ކޮންމެ މަސައްކަތަކީވެސް ލިބިފައިވާ ހުނަރާއެކު ތަރައްގީކުރަން މަސައްކަތްކޮށްފިނަމަ ކުރެވިދާނެ ކަމަކަށްވާއިރު އެކަމުގައި ބޭނުންވަނީ ޝައުގުވެރިކަމާއި ހިތްވަރު ކަމީ ދެ ބަސްވުމެއްވެސް ނެތް ހަގީގަތެކެވެ. އެގޮތުން ބައެއް މީހުންނަކީ ލިބިފައިވާ ހުނަރާއެކު އެއް މަސައްކަތައް ވުރެ ގިނަ މަސައްކަތްކޮށް އުޅޭ ބައެކެވެ. މަދަރުސީ ހަޔާތުން ފެށިގެން ކުރަން ބޭނުންވާ ނުވަތަ ކުރާ ހިތްވާ މަސައްކަތެއް އަބަދުވެސް ގިނަ ކުދިން ގެންގުޅޭއިރު ށ. މާކަނޑޫދޫއަށް އުފަން މިހާރު އެ އަތޮޅު މިލަންދޫގައި ދިރިއުޅެމުން އަންނަ އުމުރުން 34 އަހަރުގެ ހައްވާ ޔުމްނާ (ޔުމް) ގެ މަސައްކަތްވެސް ފެށިފައިވެސް ވަނީ މިފަދަ ގޮތަކަށެވެ.
ރަށު ފެންވަރުގައާއި އަތޮޅު ފެންވަރުގައި ވެސް ވިދަމުން އަންނަ ހުނަރުވެރި ޔުމްގެ ތައުލީމީ ހަޔާތް ފެށުނީ މާކަނޑޫ ސްކޫލުން ނަމަވެސް އެ ރަށުގެ މީހުން މިލަންދޫއަށް ބަދަލުކުރުމާއެކު އޭނާގެ ތައުލީމީ ހަޔާތް ނިންމާލާފައިވަނީ 2004 ވަނަ އަހަރުގައި އެ ރަށުންނެވެ. އެއަށްފަހު އާއިލާގެ އެދުމުގެ މަތިން ޔުމް ވަނީ އެ ރަށުގެ ސްކޫލްގެ ވަގުތީ ޓީޗަރެއްގެ ގޮތުގައި އެއް އަހަރު ދުވަހު މަސައްކަތްކޮށްފައެވެ. އިތުރަށް ކިޔެވުމުގެ ވިސްނުމެއް ނުގެންގުޅުނު ނަމަވެސް ގޭގައި އަމިއްލައަށް ކުރެވޭނެ މަސައްކަތްތައް ދަސްކޮށް އެފަދަ މަސައްކަތްތައް ކުރުމަކީ ޔުމް އަބަދުވެސް ކުރަން ބޭނުންވެފައިވާ ކަމެކެވެ.
ޔުމްގެ ދައްތައެއްގެ ދަރިފުޅުގެ އުފަން ދުވަހަށް މާލެއިން ރަށަށް ގެންދާ ކޭކުތައް ފެނި އެ ހަދާފައިވާ ގޮތާމެދު ވަރަށް ގިނަ ވިސްނުންތަކެއް އޭނާ ވަނީ ވިސްނާފައެވެ. ކޭކުގެ ރަހައަށްވުރެ ކޭކުގެ ރީތިކަން ފެނި، ވިސްނަމުންދިޔަ ޔުމް ފުރަތަމަ ކޭކެއް އެޅީ އެއިން ކޭކެއްގެ ރަހައަށް ވިސްނުމަށްފަހު ލަފާކުރެވޭ ތަކެތި ގަނެގެން ހަކުރު މުގުރައިގެން އޭނާގެ 16 ވަނަ އުފަން ދުވަހަށެވެ.
އެ މަސައްކަތް އިތުރު ހަރުފަތަކަށް ޖެހިގެން ދިޔައީ 2007 ވަނަ އަހަރު ކައިވެނިކުރުމަށްފަހު ފިރިމީހާގެ ފަރާތުން ލިބުނު އެހީތެރިކަމާ އެއްބާރުލުން ކަމަށް ޔުމް ވަނީ ބުނެފައެވެ. ދެ ދަރިންގެ މަންމައެއްގެ ގޮތުގައިވެސް ނަމޫނާ ދައްކަމުން އަންނަ ޔުމް، ކޭކު އެޅުމުގެ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ ކޯހެއް ހެދުމަށްފަހުއެވެ. އެ މަސައްކަތުގައި މެދުކެނޑުމެން ނެތި 13 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ޔުމް އަންނަނީ މަސައްކަތްކުރަމުންނެވެ.
ޔުމް ބުނީ އެ ރަށުގެ ޖަމިއްޔާއަކު ކޭކު ކޯހެއް އިއުލާންކުރުމާއެކު އެ ކޯހުގައި އޭނާ ބައިވެރިކުރީވެސް ފިރިމީހާ ކަމަށާއި އެ ވާހަކަ ޔުމް ގާތު ފިރިމީހާ ބުނީވެސް ބައިވެރިކުރުމަށްފަހު ކަމަށެވެ. އަދި ކޭކު ކޯހަށްފަހު ފުރަތަމަ ކޭކެއް އެޅީ ފުރަތަމަ ދަރިފުޅުގެ ފުރަތަމަ އުފަން ދުވަހަށްކަން ފާހަގަކޮށް ޔުމް ބުނީ އެ ކޭކު ރީތިވެ، މީރުވެގެން ދެ ދުވަސް ފަހުން އޯޑަރުތައް ލިބެން ފެށި ކަމަށެވެ.
އޭރު ހަދަމުން ދިޔަ ބޭސިކް ކޭކު ކޯސް ނިމުމާއެކު އޭނާގެ ފިރިމީހާ ކޭކު އެޅުމަށް ބޭނުންވާ ގިނަ ސާމާނު ހޯދައިދިން ކަމަށާއި އެއަށް ފަހު ކޮންމެ ސްކޫލް ބަންދެއްގައި މާލެ އައިސް ކޭކާ ގުޅޭ އިތުރު ކޯސްތައް ފުރިހަމަ ކުރި ކަމަށް ޔުމް ވަނީ ބުނެފައެވެ. އެގޮތުން ފްލޭވާޑް ކޭކާއި ވެޑިން ކޭކާއި ސްގާ ފްލާވާއި ޑެޒާޓް ޓޭބަލް ކޯސްވެސް ޔުމް ވަނީ ފުރިހަމަކޮށްފައެވެ.
އެނގިފައިވާ މިންވަރަކުން އެހެން ބަޔަކަށް އުނގަންނައިދީ މަސައްކަތަށް ގިނަ ބަޔަކު ނެގެން ބޭނުންވެގެން ޔުމް، ކޭކު ކޯސްތައް ހިންގަން ފެށީ 2017 ވަނަ އަހަރުގެ ތެރޭގައެވެ. ކޮންމެ އަހަރެއްގެ ސްކޫލް ބަންދުތަކުގައި ކޯސްތައް ހިންގަމުން އަންނަ ޔުމްއަށް އަތޮޅުގެ އެހެން ރަށްތަކުންވެސް ބޮޑު ތަރުހީބެއް ލިބެއެވެ. ކޯސްތައް ރަށްރަށުގައި ހިންގަން އެދި ކައުންސިލްތަކާއި އަންހެނުން ކޮމިޓީތަކުގެ އިތުރުން އަމިއްލަ ފަރާތްތަކުން ޔުމް އަށް ގުޅަމުން ދިޔަ ނަމަވެސް ސްކޫލް ކިޔެވުން އޮންނަ ދުވަސްވަރު އެކަމަށް ވަގުތު ދިނުމަކީ އުނދަގޫ ކަމަކަށްވުމާއެކު ގިނަ ފުރުސަތުތަކެއް އޭނާ ވަނީ ދޫކޮށްލާފައެވެ. އެހެންނަމަވެސް އެ އަތޮޅުގެ ފޯކައިދޫގައި ޔުމް ވަނީ ކޭކު ކޯހެއް މީގެ ކުރިން ސްކޫލް ބަންދެއްގައި ހިންގާފައެވެ. އަދި ކުރިއަށް އޮތް ތަނުގައި އެފަދަ ކޯސްތައް ހިންގަން ފުރުސަތު ލިބޭ ވަރަކުން އިތުރު ރަށްރަށަށް ދާނެ ކަމަށް ޔުމް ވަނީ ބުނެފައެވެ.
ކޭކު އެޅުމުގެ އިތުރުން ގިނަ މަސައްކަތްތަކެއް!
ކަވި މަސައްކަތްތައް ކުރުމަށް ޝައުގުވެރިކަން ހުންނަ ޔުމް އަކީ ކޭކު އެޅުމުގެ އިތުރުން އެހެން މަސައްކަތްތައްވެސް ކުރަމުން އަންނަ ފިސާރި އަންހެނެކެވެ. ފެހުމާއި ތަފާތު މުނާސަބަތުތަކަށް މާބޮނޑިތައް ތައްޔާރުކުރާ ޔުމް ކައިވެނީގެ ބުކޭގެ އިތުރުން ޖީބުގައި ޖަހާ މާކޮޅާ، ޗޮކްލެޓް ބުކޭ، ރުފިޔާ ބުކޭ، ގިފްޓް ބޮކްސް، ކައިވެނީގެ ރަން، ކައިވެނީގެ ހަފްލާއަށް ދެ މީހުންގެ ނަން ޖަހައިގެން ތައްޔާރުކުރާ ސިޓީ އުރަ، ތަޅުދަނޑީގައި ލާ ތަކެތި، ޕިން ކުޝަން، ފްލާވާ ބޭންޑު، ބެނާ، ކޭކު ޓޮޕާގެ އިތުރުން މުނާސަބަތުތަކަށް ތައްޔާރުކުރާ ޝޭޝްވެސް ހިމެނެއެވެ.
ޔުމް ބުނީ މަންމައާއި ދައްތަމެންވެސް ކުޑައިރުން ފެށިގެން ފަހާތީ އެ މީހުންގެ ފަރާތުން އޭނާއަށް ފަހަން ދަސްވެފައިވާ ކަމަށެވެ. އެހެންނަމަވެސް އޭރު ޔުމް ފަހަމުން ދިޔައީ އަމިއްލަ ހެދުންތަކެވެ. ޔުމްގެ ފެހުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ފެށުނުގޮތް ކިޔައިދެމުން އޭނާ ބުނީ ދެވަނަ އަށް ލިބުނީ އަންހެން ދަރިއެއް ކަމަށާއި އެހެންވެ ދަރިފުޅަށް ފެހި ހެދުންތައް ފެނި ގިނަ ބަޔަކަށް ކަމުގޮސްގެން ފަހައިދިނުމަށް އެދެން ފެށުމުން އެ ވިޔަފާރިވެސް ފެށިގެން ދިޔައީ ކަމަށެވެ.
ދަރިފުޅަށް ހެދި ފްލާވާ ބޭންޑާއެކު ޔުމްގެ އެ ވިޔަފާރި މިއަދުވެސް ފުޅާވަމުންދާއިރު ޔުމް ބުނީ މަލާ ގުޅުންހުރި މަސައްކަތްތައް ފެށުނީ އެ ދަރިފުޅު ލިބުނު ފަހުން ކަމަށާއި އެ މަސައްކަތްތަކަށް މިހާރު 6 އަހަރު ވެދާނެ ކަމަށެވެ.
ދާދިފަހުން ތަޅުދަނޑީގައިލާ ތަކެތި ހަދަން ވެސް ޔުމް ފަށާފައިވާއިރު ޔުމް ބުނީ އެ މަސައްކަތް ފެށިގެން ދިޔައީ ފިރިމީހާގެ އެދިގެން އެކަން ވޭތޯ ބަލާލަން ކޮށްލި "ޓްރައި" އަކުން ކަމަށެވެ. ޔުމް ބުނީ އެ މަސައްކަތަށް ބޭނުންވާ ތަކެއްޗަށް އަލީ އެކްސްޕްރެސްއިން އޯޑަރު ދިނުމަށްފަހު ފިރިމީހާއައިސް އެ ކަމަކީ ޔުމް ކުރަން ރަނގަޅު ކަމެއްކަމަށް ބުނި ކަމަށެވެ. އަދި ތަކެތި ލިބުމާއެކު އެ މަސައްކަތް އިސްތިހާރުކުރީ ވަރަށް ގިނަ ފަހަރުގެ މަސައްކަތަށް ފަހު ވަރަށް ފުރިހަމަ ވުމުން ކަމަށް ޔުމް ވަނީ ބުނެފައެވެ.
އެ ހުރިހާ މަސައްކަތްތަކާއެކު ސީޒަން ތެރޭގައި 24 ގަޑިއިރުން ގިނަ ވަގުތު މަސައްކަތުގައި ޔުމް ހޭދަކުރާއިރު އޭނާ ބުނީ ކޮންމެ ރެޔަކު 2 ގަޑިއިރު ނޫނީ 3 ގަޑިއިރު ނިދައިގެން އުޅޭ ހަފްތާތައްވެސް އެ ފަދަ ދުވަސްވަރެއްގައި ގޮސްފައި ހުންނާނެ ކަމަށެވެ.
ކޮވިޑްގެ ޕެންޑަމިކް ތެރޭގައި ގިނަ ބަޔަކު އިތުރު މަސައްކަތްތައް ފަށާފައިވާއިރު ޔުމް ބުނީ އެ ދުވަސްވަރު އޭނާ ފިރިމީހާ ޑިއުޓީއަށްދާން ކޮންމެ ދުވަހަކުވެސް އާ ވައްތަރެއްގެ މާސްކެއް ފަހައިދޭ ކަމަށެވެ. އަދި އެ ފެށި މަސައްކަތާއެކު އަތޮޅާއި އަތޮޅުން ބޭރަށް ވެސް ބޮޑެތި އޯޑަރުތަކަށް މާސްކު ފަހާފައިވާނޭ ކަމަށް ޔުމް ވަނީ ބުނެފައެވެ.
ޕިން ކުޝަން ނުވަތަ ޕިން ޖަހާ އެތި ޔުމް ހަދަންވެސް ފެށީ އެ ދުވަސްވަރުގައެވެ. އެ މަސައްކަތް ފެށުނު ގޮތް ކިޔައިދެމުން ޔުމް ބުނީ ފޫހިވެގެން ފޮތިކޮޅަކުން ހެދުނު އެފަދަ އެއްޗެއްގައި ޕިން ޖަހާ، ފޮޓޯއެއް ނަގާ ސްޓޯރީއަށް ލުމުން އޯޑަރުތައް ލިބެން ފެށި ކަމަށެވެ. އަދި މިހާރު ޓީޗަރުންގެ ދުވަހާއި އަންހެނުންގެ ދުވަހަށްވެސް ރަށާއި އަތޮޅުގެ އެހެން ރަށްތަކުންވެސް ބޮޑެތި އޯޑަރުތައް އޭނާއަށް ލިބޭ ކަމަށް ޔުމް ބުނެއެވެ.
އޭގެ އިތުރުން އެ ދުވަސްވަރު ކޭކުއަޅަން ލިބުނު އޯޑަރުތައް މަދުވުމާއެކު އެކި ރަހަތަކަށް ޓްރޭސްލެޓް ކޭކު އަޅަން ޔުމް ފެށިއިރު އޭނާ ކޮންމެ ދުވަހަކުވެސް ތަފާތު ވައްތަރެއްގެ ޓްރޭސްލެޓް ކޭކެއް އަޅާ ރަހަ ބަލައެވެ.
ގިނަ ބަޔަކު އާ ކަންކަން ތަޖުރިބާކޮށް އާ މަސައްކަތްތައް ދަސްކުރަމުން އަންނަނީ ޔޫޓިއުބުގެ އެެހީގައެވެ. އެގޮތުން ޔުމް އަކީ ޔޫޓިއުބުން އާ ކަންކަމުގެ ވީޑިއޯ ބަލާ އެހެން މީހުންނާ ހިލާފަށް އެ މަސައްކަތެއް ތަޖުރިބާ ނުކޮށް ނުނިދޭ މީހެއް ކަމަށް އޭނާ ވަނީ ބުނެފައެވެ. ޔުމް އަބަދުވެސް ދެކެން ބޭނުންވާ ހުވަފެންތަކެއް ހުރިއިރު އަމިއްލަ ނަމުގައި އައުޓްލެޓެއް ހުޅުވައިގެން މަސައްކަތް ކުރުމުގެ އިތުރުން ރަށު ފެންވަރުގާ ނަމަވެސް ޔުމް ކުރަމުންދާ މަަސައްކަތުގެ އަގު ވަޒަންކުރެވޭނެ ދުވަހަކަށް އޭނާ އެދެއެވެ.
ޔުމް ބުނީ އޭނާގެ ހުރިހާ މަސައްކަތެއްގައި އެންމެ އެއްބާރުލުން ލިބެނީ ފިރިމީހާގެ ފަރާތުން ކަމަށާއި ފިރިމީހާއާ ނުލާ އެ ހުރިހާ މަސައްކަތްތަކެއް އެ ހިސާބަށް ނުގެންދެވޭނެ ކަމަށެވެ. އަދި އެ މަސައްކަތްތަކަކީ ޔުމް ކުރާ މަސައްކަތްތަކަށްވި ނަމަވެސް ޔުމްސް ކޭކް އެންޑް ކަލެކްޝަންސްގެ ހިޔާލާއި ފޮޓޯނަގައިގެން އިސްތިހާރު ވެސް ހަދަނީ ފިރިމީހާ ކަމަށް ޔުމް ބުނެއެވެ.
ފިރިމީހާގެ އިތުރުން ދަރިންގެ ފަރާތުން ލިބޭ އެހީތެރިކަންވެސް ޔުމް ފާހަގަ ކުރާއިރު ޔުމް ބުނީ ކާޓޫނު ކެރެކްޓާސްތަކަށް އަޅަން ލިބޭ ކޭކުތަކާއި އަމިއްލަ ހިޔާލަށް އަޅަން ލިބޭ ކޭކުތަކާ ގުޅޭ ގޮތުން ދަރިންގެ ހިޔާލު ހޯދާ ކަމަށާއި އެކަމުގައި ދަރިންގެ ފުރިހަމަ އެއްބާރުލުން ލިބޭ ކަމަށެވެ. އަދި ދެ ފަރާތުގެ އާއިލާއާއި ކަސްޓަމަރުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޔުމް ޝުކުރު އަދާކުރެއެވެ.
ދަރިން ލިބުމަކީ މަސައްކަތަށް ހުއްޓުމެއް އަންނަ ކަމެއް ނޫން ކަމަށް ޔުމް ދެކޭއިރު ކޮންމެ މީހަކުވެސް ޝައުގުވެރިކަމެއް ހުރި ކަމަކުން ހިތްވަރާއެކު މަސައްކަތްކޮށް، ހުނަރު ދައްކާލަން މަސައްކަތް ކުރަން އޭނާ އެދެއެވެ. އަދި ކުރާ މަސައްކަތުގެ ފެންވަރު ހިފެހެއްޓުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ޔުމް ބުނެއެވެ. އަދި ވަކިން ހާއްސަކޮށް ފިރިހެނުންނަށް ޔުމް ދޭން ބޭނުންވާ މެސެޖެއް އޮވެއެވެ. އެއީ ތިމާގެ އަނބިމީހާގެ ގައިގާ ހުނަރެއް ހުރިއްޖެނަމަ ކުރިއަރަން ފުރުސަތުދީ އެކަމަށް ހިތްވަރުދިނުމެވެ.