ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ގެންގުޅުއްވާ ހުދު ކޮތަރު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮނޑުފުޅަށް އަރާ އިން މަންޒަރު ފެންނަ ފޮޓޯތަކެއް އާންމު ވެއްޖެއެވެ.
މިފޮޓޯތައް އާންމުވުމާއެކު އިހު ޒަމާނުގައި މެސެޖު ނުވަތަ ސިޓީ ފޮނުވުމަށް ކޮތަރު ބޭނުން ކުރާ އިރު، މި ފަހަރު ގާސިމްގެ ފަރާތުން ސީޔާސީ ދައުވަތު ދެއްވުމަށް ހުދު ކޮތަރު ބޭނުން ކުރައްވަނީ ކަމަށް ވެސް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އެގޮތުން އެންމެ ފުރަތަމަ ދައުވަތު ގަބޫލު ކުރެއްވި ނަޝީދު އާ އެކު ވެސް އެ ކޮތަރު އިން ފޮޓޯ އާންމު ކުރި މީހަކު ބުނީ، "މިއީ ވަރަށް ވާހަކަ" ކަމަށެވެ. އަދި ހުދު ކޮތަރު އަންނާނީ ވަރަށް ރަނގަޅު ހަބަރަކާ އެކުގައި ކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ގާސިމްގެ ފޮޓޯތައް ހިއްސާ ކުރި ފަރާތުން ބުނެފައި ވަނީ، އެ ހުދު ކޮތަރަކީ ގާސިމަށް ވަރަށް ކަމުދާ އެއްޗެއް ކަމަށާއި އެ ކޮތަރަކީ ގާސިމް ދަތުރު ކުރައްވާ އިރު އޭނާގެ ކޮނޑުގައި ބައިންދަވައިގެން ގެންދަވާ ކޮތަރެއް ކަމަށެވެ.
އެ ގޮތުން ސަން އައިލެންޑުން މާމިގިއްޔަށް ސްޕީޑް ލޯންޗުގައި ދަތުރުކުރައްވާ އިރު ގާސިމާއެކު އެ ކޮތަރު ދަތުރުކުރާ ކަމަށް ބުނެ ވަނީ ސޯޝަލް މީޑިއާގައި ފޮޓޯތަކެއް އާންމު ކޮށްފައެވެ. އަދި ގާސިމަކީ ދިރޭ އެއްޗެއްސަށް ވެސް ލޯބި ކުރައްވާ ވަރަށް މަޑުމައިތިރި ބޭފުޅެއް ކަމަށް އެ ޕޯސްޓް ޖެހި ފަރާތުން ބުނެފައި ވެއެވެ. އޭނާ އެވާހަކަ ހާމަ ކުރި އިރު، މިފަހުން ގާސިމްގެ ދިރިއުޅުއްވުން ސަން އައިލޭންޑަށް ބަދަލު ކުރައްވާ ގިނަ ވަގުތު ހޭދަކުރައްވަނީ އަސްދޫންޏާއި އެކި ވައްތަރުގެ ދޫންޏަށް ކާންދެއްވާ ދޫނި ކޮށީގައެވެ.
ސިޔާސީ ކަންކަމާ ދުރުގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވަމުން ގެންދަވަނިކޮށް އަންނަ ރިޔާސީ އިންތިހާބަށް ގާސިމް ނެރެން އެންމެ ބޮޑަށް ބާރު އެޅުއްވި ބޭފުޅަކީ ނަޝީދެވެ. އެގޮތުން މިހާރު އަންނަ ރިޔާސީ އިންތިހާބަސް ނުކުމެވަޑައިގަތުމަށް ގާސިމް "ފައްކާ ކުރައްވަމުން" ނަޝީދު ގެންދަވާ އިރު ގާސިމްއާ ނަޝީދު ބައްދަލު ކުރެއްވުން ގިނަވުމުން، ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ރައީސް ނަޝީދަކީ މިހާރު ގާސިމްގެ ވަރަށް އަރިސް ބޭފުޅެކެވެ.
ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަން ހަދަން މިހާތަނަށް އެއްބަސްވެފައިވާ ފަރާތްތަކުގެ ތެރެއިން ނަޝީދު، އެމްޑީޕީގެ ތެރޭގައި އުފައްދަވާފައިވާ "ފިކުރެއްގެ ދިރުން" ފެކްޝަން ހިމެނުމަކީ ނަޝީދާއި ގާސިމް އެކުގައި ގިނައިން ފެނުމުގެ އަސްލެއް ކަމަށް މީހުން ގަބޫލު ކުރެއެވެ. އެ ފެކްޝަނާ އެކު ޖޭޕީން ވާހަކަތައް ފަށައި، މެނިފެސްޓޯއެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ އިރު، ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކަކަށް ވެސް ގާސިމާއެކު ކޯލިޝަން ހެދުމަށް ވަނީ ދައުވަތު ދެއްވާފައެވެ.
މިހާތަނަށް ނަޝީދު ފިޔަވާ އިތުރު ފަރާތަކުން ޖާސިމާއެކު ކޯލިޝަން ހެދުމުގެ ޝައުވެރިކަން އޮތް ކަން ހާމަކޮށްފައެއް ނުވެއެވެ.