ކެއްކުމަކީ ގިނަ ބަޔަކަށް ވަރަށް ބުރަ، ބޮޑު މަސައްކަތެކެވެ. ބައެއް މީހުންގެ މުޅި ދިރިއުޅުމުގައި ކުރަން އެންމެ ފޫހިވާ މަސައްކަތެވެ. އެހެންނަމަވެސް ކައްކާ ހިތުން އުޅޭ މީހުންނަކީ އެއްޗެއް ނުކައްކައިފިނަމަ ނިދިވެސް ނާންނަ ބައެކެވެ. ހިތްހަމަޖެހުމާ ގުޅިފައިވާ ކެއްކުމުގެ މަސައްކަތުގައި ފާހަގަކޮށްލެވޭ އެކަކަކީ ރ. އިންނަމާދޫ، އުމުރުން 22 އަހަރުގެ ފާތިމަތު ސިމްނާ (ސިމް) އެވެ.
އިންނަމާދޫ ސްކޫލުން ގްރޭޑް 7 އާ ހިސާބަށް ކިޔެވި ސިމް، އޯލެވެލް ނިންމީ ޖަމާލުއްދީން ސްކޫލުންނާއި ގާޒީ ސްކޫލުން ވެސް ކިޔެވުމަށްފަހުއެވެ. އެއަށްފަހު އެއާޕޯޓްގެ ފުޑް ކޯޓުގެ ރެސްޓޯރެންޓެއްގައި އޭނާ ވަނީ ވަޒީފާ އަދާކޮށްފައެވެ.
ކައްކަން ފެށީ ކިހިނެއް؟
އެ ރަށުގައި ކައްކާ ބޮޑެތި ކެއްކުންތަކުގައި އެހީވެދޭން ސިމް ދާން ފެށީ އެކަމަށް އޭނާގެ ހިތުގައި އުފެދުނު ޝައުގުވެރިކަމާއެެކު އުމުރުން 11 އަހަރުގައެވެ. އަދި ސިމްގެ ފަރާތުން އެ މީހުންނަށް ލިބޭ އެހީތެރިކަމާއެކު ކެއްކުންތަކަށް އެހީވެދިނުމަށް އޭނާ ބަލާވެސް ދެއެވެ. ސިމް ބުނީ އެ ރަށުގައި އޭރު ވަރަށް މޮޅަށް ޕޭސްޓްރީ ކާތަކެތި ހަދާ މީހަކާއި ބޮޑެތި ކެއްކުންތައް ކަންކާ މީހަކު އުޅުނު ކަމަށާއި އެ މީހުން ވަރަށް ގިނަ އެއްޗެހި އޭނާއަށް ކިޔައިދޭ ކަމަށެވެ.
އެހެންނަމަވެސް ސިމްގެ ކެއްކުމުގެ، އެ މަސައްކަތް ވިޔަފާރިއަށް ބަދަލުވެގެން ދިޔައީ 2020 ވަނަ އަހަރު ޒަވާޖީ ހަޔާތް ފެށުމަށްފަހު މ. މުއްޔަށް ބަދަލުވި ހިސާބުންނެވެ. ސިމް ބުނީ އެ މަސައްކަތް ފެށުނީ ފިރިމީހާގެ ދައްތަމެންނަށް އޭނާ ހަދާ ކާއެއްޗެހި މީރުވެގެން ވިޔަފާރި ގުރޫޕަކަށް އެ ތަކެތި ލައިގެން ވިއްކުމަށް ދިން ހިޔާލަކާއެކު އެ ގުރޫޕަށް ކާ ތަކެތި ލައިގެން ވިކި އެކަށީގެންވާ އާމްދަނީ އެއް ލިބެން ފެށުމާއެކު ކަމަށެވެ. އަދި އަމިއްލަ އާއިލާއާ ދުރުގައި ހުންނަން ޖެހުމާއެކު ސިމް އެ މަސައްކަތް ފެށީ ފޫހިވާތީއާވެސް އެކުގައެވެ.
ނަން ހުސްކޮށް ގިނަ ބާވަތްތަކުގެ ކާތަކެތި ތައްޔާރުކުރަން އަންނަ ސިމްއަށް ކައްކަން ނޭނގޭ އެއްޗެއް ނޯވެއެވެ. އަދި އެންމެ ގިނަ ބަޔަކަށް ކަމުގޮސްފައިވަނީ އޭނާ ހަދާ ޕޭސްޓްރީ ކާތަކެއްޗާއި ކޭކުތައްކަން ފާހަގަކޮށް ސިމް ބުނީ އޭނާ ކެއްކުމަށް މިހާތަނަށް ކޯހެއް ހަދާފައިނުވި ނަމަވެސް މީގެ ކުރިން ބޭސިކް ކޭކު ކޯހެއް ފުރިހަމަކޮށްފައިވާ ކަމަށެވެ.
މުއްޔާއި އެ އަތޮޅުގެ އެހެން ރަށްރަށުންވެސް މިއަދު ސިމްއަށް ގިނަ އޯޑަރުތައް ލިބޭއިރު އޭނާއަކީ ކާމިޔާބު ކެއްކުންތެރިއެކެވެ. 2 އަހަރު ނުވާ ކުޑަ ދަރިފުޅު ކަންކަމުގައި އުޅެމުން ދުވާލުގެ 5 ގަޑިއިރު މަދުވެގެން ސިމް އެ މަސައްކަތުގައި ހޭދަކުރާއިރު ތަފާތު ވައްތަރުތަކުގެ ސޯސްތަކާއި ގިނައިން ކޭކު އޯޑަރު ލިބިއްޖެނަމަ އެ މަސައްކަތްތައް ކޮށް އުޅެނީ ރޭގަނޑުގެ ވަގުތުގައެވެ.
ސިމްގެ އާއިލާގެ ތެރޭގައި ވެސް މޮޅެތި ކެއްކުންތެރިންތަކެއް އުފެދިފައިވާއިރު އޭނާގެ މަންމައަކީވެސް ކޭކު އަޅަމުން އައި މީހެކެވެ. އަދި އޭނާގެ އެއްމާބަނޑު ދައްތަ އަކީވެސް އެފަދަ މޮޅު ކެއްކުންތެރިއަކަށްވާއިރު އާއިލާގެ ތެރޭގެ އިތުރު މެންބަރުންވެސް އެ މަސައްކަތުގައި އުޅެއެވެ.
މި ދާއިރާގައި ސިމްއަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އޭނާގެ ތަކެތި ބޭނުންވާ ކަސްޓަމަރުންނާ ހިސާބަށް ފޯރުކޮށްދިނުމާ ދިމާވާ ދަތިތަކެވެ. އެގޮތުން ސިމް ބުނީ މާލެގައި އުޅޭ ގިނަ ބަޔަކު އޭނާ ތައްޔާރުކުރާ ކާތަކެތި ބޭނުންވެގެން ބުނާ ކަމަށާއި އެތަކެތި ފޯރުކޮށްދޭނެ މަގެއް އަދި ފެނިފައި ނުވާ ކަމަށެވެ.
ބޭނުމީ ޕޭސްޓްރީ ކޯނާއެއް ހުޅުވަން!
ކެއްކުމާއި އެހެނިހެން މަސައްކަތްތައް ކުރާ މީހުންވެސް ދެކޭ ހުވަފެންކީ އައުޓްލެޓެއް ހުޅުވޭނެ ދުވަހެކެވެ. އެގޮތުން މުލީގައި އެފަދަ ތަނެއް ނެތުމާއެކު ސިމް ބުނީ އޭނާ އެންމެ ދެކެން ބޭނުންވާ ދުވަހަކީ ކުޑަ ޕޭސްޓްރީ ކޯނާއެއް ހުޅުވޭ ދުވަސް ކަމަށާއި ރަށުގައި އުޅުން އިރުވެސް އެކަމަކީ އޭނާ އަބަދުވެސް ދެކެމުން އައި ހުވަފެނެއް ކަމަށެވެ.
ސިމްގެ މަސައްކަތް އެހެން ހަރުފަތަކަށް ގެންދަން ބޭނުންވާއިރު ރެސިޕީ ފޮތެއް ލިޔަންވެސް ގިނަ ބަޔަކު ދަނީ އެދެމުންނެވެ. އަދި ބައެއް ރެސިޕީތައް އޭނާގެ ޓިކްޓޮކް އެކައުންޓް، ސްވިޓް ޓްރީޓްސް އެމްވީއިން ލިބެން ހުންނާނެ ކަމަށް ސިމް ބުނެއެވެ.
އަދި ސްކޫލުގައި ފާހަގަކުރާ އެކި މުނާސަބަތުތަކުގައި ބޮޑެތި ކޭކުތައް އަޅަމުން އަންނަ ސިމް ބުނީ ވެޑިން ކޭކެއް އެޅުމަކީވެސް އޭނާ މި ދާއިރާގައި ދެކެން ބޭނުންވާ ދުވަހެއް ކަމަށެވެ.
މި މަސައްކަތަކީ ކުރަން ކެރުނު ވަރަކަށް އާމްދަނީ ހޯދޭނެ މަސައްކަތެއް ކަމަށާއި ދުވަހަކުވެސް ވިއްކަން ހެދި ކާއެއްޗެއް ނުވިކިގެން އުލާކާ ވަރަށް ނުހުންނަ ކަމަށް ސިމް ބުނެއެވެ. އަދި މުއްޔަކީ ކުޑަ ރަށަކަށްވިޔަސް، އޯޑަރެއް ނެތި ކާއެއްޗެއް ހެދި ނަމަވެސް އެ އެއްޗެއް ވިކޭ ކަމަށާއި އެކަމަށް ބޮޑު ތަރުހީބެއް ލިބޭ ކަމަށްވެސް އޭނާ ފާހަގަކުރެއެވެ.
ގިނަ މީހުންނަކީ ކައްކާ ވީޑިއޯތައް ބަލާ ސޯޝަލް މީޑިއާގައި އެ އެއްޗެހި ޝެއާކޮށް ހަދާ ބަޔަކަށްވާއިރު ސިމް އަކީ އެންޓޮނީ ނަމަކަށް ކިޔާ މީހެއްގެ ކައްކާ ވީޑިއޯ ބަލަން ކެންމަދުވެ، ނޮޓިފިކޭޝަން އޮންކޮށްގެންވެސް އެ މީހާ ކައްކާތަކެތި ބަލާ އެ ތަކެތި ހެދުމަށް މަސައްކަތް ކުރާ މީހެކެވެ. ސިމް ބުނީ އެ މީހާގެ ރެސިޕީ ފޮލޯ ކުރަން ވަރަށް ފަސޭހަ ކަމަށެވެ.
ވީޑިއޯއިން ނުވަތަ ފޮޓޮއަކުން ފެންނަ ކާ އެއްޗަކާ އެއްގޮތަށް އެ އެއްޗެއް ތައްޔާރު ނުކުރެވުމަކީ ގިނަ ބަޔަކު ކެއްކުމުގެ މަތިން ފޫހިވާ އެންމެ ބޮޑު އެއް ސަބަބެވެ. ސިމް ބުނީ އޭނާއަށް ކާމިޔާބު ވެފައިވަނީ އެއް ފަހަރުގެ މަސައްކަތުން ނޫން ކަމަށާއޮ ގިނަ ވީޑިއޯތަކާއި ގިނަ ފަހަރެއްގެ މަތިން އެކަށްޗެއް ހެދުމަށް އޭނާ މަސައްކަތްކުރާ ކަމަށެވެ. އަދި ފުރަތަމަ ފަހަރުން އެ އެއްޗެއް އެންމެ ފުރިހަމަ ނުވެދާނެ ކަމަށާއި ފެއިލް ވިޔަސް އިތުރަށް މަސައްކަތް ކުރުމަކީ ސިމްގެ އެފަދަ ކޮންމެ މީހަކަށްވެސް ދޭން ބޭނުންވާ މެސެޖެކެވެ.
ދަރިއަކު ލިބުމަކީ މަސައްކަތް ހުއްޓޭ ކަމެއް ނޫން!
އަހަރެމެންގެ ތެރޭގައި އަބަދުވެސް އިވޭ ވާހަކައަކީ ދަރިއަކު ލިބުމުން ކުރަމުންދާ މަސައްކަތް ހުއްޓާލަން ޖެހޭ ވާހަކައެވެ. މަސައްކަތް ކުރެވޭނީ ދަރިން ލިބުމުގެ ކުރިން ކަމަށްވެސް ގިނަ ބަޔަކު ދެކެއެވެ. ސިމް ބުނީ ގިނަ ބަޔަކު އޭނާ ކައިރިވެސް އެފަދަ ގޮތަކަށް ވާހަކަތައް ދެއްކި ކަމަށާއި އެކަމަކީ އޭނާ ގަބޫލުކުރާ ކަމެއް ނޫން ކަމަށެވެ.
ސިމް ބުނީ އޭނާ ވިހެއީ ރޯދަމަހެއްގައި ކަމަށާއި ވިހައިގެން ދެވަނަ ދުވަހު އުޅުނީ ބަދިގޭގައި ކަމަށެވެ. ކައްކާ ހިތުން ނުވެސް ހުރެވޭ ކަމަށާއި ކެއްކުމުގެ މަސައްކަތެއްގައި ނޫޅޭ ނަމަ ވަރަށް ފޫހިވާ ކަމަށް ސިމް ފާހަގަކުރިއެވެ.
ފެށިގެން މިހާ ހިސާބަށް ސިމް އައުމުގައި އޭނާގެ ފިރިމީހާއާއި އޭނާގެ މަންމަގެ ފަރާތުން ވަރަށް އެހީތެރިކަން ލިބުނުއިރު ދަރިފުޅު ބެލުމުގެ ކަންކަމުގައި ފިރިމީހާގެ ދޮންތައާއި މަންމަގެ އެހީތެރިކަން އޭނާއަށް ލިބެއެެވެ. އަދި ގިނަ އޯޑަރުތަކެއް ލިބިއްޖެ ނަމަ ރައްޓެހިންގެ ފަރާތުންވެސް ވަރަށް ބޮޑަށް އެހީތެރިކަން ލިބޭ ކަން ފާހަގަކޮށް، ސިމް ބުނީ އެ ހުރިހާ މީހުންނާއި އޭނާ މި ހިސާބަށް އައުމަށް އެހީވި އޭނާގެ ދައްތަ، ރިފާއަށްވެސް ޝުކުރު އަދާކުރަން ބޭނުން ކަމަށެވެ.
މީގެ އިތުރުން ސަކިންތައާއި އަސްމާއްތަގެ ފަރާތުން ވަރަށް ގިނަ އެއްޗެހި ކަންކަން ދަސްވި ކަން ފާހަގަކޮށް އެ ދެ މީހުންނަށް ސިމް ވަނީ ޝުކުރު އަދާކޮށްފައެވެ.