ރ. މަޑުއްވަރީގައި މިއަދު ހިނގި އެކްސިޑެންޓެއްގައި އެ ރަށު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު އަސްލަމް (40އ) ނިޔާވެއްޖެއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އިން ބުނީ ރ. މަޑުއްވަރީގައި ޕިކަޕެއް ފަހަތަށް ޖެއްސި ވަގުތު އެ ޕިކަޕުގެ ފަހަތުގައި ހުރި މީހެއްގެ ގައިގައި ޕިކަޕުން ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު މިއަދު މެންދުރު ފުލުހުންނަށް ރިޕޯޓްކޮށްފައި ވާކަމަށެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ އަނިޔާވި މީހާއަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް ނިޔާވެފައި ވާކަމަށެވެ. އަދި މިކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.