ކޮންމެ ކުއްޖެއްގެވެސް ތައުލީމީ ހަޔާތަކީ އެ ކުއްޖެއްގެ ކުރިމަގު ބަލާ ލޯގަނޑު ކަމަށްވާއިރު ކުރިއަށްދިއުމަށް މަގު ކޮށައިދެނީވެސް އެ ދުވަސްވަރެވެ. ކިޔެވުމުގައިި އިތުރު ހަރުފަތަކަށް ދިއުމަށާއި ކުރިމަގު ބިނާކުރުމުގެ ބިންގާ އެޅޭނީވެސް ހަމަ އެ ދުވަސްވަރެވެ. ކުޅިވަރުގެ ދާއިރާއަށް ބަލާލިކަމުގައި ވިޔަސް އެއިން ކޮންމެ ކުޅުންތެރިޔަކީވެސް އެކަމަށް އޮންނަ ޝައުގުވެރިކަމާއެކު ސްކޫލް ދައުރުން ފެށިގެން އެ ދާއިރާއަށް ނިކުންނަށް މަސައްކަތްތަކެއް ކޮށްފައިވާ ކުޅުންތެރިންނެވެ. އެގޮތުން ލ. މާވަށު، އުމުރުން 25 އަހަރުގެ މުހައްމަދު މިމްރާހު ހަސަންގެ ކުޅިވަރު ހަޔާތްވެސް ފެށުނީ ސްކޫލުގައި އުޅުނު ދުވަސްވަރެވެ.
މާވަށު ސްކޫލުން އޯލެވެލް އާ ހިސާބަށް ކިޔެވި މިމްރާހުއަކީ ސްކޫލް ފެންވަރުގައި ކުރިއަށްގެންދިޔަ ގިނަ ކުޅިވަރުތަކެއްގައި ބައިވެރިވި ދަރިވަރެކެވެ. އޭރު ފުޓްބޯޅައަކީ މިމްރާހު އެންމެ ޝައުގުވެރިވި ކުޅިވަރަށް ވިޔަސް އިންޓަ ހައުސް ވޮލީ މުބާރާތްތަކުގައި ވެސް އޭނާ ދެއްކީ ތަފާތު ހުނަރެކެވެ. އޯލެވެލް ނިންމާލުމަށްފަހު އިތުރަށް ކިޔެވުމަށް މާލެ އައިސް ކުޅިވަރު ކުޅުމަށް އުފެދިފައިވާ ލޯތްބާއެކު އޭނާ ބީޗް ވޮލީ ކޯޓަށް ކުޅެން ދިޔައެވެ. ވޮލީއަށް އުފެދެމުން ދިޔަ ޝައުގު އިތުރުވެ، 2014 ވަނަ އަހަރު ކުރީކޮޅު އޮތް ދެވަނަ ޑިވިޝަން މުބާރާތައް އެތަނުން އިއްސެ ކޯޗު ހެދި ޓީމެއްގައި މިމްރާހުވެސް ހިމެނުނެއެވެ. އަދި އެއީ ފުރަތަމަ ފަހަރަށް ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލްގައި އޭނާ މެޗެއް ކުޅުނު ފަހަރެވެ.
ސެޓްފިކެޓް 3 ގެ އައިޓީ ކޯހެއް ހެދުމަށް ސައިރިކްސް ކޮލެޖުގައި މިމްރާހު ކިޔަވަން ފެށި ދުވަސްވަރަކީ އިންޓަ ކޮލެޖް މުބާރާތް އިއުލާންކޮށްފައިވާ ދުވަސްވަރަށްވުމާއެކު އެކުގައި އުޅުނު ކުދިންތަކަކާއެކު އޭނާ ހެދި ޓީމަކުން ފުރަތަމަ ފަހަރަށް ސައިރިކްސްއިން އިންޓަ ކޮލެޖް މުބާރާތުގައި ބައިވެރިވިއެވެ. އަދި އެމްއެންޔޫއާ ދެކޮޅަށް އެ މުބާރާތުގެ ފައިނަލްގައި ވާދަކޮށް ސައިރިކްސްއަށް ޗެމްޕިއަންކަން ހޯދިއިރު އެ މުބާރާތުގެ އެންމެ މޮޅު ލިބަރޯގެ މަގާމު ހޯދައި ޑްރީމް ޓީމުގައި ވެސް މިމްރާހު ހިމެނުނެވެ. އެ އަހަރަކީ ގައުމީ ޓީމުގެ 17 އަހަރުން ދަށުގެ ޓީމަށް މިމްރާހު ހޮވިގެން ދިޔަ އަހަރުވެސްމެއެވެ.
އޭގެ ފަހުން ޔޫތު ޗެމްޕިއަންސިޕާއި ފުރަތަމަ ޑިވިޝަންގެ މުބާރާތް ކުޅެން މިމްރާހުއަށް ފުރުސަތު ލިބިގެން ދިޔައިރު، އެ ހިސާބަށް ދިޔުމުގައި އަޝްރާ ކޯޗުގެ އެހީތެރިކަން މިމްރާހު ވަނީ ފާހަގަކޮށްފައެވެ.
ބިޒްނަސްގެ ދާއިރާއިން ކިޔަވަމުން އަންނަ މިމްރާހު، ބިޒްނަސް މެނޭޖްމަންޓްގެ ފައުންޑޭޝަން ކޯހަކާއި ބެޗްލާސް ޑިގްރީ ކޯހެއް ފުރިހަމަކޮށްފައިވަނީ ވިލާ ކޮލެޖުންނެވެ. އަދި މިހާރު އެ ދާއިރާއިން އޭނާ މާސްޓާސްއަށް ކިޔަވަމުން ގެންދަނީ ބިޒްނަސް ސްކޫލުގައެވެ.
މިހާރު އަމިއްލަ ކުންފުންޏެއްގެ ސީނިއާ އެސިސްޓެންޓް މެނޭޖަރެއްގެ މަގާމުގައި ހުރި މިމްރާހު ބުނީ ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ވަޒީފާއަދާކުރަމުން ކިޔަވަމުން ފަރިތަކުރުންތަކަށާއި މުބާރާތްތަކަށް ރާއްޖެއިން ބޭރަށް ދާންޖެހުން ކަމަށެވެ. އެހެންނަމަވެސް ވަޒީފާ އަދާކުރާ ތަންތަނުން ލިބޭ އެއްބާރުލުން އޭނާ ފާހަގަކުރެއެވެ. މީގެ ކުރިން ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގައި ވަޒީފާ އަދާކުރިއިރު އެތަނުގެ އެންމެންގެ ފަރާތުންވެސް ވަރަށް އެއްބާރުލުން ލިބޭ ކަމަށް މިމްރާހު ފާހަގަކުރެއެވެ.
ވޮލީ ކުޅުމުގައި މިހާތަނަށް ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ މިމްރާހުއަށް ވަނީ ކޮލެޖް މުބާރާތުގެ އިތުރުން ޔޫތު މުބާރާތުގައި އެންމެ މޮޅު ލިބަރޯގެ މަގާމާއި ޓީމަށް ޗެމްޕިއަންކަންވެސް ހޯދައިދީފައެވެ. ސީނިއާ ލެވެލް މުބާރާތްތަކަށް ބަލާއިރު ފުރަތަމަ ޑިވިޝަންގައި ސިފައިންގެ ޓީމަށް ކުޅެ ވެސް ޗެމްޕިއަން ކަމާއި އެންމެ މޮޅު ލިބަރޯގެ މަގާމު ހޯދާފައިވާ މިމްރާހު އަށް ވަނީ މިހާރު ނޫހުން ދޭ އަހަރުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑް 2017 ވަނަ އަހަރު ލިބިފައެވެ.
ގައުމީ ފެންވަރުގައި ވޮލީ ކުޅެމުން އައި ކަމުގައި ވިޔަސް މިމްރާހުއަކީ މިއަދުވެސް ގިނަ ކުޅިވަރުތަކަށް ޝައުގުވެރިކަން ހުންނަ ކުޅުންތެރިއެކެވެ. އިތުރު ކުޅިވަރުތައް ކުޅުމާއި ބަލަން ދިއުމަކީވެސް އޭނާ ކޮށްއުޅޭ ކަމެކެވެ.
މިމްރާހުއަކީ ވޮލީ ކޯޓުގައި ދެވަނައެއް ނުވާ މޮޅު ކުޅުންތެރިއެކެވެ. ކޯޓުން ބޭރުގައި ކުޅަދާނަ ކޯޗެކެވެ. މިމްރާހުއަށް ދަސްވެފައިވާ އެއްޗެއް އެހެން ބަޔަކަށް ދަސްކޮށް ދިނުމަކީ އޭނާ އަބަދުވެސް ބޭނުންވާ ކަމަކަށްވާއިރު މީގެ ކުރިން އޭނާ ވަނީ ޖޫނިއާ ލެވެލްގެ މުބާރާތްތަކުގައި ބައެއް ޓީމުތަކަށް ކޯޗުކަންވެސް ކޮށްދީފައެވެ. އެގޮތުން ގައުމީ ޔުނިވާސިޓީގެ އިންޓަ-ފެކަލްޓީ މުބާރާތުގައި ސީއެފްއެެސްގެ ކޯޗެއްގެ ގޮތުގައި މިމްރާހު ހުރެ، ހޯދައިދެވުމުން ކާމިޔާބުތައް އޭނާ ފާހަގަކުރެއެވެ. މިދިޔަ 2021 ވަނަ އަހަރު އެ މުބާރާތުން ސީއެފްއެސް ޗެމްޕިއަންކަން ހޯދިއިރު މިމްރާހުއަށް ވަނީ އެންމެ މޮޅު ކޯޗުގެ މަގާމުވެސް ލިބިފައެވެ. އަދި 2022 ވަނަ އަހަރު އެ މުބާރާތުގެ ރަނަރަޕް ޓީމުގެ ގޮތުގައި ސީއެފްއެސް ހޯދި ކާމިޔާބީ އަކީވެސް މިމްރާހު ކޯޗު ކަމުގެ ދަށުން ފާހަގަކޮށްލެވޭ ކާމިޔާބީއެކެވެ.
މި ދާއިރާއިން ގިނަ މެޓަލްތަކެއް ޓީމުތަކަށް ހޯދައިދީފައިވާ މިމްރާހުގެ އެންމެ ބޮޑު ހުވަފެނަކީ ގައުމީ ފިރިހެން ވޮލީ ޓީމަށް ރަން މެޑަލްއެއް ހޯދައިދެވޭނެ ދުވަހެކެވެ.
ގިނަ މީހުންނަކީ ކޮންމެ މަސައްކަތެއްގައި ވެސް ނަމޫނާއަކަށް ބަލާ ވަކި މީހަކު ގެންގުޅޭ ބައެކެވެ. އެގޮތުން މިމްރާހު މާލެ އައިސް ވޮލީ ކުޅެންފެށި ދުވަސްވަރު ނަމޫނާއެއްގެ ގޮތުގައި ބެލީ ނަބީލް (ނައްބަ) ކަމަށާއި އޭނާގެ ކުޅުން ބަލާފަ އެގޮތަށް ކުޅެން މަސައްކަތް ކުރި ކަމަށް މިމްރާހު ބުނެއެވެ.
މި ދާއިރާގައި މިމްރާހު ހޭދަކުރި ގިނަ އަހަރުތަކުގައި އޭނާ އެންމެ ދެރަވީ 2018 ވަނަ އަހަރު އޭޝިޔަންސް ގޭމްސްއަށް އިންޑޮނޭޝިޔާއަށް ގޮސް އުޅެނިކޮށް އަނިޔާ ލިބުނު ދުވަހުއެވެ. މިމްރާހު ބުނީ އޭނާގެ އަތުކަށިގަނޑުގައި ރެނދެއްލައިގެން ލިބުނު އަނިޔާއާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައިވެސް ހުންނަން ޖެހުނު ކަމަށެވެ.
ޒަވާޖީ ހަޔާތެއް ފެށުމަށް ތައްޔާރުވަމުން އަންނަ މިމްރާހުގެ ކުޅިވަރުގެ ދަތުރުގައި މިހާ ހިސާބަށް އާދެވުމުގައި އޭނާގެ މަންމައާއި ބައްޕައާއި އާއިލާއިން ދިން ހިތްވަރާއި އެހީތެރިކަން އޭނާ ފާހަގަކުރެއެވެ. އަދި ކޯޗުންނާއި ވޮލީބޯލް އެސޯސިއޭޝަންގެ މެނޭޖްމަންޓުންނާއި ރައްޓެހިންނާއި ވަޒީފާ އަދާކުރި ތަންތަނުގެ މީހުންނާއި ސްކޫލު ދައުރުގައި ވޮލީ ކުޅެން ދަސްކޮށްދިން އެންމެންނާއި ގައުމީ ސީނިއާ ވޮލީ ޓީމުގެ އެންމެހާ ކުޅުންތެރިންގެ އެހީތެރިކަމަށްވެސް ފާހަގަކޮށް މިމްރާހު ވަނީ ޝުކުރުއަދާކޮށްފައެވެ.
މިމްރާހުގެ މެސެޖް: ކުޅުނަސް ދީނީ ކަންކަމަށް އިސްކަންދޭން ވާނެ!
މިމްރާހު ބުނީ ވޮލީ ކުޅެން ޝައުގުވެރިކަން ހުންނަ ކުދިން ވޮލީގެ "އެންމެ ބޭސިކް ސްކިލްސް" ރަނގަޅުކުރުމާއެކު ކޯޗުންގެ އިރުޝާދާއި ސީނިއާ ޓީމާ ހިސާބަށް ދިޔަކަމުގައި ވިޔަސް އެ ކުޅުންތެރިންގެ ލަފާ ހޯދައިގެން ކުރިއަށް ގެންގޮސްފިނަމަ ކުރިއަރަން ފަސޭހަވާނެ ކަމަށެވެ.
ކުޅިވަރާއި އެހެނިހެން ކޮންމެ ކަމެއް ކުރިނަމަވެސް ދީނީ ކަންކަމަށް ފަރުވާތެރިކަން ބަހައްޓައިގެން ކުރިއަށްދިއުމަކީ މިމްރާހުގެ ނަސޭހަތަކަށްވާއިރު އޭނާ ވަނީ ރާއްޖޭގެ ކުޅިވަރު އެހެން ހަރުފަތަކަށް ގެންދިއުމަށް އެނެމްންގެ އެއްބާރުލުން ބޭނުންވާ ކަމަށް ބުނެފައެވެ. އަދި ހިތްވަރާއެކު ހުއްޓުމެއް ނެތި ކުރިއަށް ދިއުމަށްވެސް މިމްރާހު ވަނީ އެދިފައެވެ.
މިހާރު ރާއްޖޭގެ ކުޅިވަރުތައް ކުރިއަރުވަން މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ކޮށްދެއްވާ މަސައްކަތް ފާހަގަކުރައްވާ މިމްރާހު ވަނީ ކުޅިވަރުގައި ކުރިއަށްދާނެ މަގުތައް ހޯދައިދެއްވާތީ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.