މިހާތަނަށް ރާއްޖޭގައި ހިންގި އެންމެ ބޮޑު ހިޔާނާތް ކަމުގައިވާ މްއެމްޕީއާރްސީގެ ހިޔާނާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެންނެވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ތުހުމަތު ކުރައްވަފިއެވެ.

އެމްޑީޕީ ތެރޭގައި އުފެދިފައިވާ ހަމަނުޖެހުންތަކާއެކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއަށް ވަރަށް ބޮޑަށް ތާއިދުކުރައްވާ ޝަރީފް ވަނީ މީގެ ކުރިންވެސް ރައީސް ނަޝީދުއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝަރީފް ވިދާޅުވީ ރައީސް ނަޝީދު އަކީ އެމްއެމްޕީއާރްސީގެ ހިޔާނާތް ހިންގުމަށް މަގުފަހި ކުރެއްވި ބޭފުޅެއް ކަމަށެވެ. އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މެދުވެރިކޮށް އެމްއެމްޕީއާރްސީގެ ހިޔާނާތް ހިންގެވީ ރައީސް ނަޝީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށްވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ ރައީސް ނަޝީދު ޖަލުން މިނިވަންވެ ވަޑައިގަތުމުން އެމަނިކުފާނު އަހްމަދު އަދީބު އާ އެކު 'ޑީލެއް' ހެއްދެވި ކަމަށެވެ. އަދި އޭރު އަދީބުގެ އަތުން އެމްޑީޕީއަށް ލިބުނު ފައިސާތައް ހޯދުމަށް ވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ ފިރިކަލުންނާއި، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު އަދި އެމްޑީޕީގެ ނައިބުރައީސް މުހައްމަދު ޝިފާޒު ކަމަށްވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ.

އިތުރަށް ޝަރީފް ވިދާޅުވީ އޭރު އެމްޑީޕީ މެންބަރުންނަކީ އަމިއްލަ ހައިސިއްޔަތުން ކަމެއް ކުރެއްވޭނެ ބޭފުޅުން ނޫންކަމަށާ އޭރު ހެދި ހުރިހާ ޑީލެއްގެ ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާނީ ރައީސް ނަޝީދު ކަމަށެވެ. އަދި ރައީސް ނަޝީދު އާ ދެކޮޅަށް މިކަމާ ގުޅޭ ހެކިތައްވެސް އެބަހުރިކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތް ހިންގުމުގައި އިސްކޮށް އުޅުއްވި އަދީބް ދައުލަތުގެ ހެކިވެރިއަކަށް ހައްދަވާ ގެއަށް ބަދަލުކުރުމަކީވެސް ރައީސް ނަޝީދު ކުރެއްވި ކަމެއްކަމަށް ތުހުމަތުކުރައްވައި ޝަރީފް ވިދާޅުވީ އެކަމުގައި ރައީސް ސޯލިހްގެ އެއްވެސް ދައުރެއް ނެތްކަމަށެވެ.

ރައީސް ނަޝީދު އަށް ތުހުމަތުކުރައްވާ ޝަރީފް މި ގޮތަށް ވިދާޅުވެފައި ވާއިރު މީގެކުރިން ރައީސް ނަޝީދު ވަނީ އަދީބު އަކީ ރައީސް ޔާމީންގެ ސަރުކާރުގައި އެމަނިކާފުނު އެޅުއްވި 'ފަންޏެއް' ކަަމަށް ވިދާޅުވެފައެވެ.