އާމްދަނީ ހޯދުމަށް ގިނަ ބަޔަކު ކުރާ މަސައްކަތްތަކަށް ނަޒަރު ހިންގާލާއިރު އެކި މީހުންގެ އެ މަސައްކަތް ފެށިފައިވަނީ އެކި ގޮތަށެވެ. އެކި މީހުން އެ މަސައްކަތްތައް ދަސްކޮށްފައިވަނީވެސް ތަފާތު އެކި ގޮތްގޮތަށެވެ. ބައެއް މީހުން ކޯސްތަކާއި ވޯކްޝޮޕްތަކުން އެފަދަ މަސައްކަތްތައް ދަސްކުރާއިރު އަނެއް ބައި މީހުންނަކީ އާއިލާގެ ކޮންމެވެސް މީހަކު އެފަދަ ކޮންމެވެސް މަސައްކަތެއް ކުރާތަން ފެނި ދަސްކުރާ މީހުންނެވެ.
އެގޮތުން މިއަދުގެ "ދަ ޕްރެސް މީހުން" ސެގްމަންޓުގައި މި ގެނެސްދެނީ އެފަދަ ގޮތަކަށް ފެހުމުގެ ދާއިރާއަށް ނިކުމެ، އެ ދާއިރާގައި ފިޔަޖަހަމުންދާ ފުވައްމުލަކު ސިޓީއަށް އުފަން އުމުރުން 34 އަހަރުގެ މަރިޔަމް ޝިފްޒާ (ޝިފޫ) ގެ ވާހަކަތަކެވެ. ޝިފޫގެ ބައްޕައާއި މަންމަ ކުރަމުން އައި ފެހުމުގެ މަސައްކަތުން ދަސްވެފައިވާ މިންވަރެއްގެ އަލީގައި މި ދާއިރާއަށް ނިކުތް ޝިފޫއަކީ މިއަދު ފާހަގަކޮށްލެވޭ ނަމެކެވެ.
ކުޑަކުދިންގެ ހެދުންތަކާއި ހާއްސަ މުނާސަބަތުތަކަށް ފަހާ ހެދުންތަކާއި ކައިވެނީގެ ހެދުންތަކުގެ އިތުރުން ގިނަ ވައްތަރުތަކެއްގެ ހެދުން ފަހަމުން އަންނަ ޝިފޫއަކީ ފެހުންތެރިއެއް އެކަންޏެއް ނޫނެވެ. މޭކަޕް ކުރުމާއި ކޭކު އެޅުން ފަދަ ކަންކަމަކީވެސް މަދުން ނަމަވެސް ޝިފޫ ކުރަމުން އައި ކަންކަމަށް ވިނަމަވެސް އެއިން ކޮންމެ މަސައްކަތަކުން ވެސް އޭނާގެ ހުނަރުވެރިކަމާއި އުފެއްދުންތެރިކަން ފެނި ހާމަވެގެންދެއެވެ.
އެ މަސައްކަތްތައް ފެށުނު ގޮތް "ދަ ޕްރެސް" އަށް ހިއްސާކުރަމުން ޝިފޫ ބުނީ އޭނާއަށް އެ މަސައްކަތް ދަސްވީ ގޭތެރެއިން، ބައްޕަގެ ފަރާތުން ކަމަށާއި އެއާއެކު އުފެދުނު ޝައުގުވެރިކަމާއެކު ކަމަށެވެ. އެގޮތުން އުމުރުން 13 އަހަރުން ފެށިގެން އަމިއްލަ ހެދުމާއި ރައްޓެހިންގެ ހެދުން ފަހަން ފެށި، ޝިފޫ އެންމެ ފުރަތަމަ ވެޑިން ޑްރެސްއެއް ފަހާފައިވަނީ އޭނާގެ އުމުރުން 16 އަހަރުގައެވެ. އޭރުން ފެށިގެން ފެހުމުގެ މަސައްކަތުގައި ޝިފޫ އުޅެމުން އަންނައިރު މިހާތަނަށް އެ ދާއިރާއިން އޭނާ ކޯހެއް ހަދާފައެއް ނުވެއެވެ.
ޝިފޫ ބުނީ މި ކަމަކީ ލޭގެ ގުޅުމުން އައިސްފައިވާ ކެމެއް ކަމަށްވެސް ބުނެވިދާނެ ކަމަށާއި އޭރުވެސް ނޭނގޭ އެއްޗެއްނަމަ ބުނެދީ ކިޔަދީ ހަދަނީ އޭނާގެ ބައްޕަ ކަމަށެވެ.
އޭރު ޝިފޫ އެ މަސައްކަތް ފެށީ ވިޔަފާރިއަށް ނުވި ނަމަވެސް 2013 ވަނަ އަހަރު ޝިފޫ ކަލެކްޝަންސްގެ ނަމުގައި ހެދި ފޭސްބުކް ޕޭޖާއެކު އޭނާގެ ވިޔަފާރި ފެށުނު ގޮތް ވެސް އޭނާ ކިޔައިދިނެވެ. ޝިފޫ ބުނީ ރީތި ކުދި ކުދި ހެދުންތަކެއް ފަހައިގެން ފޮޓޯ ނަގަން އުޅުމުގެ ތެރޭގައި ފޭޖެއް ހަދަން ހިތައް އަރައިގެން ޕޭޖެއް ހަދާ އެ ފޮޓޯތައްލުމުން ވިޔަފާރި ފެށިގެން ދިޔައީ ކަމަށެވެ. އެ ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް މެދުކެނޑުމެއް ނެތި އެ މަސައްކަތުގައި ފައިތިލަ ސާބިތުކޮށްގެން ހުރި ޝިފޫ މިއަދު އެ މަސައްކަތް ކުރަމުން ދަނީ ހުޅުމާލޭގައެވެ.
މީގެ ކުރިން ބޭއްވި ބްރައިޑް ފެއާތަކުންވެސް ޝިފޫގެ ފެހުމުގެ ރީތި ހުނަރު ފެނިގެން ގޮސްފައިވާއިރު 2014 އަދި 2015 އަހަރު އެ ފެއާގައި ބައިވެރިވުމުން ގިނަ ބަޔަކަށް ޝިފޫ އެނގި ވިޔަފާރި އިތުރަށް ފުޅާކުރުމަށް އިތުރު އެހީތެރިކަން ލިބުނު ކަމަށް އޭނާ ފާހަގަކުރިއެވެ. އަދި އެއީ މި ދާއިރާގެ ފެށުން ކަމަށްވެސް ޝިފޫ ބުނެއެވެ.
ދުވަހުގެ ބޮޑުބައެއް ފެހުމުގެ މަސައްކަތުގައި ހޭދަކުރާ ޝިފޫއަށް ކޮންމެ ފެހުމަކީވެސް ވަރަށް ހާއްސަ އެއްޗަކަށްވާއިރު ކޮންމެ މަސައްކަތެއްވެސް ނިންމާލަނީ ހިތްހަމަޖެހިގެން އުފަލުން ކަމަށް އޭނާ ފާހަގަކުރެއެވެ.
މިއަދު ޝިފޫއަކީ ފާހަގަކޮށްލެވޭ ކާމިޔާބު ފެހުންތެރިއެކެވެ. ކައިވެނީގެ ހަފްލާތަކުން ޝިފޫގެ މަސައްކަތްތައް ގިނަ އަދަދަކަށް ފެނިގެންދާއިރު މައިގަނޑު ގޮތެއްގައި މިހާރު ޝިފޫ ފަހާ އުޅެނީ ވެސް ވެޑިން ޑްރެސްއެވެ. ކައިވެނީގެ ތާރީހުގެ މަސް ދެ މަސްކުރިން ކައިވެނީގެ ހެދުން ފަހަން އޯޑަރުތައް ދެމުންދާކަން ފާހަގަކޮށް ޝިފޫ ބުނީ ވަރަށް އަވަހަށް ބްކިން ހައްދާ ކަމަށެވެ. ވެޑިން ޑްރެސްގެ އިތުރުން ޕާޓީ ހެދުމުން އޭގެ ތެރޭގައި ހިމެނޭ ކަމަށް ޝިފޫ ފާހަގަކުރެއެވެ. އެކަމަށް އެކަށީގެވާ ތަރުހީބެއް ލިބެމުންދާއިރު ސްކޫލް ޗުއްޓީ ފަދަ ކައިވެނީގެ ހަފްލާތައް އެންމެ ގިނައިން ބާއްވަމުންދާ ދުވަސްވަރުގައި ޝިފޫއަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރާ ފެހުންތެރިއެކެވެ.
މީގެ އިތުރުން 2016 ވަނަ އަހަރުން ފެށިގެން މި ދާއިރާއިން ގިނަ ކޯސްތަކެއް ހިންގަމުން އަންނަ ޝިފޫއަށް މި ދާއިރާއިން ދިމާވާ ގޮންޖެހުމަކީ އެ މަސައްކަތަށް ބޭނުންވާ ސާމާނު ނުލިބުމާއި ތަކެތީގެ އަގު ބޮޑުވުމެވެ.
ފެހުމުގެ ދާއިރާއިން ބޭސިކް އަދި އެޑްވާންސް ކޯސްތައްވެސް ކުރިއަށް ގެންދާ ޝިފޫ ބުނީ އޭނާ ކައިރިން ކިޔަވައިގެން އެ ދާއިރާއިން ވިޔަފާރިކުރާ ކުދިންވެސް އެބަ އުޅޭ ކަމަށެވެ. ފެހުމުގެ އެއްވެސް މިންވަރެއް ނޭނގޭ މީހުންނަށްް ހާއްސަކޮށް ބޭސިކް ކޯސްތައް ކުރިއަށް ގެންދާއިރު އެޑްވާންސް ކޯސްތައް ވަރަށް ތަފާތެވެ. ޝިފޫ ބުނީ އެޑްވާންސް ކޯހުގައި އެއިރެއްގައި އޮންނަ ޓްރެންޑިން ފެޝަންތަކުގެ ޑިޒައިން ތަކަށް އިސްކަންދީ އެ ޑިޒައިންތަކަށް އެ ކޯހުގައި ފަހަން ދަސްކޮށްދޭ ކަމަށެވެ.
ފެހުމުގެ މަސައްކަތާ ދުރަށް ގޮސް މަދު ދުވަސްކޮޅެއްވެސް ހޭދަކުރުމަކީ ޝިފޫއަށް އުނދަގޫ ކަމަކަށްވާއިރު މައިބަދައިގެ މައްސަލައެއް ދިމާވެ، ފެހުމުގެ މަސައްކަތުން ދުރުގައި ހޭދަކުރި މަދު ދުވަސްތަކަކީވެސް ޝިފޫއަށް ބުނަން ހިތްދަތިވި ދުވަސްތަކެކެވެ. އަމިއްލަ ފެހާތަނެއް ހުޅުވޭނެ ދުވަހަކަށް ޝިފޫ އުންމީދުކުރާއިރު ޝިފޫގެ ހުރިހާވެސް އިންތިޒާރަކީ އެއީއެވެ. ޝިފޫ ބުނީ ބަލިވިޔަސް ބަލި ހާލުގައިވެސް ފަހަން ބޭނުންވާ ކަމަށާއި އޭނާގެ ހުވަފެނުގައި ކުލަ ޖެއްސުމަށް ގަދައަޅާ މަސައްކަތް ކުރަން އޭނާ ބޭނުން ކަމަށެވެ.
ދެ ކުދިންގެ މަންމައެއްގެ ގޮތުގައި ޝިފޫއަކީ ނަމޫނާއަކަށްވާއިރު އޭނާ ބުނީ އެ މަސައްކަތުގައި އެންމެ އެހީތެރިކަން ލިބެނީ ފިރިމީހާގެ ފަރާތުން ކަމަށެވެ. އަދި މަންމައާއި ބައްޕަ އަދި އާއިލާގެ މެންބަރުންގެ ފަރާތުންވެސް ލިބޭ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް ޝިފޫ ވަނީ ޝުކުރުއަދާކޮށްފައެވެ.
ޝިފޫ ބުނީ މި މަސައްކަތަކީ ވަރަށް ރަނގަޅު މަސައްކަތެއް ކަމަށާއި މި މަސައްކަތަކީ ގޭގައި ހުރެގެން ދަރިންނަށް ވަގުތުދީގެން ކުރެވޭނެ މަސައްކަތަކަށްވާއިރު އަމިއްލައަށް އާމްދަނީއެއް ހޯދަން މީ ކުރަން ވަރަށް ރަނގަޅު ކަމެއް ކަމަށެވެ.
އަހަރުން ހެދި ކޯހުގެ ސެޓްފިކެޓް ނުދޭތާ 3 އަހަރުވީ މޮޅުވާހަކަ ދައްކަން