އިދިކޮޅު ކޯލިޝަނުން މާލޭގައި ބޭއްވި އެއްވުމެއްގެ ތެރެއިން ފުލުހުންގެ މަސައްކަތަށް ހުރަސް އަޅައި، ފުލުހެއްގެ ގައިގައި ޖެހި މައްސަލައަކާ ގުޅިގެން "އަވަސް" ނޫހުގެ ނޫސްވެރިއަކު ހައްޔަރު ކުރުމަށް ފަހު މިހާރު ދޫކޮށްލައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާލޭގައި އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދިޔަ އެއްވުން ކަވަރު ކުރުަން އުޅުނު "އަވަސް" ނޫހުގެ ނޫސްވެރިއަކު ހައްޔަރު ކޮށްފަިއވާ އިރު، އޭނާ ހުރީ ނޫސްވެރިއެއް ކަން އަންގައިދޭ ކާޑު ވެސް އަޅައިގެންނެވެ. އެ ނޫސްވެރިއާ ހައްޔަރު ކުރި މައްސަލައިގައި ގިނަ ބައެއްގެ ފާޑު ކިޔުން ވަނީ ފުލުހުންނަށް އަމަާޒުވެފައެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، އެ އެއްވުމެއްގައި ނޫސްވެރިއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ، އެހެން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން މަސައްކަތް ކުރި ވަގުތު ނޫސްވެރިޔާ އެކަމަށް ހުރަސް އަޅައި ފުލުހެއްގެ ގައިގައި ޖަހާފައިވާ މައްސަލައަކާ ގުޅިގެން ކަމަށެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ އޭނާ ދޫކޮށްލާފައި ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި މައްސަލަ ދަނީ ތަހުގީގު ކުރަމުން ކަމަށް ވެސް ފުލުހުން ބުނެއެވެ.

ނޫސްވެރިޔާ ހައްޔަރު ކުރި މައްސަލައިގައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން ވަނީ އެކަން ކުށްވެރި ކޮށް ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން އެއްވުންތައް ކަވަރުކުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިންނަށް ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށް ފުލުހުންނާއި ސަރުކާރަށް، އެ ޖަމިއްޔާ އިން ވަނީ ގޮވާލާފައެވެ.