ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު ސަތީޝް ކޯޝިލްގެ މަރުގެ ހަބަރާއެކު ގިނަ ބަޔަކަށް ބޮޑު ހައިރާންކަމެއް ލިބިފައިވާއިރު އަނެއްކާވެސް މި ވަނީ އޭނާގެ މަރާ ގުޅިގެން މުޅިން އާ ވާހަކަތަކެއް ތިލަވެފައެވެ.
މި މަހުގެ ދިހަ ވަނަ ދުވަހު ހިންދޫ އިން ފާހަގަކުރާ 'ހޯލީ' ފެސްޓިވަލް ފާހަގަކުރުމަށް ބިޖްވާސަންގައި ހުންނަ ރައްޓެއްސެއްގެ ފާމް ހައުސްގައި އުޅެނިކޮށް ސަތީޝް މަރުވީ ހާޓްއެޓޭކެއް ޖެހިގެންކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ. އަދި ސަތީޝްގެ މަރާ ގުޅިގެން ފުލުހުން ތަހުގީގުތައް ފަށާފައިވާއިރު އޭނާ އެންމެ ފަހުން އުޅުނު ފާމް ހައުސް ބަލާ ފާސްކުރުމުގެ މަސައްކަތް ފުލުހުން ވަނީ ކޮށްފައެވެ.
މި ގޮތުން ފުލުހުން ކުރިއަށް ގެންދިޔަ ތަހުގީގު ތެރެއިން ސަތީޝް އުޅުނު ފާމް ހައުސް އިން 'މަނާ ބޭސް'ތަކެއް ފެނިފައިވާއިރު އެ ބޭސްތަކާ އޭނާއާއި އެއްވެސް ގުޅުމެއް ހުރިތޯ ބެލުމުގެ މަސައްކަތް މިހާރު ފުލުހުން އަންނަނީ ކުރަމުންނެވެ. އަދި ސަތީޝް އާއި އެކު އެ ފާމްހައުސްގައި އުޅުނު އިތުރު މީހުންނާވެސް ފުލުހުން ސުވާލުކުރަމުން އަންނައިރު ފާމް ހައުސްގެ ވެރި ފަރާތަކީ ކުށުގެ ރެކޯޑް އޮތް ފަރާތެއްކަންވެސް ފުލުހުންނަށް ވަނީ ފާހަގަކުރެވިފައެވެ.
ފާމްހައުސްގެ ވެރިޔާ ވިކާސް މާލޫ އަކީ ރޭޕްގެ ތުހުމަތު ކުރެވިފައިވާ މީހަކަށްވާއިރު މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ތާރީހަކާ ހުށަހަޅާފައިވާ ސްޓޭޝަނެއް ހޯދުމުގެ މަސައްކަތް ފުލުހުން ވަނީ ފަށާފައެވެ. ސަތީޝްގެ މަރާ ގުޅިގެން ފުލުހުން ބުނީ އޭނާގެ ޕޯސްޓްމޯޓަމް ރިޕޯޓުގައި އެއްވެސް މައްސަަލައެއް ނެތްކަމަށާއި އޭނާ މަރުވީ ހާޓްހެޓޭކެއްޖެހިގެން ކަން ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ. އެހެންނަމަވެސް އޭނާ އެންމެ ފަހުން އުޅުނު ތަނުން މަނާ ބޭސްތަކެއް ފެނުމާ ގުޅިގެން މި މައްސަަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އާންމުކޮށް ކޮމެޑީ ރޯލްތަކުން ފެންނަ ސަތީޝް އަކީ ބެލުންތެރިންގެ ލޯތްބާއި އިހުތިރާމް ހޯދާފައިވާ ވަރުގަދަ އެކްޓަރެކެވެ. އޭނާ އެންމެ ފަހުން ފެނިގެން ދިޔައީ މިދިޔަ ޖެނުއަރީ މަހު ޒީ5 އިން ސްޓްރީމްކުރި "ޗަތުރީވާލީ" އިންނެވެ.