ކޮންމެ މީހަކީވެސް ހިތްފަސޭހަކަމާއި އަމާންކަމާ އަދި ރައްކާތެރިކަމަށް ލޯބިކުރާ މީހަކަށްވާއިރު އެ ފަދަ ވެއްޓެއްގައި ދިރިއުޅުމަށް ކޮންމެ މީހަކުވެސް ހިތް އެދޭނެއެވެ. ހަލަބޮލި މާހައުލުތަކުންގައި އުޅުމަށްފަހު ހިތް ހަމަ ޖައްސާލަން ޗުއްޓީއެއްގައި ރަށަކަށްދާއިރު އެފަދަ ރަށަކަށް ދިއުމަށް ގިނަ ދިރާސާތަކެއްވެސް ކުރެވެއެވެ. ރާއްޖޭގައި މިފަދަ އަމާން އޮމާން އެކުވެރި ރައްޔިތުން ތަކެއް ދިރިއުޅޭ ރަށްތަކެއް ވެސް އޮތް ކަމީވެސް އުފާކުރަން ޖެހޭ ކަމެކެވެ. އެގޮތުން ފާހަގަކޮށްލެވޭ އެއް ރަށަކީ ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ ހއ. ތުރާކުނެވެ.
އެ ރަށުގެ އާބާދީގައި 707 މީހަކު ތިބިއިރު އެ ރަށަށް މީގެ ކުރިން ޒިޔާރަތްކޮށްފައިވާ މީހެއްނަމަ އެ ރަށުގެ މީހުންގެ ފަރާތުން ލިބުނު މެހެމާންދާރީއަކީ ހަނދާނުން ފޮހެނުލެވޭނެވަރުގެ ނަމޫނާ މެހެމާންދާރީއެއް ކަމަށް މީގެ ކުރިން އެ ރަށަށް ޒިޔާރަތްކޮށްފައި ތިބި މީހުން ބުނެއެވެ. އެ ރަށް އަމާން އޮމާން ރަށެއްގެ ގޮތުގައި ފާހަގަވެގެންދާއިރު އެ ރަށުގެ ހިތް ފަސޭހަ ކަމުގެ ވާހަކަތަކަކީވެސް ކިތަންމެ ވަރަކަށްވެސް ދެއްކިދާނެ ވާހަކަތަކެއްކަން ހަމަ ޔަގީނެވެ.
ކުށުގެ ވެށިން ސަލާމަތްވެފައިވާ ތުރާކުނަކީ މުޅި އެ އަތޮޅާއި ބޮޑު ތިލަދުންމައްޗަށްވެސް ނަމޫނާ ރަށަކަށްވާއިރު އެކަމާ ގުޅޭ މައުލޫމާތު "ދަ ޕްރެސް" އާ ހިއްސާކުރަމުން އެ ރަށުގެ ކައުންސިލްގެ ރައީސް އަލީ އަބްދުލް ލަތީފް ވިދާޅުވީ ކުށުގެ ރިކޯޑަށް ބަލާއިރު އެ ރަށަކީ އެ އަތޮޅުގައި ވެސް ފާހަގަކޮށްލެވޭ ރަށެއް ކަމަށާއި ފުލުހުންނާ ހިސާބަށް މައްސަލައެއް ނުގޮސް 6 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ. އެގޮތުން ވައްކަމާއި ފޭރުމާއި މަސްތުވާތަކެތީގެ މައްސަލައެއް އެ ވޭތުވެދިޔަ ދުވަސްތަކުގައި ދިމާނުވާ ކަމަށް އަލީ ފާހަގަކުރެއްވިއެވެ.
އަލީ ވިދާޅުވީ ކުށް މަދު ރަށެއްގެ ގޮތުގައި ތުރާކުނު ފާހަގަކުރެވެނީ ބެެލެނިވެރިންގެ ހޭލުންތެރިކަމާއި ތައުލީމީ ފެންވަރުގެ އިތުރުން މުވައްސަސާތަކުގެ ގުޅުން ރަނގަޅުވެގެން ކަމަށެވެ. އަދި ތުރާކުނުގެ ރައްޔިތުންނަކީ ވަރަށް ގުޅިގެން އުޅޭ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއްގެ ގޮތުގައި ފާހަގަކުރައްވާ އަލީ ވިދާޅުވީ އެންމެންނާވެސް އުފެދިފައިވަނީ ވަރަށް ގާތްގުޅުމެއް ކަމަށެވެ.
ރާއްޖޭގެ އެންމެ އުތުރުން އޮންނަ ރަށަށްވުމާއެކު ތުރާކުނުގައި ބައްތިކޮޅުގެ ނަމުން ނަން ދެވިފައިވާ ބައްތި ޖަހާފައިވާ ސަރަހައްދެއް ހުރިއިރު އެ ރަށުގައި ހުރި އުވަގަލުގެ މިސްކިތާއި ރީތި ނަލަ ތުނޑިއަކީވެސް ފާހަގަކޮށްލެވޭ ތަންތަނެވެ.
ތުރާކުނު ބައްތިކޮޅު:
ތުރާކުނު މީހަކު ފެނިއްޖެނަމަ ގިނަ ބަޔަކު ބައްތިކޮޅާ ބެހޭ ގޮތުން ސުވާލުކޮށް ހަދައެވެ. އެއީ ކިހިނެތްވެފައިވާ ކަމެއްތޯ އަހާ އޮޅުން ފިލުވާ ހަދައެވެ. އަލީ ވިދާޅުވީ އެއީ ކުރީ ދުވަސްވަރު ދަތުރުފަތުރުކުރުމުގެ ފަސޭހައަކަށް އުތުރުގައި އޮންނަ ރަށަށްވުމާއެކު ބޭރު ދަތުރުކުރާ ބޯޓު ފަހަރުތަކާއި މަސްވެރިކަމުގައި ދަތުރުކުރާ ބޯޓު ފަހަރުތަކާއި އޮޑިދޯނި ފަހަރުވެސް ރާއްޖޭގެ އެތެރެއަށް ވަދެ އުޅެން ފަސޭހައަކަށް އެ ރަށުގައި ޖަހާފަ އިންނަ ނެވިގޭޝަން ލައިޓެއް ކަމަށެވެ. އަދި އުސްމިނުގައި 35 ފޫޓު ނުވަތަ 40 ފޫޓް ހުރި އެ ބައްތިން 12 މޭލަށް އަލި ފޮނުވައިދޭއިރު އެ ބައްތިއިންނަނީ އެ ރަށުގެ ހުޅަނގު އުތުރު ފަރާތުގައެވެ.
ގާތްގަނޑަކަށް 30 އަށް ވުރެ ގިނަ އަހަރުވެފައިވާ އެ ބައްތި ހަތަރު ފަހަރެއްގެ މަތިން ބަދަލުކޮށްފައިވާކަން ފާހަގަކުރައްވާ އަލީ ވިދާޅުވީ އެގޮތަށް ބަދަލުކޮށްފައިވާނީ މޫސުމަށް އަންނަ ބަދަލާއެކު މާ ބޮޑަށް އެއްގަމުވެ ނުވަތަ ގޮނޑުދޮށްވުމުގެ ސަބަބުން ކަމަށާއި ޓަވަރުގެ ފްރޭމް ހަލާކުވެގެން ދަބަރު ޖަހައިގެންވެސް ބަދަލުކޮށްފައިވާނެ ކަމަށެވެ. އަދި މިހާރު ބޭނުންކުރާ ނެވިގޭޝަން ބައްތި، މަލިކު ތޫފާނާއި ހޯރަފުށީ އެއާޕޯޓް ހެދުމާ ގުޅިގެން ގަދަގަނޑެއްގެ ތެރޭގައި ވަރަށް ބޮޑަށް ގިރާލުމާ ގުޅިގެން އެމްޓީސީސީގެ އެހީތެރިކަމާއެކު އެ ބައްތި ޖަހާފައިވާ ޓަވަރު ނަގާ އެއްގަމުގައި ޖަހާ އިންސްޓޯލްކޮށްފައިވާ ކަމަށް އަލީ ވިދާޅުވިއެވެ.
އަލީ ވިދާޅުވީ ބައްތި އަނދާފައި އިންނަތާ މަސް ދުވަހެއް ވެފައިވާ ކަމަށާއި ޓްރާންސްޕޯޓް މިނިސްޓްރީއިން މިހާރު ބައްތިއެއް ހަވާލުކޮށްފައިވާ ކަމަށެވެ. އަދި މިނިސްޓްރީގެ ޓެކްނިކަލް ޓީމުގެ އެހީތެރިކަމާއެކު އެ ބައްތި އިންސްޓޯލް ކުރެވޭނީ ރޯދަ މަހުގެ ފަހުން ކަމަށް އަލީ ވިދާޅުވިއެވެ. އަލީ ވިދާޅުވީ ޖީޕީއެސް ބޭނުން ނުރާ ވަރަށް ވުރެ ކުދި އުޅަނދު ފަހަރުވެސް ހުރެދާނެތީ އެ ބައްތި އިނުމުން ފަސޭހަތަކެއްވާނެ ކަމަށެވެ.
އުވަގަލުގެ މިސްކިތް:
ތުރާކުނުގައި ހުންނަ 80 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ އުވަ ގަލުގެ މިސްކިތައް އެކި ފަހަރު މަތިން ބަދަލުތަކެއް ގެނެސްފައިވާއިރު އެ މިސްކިތް ބޭނުންކުރުން ހުއްޓާލާފައިވަނީ މީގެ 3 ވަަރަކަށް އަހަރު ކުރިންނެވެ. އަލީ ވިދާޅުވީ އެ މިސްކިތް ބޭނުން ކުރުން ހުއްޓާލީ ގަބުރުސްތާނުގެ ތެރޭގައި ހުރި މިސްކިތަކަށްވުމާއެކު އާންމުންގެ ޝަކުވާއަކަށްވުމުން އިސްލާމިކް މިނިސްޓްރީގެ ލަފާގެ މަތިން، އެ މިނިސްޓްރީއިން ބަލާ ފާސްކުރިއިރު މިސްކިތު ހިމެނޭ ސަރަހައްދުގައި ގަބުުރު ހުރިކަން ފާހަގަކުރެވިގެން ކަމަށެވެ.
އަލީ ވިދާޅުވީ އެ މިސްކިތުގެ އޮނިގަނޑު ހަދާފައި ވަނީ އުވަ ބޭނުންކޮށްގެން ކަމަށާއި އެ މިސްކިތަށް ގެނައި ބަދަލުތަކުގެ ތެރޭގައި ފުރާޅު ބަދަލުކުރުމާއި ކުޑަ ދޮރުތައް ހިމެނޭ ކަމަށެވެ. އެގޮތުން ކުރީގައި ހުރި އީޓް ފުރާޅުގެ ބަދަލުގައި ޓިނު ފުރާޅަށް ބަދަލުކޮށްފައިވާ ކަމަށާއި ކުރިން ހުރި ޖާލި ކުޑަ ދޮރުތަކުގެ ބަދަލުގައި ބިއްލޫރި ކުޑަ ދޮރަށް ބަދަލުކޮށްފައިވާ ކަމަށް އަލީ ވިދާޅުވިއެވެ.
ރީތި ތުނޑިއެއް، ރަށް ގިރުމުގެ ކަންބޮޑުވުން:
ކޮންމެ ރަށެއްގެވެސް އެންމެ ބޮޑު އެއް ރައުސުލްމާލަކީ އެ ރަށެއްގެ ރީތިކަން ދައްކުވައިދޭ ތަނަކަށްވާއިރު ތުރާކުނަކީވެސް ގުދުރަތީ ރީތި ތުނޑިއެއް ލިބިފައިވާ ރަށެކެވެ. ހިތްފަސޭހަ، މަޖާ ވަގުތުތަކެއް އާއިލާއާއި ރައްޓެހިންނާއެކު ހޭދަކޮށްލުމަށް ދަތުރުގޮސް ހަދާލުމަށް އެ ރަށުގެ މީހުން ބޭނުން ކުރާ ސަރަހައްދަކީވެސް އެއީއެވެ. އެހެންނަމަވެސް މޫސުމަށް އަންނަ ބަދަލާއެކު ތުނޑި ގިރުމުގެ މައްސަލަތައް ދިމާވާ ކަމީ އެ ރަށުގެ ކޮންމެ ރައްޔިތެއްގެވެސް ކަންބޮޑުވުމެވެ.
އަލީ ވިދާޅުވީ އެ މައްސަލަ ޕްލޭނިން މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށާއި ތޮށި ޖަހައިގެން ނަމަވެސް ހިމާޔަތްކޮށްދިނުމަށް އެދިފައިވާނެ ކަމަށެވެ.
އަލީ އިތުރަށް ވިދާޅުވީ ތުރާކުނަކީ އަމާން އޮމާން، މެހެމާން ދާރީ އަދާކުރުމުގައި ނަމޫނާ ރަށެއްގެ ގޮތުގައި ފާހަގަކުރެވޭ ރަށަކަށްވުމާއެކު ހުރިހާ ރައްޔިތުންވެސް އެގޮތުގައި ތުރާކުނު ދެމި އޮންނާނެ ފަދަ ގޮތަކަށް މަސައްކަތް ކުރަން އެދޭ ކަމަށެވެ.
ތުރާކުނަކީ މަސްތުވާތަކެތީގެ ރެކޯޑް މިހަާރުވެސް އޮތްރަށެއް. ދޮގު ޚަބަރު ފަތުރައިގެން ރީތިނަން ހޯދުމުން އެއްވަނަ ދޭންފެނޭ
ހަޖަމްނުވަނީ ދޯ