އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަމްރު ވަކި ކުރުމަށް ފަހު އެ މަގާމަށް އަބްދުﷲ ސައީދު (ކޮށިގޭ ސައީދު) އައްޔަން ކުރަން ސަރުކާރުން ނިންމާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަން (ޕީސީބީ) އަށް ފޮނުވައިފިކަން އެނގިއްޖެއެވެ.
"ދަ ޕްރެސް" އަށް އެނގިފައިވާ ގޮތުން، ސައީދު އެ މަގާމަށް އައްޔަން ކުރުމަށް ފުރިހަމަ ކުރަންޖެހޭ ކަން ކަން ދަނީ ޕީސީބީގެ ފަރާތުން ކުރަމުންނެވެ. ސައީދަކީ މިހާރު އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުންޏެއް ކަމަށް ވާ ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ މެނޭޖިން ޑިރެކްޓަރެވެ.
އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރު މަގާމުން ވަކިކޮށްފައި ވާއިރު ވަގުތީ ގޮތުން އެސްޓީއޯ ހިންގުމާ ހަވާލުކޮށްފައި ވަނީ ޗީފް ފައިނޭޝަލް އޮފިސަރު މުހައްމަދު ނިޒާމް އާއެެވެ. އަމްރު ވަކިކޮށްފައި ވާއިރު ރައީސް އޮފީހުން ބުނެފައި ވަނީ ކުންފުނީގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް މަގާމުތަކަށް ބަދަލު ގެންނަ ކަމަށާއި އެގޮތުގެ މަތިން އަމްރު ވަކި ކުރަން ނިންމީ ކަމަށެވެ.
އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ރައީސް މުހައްމަދު ނަޝީދަށް ނާކާމިޔާބު ވުމުން އެމްޑީޕީގެ އެތެރޭގެ ހިޔާލު ތަފާތުވުންތައް ގިނަވެ ޕާޓީ ދެ ފެކްޝަނަކަށް ބެހިފައިވާ މިދަނޑިވަޅުގައި އަމްރު ތާއިދު ކުރަށްވަނީ އެމްޑީޕީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނަށެވެ.
ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ މަތީ މަގާމެއްގައި ހުންނަވާ އަމްރު، ރައީސް ނަޝީދު އަށް ތާއީދު ކުރައްވާ އިރު ސަރުކާރާ ދެކޮޅަށް ނިކުތުމުން ރައީސް ސޯލިހުއަށް ތާއީދު ކުރާ ބޭފުޅުން ވަނީ ވަރަށް ބޮޑަށް ފާޑުވެސް ވިދާޅުވެފައެވެ.
އަމްރު ވަކި ކުރި ނަމަވެސް އަމްރުގެ އަނބިކަނބަލުން އަފްޝަން ލަތީފު އަދި ހުންނެވީ ލޯކަލް ގަވަރުމަންޓް އޮތޯރިޓީގެ ސީއީއޯގެ މަގާމުގަވެ.
2011 ވަނަ އަހަރު ރައީސް އޮފީހުގެ ކެބިނެޓް ސެކްރެޓަރީކަން ކުރައްވާފައިވާ ސައީދު އަކީ މީގެ ކުރިން ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވާފައި ވާ ބޭފުޅެކެވެ. އެގޮތުން ސިންގަޕޫރުގައި ހުރި މޯލްޑިވްސް ނޭޝަނަލް އޮއިލް ކޮމްޕެނީ (އެމްއެންއޯސީ) ގެ ޗެއާމަން ކަމުގެ އިތުރުން ސިންގަޕޫރުގައި ހުންނަ މޯލްޑިވްސް ނޭޝަނަލް ޝިޕިން ލިމިޓެޑް (އެމްއެންސީއެލް) އޮފީސް ހިންގުމުގައި ވެސް ސައީދު ވަނީ މަސައްކަތް ކުރައްވާފައެވެ.