ޓީވީ ޕްރެޒެންޓަރު މަރިޔަމް ވަހީދާއޭ ބުނެފިއްޔާ ދެން އިތުރު ތައާރަފެއް ބޭނުމެއް ނުވާނެއެވެ. މަރިޔަމް ވަހީދާ، ނުވަތަ މަރީ އަކީ ޓީވީއެމުން އޭރު ފެންނަ މޫނުތަކުގެ ތެރެއިން އެންމެ މަޝްހޫރު އެއް މޫނެވެ.
މީގެ ކުރިން ކޮންމެ ރޯދަ މަހަކު ޓީވީއެމުން ގެނެސްދިން ބަނދަރުމަތިން ޕްރޮގްރާމާއި، ކޮންމެ ހުކުރު ދުވަހަކު ގެނެސްދޭ ހޭޔަންބޯ ޕްރޮގްރާމް ހުށަހަޅައި ދެއްވުމުގެ އިތުރުން، މަރީ ވަނީ މީގެ ކުރިން އިނގިރޭސި ހަބަރު ވެސް ވިދާޅުވެފައެވެ. އޭނާ އަކީ މިހާރު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން، ނުވަތަ ބްރޯޑްކޮމްގެ ރައީސާއެވެ.
މި ކުޑަކުޑަ އިންޓަވިއު ފެށުމުގެ ކުރިން، މުސްތަގްބަލުގައި މަރީ އަލުން ޓީވީ ޕްރޮގްރާމަކުން ފެނިގެން ހިނގައިދާނެތޯ ސުވާލުކުރީމެވެ. ހިނިތުންވުމަކާ އެކު، ބެލުންތެރިންނަށް މަރީ ދެއްވީ އުފާވެރި ހަބަރެކެވެ. އޭނާ ވިދާޅުވީ، ބްރޯޑްކޮމްގެ ރައީސާގެ މަގާމުގެ ދައުރު ހަމަވުމުން ޕްރެޒެންޓަރެއްގެ ގޮތުގައި ވަރަށް އަވަހަށް ފެނިގެން ދިއުން އެކަށީގެންވާ ކަމަށެވެ.
ބްރޯޑްކާސްޓިން ދާއިރާ އަށް ވަނުމުގެ ކުރިން، މަދަރުސީ ހަޔާތް ނިންމާލުމަށް ފަހު، މަރީ އެންމެ ފުރަތަމަ މަސައްކަތް ކުރައްވާފައި ވަނީ 1997 ވަނަ އަހަރު ރާއްޖޭގައި އޭރު ބޭއްވި ސާކް ސަމިޓްގައެވެ. ސާކް ސަމިޓްގައި މަސައްކަތް ކުރައްވަނިކޮށް އިނގިރޭސި ހަބަރު ކިޔަން ފުރުސަތު އޮތް ކަމަށް ބުނުމުން، ބޭއްވި ކުޑަ ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގަތުމަށް ފަހު، މަރީ އިނގިރޭސި ހަބަރު ވިދާޅުވާން ފެއްޓެވިއެވެ.
މަރީގެ އުމުރުން އޭރު ވާނީ 18 އަހަރު ކަމަށް އޭނާ ވިދާޅުވިއެވެ.
"އަބަދު ވެސް ވަރަށް ކުޑައިރު ވެސް ޓީވީ ބަލަން ޝައުގުވެރިކަން ހުރޭ, އެކަމަކު އެހެން ޓީވީ އަށް އަރައިގެން އުޅޭނަމެކޭ އެގޮތަށް [އޭރު] ހިތަކަށް ނާރާ," މަރީ ވިދާޅުވިއެވެ.
ބްރޯޑްކާސްޓިން ދާއިރާ އިން ކުރިއަށް ދިއުމަށްޓަކައި މަރީގެ ހިތުގައި ޝައުގުވެރިކަން އުފެދި ހިތްވަރު ލިބިގެން ދިޔައީ، އޭރު ޓީވީއެމްގެ ހަބަރުތައް ވިދާޅުވަމުން ގެންދެވި އިސްމާއީލް ވަހީދާއި ޖަމީލާ އަލީގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ. މަރީ ވިދާޅުވި ގޮތުގައި، އޭނާ އޭރު ޓީވީގައި މަސައްކަތް ކުރައްވަމުން ގެންދެވީ ޕާޓްޓައިމް ކޮށެވެ.
މަރީ ވިދާޅުވީ، އިސްމާއީލް ވަހީދާއި ޖަމީލާ އަލީގެ އިތުރުން، ރާއްޖޭން ބޭރުގެ ޓީވީ ޗެނަލްތައް ބައްލަވާތީ، އެ ޗެނަލްތަކުގައި ޕްރޮގްރާމްތައް ހުށަހަޅަން ތިބޭ ހުށަހެޅުންތެރިންނާއި ހަބަރު ކިޔާ މީހުން ފެނިވަޑައިގެންފައި، އަދި އެ މީހުންނާއި އާންމުންނާ ދެމެދު ގާއިމް ވެފައިވާ އޮންނަ ގުޅުން ފެނިވަޑައިގެން ވެސް، ބްރޯޑްކާސްޓިން ދާއިރާއިން ކުރިއަށް ވަޑައިގަތުމަށް ޝައުގުވެރިކަން އުފެދުނު ކަމަށެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި، މީހުންގެ އިތުބާރު ލިބިއްޖިއްޔާ މި ދާއިރާގައި ގިނަ ދުވަހު ހޭދަކުރުމުގެ ފުރުސަތުތައް ފަހިވެގެން ދާނެއެވެ.
ބްރޯޑްކޮމްގެ ރައީސާގެ މަގާމް މަރީ ފުރުއްވަމުން ގެންދަވާއިރު، އޭނާ އަށް ޕްރޮގްރާމެއް ހުށަހެޅުމުގެ ފުރުސަތެއް ލިބިވަޑައިގެންނެވި ކަމަށް ވިދާޅުވިއެވެ.
ބްރޯޑްކާސްޓިން ދާއިރާ އިން ކުރިއަށް ދާން ބޭނުންވާ ކުދިންނަށް މަރީ ވިދާޅުވީ، މި ދާއިރާ އަކީ ކުރިއަށް ދާން ރަނގަޅު ދާއިރާ އެއް ކަމަށެވެ. ޕްރޮގްރާމް ހުށަހެޅުމަކީ ހުނަރެއް ކަމަށާއި، އެ ހުނަރު ތަރައްގީކޮށް ރަނގަޅު ކުރުމަށްޓަކައި ކުރަން ޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެއާއެކު އޭނާ ގަބޫލުކުރައްވާ ގޮތުގައި، ބްރޯޑްކާސްޓިން ދާއިރާގައި ވެސް ރަނގަޅު ކުރަން ޖެހޭ ބައެއް ކަހަލަ ކަންކަން އެބަހުއްޓެވެ.
"އަޅުގަނޑުމެންނަށް ރަށްރަށުގެ މީހުންގެ ވޮއިސްތައް ގެނެސްދެވޭތޯ ފުރިހަމައަށް؟ ނުގެނެސްދެވޭ, އެހެންވީމަ އެކަހަލަ ތަމްރީނުތައް, އެބޭފުޅުންނާ ގުޅުންހުރި, މުޖުތަމައުގެ ވާހަކަތައް ގެންނައިރު އަބަދު ވެސް އަދި މީޑިއާ މިއޮތީ ވަރަށް ބޮޑަށް ޓެކްނިކަލީ އެހެން އެއްޗަކަށް ބަދަލުވެފަ،" ވަކިން ހާއްސަކޮށް ގެނެސްދޭ މައުލޫމާތުގެ ސައްހަ ކަމަށް ބަލަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަބަދު ވެސް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ހެޔޮ ބަދަލެއް އަންނާނީ ހަމަ ތަމްރީނާ އެކީގަ ތަރައްގީ އަންނާނީ, ތަމްރީނާއި ތަޖުރިބާ އާ އެކީގަ ދެން އޮންނާނީ ތަރައްގީ"
މަރީ ވިދާޅުވީ، ބްރޯޑްކާސްޓިން ދާއިރާ އަށް ކުދިން ޝައުގުވެރިކަން ފާޅުކުރަމުންދާ ކަމަށެވެ. އެއާއެކު އޭނާ ވިދާޅުވީ، އެ ދާއިރާގައި އެ ކުދިން ބިނާކޮށް ދަމަހައްޓަން ބޭނުމިއްޔާ، އެ ދާއިރާ އިން ކުރިއަށް ދާން ބޭނުންވާ ކުދިންނަށް ރަނގަޅު މުސާރައެއް ދޭން ވިސްނަން ޖެހޭނެ ކަމަށެވެ.
މަރީ ވިދާޅުވީ، މުޖުތަމައާ ބެހޭ ފިލްމުތަކާއި ވާހަކަތައް ގެނެސްދޭ ފިލްމުތައް އުފައްދާ ޕްރޮޑަކްޝަން ކޮމްޕެނީ އެއް އުފައްދަން އޭނާގެ ޝައުގު އެބަހުރި ކަމަށެވެ. މުސްތަގްބަލުގައި އެފަދަ ޕްރޮޑަކްޝަން ކޮމްޕެނީ އެއް ހަދައި، އާންމުންނާ ހަމައަށް މުޖުތަމައާ ބެހޭ ވާހަކަތައް ނުވަތަ ފިލްމުތައް އުފައްދައި ގެނެސްދިނުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވިއެވެ.