މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު މޮނީޓާކުރަން ބޭރުގެ އޮބްޒާވަރުންނަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

އީސީން ކުރި އިއުލާނެއްގައި ބުނީ، ރިޔާސީ އިންތިހާބު އޮބްޒާވް ކުރަން ބޭނުންވާ ބޭރުގެ ޖަމިއްޔާތަކާއި އެސޯސިއޭޝަންތަކާއި އެހެނިހެން ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ ޖުލައި 25 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.

އިންތިހާބު މޮނީޓާކުރަން ބޭނުންވާ ފަރާތްތަކަކީ އެމީހަކު ރިޕްރެޒެންޓު ކުރާ ޖަމިއްޔާއަކުން އެކްރެޑިޓްކޮށްފައިވާ މީހަކަށްވާންޖެހޭނެ ކަމަށާއި އަދި އެއީ 18 އަހަރު ފުރި، އެއްވެސް ކެންޑިޑޭޓަކަށް އަދި ޕާޓީއަކަށް ކެމްޕެއިން ކުރާ މީހަކަށްވެގެންނުވާނެ ކަމަށް އީސީން ބުނެއެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހުއެވެ. އިންތިހާބަށް އިލެކްޝަނުން ތައްޔާރީތައް ވަމުންދާއިރު، އިންތިހާބުގެ މައި މަރުކަޒަކަށް ހަމަ ޖައްސާފައިވަނީ ދަރުބާރުގެއެވެ.

ރިޔާސީ އިންތިހާބުގައި 280،000 މީހުންނަށް ވޯޓުމުގެ ހައްގު ލިބިފައިވެއެވެ.

އީސީން ވަނީ އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ 5600 އޮފިޝަލުން ހޯދަން ވެސް އިއުލާންކޮށްފައެވެ.