ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނީ ކޯލިޝަންގެ އެހީތެރިކަމާއެކު ރައީސް އަބްދްﷲ ޔާމީން ކަަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިގޮތަށް ވިދާޅުވެފައި ވަނީ މިރޭ ޖޭޕީން ވަކިން ރިޔާސީ އިންތިހާބަށް ނިކުންނާތީ ޕީޕީއެމް އިން ޖޭޕީ ލީޑަރު ގާސިމް އިބްރާހިމް އާ ކޯލިޝަން ހަދަން އުލޭކަމުގެ ވާހަކަތައް ފެންމަތިވުމުންނެވެ.

އަދުރޭ ވިދާޅުވީ، ކުރިއަށް އޮތް އިންތިހާބުގައި ރައީސް ޔާމިން ވާދަކުރައްވާނެ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ. "ރިޔާސީ ކެނޑިޑޭޓްކީ ރައީސް ޔާމީން. އިންޝާاللہ ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނީ ރައީސް ޔާމީންއާ އެކު މި ކޯލިޝަނުން" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ މިގޮތަށް ވިދާޅުވި ނަމަވެސް ޔާމީން މިހާރު ހުންނެވީ ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމާ ގުޅިގެން 11 އަހަރުގެ ޖަލު ހުކުމެއްގައެވެ. އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

ޔާމީން މިނިވަން ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންދާ ކަމަށް މީގެ ކުރިން ވެސް އަދުރޭ ވަނީ ވިދާޅުވެފައެވެ. އެގޮތުން، ކްރިމިނަލް ކޯޓުން އިއްވި ހުކުމް ރައީސް ޔާމީންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރި މައްސަލަ ކުރިއަށް ނުދާތީ އިދިކޮޅު ކޯލިޝަނުން ވަނީ މައްސަލަ ހައިކޯޓަށް ދާދި ފަހުން ހުށަހަޅާފައެވެ.

އަދި ރައީސް ޔާމީންގެ މައްސަލަ ބަލައި ގަތުމާއި މެދު ކޯޓުން ގޮތެއް ނިންމަންދެން ކޮންމެ ދުވަހަކު ކޯޓަށް ވަޑައިގަންނަވާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ. މިއަހަރުގެ ސެޕްޓެންބަރު މަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި، އިދިކޮޅު ކޯލިޝަންގެ ފަރާތުން ވާދަކުރައްވާ ޔާމީންގެ މައްޗަށް އާރަށުގެ މައްސަލައިގައި ކުރި ހުކުމާ ގުޅިގެން އިންތިހާބުގައި އެމަނިކުފާނަށް ވާދަކުރެއްވުމުގެ ފުރުސަތު ކުޑައެވެ. ޔާމީނަށް އޮތް ހަމައެކަނި ގޮތަކީ އެ ހުކުމް އިސްތިއުނާފު ވެފެން މިނިވަންވުމެވެ. ފުއްގިރި މައްސަލަ ސާބިތުވެއްޖެ ނަމަ އެ ހުކުމް ބާތިލްކުރަން ވެސް ޖެހޭނެއެވެ.

އެހެން ޕާޓީތަކުން ރިޔާސީ އިންތިހާބުގައި ގޮތް ނިންމަމުން ދާއިރު ޕީޕީއެމް ކޯލިޝަނުން ތިބީ ރައީސް ޔާމީން މިނިވަންވާނެ ކަމުގެ ފޮނި އުންމީދުގައެވެ. އެގޮތުން އެމްޑީޕީގެ ފަރާތުން ރިޔާސީ ޓިކެޓް މިހާރުގެ ރައީސް ސޯލިހު އަށް އަރުވާފައި ވާއިރު އެމްއެންޕީގެ ފަރާތުން އެ ޕާޓީގެ ރައީސް ނާޒިމް ވާދަކުރައްވައެވެ. އަދި އަމިއްލަ ގޮތުން އުމަރު ނަސީރު ނިކުންނަވާ އިރު ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރުވެސް ވަނީ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާ ކަމަށް ވިދާޅުވެ ކެމްޕެއިން ފައްޓަވާފައެވެ.