވައިގެން މަސައްކަތް ކުރެއްވި އިރުވެސް އެންމެ ފަހު ދުވަހާ ޖެހެން ދެން ވެސް އެމަނިކުފާނާ އެކު އޮތް ގުޅުން ބާއްވައި މެސެޖުކޮށް ފޯނުގެ ޒަރިއްޔާއިން ވެސް ވާހަކަ ދައްކަވަމުން ގެންދެވި ކަަމަށް ރައީސް ވިދާޅުވިއެވެ. ރިޒާގެ ހަނދާންތައް އާ ކުރައްވަމުން ރައީސް ވަނީ މަރްހޫމްގެ ފުރާނައަށް ސުވާރުގޭގެ ދާއިމީ ނިއުމަތް ދެއްވުމަށް އެދި ދުއާ ކުރައްވާ ކަމަށް ވިދާޅިވެފައެވެ.

"ޝާޒް، އިބްރާހިމް ޝާޒް، ދެގޮތެއް ނުވެ އަޅުގަނޑު މި ދަންނަވަނީ ޔަގީން ކަމާއެކުގައި ތިބޭފުޅުން ބޭނުންވާ ތަރައްގީ ގެނައުމަށް ސަރުކާރާ އެކީގައި މަސައްކަތް ކޮށް ދެްވާނެ ކަމަށް. އަޅުގަނޑު އެދެނީ މި ރަށުގެ ރައްޔިތުންގެ ކިބައިން، ގުޅީގެ ރައްޔިތުންގެ ކިބައިން، މާފުށީގެ ރައްޔިތުންގެ ކިބައިން، ގުރައިދޫގެ ރައްޔިތުންގެ ކިބައިން، ޝާޒް އަށް ވޯޓްު ދެއްވާ އިންތިހާބު ކޮށް ދެއްވާށޭ. އެއީ ގެއްލިގެން ދާނެ ވޯޓެއް ނޫން."
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

މަޖިލީހުގެ މެންބަރެއްގެ އެންމެ މުހިއްމު އެއް ދައުރަކީ ގާނޫނުތައް ހެދުން ކަމަށް ވެދާނެ ކަމަށާއި އެހެން ނަމަވެސް އޭގެ އިތުރުން ކުރަންޖެހޭ ބައިވަރު މަސައްކަތްތައް އެބަހުރި ކަމަށް ރައީސް ވިދާޅުވިއެވެ. އެ ގޮތުން ރައްޔިތުންގެ ވިސްނުމާ އެއްގޮތަށް ރައްޔިތުން ބޭނުންވާ ގޮތަށް އެ ރަށަކަށް އެ ދާއިރާއަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގައި އެންމެ އިސް ސަފުގައި މަސައްކަތް ކުރާ އެއްބޭފުޅްކީ ރައްޔިތުން މަޖިލީހުގެ މެންބަރު ކަމަށް ރައީސް ވިދާޅުވިއެވެ. އޭރަކު އެ އޮންނަ ސަރުކާރަކާ އެކީގައި މަސައްކަތް ކުރެއްވުމުގެ ފުރުސަތު އެ ދާއިރާއެއްގެ މެންބަރެއްގެ ވިސްނުމުގައި ހުރެއްޖެ ނަމަ އެ ދާއިރާއަކަށް ތަރައްގީ ގެނައުމަށް ފަސޭހަތަކެއް ވެގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ގުރައިދޫ ދާއިރާގެ ވިސްނުން އޮތް ގޮތް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުން ފެނިގެން ދިޔަ ކަމަށާއި އެ ފަހަރު އެ ދާއިރާއިން އެ މަނިކުފާނަށާއި އެ ކޯލިޝަނަށް ގާތްގަނޑަށް 55 ޕަސެންޓް ވޯޓު ދިން ކަން ރައީސް ފާހަގަ ކުރެއްވިއެވެ. އޭގެ މާނައަކީ މި ދާއިރާ އޮތީ މި ސަރުކާރާ އެކީގައި ކަމަށާއި ކުރިއަށް އޮތް ބައިއިލެކްޝަންގެ ވޯޓު ދޭ އިރު ރައްޔިތުންގެ އެ ވިސްނުން އެ ދުވަހު ހުރީ ސަރުކާރާ އެކީގައި ކަން ހަނދާން ކުރަންވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މިއަދު ގުރައިދޫ ދާއިރާއަށް ކުރިމަތިލައިފައިވާ އެމްޑީޕީގެ ކެންޑިޑޭޓަކީ ރައްޔިތުންގެ ވިސްނުމާ އެއްގޮތަށް ތަރައްގީ ގެނައުމަށް މަސައްކަތް ކުރައްވާނެ ބޭފުޅެއް ކަމަށް ރައީސް ވިދާޅުވިއެވެ.