މިއުޒިކަލީ ނުވަތަ ޓިކްޓޮކްއަކީ ގިނަ ބައެއްގެ ހުނަރު ދައްކުވައިދޭ ޕްލެޓްފޯމަކަށް ވެފައި ވާއިރު ފިލްމީ ދާއިރާއަށް އާ މޫނު ތަކެއް ފެނިގެން ދިއުމުގެ އަސްލަކީވެސް އެއީ ކަމަށް ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ލަވަކިޔުމާއި ފިލްމުކުޅުމުން ގޮސް ނެށުމުގެ ހުނަރުވެސް މިއުޒިކަލީއިން ފެނިގެން ދިޔައިރު އެ ޕްލެޓްފޯމް މިހާރު ރީބްރޭންޑް ކުރެވިފައިވަނީ ޓިކްޓޮކަށެވެ. އެގޮތުން މިހާރު ފިލްމީ ދާއިރާގައި ފިޔަޖަހަމުން އަންނަ ޒުވާނާ، މާލެއަށް އުފަން އުމުރުން 29 އަހަރުގެ އާދަމް ސައީދަކީވެސް އެފަދަ ގޮތަކަށް ދިވެހިންގެ މަގުބޫލުކަން ހޯދި ހުނަރުވެރިއެކެވެ.

ޖަމާލުއްދީނާއި އަހުމަދިއްޔާ ސްކޫލުން ތައުލީމް ހާސިލު ކުރި އެޑީ ބުނާ ގޮތުގައި ފިލްމީ ދާއިރާއަށް ނިކުމެދާނެ ކަމަށް މީގެ ކުރިން އޭނާ ގަބޫލު ނުކުރާ ކަމަށާއި ސްކޫލް ކޮންސްޓްތަކުގައި ވެސް ކެމެރާއެއް ފެނުނަސް ބިރުން ފެންކަޅިވާ ކަމަށެވެ. އެހެންނަމަވެސް އެ ބިރު ފިލައިގެން ދިޔައީ 2017 ވަނަ އަހަރު މިއުޒިކަލީއިން ހެދި ތަފާތު ވީޑިއޯތަކާ ގުޅިގެން ކަމަށް ވާއިރު ގިނަ ބަޔަކަށް އެޑީ އެނގިފައިވަނީ ވެސް މިއުޒިކަލީއިންނެވެ.

މިއުޒިކަލީއިން އޭނާގެ ހުނަރު ފެނި 2019 ވަނަ އަހަރު ފުރަތަމަ އެޑީއަށް ފިލްމެއް ކުޅެއް ފުރުސަތެއް ލިބުނީ ފުލުހުންގެ ޑްރާމާއެއް ކަމަށްވާ ކުށުގެ ހަ ފަރާތުގެ މަސްތުވާތަކެތި ބޭނުންކުރާ މީހެއްގެ ރޯލުންނެވެ. އެއީ އެޑީގެ ފިލްމީ ދާއިރާގައި އޭނާ އެޅި ފުރަތަމަ ފިޔަވަޅު ނަމަވެސް މިއަދު އޭނާއަކީ ހުނަރުވެރި، މޮޅު ފިލްމީ ތަރިއެކެވެ. އެޑީގެ ކޮންމެ ޑްރާމާއަކުން، ލަވައަކުން އަދި ފިލްމަކުންވެސް ފެނިގެންދާ ރޯލާ ގުޅޭ އެކްޓިންއަކީ ގިނަ ބައެއްގެ ނަޒަރު އެޑީއަށް ހުއްޓިގެން ދިޔަ މައިގަނޑު ސަބަބޭ ވެސް ބުނެވިދާނެއެވެ.

އެޑީ / ފޮޓޯ: އެޑީ

2020 ވަނަ އަހަރުގެ އާ އަަހަރަށް އިސްމާއިލް އާސިފް (ޑެވިން) ތައްޔާރުކުރި "ކަތި ނަޒަރު" ލަވައިންވެސް އެޑީގެ އެކްޓިން ފެނިގެން ދިޔައިރު އެ ތަފާތު ހުނަރު ފެނި ގިނަ ބަޔަކު ވަނީ އާޝޯހުކޮށްފައެވެ. އެއަށްފަހު 2020 ވަނަ އަހަރު ކުޅުނު ދިވެހި ޑްރާމާ ސިލްސިލާ "އެހެނަސް" އިން އެޑީ ފެނިގެން ދަނީ ބުލީކުރާ މީހެއްގެ ތަފާތު ރޯލުންނެވެ.

މި ހުރިހާ މަސައްކަތަކާއެކު ވެސް އެ ދާއިރާގައި އެހެން ހަރުފަތަކަށް އެޑީ ޖެހިގެން ދިޔައީ ދިވެހި ޑްރާމާ ސިލްސިލާ "ލަފްޒު" ގައި އޭނާ ކުޅެފައިވާ ރޯލުންނެވެ. ދެވަނަ ބަތަލެއްގެ ރޯލުން "ޔަޒާން" ގެ ނަމުގައި އެޑީ ފެނިގެންދާއިރު އެ މަސައްކަތަކީ ވަރަށްވެސް ތަފާތު މަސައްކަތެކެވެ. މި ދާއިރާއަށް އެޑީ ނިކުތް އިރާ ބަލާ މިހާރު އޭނާއަށް ގިނަ ކަންތައްތަކެއް ދަސްވެފައި ވާއިރު އެޑީ ބުނީ އަސްލު އެކްޓިންގެ ރޯލް ދަސްވީ ލަފްޒުގެ ސީޒަން 2 ގެ ތެރެއިން ކަމަށާއި ފުރިހަމަ ހުނަރު ނެރެން މަސައްކަތްކޮށްދިނީ އަހުމަދު ނިމާލްއާއި ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި މަރިޔަމް ޝިފާ އަދި އަލީ އާޒިމް (ދޮން އައްޔަ) ކަމަށެވެ.

ލަފްޒުގެ ޝޫޓިންގެ ތެރެއިން އެޑީއާއި ޝިފާ / ފޮޓޯ: އެޑީ

މިހާ ހިސާބަށް އައި އިރުވެސް އެޑީއަށް ގޮންޖެހުންތަކަކާ ކުރިމަތިވިއެވެ. ނުކުރެވޭނެ ކަމަށް ބުނެ، މަލާމާތްތައްވެސް ވެސް އެޑީއާ ކުރިމަތިވިއެވެ. އެޑީ ބުނީ ފިލްމީ ދާއިރާގެ އެކަކު ކުރާ ކަމަކުން ނުވަތަ ކުރީގައި ވެފައިވާ ކަމަކާ ގުޅިގެން އެހެން އެންމެންނަށް އެނަން ލިބޭ ލިބުމަކީ ދެރަވާ ކަމެއް ކަމަށާއި އަސްލު ލިބެންވާ ވަރަށް ސަޕޯޓުވެސް ނުލިބޭ ކަމަށެވެ. އެހެންނަމަވެސް ބެސްޓް ނިއު ކަމާ ނެގެޓިވް ރޯލް ލިބޭނެ ދުވަހަކީ އޭނާ އެންމެ ދެކެން ބޭނުންވާ ދުވަހެވެ.

މި ދާއިރާގައި ހުއްޓުމެއް ނެތި ކުރިއަށް ދިއުމުގެ ވިސްނުން ހުންނަ އެޑީ ބުނީ މި ދާއިރާގައި ކެމެރާގެ ކުރިމަތީގެ އިތުރުން ކެމެރާގެ ފުރަގަހުގައި ވެސް މަސައްކަތް ކުރަން ދަސްކުރަމުންދާ ކަމަށާއި އެޑިޓްކުރުމާއި ޑަބްކުރުމުގެ މަސައްކަތްތައްވެސް ކުރަމުންދާ ކަަމަށެވެ.

"މި ދާއިރާގައި ކެމެރާގެ ކުރިމަތީގެ އިތުރުން ކެމެރާގެ ފުރަގަހުގައިވެސް މަސައްކަތް ކުރަން ދަސްކުރަމުން މިދަނީ."
އެޑީ

ކޮންމެ މަސައްކަތަކީވެސް ކާމިޔާބީއެއްގެ ގޮތުގައި ދެކޭ އެޑީ ދެން އެންމެ ބޭނުމީ ޝައި ޕްރޮޑަކްޝަން ނުވަތަ ޑާކް ރެއިންގެ ފިލްމެއް ކުޅޭށެވެ. އެޑީގެ އެންމެ ބޮޑު އިސްޕިރޭޝަން އަކީ ފިލްމީ ތަރި އަހުމަދު އީސަ (އާނަންދު) ވާއިރު ވަކި މީހަކާއެކު ފިލްމެއް ކުޅެއް ފުރުސަތު ލިބިއްޖެ ނަމަ އޭނާ ފިލްމް ކުޅެން ބޭނުންވަނީ ފިލްމީ ތަރި، އާމިނަތު ރިޝްފާ އަދި މަރިޔަމް އައްޒައާއެކު ކަމަށް އެޑީ ވަނީ ބުނެފައެވެ.

އެޑީ / ފޮޓޯ: އެޑީ

ސަޕޯޓަރުންނަށް އުފާވެރި ހަބަރެއް، އެޑީ ސިންގަލް:

އުމުރުން 19 އަހަރުގައި ކައިވެެންޏެއް ކުރި އެޑީ މިހާތަނަށް ވަނީ ދެ ކައިވެންޏެއްކޮށްފައެވެ. ފުރަތަމަ ކައިވެންޏަށް ދެ ދަރިން ލިބިފައިވާއިރު މިހާރު އޭނާ ހުރީ ސިންގަލްކޮންނެވެ. އެޑީ ބުނީ ބައިވެރިއެއްގެ ކިބައިގައި އަންޑަސްޓޭންޑް ވުމާއި ހިތްވަރުދިނުމުގެ އިތުރުން އިހުތިރާމް ކުރުމުގެ ސިފައަކީ ކޮންމެހެން ހުންނަން ޖެހޭ ސިފަތަކަކަށްވާން ޖެހޭނެ ކަމަށެވެ.

އެޑީ ފާހަގަކުރާ ގޮތުގައި އޭނާއަށް މި ދާއިރާއިން އެންމެ އެހީތެރިކަމާ ހިތްވަރު ލިބެނީ އޭނާގެ ދޮން މަންމަ ފަރާތުންނެވެ. އަދި މި ދާއިރާއަށް ނެރެދިން ޝައި ޕްރޮޑްކްޝަންގެ، އިސްމާއިލް ޝަފީގާއި ލަފްޒުން އަސްލު ފުރުސަތު ހޯދައިދިން ތުތީއާއި އެކްޓްއަކީ ކޯޗެއްކަން ދައްކަން އެހީވި، ޔޫއްޕެއާއި މުހައްމާއާއި ނިމާލާއި ޝިފާ އަދި ދޮން އައްޔަގެ ނަން އޭނާ ފާހަގަކުރެއެވެ. އަދި އެ މީހުންގެ އިތުރުން ކުދިންގެ މަންމަގެ ފަރާތުން ލިބޭ އެހީތެރިކަމަށްވެސް އެޑީ ޝުކުރުއަދާކުރެއެވެ.

މިހާރު ކުރިއަށްދާ އެސްޓީއޯ މޯލްޑިވްސް ފިލްމް އެސޯސިއޭޝަން ޓޯނަމެންޓްގެ ތެރެއިން / ފޮޓޯ: އެޑީ

މި ދާއިރާއަށް އަލަށް ނިކުންނަ ކުދިންނަށް ނުވަތަ ނިކުންނަން ބޭނުންވާ ކުދިންނަށް އެޑީ ދޭން ބޭނުންވާ މެސެޖެއް އެބައޮތެވެ. އެއީ ފަށައިގަންނައިރު ބޭނުންވާ ހިސާބަކަށް ނުދެވިދާނެ ކަމަށާއި އެންމެ ކުދި ކުދި ސައިޑް ރޯލްތަކުން ކުރިއަށް ދެވޭނެ ކަމަށެވެ. އަދި ޝޫޓިންގެ ގަޑިއަށް ސަމާލުންކަންދީ ގަޑިއަށް އެތަނަކަށް ދިއުމަކީ ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި އެޑީ ފާހަގަކުރެއެވެ.

"މިހާރު ފަށައިގަންނައިރު ބޭނުންވާ ހިސާބަކަށް ނުދެވިދާނެއޭ ފުރަތަމަ ފަށާއިރު. ބޮޑު އެއްޗަކުން ނުފެށިދާނެއޭ އަހަރެމެން އެންމެންވެސް ކުރިއަށް މި އަރަނީ އެންމެ ކުދި ކުދި ސައިޑް ރޯލްތަކުން ފެއްޓިގެންނޭ އަރާ ބޮންތީގައި ހިފަން ނޫޅެ، މަޑުމަޑުން ކުރިއަށް އަރަމުން ގޮސްފިއްޔާމުން އެންމެންނަށްވެސް މަސައްކަތްކުރާ ވަރަކުން ކޮންމެ މީހެއްގެ ހުނަރު ނެރެން ޖެހޭނީ"
އެޑީ

އެޑީ އިތުރަށް ބުނީ އެކަކު އަނެކަކުގެ ފަރާތުން އެއްޗެހިތަކެއް ދަސްވެދާނެ ކަމަށް ގަބޫލުކުރަން ޖެހޭ ކަމަށާއި ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުންނަށް އަދި ކެމެރާގެ ފަހަތުން ބުރަކޮށް އުޅޭ ޓެކްނިކަލް ޓީމަށްވެސް އިހުތިރާމްކުރަން ޖެހޭނެ ކަމަށެވެ. އަދި އަހުލާގީ މިންގަނޑަށް ބެލުމާއެކު ކުރިއަރަމުންދާ ވަރަކަށް ދެން ތިބޭ މީހުންނަކީ ދަށު ބައެއް ކަމަށް ނުދެކުމަށްވެސް އެޑީ އެދެއެވެ.