ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ޝިފާޒަށް ވުރެ ބޮޑަށް، މި ސަރުކާރު ގެނައުމަށް ގުރުބާންވި ވަކި އެހެން އެއްވެސް ބޭފުޅެއް ނެތް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޝިފާޒަށް ތައުރީފް ކުރައްވައިފިއެވެ.

އެމްޑީޕީގެ ނައިބު ރައީސްކަން ވެސް ކުރައްވާ ޝިފާޒް ރައީސް އޮފީހުގެ މިނިސްޓަރު ކަމުން ވަކިކޮށް، އެ ޕާޓީގެ މިހާރުގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު (އިބުރޭ) ވަނީ ރައީސް އޮފީހުގެ މިނިސްޓަރުކަމަށް އޭގެ ކުޑައިރުކޮޅެއް ފަހުން އައްޔަން ކޮށްފައެވެ.

ރައީސް އޮފީހުގެ މިނިސްޓަރުކަމުން ޝިފާޒް ވަކިކުރުމާ ގުޅިގެން، އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވާ ނަޝީދު، ޝިފާޒަށް ތައުރީފްކުރައްވާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މުސްތަގުބަލު އޮތީ ކުރިއަށް ވުރެ އުޖާލާކޮށް ކަމަށެވެ.

"އެމްޑީޕީގެ ނައިބު ރައީސް ޝިފާޒް އެއްގޮތަކަށް ވެސް ކަންބޮޑުވެނުލައްވާތި، ޝިފާޒަށް ވުރެ ބޮޑަށް މި ސަރުކާރު ގެނައުމަށް ގުރުބާންވީ ވަކި އެހެން މީހެއް ނުހުންނާނެ،" ނަޝީދުގެ ޓްވީޓްގައި ވިދާޅުވިއެވެ.

ނޮވެމްބަރު 22، 2018 ގައި އެ މަގާމަށް އައްޔަނުކުރި ޝިފާޒް، މިއަދުގެ ވަގުތެއްގައި މަގާމުން ވަކިކޮށްފައި ވަނީ އޭނާ އޮފީހަށް ނުނިކުންނަވާ މައްސަލަ ބޮޑުވެފައި ވަނިކޮށެވެ.

ޝިފާޒް ރައީސް އޮފީހުގެ މިނިސްޓަރު ކަމުން ވަކިކުރި އިރު، އޭނާ ގެންދަވަނީ ނަޝީދު އިސްވެ އުފައްދަވާ "ފިކުރެއްގެ ދިރުން" ގޮފީގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވަމުންނެވެ.

ޝިފާޒްގެ އިތުރުން، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަމުގައި ހުންނެވި ހުސައިން އަމްރު ވެސް ވަނީ ދާދި ފަހުން އެ މަގާމުން ވަކިކޮށްފައެވެ. އެމްޑީޕީ ދެ ފެކްޝަނަކަށް ބެހިފައިވާ މި ދަނޑިވަޅުގައި އަމްރު ތާއީދުކުރައްވަނީ ނަޝީދުގެ ފެކްޝަނަށެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މަތީ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންނާއި ސަރުކާރުގެ ބައެއް އިސް ބޭފުޅުންގެ ތެރޭގައި ނަޝީދަށް ތާއީދުކުރައްވާ ބޭފުޅުން ހިމެނޭއިރު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވާ ބޭފުޅުން ގެންދަވަނީ ނަޝީދަށް ތާއީދުކުރައްވާ ބޭފުޅުންނަށް ފާޑު ވިދާޅުވަމުންނެވެ.