ޔޫތު މިނިސްޓްރީގެ ގުދަނަކުން މާލޭ ސިޓީ ކައުންސިލުން މުދާ ގެންދިޔަ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ތުހުމަތު ކުރައްވާފައި ވަނިކޮށް، އެ ގުދަން ޔޫތް މިނިސްޓްރީން ބޭނުން ކުރަމުން ދަނީ އެއްވެސް އެއްބަސް ވުމެއް ނެތި ކަމަށް ކައުންސިލުން ރައްދު ދީފައި ވާއިރު، އެ ގުދަނަކީ ޔޫތް މިނިސްޓްރީީގެ ތަނެއްކަން މިއަދު ހެކިތަކާއެކު އެ މިނިސްޓްރީން އާންމު ކޮށްފިއެވެ.

އިއްޔެ ރޭ ޓްވީޓެއް މެދުވެރިކުރަށްވާ ޔޫތު މިނިސްޓަރު މަހްލޫފް ވަނީ، ޔޫތު މިނިސްޓްރީގެ ބިމެއްގެ ތެރެއަށް ވަދެ، އެ ތަނުގައި ހުރި ގުދަނެއްގެ ތަޅު ހަލާކުކޮށްލައިގެން އެ ތަނުގައި ހުރި އަގުބޮޑު ސާމާނުތައް ކައުންސިލުން ގެންދާ ކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި އެކަން ވަގުތުން ހުއްޓާލުމަށް އޭނާ ގޮވާލެއްވިއެވެ.

މިނިސްޓަރުގެ ތުހުމަތުތަކަށް ރައްދުދީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ، ޔޫތު މިނިސްޓްރީގެ ގުދަން ކަމަށް ބުނާ ގުދަން ހުންނަ މާލޭގެ 353 ނަންބަރު ކޮށީގައި ހިމެނޭ ބިންތަކަކީ ކައުންސިލްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ބިމެއް ކަމަށާއި، އެ ބިމުގެ ދެކުނަށް ހުރި، އިދިކޮޅު ޕީޕީއެމްގެ ކުރީގެ ރުމާލު ޖަގަހަ އާއި ފުލުހުންގެ ޓޯޔާޑާ ދެމެދު ހަދާފައިވާ އެ ގުދަނަކީ ކައުންސިލްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ބިމެއްގައި ހަދާފައި ހުރި ގުދަނެއް ކަމަށެވެ.

ނަމަވެސް އެ އަށް ރައްދު ދީ ޔޫތް މިނިސްޓްރީން މިއަދު ޓްވިޓާ މެދުވެރިކޮށް ހެކިތަކާއެކު ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ 355 ނަންބަރު ކޮށްޓަކީ ކުޅިވަރު ބޭނުމަށް ދޫކޮށްފައިވާ ބިމެއް ކަމަށް ކަނޑައަޅާ މެއި 15، 2019 ވަނަ އަހަރު ދޫކޮށްފައިވާ ބިމެކެވެ. އއެ ލިޔުން ދޫކޮށްފައި ވަނީ ޕްލޭނިންގް މިނިސްޓްރީންނެވެ. އަދި އެ ބިމުގެ ޑިވެލޮޕްމަންޓް ކޮންޓްރޯލް ނޮވެމްބަރު 27، 2019 ގައި ޕްލޭނިން މިނިސްޓްރީން ޔޫތު މިނިސްޓްރީ އަށް ދީފައިވާ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުންވެސް އެ ބިން ޕްލޭނިން މިނިސްޓްރީން ޔޫތް މިނިސްޓްރީ އާއި ހަވާލު ކުރިކަން އަންގައި މޭ 15، 2019 އިގައި ފޮނުވި ސިޓީ ވެސް ބަޔާނާއެކު ޔޫތު މިނިސްޓްރީން ވަނީ އާންމުކޮށްފައެވެ. އެ ސިޓީގައިވާ ގޮތުން އެ ބިމުގައި ތަރައްގީ ކުރަން ނިންމާފައި ވަނީ ފުޓްސަލް ދަނޑަކާއި ހޭންޑް ބޯލް ދަނޑެއްގެ އިތުރުން 3 ވޮލީ ކޯޓެވެ.

އަދި ޕްލޭނިން މިނިސްޓްރީން ބިން ހަވާލުކުރި ކަމުގެ ސިޓީގެ އިތުރުން، އެ ބިމުގައި ހަދަން ނިންމާފައިވާ ސްޕޯޓްސް ސެންޓަރުގެ ކުރެހުން ފާސްކުރުމާ ގުޅޭ ގޮތުން ޔޫތު މިނިސްޓްރީ އާއި ސިޓީ ކައުންސިލާ ދެމެދު އެކި ތާރީހުތަކުގައި ބަދަލުކޮށްފައިވާ ސިޓީތައް ވެސް ޔޫތު މިނިސްޓްރީން މިއަދު ވަނީ އާންމު ކޮށްފައެވެ.

އެގޮތުން އެ ބިމުގައި ހަދާ ވޮލީ އިމާރާތުގެ ޑީޓެއިލް ޑްރޯވިން ސެޓް ފާސްކޮށްދިނުމަށް އެދި ޖަނަވަނީ 20، 2022 ގައި ސިޓީ ކައުންސިލަށް ޔޫތު މިނިސްޓްރީ އަށް ފޮނުވި ސިޓީ އާންމުކޮށް އެ ބިމުގެ ޑިވެލޮޕްމަންޓް ކޮންޓްރޯލް އަދި އެ ބިން ޔޫތު މިނިސްޓްރީއާ ހަވާލުކުރި ކަމުގެ ލިޔުން ވެސް ސިޓީ ކައުންސިލަށް ފޮނުވިކަން އެ ސިޓީން ހާމަވެއެވެ.

މިކަމާ ކަންބޮޑުވުން ފާޅުކޮށް އިތުރަށް ޔޫތް މިނިސްޓްރީން ބުނީ، 2019 ވަނަ އަހަރުން ފެށިގެން ހިންގާފައިވާ މުއާމަލާތްތަކުންވެސް އެ ބިމަކީ ޔޫތް މިނިސްޓްރީގެ ބިމެއް ކަން ސާފުކޮށް އެނގެން އެބައޮތް ކަމަށެވެ. އަދި ތަޅު ހަލާކޮށްލާ ތަކެތި ނެރެ އެ ތަކެއްޗަށް ގެއްލުންދީފައިވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.