މި ރަމަޟާން މަހު އުމްރާއަށް ދެވޭނެ ގޮތެއް ނުވުމުން ދަތުރު ކެންސަލް ކޮށްފައިވާ ކަމަށް އައް ސަފާ ޕްރައިވެޓް ލިމިޓެޑް އިން ބުނެފިއެވެ.
181 މީހުން އެ ގްރޫޕުން އުމްރާއަށް ދާން ބުދަ ދުވަހު ޕްރީ ޗެކިންވެސް ނިންމާފައި ވާއިރު ސައޫދީން އުމްރާ ވިސާ ދޫކުރާ ކުންފުނިން އެ ގްރޫޕަށް އެއްވެސް ވިސާ އެއް ދޫކޮށްފައި ނުވާތީ ފުރެން ނެތް ކަމަށް އެ ގްރޫޕްގެ ވައިބާ ކޮމިއުނިޓީ ގްރޫޕަށް މެސެޖެއް ފޮނުވާފައި ވަނީ އިއްޔެ ފަތިހުއެވެ.
އެކަމާ ގުޅިގެން ސަފާ ގްރޫޕުން ބުނީ ވިސާ ނުލިބުމުގެ ސަބަބުން ފުރަން އޮތް ދުވަހު ނުފުރުމާ ގުޅިގެން މި ރަމަޟާން މަހުގެ ބާކީ އޮތް ދުވަސްތަކުގައިވެސް މައްކާއަށް ދިއުމަށް ފުރޭތޯ މިހާތަނަށް ކުރެވުނު މަސައްކަތް ތަކަށް އެއްވސް ކުރިމަގެއް ފެންނަން ނެތުމުގެ ސަބަބުން މި އަހަރުގެ ރަމަޟާން މަހުގެ އުމްރާ ދަތުރު ކެންސަލް ކުރެވިފައިވާ ކަމަށެވެ.
އެ ދަތުރާ ގުޅުން ހުރި މައްސަލަތައް ހައްލުކުރުމަށްޓަކައި ކުރިއަށް އޮތް ދުވަސްތަކުގައި ކޮންމެ ބޭފުޅަކަށްވެސް މި ޖަމާއަތުގެ ފަރާތުން ވަކިން ގުޅަމުންދާނެ ކަމަށްވެސް އެ ގްރޫޕުން ވަނީ ބުނެފައެވެ.
މި މައްސަލަ ވަރަށް ހޫނުވެފައިވާއިރު އިސްލާމިކް މިނިސްޓްރީއިން ބުނީ 3 މަސް ދުވަހަށް އުމްރާ ވިސާ ލިބޭއިރު ދުރާލާ ކުންފުނީގެ ފަރާތުން ވިސާގެ ކަންކަން ހަމަޖައްސާފައިނުވާކަން ފާހަގަކުރެވުނު ކަމަށާއި އުމްރާ ވިސާއަކީ ސައުދީ ސަރުކާރުން އެކަމަށް ހުއްދަ ދީފައިވާ އެޖެންސީތަކުން އުމްރާ ކުންފުނިތަކަށް ދޭ ހިދުމަތެއް ކަމަށެވެ. އެގޮތުން އެ ވިސާގެ ހިދުމަތް ހައްޖު ކޯޕަރޭޝަނުން ފޯރުކޮށްދޭ ކަމަށްވެސް މިނިސްޓްރީއިން ބުނެއެވެ.
މިނިސްޓްރީއިން ބުނީ ސަފާ ގްރޫޕުން ވިސާ ހޯދުމަށް އެދުނު ސައުދީ އެޖެންސީގެ ފަރާތުން މިހާތަނަށް ވިސާގެ ކަންކަން ހަމަޖެހިފައިނުވާތީ ކަމަށް އެ ކުންފުނިން މައުލޫމާތުދީފައިވާ ކަމަށާއި އެ ފަދަ މަތިވެރި އަޅުކަމަށް ދިއުމަށް ފައިސާ ދައްކާ ފުރަން އޮންނަ ދުވަހަށް ދަތުރުވެރިންނަށް ފުރޭގޮތް ނުވުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.
އުމްރާވެރިންގެ އަތުން އިތުރު ފައިސާއެއް ނެގުމަކާއި ނުލައި ލަސްނުކޮށް ވީހާވެސް އަވަހަށް މި ރަމަޟާން މަހުގެ އުމްރާ ދަތުރަށް ފުރުމުގެ އިންތިޒާމު ހަމަޖެއްސުމަށް އަންގާފައިވާ ކަމަށާއި އެ މައްސަލައިގެ ކަން ހިނގާ ދިޔަ ގޮތް ބަލަމުންދާ ކަމަށް އިސްލާމިކް މިނިސްޓްރީއިން ވަނީ ބުނެފައެވެ.