ގުދަން ހުރި ބިމުގެ މިންވަރެއްވެސް ޔޫތު މިނިސްޓްރީގެ ނަމުގައި ނެތް ކަމަށް މާލެ ސިޓީ ކައުންސިލް އިން ބުނެފިއެވެ.

ސިޓީ ކައުންސިލުން މިފަދައިން ބުނެފައިވަނީ ޔޫތު މިނިސްޓްރީގެ ބިމެއްގެ ތެރެއަށް ވަދެ، އެ ތަނުގައި ހުރި ގުދަނެއްގެ ތަޅު ހަލާކުކޮށްލައިގެން އެ ތަނުގައި ހުރި އަގުބޮޑު ސާމާނުތައް ކައުންސިލުން ގެންދާ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ތުހުމަތުކުރެއްވުމާ ގުޅިގެން އެކަމުގެ ކޯޅުމުގެ ތެރޭގައެވެ.

އެކަމާ ގުޅިގެން ކައުންސިލުން ބުނީ ޔޫތު މިނިސްޓްރީގެ ގުދަން ކަމަށް ބުނާ ގުދަން ހުންނަ މާލޭގެ 353 ނަންބަރު ކޮށީގައި ހިމެނޭ ބިންތަކަކީ ކައުންސިލްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ބިމެއް ކަމަށާއި އެ ބިމުގެ ދެކުނަށް ހުރި، އިދިކޮޅު ޕީޕީއެމްގެ ކުރީގެ ރުމާލު ޖަގަހަ އާއި ފުލުހުންގެ ޓޯޔާޑާ ދެމެދު ހަދާފައިވާ އެ ގުދަނަކީ ކައުންސިލްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ބިމެއްގައި ހަދާފައި ހުރި ގުދަނެއް ކަމަށެވެ.

އެހެންނަމަވެސް ޔޫތު މިނިސްޓްރީއިން މިއަދު ހެކިތަކާއެކު ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ 355 ނަންބަރު ކޮށްޓަކީ ކުޅިވަރު ބޭނުމަށް ދޫކޮށްފައިވާ ބިމެއް ކަމަށް ކަނޑައަޅާ މެއި 15، 2019 ވަނަ އަހަރު ދޫކޮށްފައިވާ ބިމެކެވެ. އެ ލިޔުން ދޫކޮށްފައި ވަނީ ޕްލޭނިންގް މިނިސްޓްރީންނެވެ. އަދި އެ ބިމުގެ ޑިވެލޮޕްމަންޓް ކޮންޓްރޯލް ނޮވެމްބަރު 27، 2019 ގައި ޕްލޭނިން މިނިސްޓްރީން ޔޫތު މިނިސްޓްރީ އަށް ދީފައިވާ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުންވެސް އެ ބިން ޕްލޭނިން މިނިސްޓްރީން ޔޫތް މިނިސްޓްރީއާ ހަވާލު ކުރިކަން އަންގައި މޭ 15، 2019 އިގައި ފޮނުވި ސިޓީ ވެސް ބަޔާނާއެކު ޔޫތު މިނިސްޓްރީން ވަނީ އާންމުކޮށްފައެވެ. އެ ސިޓީގައިވާ ގޮތުން އެ ބިމުގައި ތަރައްގީ ކުރަން ނިންމާފައި ވަނީ ފުޓްސަލް ދަނޑަކާއި ހޭންޑް ބޯލް ދަނޑެއްގެ އިތުރުން 3 ވޮލީ ކޯޓެވެ. އަދި ޕްލޭނިން މިނިސްޓްރީން ބިން ހަވާލުކުރި ކަމުގެ ސިޓީގެ އިތުރުން، އެ ބިމުގައި ހަދަން ނިންމާފައިވާ ސްޕޯޓްސް ސެންޓަރުގެ ކުރެހުން ފާސްކުރުމާ ގުޅޭ ގޮތުން ޔޫތު މިނިސްޓްރީ އާއި ސިޓީ ކައުންސިލާ ދެމެދު އެކި ތާރީހުތަކުގައި ބަދަލުކޮށްފައިވާ ސިޓީތައް ވެސް ޔޫތު މިނިސްޓްރީން މިއަދު ވަނީ އާންމު ކޮށްފައެވެ.

އެގޮތުން އެ ބިމުގައި ހަދާ ވޮލީ އިމާރާތުގެ ޑީޓެއިލް ޑްރޯވިން ސެޓް ފާސްކޮށްދިނުމަށް އެދި ޖަނަވަނީ 20، 2022 ގައި ސިޓީ ކައުންސިލަށް ޔޫތު މިނިސްޓްރީ އަށް ފޮނުވި ސިޓީ އާންމުކޮށް އެ ބިމުގެ ޑިވެލޮޕްމަންޓް ކޮންޓްރޯލް އަދި އެ ބިން ޔޫތު މިނިސްޓްރީއާ ހަވާލުކުރި ކަމުގެ ލިޔުން ވެސް ސިޓީ ކައުންސިލަށް ފޮނުވިކަން އެ ސިޓީން ހާމަވެއެވެ.

މިކަމާ ކަންބޮޑުވުން ފާޅުކޮށް އިތުރަށް ޔޫތް މިނިސްޓްރީން ބުނީ، 2019 ވަނަ އަހަރުން ފެށިގެން ހިންގާފައިވާ މުއާމަލާތްތަކުންވެސް އެ ބިމަކީ ޔޫތް މިނިސްޓްރީގެ ބިމެއް ކަން ސާފުކޮށް އެނގެން އެބައޮތް ކަމަށެވެ. އަދި ތަޅު ހަލާކޮށްލާ ތަކެތި ނެރެ އެ ތަކެއްޗަށް ގެއްލުންދީފައިވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެއަށްފަހު މާލެ ސިޓީ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މާލޭގެ 353 ނަންބަރު ކޮށީގައި ހިމެނޭ ބިމަކީ މާލޭ ސިޓީ ކައުންސިލްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ، މާލޭ ހިޔާ ފުލެޓުތައް ހުރި ބިމަކަށްވާއިރު އެ ބިން ނުވަތަ އެބިމުގެ ބައެއް ޔޫތު މިނިސްޓްރީއަށް ދީފައިވާ ކަމަށް ބުނެ ނެރެފައިވާ ނޫސްބަޔާނަކީ ކަމުގެ ހަގީގަތް އޮޅުވާލުމުގެ ބޭނުމުގައި ނެރެފައިވާ ނޫސްބަޔާނެއް ކަމަށެވެ.

ސިޓީ ކައުންސިލުން ބުނީ އެ ބިމުގެ އެއްވެސް މިންވަރެއް ދީ އަދި އެ ބިން ހަވާލުކޮށްފައިވެސް ނުވާނެ ކަމަށާއި އެ ބިމުގެ އެއްވެސް މިންވަރެއް ޔޫތު މިނިސްޓްރީގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިނުވާއިރު އެއްވެސް ކަމެއްކުރުމަށް އެއްބަސްވުމެއްގެ ދަށުންވެސް އެއްވެސް މިންވަރެއް ހަވާލުކުރިކަމުގެ ލިޔުމެއް އެ ކައުންސިލުގައި ފެންނަން ނެތް ކަމަށެވެ.