ރޯދަމަހު ދުވާލު އެއްކޮށް ނުކައި ނުބޮއި ހުންނަ އިރު ހަށިގަނޑަށް ބޭނުންވާ ބައެއް ބައިތައް އެންމެ އެކަށީގެންވާ ގޮތަށް ނުލިބުމަކީ ވެދާނެ ކަމެކެވެ. ހާއްސަ ގޮތެއްގައި އެކަން ކަމަށް ސަމާލުނުވެ ދުރާލާ އެކަންކަމާ މެދު ނުވިސްނާ ނަމަ ރޯދަ ވިއްލުމަށް ފަހު ކާ ނުވަތަ ބޯ އެއްޗަކުން ސިއްހީ މައްސަލަތަކާ ކުރިމަތިލާން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ބައެއް ފަހަރު ވަކި އެއްޗެއް ނުބޮވިގެން ނުވަތަ ނުކެވިގެން ވެސް މިފަދަ މައްސަލަތަކާ ކުރިމަތިވެއެވެ.

މިފަދަ އެއް މާއްދާއަކީ ފެނެވެ. އިންސާނާގެ ހަށިގަނޑަށް އެންމެ މުހިންމު ބުއިމަކީ ފެނެވެ. ހަށިގަނޑުގެ އެތަށް ކަމަކާ ގުޅިފައިވާ ފެން ގައިން މަދުވާ ނަމަ ދެން ކުރިމަތިލާން ޖެހޭ މައްސަލަތަކާ އުފުލަން ޖެހޭ ބުރަތައް ގިނައެވެ. ހަށިގަނޑުން ފެން މަދުވުމުން އެންމެ އަވަހަށް މައްސަލަ ޖެހޭނީ ކުޑަކަމުދާ ނިޒާމަށެވެ. އަދި މީގެ ތެރެއިން އެންމެ އާއްމު މައްސަލައަކީ ޔޫރިނަރީ ޓްރެކް އިންފެކްޝަން ނުވަތަ ޔޫޓީއައިއޭ (ޔޫރިން އިންފެކްޝަން) އެވެ.

ހަށިގަނޑުން ފެންމަދުވުމުން ޔޫޓީއައި ޖެހެނީ ކީއްވެ؟

ހަށިގަނޑުގެ ބަރުދަނުގެ ދެބައިކުޅަ އެއްބަޔަކީ ފެނެވެ. އަދި ހަށިގަނޑަށް ލިބޭ ފެނުގެ 20 އިންސައްތަ އަންނަނީ އަޅުގަނޑުމެން ކާ އެއްޗެހިންނެވެ. ބާކީ 80 އިންސައްތަ އަކީ އަޅުގަނޑު ބޯ އެއްޗެހިން ހަށިގަނޑަށް ލިބޭ ފެނެވެ.

ހަށިގަނޑުގެ ސެލްތަކާ ޓިޝޫތަކާ އަދި ގުނަވަންތައް ވެސް އެންމެ ފުރިހަމައަށް މަސައްކަތް ކުރުމުގައި ފެން ބޮޑު ދައުރެއް އަދާ ކުރެއެވެ. ހަށިގަނޑުން ފެން މަދުވެއްޖެނަމަ ބޮޑުކަމުދާން އުނދަގޫވެ، ބޮލުގައި ރިއްސާ، ވަރުބެލިވެ، ބޯ އަނބުރާ، ހަމުގެ މައްސަލަތައް ޖެހޭ އިރު ކިޑްނީގައި ހިލަ އުފެދުމަކީ ވެސް ބައެއް މީހުންނަށް ކުރިމަތިލާން ޖެހޭ މައްސަލަތަކެވެ.

ހަށިގަނޑުން ފެން މަދުވުމުން ޔޫޓީއައި ޖެހެން ދިމާވާ ގޮތަށް ބަލާ އިރު ކުޑަ ކަމުދާ ކޮންމެ ފަހަރަކު އެ ނަޖިހާއާ އެކު ގައިގާ ހުންނަ ޖަރާސީމުތައް ހަށިގަނޑުން ބޭރުކޮށްލައެވެ. ހަށިގަނޑުން ފެންމަދުވާނަމަ ކުޑަކަމުދާ މިންވަރު މަދުވެ ކުޑަ ކަމުދާ ހޮޅި ތެރޭގައި އެ ޖަރާސީމުތައް އާލާވުމަށް ފުރުސަތު ލިބެއެވެ. އަދި މި ޖަރާސީމުތައް އެ ހޮޅި ތެރޭ ގިނަވެ އިންފެކްޝަންއަކަށް ބަދަލުވެއެވެ.

ޔޫޓީއައި ޖެހެނީ ހީސްލާ ހޮޅި ތެރޭ ޖަރާސީމް އަށަގަނެގެން/ފޮޓޯ: ގޫގަލް

ޔޫޓީއައި ގެ އަލާމަތްތަކީ ކޮބާ؟

ފިރިހެންނުންނަށް ވުރެ ގިނައިން އަންހެނުންނަށް މި އިންފެކްޝަން ޖެހޭ އިރު ޔޫޓީއައިގެ ގިނަ އަލާމަތްތަކެއް ހުރެއެވެ. މި ގޮތުން؛

  • އަބަދުވެސް ކުޑަކަމުދާން ބޭނުން ވެފައި ހުންނަ އިހްސާސެއްވުން
  • ކުޑަ ކަމުދާ އިރު ދިލަ ނެގުންގިނަ ގިނައިން ކުޑަކަމުދާން ޖެހުން އަދި ކޮންމެ ފަހަރަކު މަދުން ލެވުން
  • ކުޑަ ކަމުދާ އެއްޗެހި ރަތް ކުލަ، ފިޔާ ތޮށި ކުލަ ނުވަތަ މުށި ކުލައިގައި ހުރުން (ކުޑަ ކަމުދާ އެއްޗެހީގައި ލޭ ހުރިކަމުގެ ނިޝާނެއް)
  • އުނަގަނޑުގައި ރިއްސުން

ޔޫޓީއައިއަކީ އަށް ގިނަ ދުވަހު ފަރުވާ ނުކޮށް ހުރެއްޖެނަމަ އިންފެކްޝަން ކިޑްނީއަށް ދަތުރުކޮށް ސިއްހަތަށް ނުރައްކާވާ ހިސާބަށްދާ ފަދަ އިންފެކްޝަނެކެވެ.

ރޯދަ މަހު ގައިން ފެން މަދުވިޔަ ނުދިނުމަށް ކުރެވިދާނެ ބައެއް ކަންކަން

މި ދުވަސްވަރަކީ އާދިޔާ ހިލާފަށް ހޫނު ދުވަސްވަރަކަށްވެފައި ދުވާލު ގަޑީގައި ރޯދައަށް ހުރުމުން ގައިން ފެން މަދުވުމަކީ ގިނަ ބަޔަކަށް ކުރިމަތިވާނެ މައްސަލައެކެވެ. އެހެން ނަމަވެސް މިކަން މިހެން ވިޔަ ނުދިނުމަށް ކުރެވިދާނެ ގިނަ ކަންކަން އެބަހުއްޓެވެ.

  • ރޯދަ ވިއްލުމަށް ފަހު އަދި ހާރު ކެއުމުގެ ކުރިން ގިނަ ގިނައިން ފެން ބުއިންގައިން ފެން މަދުވިޔަ ނުދިނުމަށް ދުރާލާ ތައްޔާރުވުން މުހިންމެވެ. އިރު އޮއްސުމުން ރޯދަ ވިއްލުމަށް ފަހު ކޮންމެ ގަޑި އިރަކު އެއް ތަށި ނުވަތަ ދެ ތަށި ފެން ބޯން ހަނދާން ކުރާށެވެ. ހަމަ މިގޮތަށް ހާރު ކާ ގަނޑިގައި ވެސް ގިނައިން ފެންބޮއި ހަކުރު ނުހުންނަ ދިޔާ އެއްޗެހި ބޯން އާދަކުރާށެވެ. ރޯދައަށް ނުހުންނަ ވަގުތުތަކުގައި ފެން ބޯ ވަގުތު އިތުރު ކޮށްފިނަމަ ރޯދައަށް ހުންނަ އިރު ހަށިގަނޑުން ފެން މަދުވުމުގެ ފުރުސަތު ކުޑަވާނެއެވެ.
ތައްޓަކަށް ފެން އަޅަނީ/ފޮޓޯ: ގޫގަލް
  • ރޯދަ މަހަކަށް ވެސް ގަވައިދުން ކަސްރަތު ކުރާ މީހުން ގިނަވާނެއެވެ. އެހެން ނަމަވެސް ރޯދައަށް ހުންނަ ގަޑީގައި ކަސްރަތުކޮށް ހެދުމުގެ އާދަ ދޫކޮށްލުން ރަނގަޅެވެ. އެއީ އެގަޑިތަކުގައި ކަސްރަތުކުރުމުން ހަށިގަނޑުން ބޭރުވާ ފެންތަކުގެ ބަދަލުގައި އިތުރު ފެން ބޯވެގެން ނެތުމުން ހަށިގަނޑު ފެން މަދުވުމުގެ ނުރައްކާ ބޮޑުވާނެއެވެ. ރޯދަ ވިއްލުމަށް ފަހު ރަނގަޅަށް ކައިގެން ފެން ބޮއިގެން ކަސްރަތު ކުރަން މުހިންމެވެ. އަދި ގިނައިން ހަކަތަ ލިބޭ ފަދަ ހަށިގަނޑަށް ރަނގަޅު ކާނާ ކާން ވެސް އާދަކުރަންވީއެވެ.
ކަދުރުން ރޯދަ ވީއްލުމަކީ ރަސޫލާގެ ސުންނަތެއް/ ފޮޓޯ: ގޫގަލް ޕިކްސް
  • ހަށިގަނޑަށް ފެން ލިބޭނީ ހަމައެކަނި ބޯ އެއްޗިއްސަކުން ނޫނެވެ. ބައެއް ކާ ތަކެތިން ވެސް ހަށިގަނޑަށް ބޭނުންވާ ފެން ހޯދޭނެއެވެ. އަދި އަނެއްބައި ކާ އެއްޗިއްސަކީ ހަށިގަނޑުން ފެން ދަމާލާ ކާއެއްޗިއްސެވެ. މީގެ ތެރޭގައި ގިނައިން ހަކުރު ހުންނަ ބުއިންތަކާ ކޮފީ ހިމެނެއެވެ. މީގެ އިތުރުން ކުޅި އެއްޗިސާއި ލޮނު ގަދަ އެއްޗިއްސަކީ ވެސް ހަށިގަނޑުން ފެން މަދުކޮށްލާ ތަކެއްޗެވެ. އަދި ކުޑަކަމުދާ ތަކެތީގެ ޕީއެޗް ލެވެލް ދަށްކޮށްލާ އިރު ޔޫރިން އިންފެކްޝަން ޖެހޭ އިރު ވަރަށް ދަތުވާނެއެވެ. ހަށިގަނޑުގައި ފެން ހިފަހައްޓާ ކާބޯތަކެތީގެ ތެރޭގައި ކަދުރު ހިމެނެއެވެ. ކަދުރަކީ ރަސޫލާ ސައްލައްލާﷲ އަލަހިވަސައްލަމްގެ ސުންނަތުން ވެސް ރޯދަ ވީއްލުމަށް އެންމެ އައުލާކަން ބޮޑީ ކަދުރުން ކަން އެނގޭ އިރު ސިއްހީ މާހިރުން ބުނަނީ އެއީ ހަށިގަނޑަށް ގިނަ ގުނަ ފައިދާތަކެއް ލިއްބައިދޭ އެއްޗެއް ކަމަށެވެ. މީގެ ތެރޭގައި ހަށިގަނޑުގައި ފެން ހިފަހައްޓާ ދޭ އިރު ހަކަތަ ހޯދުމަށް ވެސް އެންމެ ރަނގަޅު އެއް އެއްޗަކީ ވެސް ކަދުރެވެ. މީގެ އިތުރުން، ކަރާ، އޮރެންޖް، އާފަލް، ލެޓިއުސް، ޓޮމެޓޯ، ކެރަޓް ފަދަ ކާ އެއްޗިއްސަކީ ހަށިގަނޑަށް ފެން ފޯރުކޮށްދޭ މޭވާއާއި ތަރުކާރީއެވެ.
ހޫނު ވުމަކީ ހަށިގަނޑު ފެން މަދުވާ އެއް ސަބަބު/ފޮޓޯ: ގޫގަލް
  • ހަށިގަނޑުގެ ފިނިހޫނު މިން މަތިވިޔަ ނުދިނުމަކީ ވެސް މުހިންމުކަމެކެވެ. މާ ބޮޑަށް ހޫނުވެއްޖެނަމަ ގިނައިން ދާ ހިތްލާ ހަށިގަނޑުން ފެން ބޭރުވާ މިންވަރު އިތުރުވާ އިރު ހިތުގެ ވިންދު އަވަސްވެ، ބޯ އަނބުރާ، ވަރުބަލިވެ، ނޭވާލާން އުނދަގޫވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އާދިޔާ ހިލާފަށް ހޫނުވުން ހުއްޓުވުމަށް ފިނި ފެނުން ފެންވެރިދާނެެއެވެ. ނުވަތަ މޫނު މަތީއާއި ކަރުދޮށުގައި ފިނިފެން ހާކައިގެން ހަށިގަނޑުގެ ފިނި ހޫނުމިން ދަށް ކުރެވިދާނެއެވެ.