އަމިއްލަ ސިއްހަތާމެދު ގިނަ ބަޔަކަށް ވަރަށް ބޮޑު އިހުމާލެއް ވެވެއެވެ. ކެއުމަށާއި ކަސްރަތަށް މާ ބޮޑު ސަމާލުކަމެއް ދިނުމަކާ ނުލާ ހަމައެއް ލަމައެއް ނެތި އުޅެނީވެސް ކިތައް މީހުން ހެއްޔެވެ؟ އެއާއެކު ޅަ އުމުރުގައި މީހާ ބުރަހެލިވެ، ތަފާތު އެކި ކަހަލަ ބަލިތަކަށް ހުށަހެޅިގެންދާ ކަމީ ވެސް އަހަރެމެން ކުޑަކުޑަ މި މުޖުތަމައުގައި އާންމު ކަމަށެވެ. އެހެންނަމަވެސް އެ ބަލިން އަރައިގަންނަން ގަދަ އަޅާ މަސައްކަތްކޮށް، މުޅި ދިރިއުޅުމާއި ވައްޓަފާޅި ބަދަލުކޮށްލާ މަދު ބައެއް ހިމެނޭއިރު އެއިން ފާހަގަކޮށްލެވޭ އެކަކަކީ ލޯ ކެލޮރީސް އެމްވީގެ، އާއިޝަތު އާދަމް (އާއިޝާ) އެވެ.

އެތައް ހުނަރުވެރި ދަރިންތަކެއް އެ ރަށަކަށް އުފަން ކުޅުދުއްފުށީ ސިޓީ އުމުރުން 31 އަހަރުގެ އައިޝާގެ ތައުލީމީ ހަޔާތް ނިންމާލީ އެ ރަށުގެ ސްކޫލަކުންނެވެ. އެއަށްފަހު ޑިޕްލޮމާއިން ޕްރައިމަރީ ޓީޗިން ވެސް އޭނާ ފުރިހަމަ ކުރީ އެމްއެންޔޫގެ ކުޅުދުއްފުށީ ކެމްޕަހުންނެވެ. ނ. އަތޮޅާއި އއ. އަތޮޅުގެ ސްކޫލެއްގެ އިތުރުން ދަރުމަވަންތަ ސްކޫލުގައިވެސް ޓީޗަރެއްގެ ގޮތުގައި ވަޒީފާއަދާކުރި އައިޝާ އެ ދާއިރާއާ ދުރަށް ދިޔައީ ފުރަތަމަ ދަރިފުޅު ވިހެއުމާއެކު އެ ދާއިރާގައި 6 އަހަރު ދުވަހު މަސައްކަތް ކުރުމަށް ފަހުއެވެ.

ތައުލީމީ ދާއިރާއާ ދުރަށް ދިއަތާ މިހާރު 8 އަހަރުވެފައިވާ އައިޝާ ބުނީ ފުރަތަމަ ދަރިފުޅު ވިހަން އެޑްމިޓްކުރި ދުވަހުގެ ކުރީ ދުވަހުވެސް އޭނާ ސްކޫލަށް ވަޒީފާއަށް ނިކުތް ކަމަށެވެ.

އައިޝާ ތައްޔާރުކޮށްފައިވާ ސިއްހަތަށް ފައިދާ ހުރި ބައެއް ކާ ތަކެތި / ފޮޓޯ: އައިޝާ
"ޓީޗިންގެ ދާއިރާއިން ދުރަށް ދިޔަ ފަހުން 8 ވަނަ އަހަރު މީ. އެޑްމިޓްވީ ދުވަހުގެ ކުރީ ދުވަހުވެސް ސްކޫލަށް ދިޔައިން"
އައިޝާ

އައިޝާއަކީ ކުޅަދާނަ ޓީޗަރެކެވެ. މޮޅު ކެއްކުންތެރިއެކެވެ. ނަމޫނާ މަންމައެކެވެ. އެފަދަ ދެވަނައެއް ނެތް ހިތްވަރުގަދަ ފިސާރި އަންހެނެކެވެ. ކުޑައިރުން ފެށިގެން ކެއްކުމަށް ހުންނަ ޝައުގުވެރިކަމާއެކު އޭނާގެ އުމުރުން 10 އަހަރުގައި އާއިލާގެ ހުރިހާ މެންބަރުންނަށް ކައްކާއުޅުނު އިރު މަޝްހޫރު ކެއްކުންތެރިޔާ ޖުވޭރިޔާ ވަޖުދީއަކީ އަކީ އޭރު ނަމޫނާއެއްގެ ގޮތުގައި އޭނާ ބަލަމުން އައި ކެއްކުންތެރިއެކެވެ.

"އޭރު ޖުވޭރިޔާ އަކީ ރާއްޖޭގައި ކައްކާ މީހަކީ ރެސިޕީއެއް ވިޔަސް ހުންނާނީ އޭނާގެ ލިބެން ވިޔަސް. ފޮތެއްގައި ހުއްޓަސް ރަހަތަފާތަށް އެރިޔަސް ދެން ވަރަށް ރޯލް މޮޑެލްއެއްގެ ގޮތުގައި ބެލިން."
އައިޝާ

އައިޝާ ބުނީ އޭނާގެ މަންމައަކީ ކޮންމެ ކުއްޖަކު ކޮންމެ ކަމެއް ކުރި ކަމުގައި ވިޔަސް ވަރަށް ހިތްވަރު ދޭ މީހެއް ކަމަށާއި އައިޝާ ކައްކާ އެއްޗެހި މީރު ވާހަކަ އަބަދުވެސް ދައްކާ ހަދާ ކަމަށެވެ. އަދި އެއާއެކު އެ މަސައްކަތަށް އިތުރު ޝައުގުވެރިކަމެއް އުފެދެމުން ދިޔަ ކަމަށް އައިޝާ ފާހަގަކުރެއެވެ. އެހެންނަމަވެސް ތަފާތު އެކި މާހައުލުތަކުގައި އުޅެން ޖެހުމާއެކު ކެއްކުމުގައި ދިމާވި އުނދަގޫތަކާއެކު ވެސް އައިޝާ ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކައްކާ ތަފާތު ކާ ތަކެތި ތައްޔާރުކުރަން ދަސްކޮށްފައެވެ.

ލޯ ކެލޮރީސް އެމްވީ ފެށުނު ގޮތް:

މީގެ ކުރިން ކޭކު ކޯހެއްގެ ބޭސިކް އެންޑް އެޑްވާންސް ނިންމާފައިވާ އައިޝާ ބުނީ އޭރު އޭނާގެ ބަރުދަން ހުރީ 70 ކިލޯއަށް ވުރެ މަތީގައި ކަމަށާއި އެއާއެކު ކެވެނީ ރަނގަޅަކަށް ނޫން ކަން ވިސްނެމުން ދިޔަ ކަމަށެވެ. ދެ ކުދިން ވިހައިގެން ގޭގައި ގިނަ ވަގުތު ހޭދަކުރުމާއެކު ބަރުދަން އިތުވަމުން ދިޔަ ވަރަކަށް އައިޝާގެ ސިއްހަތަށްވެސް ނޭދެވޭ އަސަރެއް ކުރަމުން ދިޔައެވެ. ކުރިންވެސް އޭނާގެ ހަށިގަނޑުގެ މަސްތަކުގެ ބަލިކަށި ކަމެއް ހުރި އިރު އެކަންވެސް ދުވަހެއް ދުވަހަށް ދިޔައީ ބޮޑުވަމުންނެވެ.

އައިޝާ ޕީނަޓް ބަޓާ ތައްޔާރުކުރަނީ / ފޮޓޯ: އައިޝާ

އެ ހުރިހާ ކަމަކާއެކު ސްކޫލުގައި ހެލިފެލިވެ އުޅުނު އައިޝާގެ މުޅި ދިރިއުޅުން ބަދަލުވެ ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހި އޭނާގެ ބުރަކަށީގައި އަޅަމުން ދިޔަ ވޭން ދިޔައީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންނެވެ. އިށީދެ އިނދެ ކާންވެސް ބޮޑު އުނދަގުލަކަށްވުމާއެކު ރާއްޖެއިން ބޭރަށްވެސް ގޮސް ގިނަ ތެރަޕީތަކެއްވެސް އޭރު ނެގި އައިޝާ ބުނީ ބުރަކަށީގެ ނާރުތަކަށް އިންޖެކްޝަން ޖަހައިގެން އައްސިކުރަންވެސް ޑޮކްޓަރު އިރުޝާދު ތަކެއްވެސް ދިން ކަމަށެވެ.

ފިޒިއޯތެރަޕީ ހެދިޔަސް ރަނގަޅު ނުކުރެވޭނެ ކަމަށާއި ކަސްރަތުކޮށްގެން ހަށިގަނޑުގެ މަސްތަކަށް ވަރު ޖެއްސުމަށް ޑޮކްޓަރުން އައިޝާއަށް ދިން އިރުޝާދާއެކު ސިއްހަތަށް ހެޔޮ ބަދަލެއް ގެނައުމުގެ އުންމީދުގައި އޭނާގެ ދަތުރުފެށިއެވެ. އޭރު ހެދި ޓެސްޓްތަކުން އައިޝާގެ ހަށިގަނޑުގެ ހަކުރުވެސް މަތިވެފައިވާއިރު ޓައިފް 2 ޑައިބެޓިކްސްއާއި ހައި ކޮލެސްޓްރޯލްވެސް އޭނާގެ ހުއްޓެވެ. އަދި ތިން މަސް ދުވަސް ތެރޭގައި އައިޝާގެ ހަށިގަނޑަށް އެކަށީގެންވާ ބަދަލެއް ނައިސްފި ނަމަ އެ ބައްޔަށް ފަރުވާ ފަށަށް ޖެހޭނެ ކަމުގެ އިންތިޒާރުތައް އޭނާއަށް ޑޮކްޓަރުން ދެމުން ގެންދިޔައެވެ.

ހަށިގަނޑަށް އައި ބަދަލުތަކާއެކު ޑިޕްރެޝަންގައި ވެސް އައިޝާގެ ހަޔާތުގެ ދުވަސްތަކެއް ހޭދަކޮށްފައިވާއިރު އޭނާ ބުނީ އޭރު ކުޑަ ދަރިފުޅު އުރައިވެސް ނުލެވޭ ކަމަށާއި އޮށޯއޮތުމަށް ފަހު އެއް ފަޅިން އަނެއް ފަޅިއަށް ބަދަލުވާންވެސް ބޮޑު އުނދަގުލަކަށް ވެފައިވާ ކަމަށެވެ.

އެ ހުރިހާ ކަމެއް ބަދަލުކޮށްލަން ޖިމަކަށް ދާން ފަށަން ޖިމެއްވެސް ހޯދާ، ދެ ދަރިން ސްކޫލަކަށް ވެއްދިއެވެ. ޖިމަށް ދިއުމަށް ބައިސްކަލެއްވެސް ގަނެ އެ ދަތުރު ފެށީ 2018 ވަނަ އަހަރު ތެރޭގައެވެ.

އައިޝާ ޖިމުގައި / ފޮޓޯ: އައިޝާ

ޖިމަށް ގޮސްގެން ނިންމާލަނީއެއް ނޫނެވެ. ފަތިހު ދުވަންވެސް ދެއެވެ. އައިޝާ ބުނީ އެ އަޒުމާއެކު ފަތިސް ނަމާދު ބަންގި ގޮވާނީ އޭނާ މުސައްލަ މަތީ ހުއްޓާ ކަމަށާއި ނަމާދުކޮށް ނިމޭގޮތަށް މުޅި މާލެ ވަށާ ދުވަން ދާ ކަމަށެވެ. ދަރިން ހޭލުމުގެ ކުރިން އެނބުރި ގެއަށް ދެވޭތޯ ކޮންމެ ދުވަހަކުވެސް އޭނާ ބަލައެވެ.

ދެ ކުދިން ގޮވައިގެން ގޭގެ ހުރިހާ ކަމެއް ބަލަމުން، ގޭގެ އެހެން މީހުންނަށް ކައްކަމުން އައިޝާއަށް ވަކިން ކާ ތެކެތި ތައްޔާރު ކުރުމަކީ އޭނާއަށް އުނދަގޫ ކަމެކެވެ. ފަސޭހައިން ކާ އެއްޗެއް ތައްޔާރު ކުރަން ގިނަ ދިރާސާ ތަކެތި ކުރި އައިޝާ ފުރަތަމަ ކާ ތަކެތި ތައްޔާރުކުރަން ފެށީ އަމިއްލައަށް ކެެއުމަށެވެ. އަދި ކޮންމެ ދުވަހަކު ޖިމަށްދާއިރު ހަދާ އާ ވައްތަރެއްގެ ކާ އެއްޗެއް ގެންދަމުން ދިޔަ އައިޝާ ބުނީ ޕޭޖެއް ހެދުމުގައި އެ މީހުންގެ އެއްބާރުލުންވެސް ވަރަށް ބޮޑު ކަމަށެވެ.

2020 ވަނަ އަހަރުގެ ތެރޭގައި ޕޭޖެއް ހަދާ ކުޑަ އަގެއްގައި ޕީނަޓް ބަޓާ ނުވިކުނުއިރު މިއަދު ޕީނަޓް ބަޓާ ގަތުމަށް ގިނަ އޯޑަރުތަކެއް އޭނާއަށް ލިބެއެވެ. ސިއްހަތަށް ފައިދާ ހުރި ކާތަކެތި ތައްޔާރު ކުރާ އައިޝާ ޕީނަޓް ބަޓާގެ އިތުރުން އާޓާފުށުގައި ތައްޔާރުކުރާ ފިހުނު ހެދިކާތައާއި ރޮށި ޕެކް ފަދަ ތަކެތިވެސް ވިއްކައެވެ. އަދި ކީނުވާއާއި އޯޓްސް ކުޅި ބޯކިބާ އަދި ހަކުރާއި ގޮދަން ފުށް ބޭނުން ނުކޮށް ތައްޔާރުކުރާ ސިއްހަތަށް ފައިދާ ހުރި ކޭކާއި ބްރައުނީވެސް ތައްޔާރުކުރެއެވެ. އަމިއްލަ ރެސިޕީތަކަށް ސިއްހަތަށް ފައިދާ ހުރި ކާތަކެތި ހަދާ، ވިއްކަމުންދާ އައިޝާ ބުނީ އެ މަސައްކަތަށް ލިބެމުންދާ ވަރަށް ރަނގަޅު ކޮމެންޓްތަކަކީ އޭނާ އިތުރު އާ ތަކެތި ހެދުމަށް ލިބޭ ބޮޑު ހިތްވަރެއް ކަމަށެވެ.

އައިޝާ ތައްޔާރުކުރާ ސިއްހަތަށް ފައިދާ ހުރި ރޮށި ޕެކް / ފޮޓޯ: އައިޝާ

ޖިމަށްދާން ފެށުމާއެކު ގިނަ ބައެއްގެ ފަރާތުން ހިތްވަރު އެލޭ ފަދަ ބަސްތަކެއް ކުރިމަތި ވިނަމަވެސް އައިޝާގެ ހިތްވަރު އެލުވައެއް ނުލައެވެ. ކުރިއަށް ދިއުމަށް ގަދައަޅާ ކުރަމުންދިޔަ މަސައްކަތާއި ހިތްވަރު ދުވަހެއް ދުވަހަކަށް އިތުރުވުމާއެކު ނަތީޖާއަކަށް ވެގެން ދިޔައީ 70 އިން މަތީގައި ހުރި އައިޝާގެ ބަރުދަން 50 އަށް ތިރިވުމެވެ. ހަކުރު ކޮންޓްރޯލްވެސް ކުރެވުނީއެވެ.

ކޮވިޑަށްފަހު އަމިއްލައަށް ޖިމަށް ގޮސް ކަސްރަތު ކުރަމުން އަންނަ އައިޝާއަކީ މިހާރު ފިޓްނަސް ޕްރޮގްރާމެއް ދާދިފަހުން ފުރިހަމަކޮށްފައިވާ ހުއްދަ ލިބިފައިވާ ޓްރައިނަރެއް ވެސް މެއެވެ.

އައިޝާ ފިޓްނަސް ޕްރޮގްރާމުން ލިބުނު ސެޓްފިކެޓް ހިފަހައްޓާލައިގެން/ ފޮޓޯ: އައިޝާ
"މިހާރުވެސް ދަން ކަސްރަތުވެސް ކުރަންދަން ރޯދަ މަހުވެސް ދަން. ކޮވިޑް ނިންމާފަ އަމިއްލައަށް ޖިމަށް ގޮސްގެން ކަސްރަތުކުރަން ފެށީ. އޭރުވެސް މިހާރުވެސް ދުވަންވެސް ދަނީ އެކަނި އަބަދުވެސް ސިކުނޑީގައި ބައިދަން ޖެހޭނީ މީހަކާ އެއްކޮށް ކަމެއް ކުރަން އުޅެގެން ކަމެއް ނުވާނެއޭ. އޭރަށް ކުރިއަށްދެވޭނީ"
އައިޝާ

އައިޝާ ބުނީ ސިއްހަތަށް ފައިދާ ހުރި ކާ ތަކެތި ތައްޔާރުކޮށް ވިއްކަން ފެށުމާއެކު ވަރަށް ބޮޑު ޗެލެންޖަކަށްވީ ކަމަށާއި ޓީޗަރަކު އެކަން ކުރުމުން އެކަން ހަޑިކަމަށް ވީ މީހުން ވެސް އުޅުނު ކަމަށެވެ.

މި މަސައްކަތުގައި ދުވާލާއި ރޭގަނޑުގެ ގިނަ ވަގުތު ހޭދަކުރާ އައިޝާއަށް ދިމާވާ ވަރަށް ބޮޑު ގޮންޖެހުމަކީ ބޭނުންވާ ތަކެތި މާލެއިން ގަންނަ ނުލިބުން ކަމަށްވާއިރު އޭނާ ބުނީ ރާއްޖެއިން ބޭރުން ތަކެތި ގެންނަން ޖެހުމަކީވެސް ވަރަށް އުނދަގުލެއް ކަމަށެވެ.

ބޮޑެތި ބިރިޔާނީ ބަތް ގަނޑުތަކުގެ ބަދަލުގައި ރެޑް ރައިސްއާއި އާޓާ ފުށް ރޮއްޓަށް އައިޝާގެ ދިރިއުޅުން ބަދަލުވެގެން ދިއުމާއެކު އޭނާގެ ފިރިމީހާއާއި ދަރިންގެ އިތުރުން މުޅި އާއިލާވެސް ވަނީ އެކަމަށް ހޭނިފައެވެ. އައިޝާ ބުނީ ދަރިންވެސް ބަލައިގަންނެ، އެކަން ކަން ފޮލޯ ކުރާތީ ވަރަށް އުފާވާ ކަމަށެވެ.

ކަސްޓަމަރުންގެ ސަޕޯޓަކީ އައިޝާގެ ކުރިއެރުން:

އައިޝާ ބުނީ އޭނާގެ ކަސްޓަމާސްއާ އުފެދިފައިވަނީ ވަރަށް ރަނގަޅު ގުޅުމެއް ކަމަށާއި މިހާތަނަށް އައިއިރު ކަސްޓަމަރަކާ ދުވަހަކުވެސް މައްސަލައެއް ޖެހިފައި ނުވާނެ ކަމަށެވެ. އަދި އެކަން އެހެން ވަނީ އޯޑަރެއް ލަސްވިޔަސް ކަސްޓަމަރުންނާ ރަނގަޅަށް މުއާމަލާތް ކުރެވޭތީ ކަމަށް އައިޝާ ފާހަގަކުރެއެވެ.

މި ހިސާބަށް އައީ ކަސްޓަމަރުންގެ ހިތްވަރާއެކު ކަމަށާއި ފުރަތަމަ ދުވަހުގެ ކަސްޓަމަރުން 3 އަހަރަށްވުރެ ގިނަ ދުވަސްވީއިރުވެސް އެބަ ތިބި ކަމަށް އައިޝާ ވަނީ ބުނެފައެވެ. އަދި ޕޭޖުން ދިމާވެ ރައްޓެހިންވެސް ލިބިފައިވާ ކަމަށާއި އެ މީހުންގެ ވާހަކަތައް ހިއްސާކޮށް ހަކުރު ބަލި ކޮންޓްރޯލް ކުރަން މަސައްކަތްކޮށް ކާމިޔާބު ވެފައ ތިބި ކުދިން ތިބިއިރު އައިޝާ ބުނީ ގިނަ ބަޔަކު އިންސްޕިރޭޝަންއެއްގެ ގޮތުގައި އޭނާ ދެކޭތީ އުފާވާ ކަމަށެވެ.

އައިޝާގެ މިހާރުގެ ފޮޓޮއެއް / ފޮޓޯ: އައިޝާ

އައިޝާ ބުނީ ގިނަ ބަޔަކު އަމިއްލަ މީހާގެ ހަށިގަނޑަށް ވިސްނައިގެން ސިއްހަތައް ފައިދާ ހުރި ލައިފްސްޓައިލްއަކަށް އުޅޭތަން ފެނުމަކީ އޭނާ އުފާވާނެ ކަމެއް ކަމަށާއި ގިނަ ބަޔަކަށް އައިޝާ ތައްޔާރުކުރާ ކާ އެއްޗެހި ފެނި، ބޭނުން ކުރާތަން ފެނުމަކީވެސް އޭނާ ދެކޭ ހުވަފެނެއް ކަމަށެވެ. އަދި އަމިއްލައަށް ކަސްރަތުކުރުމާއި މަސައްކަތާއި ކެއުން ރަނގަޅަށް ބެހެއްޓުމަކީ ކިހާ މުހިއްމު ކަމެއް ކަން ގިނަ ބަޔަކު ދަނެގަނެ ކަސްރަތު ކުރުމާއި ކެއުން ބެލެހެއްޓުމަކީ އަމިއްލަ ހަށިގަނޑަކަށް ކުރާ ކަމެއްގެ ގޮތުގައި ކުރާތަން ވެސް އައިޝާ ދެކެން ބޭނުންވެއެވެ.

ފިރިމީހާގެ ފަރާތުން ބޮޑު ތަރުހީބެއް ލިބޭކަން ފާހަގަކޮށް އައިޝާ ވަނީ ފިރިމީހާއަށް ވަރަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ. އަދި އޭނާގެ މަންމައާއި އާއިލާގެ މީހުންގެ ފަރާތުން ލިބޭ އެހީތެރިކަމާއި އެއްބާރުލުންވެސް އައިޝާ ފާހަގަކުރާއިރު އައިޝާ ބުނީ ޖިމްގައި އުޅޭ ގްރޫޕަކީވެސް ވަރަށް ހިތްވަރުދޭ ބައެއް ކަމަށެވެ.

އައިޝާ ބުނީ އަންހެނުންނަކީ ވަރަށް ބިޒީ ބައެއް ކަމަށާއި ހާއްސަކޮށް މަންމައިންނަށް ވުމުން އަންހެނުން އަދި އިންތިހާއަށް ބިޒީވާނެ ކަމަށާއި އެހެން ބަޔަކާއެކީ ދިރިއުޅޭ ކަމަށް ވަނީ ނަމަ މާ ގިނަ ޗެލެންޖެސް ހުންނާނެ ކަމަށެވެ. އެހެންނަމަވެސް އަމިއްލަ މީހާގެ ހަށިގަނޑަށް އެ މީހަކު ނުކުރި ލޯބި އެހެން މީހަކު ނުކުރާނެ ކަން ދެކިގެން ރަނގަޅު ސިއްހަތެއްގައި ހުރުމަށް އިސްކަން ދިނުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.