އައްޑޫ ސިޓީ މީދޫ އަށް އުފަން އާމިނަތު އަޒްމީނާ (އަޒާ) އަކީ ކުރާ ކޮންމެ މަސައްކަތެއްވެސް ވަރަށް ފަރުވާތެރިކަމާއެކު ކުރަން ބޭނުންވާ މީހެކެވެ. އަބަދުވެސް އުފާވެރި ދިރިއުޅުމަށްޓަކައި އަމިއްލައަށް މަސައްކަތް ކުރަން ޖެހޭކަން ގަބޫލުކުރާ އަޒާއަކީ ފާހަގަ ކޮށްލެވޭ މޮޅު ފެހުންތެރިއެކެވެ.

ކުޑައިރު ފެހުމަށް އުފެދުނު ޝައުގާއެކު އެންމެ ފުރަތަމަ އެކަން ދަސްކުރީ މީހުން ފަހާތަން ބަލައިގެންނެވެ. އެއަށްފަހު އަމިއްލައަށް ހެދުން އަޅައިގެން، ހެދުން ކަނޑައިގެން ފެހުމުގެ މަސައްކަތުގެ ތެރެއަށް ވަދެވުނު އަޒާއަށް މިންނަގައިގެން ހެދުން ފެހުމާ ހަމައަށް ދެވުނީ ވަރަށް ބުރަ މަސައްކަތުންނެވެ. އެންމެ ފުރަތަމަ އެއްވެސް ތަމްރީނެއް ނެތި މި މަސައްކަތް ފެށުމުން ގިނަ އުނދަގޫތަކާ ކުރިމަތިލާން ޖެހުނަސް ހިތްވަރު ބަލިކޮށް އެ މަސައްކަތް ދޫކޮށްލާކަށް އަޒާ ބޭނުމެއް ނުވިއެވެ. މަޑުމަޑުން އެ މަސައްކަތުގެ ތެރޭގައި އުޅެ މަސައްކަތް ދަސްކުރަމުން ދިޔަ އަޒާ ބުނީ މިހާރު ކޮންމެ ކަހަލަ ހެދުމެއް ވެސް މިންނަގައިގެން ފަހާލެވޭނެ ކަމަށެވެ.

"މިހާރު ބޮޑަށް ފަސޭހައީވެސް މިންނަގައިގެން ފަހަން. މިހާރު ހިތްހަމަޖެހެނީވެސް މިންނަގައިގެން ފަހަން. އޭރުން ގަޔަށް ހެޔޮވަރުކޮށް ރީތިކޮށް ފަހާލެވޭނީ" އަޒާ ބުންޏެވެ.

އަޒާ ފަހާފައިވާ ހެދުންތައް

ފެހުމުގެ މަސައްކަތުގެ ތެރޭގައި އުޅެމުން ފަހާ ކޯހެއްވެސް ހަދާފައިވާ އަޒާ ބުނީ ކޯހުގައި ވެސް ކިޔަވައިދިން ގިނަ އެއްޗެހި އޭރު އަމިއްލައަށް ދަސްކޮށްފައި ވާކަމަށެވެ. އެހެންނަމަވެސް ކޯހުގެ ތެރެއިންވެސް ނޭނގޭ ވަރަށް ގިނަ އެއްޗެހި ދަސްވިކަމަށާއި އެހެންކަމުން އަބަދުވެސް މި މަސައްކަތުގައި އިތުރު ތަޖުރިބާ އާއި ތަމްރީން ހޯދަން ބޭނުންވާކަމަށް އަޒާ ބުންޏެވެ. ކޮންމެކަހަލަ ހެދުމެއް ފަހަން ޖެހުނަސް މިހާރު ފަސޭހަކަމާއެކު ފަހާލުމަކީ އެއްވެސް ކަމެއް ނޫންކަން ފާހަގަކޮށް އަޒާ ބުނީ ހުރިހާ ވައްތަރެއްގެ ހެދުންތައްވެސް ފަހާކަމަށެވެ. ދިގުހެދުމާ، ޕާކިސްތާނު ހެދުން، ދިވެހި ހެދެން، ކުޑަކުދިންގެ ޕާޓީ ހެދުމުގެ އިތުރުން ވެޑިން ޑްރެސް ފެހުމުގެ މަސައްކަތްވެސް ކުރަމުން އަންނަ އަޒާ ބުނީ އެންމެ ފަހާ ހިތްވަނީ ކުޑަކުދިންގެ ހެދުން ކަމަށެވެ. ހެދުމެއް ފެހަން ފެށުމުގެ ކުރިން އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދެނީ ރީތިކޮށް ހެދުން ކެނޑުމަށްކަމަށް އަޒާ ބުންޏެވެ. "ރީތިކޮށް ކެނޑިއްޖެއްޔާ ހެދުން އޮންނާނީ ރީތިކޮށްކަން ޔަގީން" އަޒާ ބުންޏެވެ.

އަޒާ ފަހާފައިވާ ހެދުމެއް

ވަގުތު އޮވެގެން ކުރާނަމަ ބައިގަޑިއިރުންވެސް ހެދުމެއް ނިންމާލެވޭނެކަން ފާހަގަ ކުރަމުން އަޒާ ބުނީ ހެދުން ފެހުމުގައި އެންމެ އުނދަގޫކަމަކީ އެކަމަށް އެންމެ އެކަށީގެންވާ ވަގުތު ނުދެވުން ކަމަށެވެ.

"އަމިއްލައަށްވެސް ގަބޫލުކުރަން މިކަމަށް އެކަށީގެންވާ ވަގުތު ނުދެވޭކަން. މައްސަލައަކީ އެކަނި އުޅެމުން ކުދިންނާއި ފިރިމީހާގެ ކަންތައްތައް ބަލަހައްޓަމުން ދާއިރު މިކަމަށް ހުސްކޮށްލެވޭ ވަގުތު ކުޑަވުން. މިހާރުވެސް މި މަސައްކަތް ކުރިއަށް ދަނީ ފިރިމީހާގެ ފަރާތުން ލިބޭ އެއްބާރުލުމުގެ ސަބަބުން"
އަޒާ

އެކި އެކި ހަފްލާތަކަށް ރީތި ޑިޒައިންތަކުގެ ހެދުންތައް ފަހަމުން އަންނަ އަޒާ ބުނީ ފެހުމުގެ މަސައްކަތަކީ ގޭގައި ތިބެގެން އާމްދަނީ ހޯދުމަށް ކުރަން ވަރަށް ރަނގަޅު މަސައްކަތެއް ކަމަށެވެ. އަދި މި މަސައްކަތުން ރަނގަޅު އާމްދަނީއެއްވެސް ލިބޭކަން ފާހަގަކޮށް އަޒާ ބުނީ އޭނާގެ އެންމެ ބޮޑު އުއްމީދަކީ އެ މަސައްކަތް ފުޅާކޮށް، އެކަމަށް ހުސްވެގެން ފެހުމުގެ މަސައްކަތުގައި ކުރިއަށް ދިއުންކަމަށެވެ.

އަޒާ ފަހާފައިވާ ހެދުންތައް

އަޒާ ހާއްސަވަނީ ހަމައެކަނި އޭނާ ދިރިއުޅުމަށްޓަކައި ކުރަމުންދާ ފެހުމުގެ މަސައްކަތުގެ ސަބަބުން އެކަންޏެއް ނޫނެވެ. އަޒާއަކީ މީދޫގައި އުފެދުނު މޮޅު އަންހެން ކުޅުންތެރިންގެ ތެރޭގައިވެސް ފާހަގަކޮށްލެވޭ މީހެކެވެ. ސްކޫލު ދުވަސްވަރުން ފެށިގެން ކުޅިވަރަށް އުފެދުނު ލޯތްބާއެކު އަޒާގެ ބިޒީ ޝެޑިއުލް އިން އަބަދުވެސް ކުޅިވަރަށް ވަގުތު ހުސްކުރެއެވެ. މީދޫގައި އެންމެ ފުރަތަމަ އުފެދުނު އަންހެން ފުޓްބޯޅަ ޓީމުގައިވެސް ފާހަގަކޮށްލެވޭ އަޒާއަކީ ބަށި، ނެޓްބޯޅައިގެ އިތުރުން ވޮލީގައިވެސް ފާހަގަ ކޮށްލެވޭ ތަރިއެކެވެ.

އަޒާއަކީ ވޮލީގައިވެސް ފާހަގަކޮށްލެވޭ ކުޅުންތެރިއެއް-އަޒާ ޓީމާއެކު

އަބަދުވެސް ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ އަޒާ މިހާރު އެންމެ އިސްކަމެއް ދީގެން ކުޅޭ ކުޅިވަރަކީ ވޮލީއެވެ. އަތޮޅު މުބާރާތްތަކާއި، ގައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ މުބާރާތްތަކުގައި ވެސް ކުޅެފައިވާ އަޒާ އަކީ މިހާރުވެސް މީދޫ ވޮލީ ޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ. ސިޓީ ފެންވަރުގައި ބާއްވާ މުބާރާތްތަކުގައި ވެސް އަޒާގެ މޮޅު ކުޅުން ފެނިގެން ދާއިރު، އެންމެ ފަހުން އައްޑޫގައި ބޭއްވި މިކްސް ޑަބަލް ވޮލީ މުބާރާތުގެ މޮޅު ހަ ކުޅުންތެރިންގެ ތެރޭގައިވެސް ވަނީ ހިމެނިފައެވެ. "މިހާރު އައްޑޫގައި ބަށިކުޅުން ވަނީ އެއްކޮށް އުވިގެން ގޮސްފައި، އެކަމަކު އޭރު ބަށިކުޅުނު ދުވަސްވަރުވެސް މުޅި ސިޓީގައި ފާހަގަކޮށްލެވޭ 12 ކުޅުންތެރިންގެ ތެރޭގައި ހިމެނުނު. އަބަދުވެސް ކޮންމެ ކުޅިވަރެއް ކުޅުނަސް އެންމެ ބޮޑު އިސްކަމެއް ދެނީ ޓީމްގެ މެނޭޖްމަންޓާ ކޯޗުން ދޭ އިރުޝާދުތައް އަޑުއަހައިގެން ކުރިއަށް ދިއުމަށް" އަޒާ ބުންޏެވެ.

އަޒާ އާއި ކޯޗު ޔާސީނު

ކުޅިވަރުގެ ދާއިރާގައި ހޭދަވި ދިގު މުއްދަތުގެ ތެރޭގައި ގިނަ ބައެއްގެ އެހީތެރިކަމާ އެއްބާރުލުން ލިބުނުކަން ފާހަގަކުރަމުން އަޒާ ވަނީ މީދޫ ވޮލީޓީމްގެ ކޯޗު ޔާސީން ދެމުން ގެންދާ އެހީތެރިކަމާ އެއްބާރުލުން ފާހަގަ ކޮށްފައެވެ. ކުޅިވަރު ކުޅުމާއި ކަސްރަތުކުރުމަކީ ވަކި އުމުރަކަށް އޮންނަ ކަމެއް ނޫންކަމުގައި ދެކޭ އަޒާ ބުނީ ފެހުމާއި ކުޅިވަރުގެ ދާއިރާގެ އިތުރުން ކުރާ ކޮންމެ މަސައްކަތެއްވެސް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވެނީ ފިރިމީހާ އާއި އާއިލާގެ ފަރާތުން ލިބޭ އެހީތެރިކަމާއި ހިތްވަރުގެ ސަބަބުން ކަމަށެވެ.