ފާހަގަކުރެވޭ އެކި މުނާސަބާތަކާއި ހަފްލާތަކަށް ނަލަ ރީތި ހެދުމެއް ފަހައިގެން ލުމަކީ ގިނަ ފަރާތްތަކުން މަސައްކަތް ކުރާ ކަމަކަށްވީ ހިނދު ފެހުންތެރިއެކޭ ނުވަތަ ފެޝަން ޑިޒައިނަރެކޭ ބުނުމުން އަދިވެސް ގިނަ ފަރާތްތަކަށް ސިފަވަނީ އެ މަސައްކަތްކުރާ އަންހެނެކެވެ. ޒަމާނާއެކު ބަވަނަވަމުން އަންނަ ރާއްޖޭގައި ތިބި ގިނަ ފެޝަން ޑިޒައިނަރުންނަކީ އަދިވެސް އަންހެނުންނެވެ. ނަމަވެސް ކުރިއާ ހިލާފަށް މި ދާއިރާގައި މަސައްކަތް ކުރާ ފިރިހެނުންގެ އަދަދު އަންނަނީ ގިނަ ވަމުންނެވެ. އެގޮތުން ބަލާއިރު ފެޝަން ޑިޒައިނިންގެ ދާއިރާއިން ފާހަކޮށްލެވޭ އެއް ފިރިހެން ފެޝަން ޑިޒައިނަރަކީ ކުޅުދުއްފުށި ސީޓީ، އަލީބޮހައިރިގޭ އުމުރުން 27 އަހަރުގެ އަބްދުލް މުހައިމިން އިބްރާހިމްއެެވެ.
ކުޅުދުއްފުށި ސުކޫލަކުން އޯ ލެވެލްއާ ހިސާބަށް ކިޔެވުމަށްފަހު މަސައްކަތް ކުރަން ފެށި މުހައިމިން މި މި ދާއިރާގައި މަސައްކަތްކުރާތާ މިހާރުވަނީ 11 ވެފައެވެ. ކޯސް ހެދުމަކާ ނުލާ އަމިއްލަ މަސައްކަތުން ފެޝަން ޑިޒައިނިންގެ ދާއިރާއިން ކުރި އަރަމުންދާ މުހައިމިން ބުނި ގޮތުގައި ދާއިރާއަށް ޝައުގުވެރިކަން އުފެދުނީ އޭނާ ވަރަށް ކުޑަ އިރުއެވެ. އޭނާ ބުނީ ކުޑަ އިރުވެސް ލަވަތަކުންނާއި ފިލްމުތަކުން ފެންނަ ހެދުންތަކަށް ވަރަށް ބެލޭ ކަމަށާއި އެ ހެދުންތައް ފަރުމާކޮށްފައި ހުންނަގޮތާމެދު ވަރަށް ވިސްނޭ ކަމަށެވެ. ކުޑައިރުވެސް ކުދި ފޮތިކޮޅުކޮޅު އަތު ތިނޯހުން ފަހާ އުޅުނު މުހައިމިން އެންމެ ފުރަތަމަ ފަހާފޮއްޓަކުން ހެދުމެއް ފަހާފައިވަނީ އޭނާގެ އުމުރުން އެންމެ 13 އަހަރުގައި އޭނާގެ މަންމަށެވެ. ގެއަށް އަލަށް ގެނައި ފައިން އަނބުރާ ފަހާފޮށިން ފެހި ފުރަތަމަ ހެދުން އެންމެ ފުރިހަމައަށް ނުފެހުނު ނަމަވެސް އެ ހެދުމުގެ އަތް ގުޅުވަންށާއި ކަރުހެދުމުގެ އިތުރުން ފަސްބައި ޖަހަން އޭނާއަށް އެނގުނެވެ.
ގެއަށް ގެނައި ފަހާފޮށިން އަޖުމަ ބަލާލުމަށްފެހި ހެދުމާއެކު ފެހުމަށް ހުރި ޝައުގުވެރިކަން އިތުރުވީ ނަމަވެސް ޕްރޮފެޝަނަލީ މި މަސައްކަތް ކުރަން އާއިލާގެ އެއްބާރުލުމެއް ނުލިބުނެއެވެ. އެހެންކަމުން އޭރު ފެހުމަށް މާބޮޑު ސަމާލުކަމެއް މުހައިމިން ދީފައެއް ނުވެއެވެ. ހެދުން ފަހާ ނޫޅުނު ނަމަވެސް އޭރު ސްކޫލުގައި އުޅުނު އިރުވެސް އޭނާ ދިޔައީ އަމިއްލަ އެއްޗެހީގެ ފަތިޖަހާ ހަދަމުންނެވެ. މުހައިމިން ބުނީ މައިގަނޑު ގޮތެއްގައި ފެހުމުގެ ތެރެއަށް ވަދެވުނީ ގްރޭޑް 10 ގައި އުޅުނު އަހަރު (2010 ވަނަ އަހަރު) އޯ ލެވެލް އިމްތިހާނު ހިނގަމުންދިޔަ ދުވަސްވަރު ކަމަށެވެ.
އަދިވެސް ބައެއް މީހުން ގަބޫލުކުރާ ގޮތުގައި ފެހުމަކީ އަންހެނުން ކުރާ މަސައްކަތެއް ކަމަށް ވާއިރު މުހައިމިން ބުނިގޮތުގައި އޭނާ މި މަސައްކަތް ފެށުމާއެކު ވެސް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވިއެވެ. އެގޮތުން މީ ފިރިހެނުން ކުރާ މަސައްކަތެއް ނޫން ކަމަށާއި އޭނާއަށް އެކަން ނުވާނޭ ކަމަށް ބުނެ ތަފާތު އެހެން މަސައްކަތެއް ހޯދުމަށް ގިނަ ބަޔަކު އޭނާ ގާތުވަނީ ބުނެފައެވެ. ހިތްވަރު ގެއްލި މާޔޫސްވާފަދަ އެ ބަސްތަކަށް ބެލުމެއް ނެތި ދާއިރާގައި ކުރިއަށް ދެވުނީތީ މިއަދު މުހައިމިން އުފާކުރެއެވެ.
މި ދާއިރާގަ ކާމިޔާބު މީހަކަށްވުމުގެ އުންމީދުގައި މުހައިމިން މަސައްކަތް ކުރަމުން ދާއިރު އޭނާ ދެކޭ ގޮތުގައި މީހުންގެ ފަރާތުން އަމާޒުވި އެފަދަ ދެރަ ބަސްތަކާއެކު ވެސް މި ހާތަނަށް ދާއިރާގައި ދެމިހުރެވުމަކީ އޭނާއަށް ލިބުނު ކާމިޔާބީއެކެވެ. އޭނާ ބޭނުންވީ އޭނާއަށް މި ދާއިރާއިން ކުރިއަށް ނުދެވޭނެ ކަމަށް ބުނެ މަލާމަތް ކުރި މީހުންނަށް އޭނާގެ ހުނަރާ ހިތްމަތާ ކެރުމާއެކު މިކަން ކުރެވޭނޭކަން ދައްކާލުމަށެވެ. އޭނާ ބުނީ ފެޝަން ޑިޒައިނިންގެ ދާއިރާއަކީ ވަކި ޖިންސަކަށް ހާއްސަ ދާއިރާއެއް ނޫން ކަމަށާއި އެންމެ އާދައިގެ އެއްޗެހި ފަހާ ނުވަތަ ޑިޒައިން ކުރާ މީހާއަކީ ވެސް އަސްލު ވަރަށް ބުރަ މަސައްކަތް ކުރާ މީހެއް ކަމުގައެވެ. އަދި ފެޝަން ޑިޒައިނިންގެ ދާއިރާއިން އެވޯޑެއް ލިބުމަކީ އޭނާގެ ހުވަފެނެއް ކަމަށް ވެސް އޭނާ ބުނެއެެވެ.
މި ދާއިރާއަށް މުހައިމިން ވަނުމުން ފާޑުކިޔުން އަމާޒު ކުރި މީހުންނަށް ވެސް މިހާރު ހެދުންތައް ފަހާދީފައިވާނެކަން ފާހަގަކޮށް މުހައިމިން ބުނީ ފެށިއިރާ އަޅާބަލާއިރު މިހާރު މީހުންދޭ ކޮމެންޓްތަކާއެކު ކުރިއަށް ދިއުމަށް އިތުރު ހިތްވަރެއް ލިބިފައިވާ ކަމަށެވެ. އަދި އެންމެ ފަހު ވަގުތު އެހެން މީހަކު ލައްވާ ހެދުން ފަހާ އެ ހެދުން ކަމުނުގޮސްގެން އަންނަ މީހާ ވެސް އޭނާ ކައިރިން ދަނީ ހިތްހަމަޖެހިގެން ހުރެ ކަމަށެވެ. ހެދުން ހަލާކުވެގެން އެއް ދުވަސް ތެރޭގައި ހެދުން ރަނގަޅު ކުރުމަށް އޭނާ ގާތަށް މީހުން އައުމަކީ އޭނާ އުފާ ކުރާ ކަމެކެވެ. އޭނާ މިހާތަނަށް އެއްވެސް މީހަކަށް ފަހައިދިން ހެދުމަކާމެދު ހިތްހަމަނުޖެހިގެން ހުރެ ކްލައިންޓަކު ގޮސްފައިނުވާނެ ކަމުގެ ޔަގީންކަން މުހައިމިން ދެއެވެ.
ދާއިރާއިން މާބޮޑެތި ކާމިޔާބީީއެއް ލިބިފައި ނުވީ ނަމަވެސް މުހައިމިން އަށް އެންމެ މަގުބޫލު ފިލްމީ ތަރި ނިއުމާ މުހައްމަދުއަށް ހެދުމެއް ފަހާދިނުމުގެ އިތުރުން މިދިޔަ އަހަރު ބައިނަލްއަގްވާމީ ގެވެށި މަސައްކަތްތެރިންގެ ދުވަހާއި ގުޅިގެން ދުނިޔޭގެ އަންހެން ވިޔަފާރިވެރިންގެ ދުވަސް ފާހަގަކުރުމަށް ކުޅުދުއްފުށި ސިޓީ ކައުންސިލާއި ބިޒްނަސް ސެންޓާ ކޯޕަރޭޝަން އަދި ކުޅުދުއްފުށި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ ގުޅިގެން ހިންގި "ހިޔަަލަ އެކްސްޕޯ 2022"ގައި ފަނޑިޔާރުކަން ކުރަން އޭނާ ވަނީ ކޮށްދީފައެވެ.
އާންމުކޮށް ދުވާލެއްގެ މައްޗަށް 6 ގަޑިއިރާ 9 ގަޑިއިރާ ދެމެދުގެ ވަގުތެއް މުހައިމިން ފެހުމަށް ހޭދަކުރާއިރު ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ރަށުން ފެހުމަށް ބޭނުންވާ ގިނަ ތަކެތި ނުލިބުމެވެ. ފެހުމަށް ބޭނުންވާ ތަކެތި ހުދު އޭނާ އަމިއްލައަށް މާލެއަށް އައިސް އިހުތިޔާރު ކުރަނީ ކްލަޔަންޓް ބޭނުންވާ ވައްތަރުގެ ފޮތިން ހެދުން ފެހުމަށެވެ.
ފެޝަން ޑިޒައިނަރެއްގެ އިތުރުން މުހައިންއަކީ މޭކަޕް އާޓިސްޓެއް އަދި ހެއާ ޑްރެސާ އެއްވެސްމެއެވެ. 2016 ވަނަ އަހަރު އޭނާ މޭކަޕް ކުރަން ފެށިއިރު ފުރަތަމަ ވެސްކޮށްފައިވަނީ ބްރައިޑަލް މޭކަޕެކެވެ. އަމިއްލަ ހެދުންތައް ފޮޓޯ ނެގުމަށް އެ ހެދުންތައް ލައިގެން މޮޑެލް ކުރާ ކުދިންގެ މޭކަޕް އޭނާ ކުރަން ފެށީ ރަށުގައި އޭނާ ހިތްހަމަ ޖެހޭ ފެންވަރަށް މޭކަޕް ކުރާ ކުއްޖަކު އޭރު ނެތުމުން އަމިއްލައަށް އެކަންކޮށްފިނަމަ ފަސޭހަވާނެތީއެވެ. 2018 ވަނަ އަހަރުން ފެށިގެން ހެއާ ސްޓައިލް ވެސް ކުރަމުން އަންނަ މުހައިމިން ވަނީ ރޮކް ޕޭޕާ ސިޒާސްއިން ހެއާ އާޓިސްޓްގެ އެޑްވާންސް ކޯސް އަދި ރުތުބާ ކައިރިން މޭކަޕުގެ ބޭސިކް ލެވެލް ސެޓްފިކެޓް ހާސިލްކޮށްފައެވެ. މިހެން އުޅޭއިރު ލިބޭ ފުރުސަތުތަކުގައި މޭކަޕްކޮށް ހެއާ ސްޓައިލްކޮށް ހެދި ނަމަވެސް މުހައިމިން ކުރިއަށްދާން އެންމެ ބޮޑު ސަމާލުކަމެއްދޭ އަދި އެންމެ ޝައުގުވެރިވާ ދާއިރާއަކީ ފެޝަން ޑިޒައިނިންގެ ދާއިރާއެވެ.
ކޮންމެ މީހަކުވެސް އެ މީހެއްގެ މަސައްކަތް ގިނަ ބަޔަކަށް ދައްކާ އެކަމަށް އާންމުންގެ ޝައުގުވެރިކަން ގެންނަން ބޭނުންވާއިރު މުހައިމިންގެ ކްލަޔަންޓްސްއަށް ފަހައިދޭ ހެދުންތަކުގެ ފޮޓޯ ނުލިބުމަކީ އޭނާގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. އޭނާ ބުނި ގޮތުގައި ފޮޓޯ ލިބެނީ އޭނާ ފަހާ 20 ޕަސެންޓް ހެދުންތަކުގެއެވެ. ކްލައިންޓުންގެ ފޮޓޯ ގްރަފާގެ ޕޭޖަށްލުމާމެދު އެއްވެސް އިއުތިރާޒެއް ނެތްއިރު މުހައިމިންގެ ޕޭޖަށް އެ ފޮޓޯތައް ލުން މަައްސަލައަަކަށްވަނީ ކީއްވެތޯ މުހައިމިން ވަނީ ސުވާލު އުފައްދާފައެވެ.
ފެޝަން ޑިޒައިނިންގެ ދާއިރާއިން އިބޫސް ކަލެކްޝަން، ރޮގް ބައި ނަޖް އަދި ޝިފްކޯޗާ ނަމޫނާއަކަށް ބަލާއިރު މޭކަޕްގެ ދާއިރާއިން ރުތުބާ، މައިޝަމް ގެ އިތުރުން ރިޝްފާއަކީ މުހައިމިން ނަމޫނާއަކަށް ބަލާ ތިން މީހުންނެވެ. ހެއާ ސްޓައިލިންގެ ދާއިރާއިން މައިޝަމް އަދި ޖޭ ޖަސްޓިންގެ މަސައްކަތްތައް ބަލަމުން ގެންދާ މުހައިމިން ބުނިގޮތުގައި އޭނާ ބަލަނީ ވަކި މަޝްހޫރު މީހަކު ކުރާ މަސައްކަތްތަކެއް ނޫނެވެ. ކޮންމެ މިހާކު ކުރި ނަމަވެސް ތަފާތު ރީތި މަސައްކަތެއް ފެނިއްޖެނަމަ އެ މަސައްކަތެއް އޭނާ ނަމޫނާއަކަށް ބަލައެވެ.
މިދާއިރާއިން ކުރިއަށް ދާން ބޭނުންވާ ކުދިންނަށް މުހައިމިން ދޭން ބޭނުންވާ މެސެޖަކީ ދަސްކުރަން ބޭނުންވެފަ ނުކެރިފަ ނުހުރުމާއި މީ ކުރަން ކެރިއްޖިއްޔާ ވަރަށް ރަނގަޅު މަސައްކަތެއް ކަމަށެވެ. އެގޮތުން ރަނގަޅު އާމްދަނީއެއް މި ދާއިރާއިން ލިބޭކަން އޭނާ ފާހަގަ ކުރިއެވެ.
މި މަސައްކަތް ފެށިއިރު އާއިލާގެ ފަރާތުން އެއްބާރުލުމާ އެހީތެރިކަން ނުލުބުނު ނަމަވެސް މިހާރު އެ މީހުންގެ ފަރާތުން އެއްބާރުލުން ލިބޭކަން ފާހަގަކޮށް މުހައިމިން ވަނީ އޭނާގެ މަންމަ ބައްޕަ އަދި އާއިލާގެ އެންމެންނަށް ޝުކުރު އަދާކޮށްފައެވެ. ހަމައެއާއެކު އިބޫ ޑިސައިންސް، ރުތުބާ، މައިޝަމް، ރޮކް ޕޭޕާ ސިޒާސްގެ ހުރިހާ މުވައްޒަފުން، ޝިފްކޯޗާ، ރޮގް ބައި ނަޖްގެ އިތުރުން މުހައިމިންގެ ރަށްޓެހިންނަށް ވެސް އޭނާ ވަނީ ޝުކުރުއަދާކޮށްފައެވެ.
ކްލްޔަންޓް ގެ ބަދަލުގަ ބޭނުން ކުރާނެ ދިވެހި ބަހެއް ނެތީތޯ